މަރިޔަމް ލަމްޙާ ރަޝީދު   1 މާރިޗު 2023 - 13:7
ނޫޙްގެފާނުގެ ހަޔާތުން 07 ފިލާވަޅު!
ނޫޙްގެފާނުގެ ހަޔާތުން 07 ފިލާވަޅު!
ނޫޙް އަލައިހިއްސަލާމަކީ އުލުލް އަޒުމްގެ ވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރަސޫލު ބޭކަލެކެވެ. އަދި 950 އަހަރުގެ މުއްދަތަކަށް ދީނަށްގޮވައިލެއްވުމުގައި ސާބިތުވެ ހުންނެވި ނަބިއްޔެކެވެ.

އެކަލޭގެފާނުގެ ޤައުމުގެ މީހުން އިސްލާމްދީން ޤަބޫލުނުކުރެއްވުމުން ﷲގެ އަމުރުފުޅަށް ނަވެއް ބަންނަވައި އަދި ﷲ ހެއްދެވި މަޚުލޫޤުންގެ ކޮންމެ ވައްތަރަކުން ޖޯޑެއް ހަމަކުރައްވައި މުއުމިނުންނާއިއެކު ދަތުރުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ދަރިކަލުންވެސް ހިމެނޭހެން އެކަލޭގެފާނަށް އުރެދުނު ހުރިހާ މުޝްރިކުންވަނީ މާތް ﷲ ވަނީ ޣަރަޤު ކުރައްވާފައެވެ. ނޫޙްގެފާނުގެ ވާހަކައަކީ ޢިބުރަތް ހާޞިލްކުރަން ބޭނުންވާ ކޮންމެ އިންސާނަކަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިއްބައިދޭނެ ވާހަކައެކެވެ.

ނޫޙް އަލައިހިއްސަލާމުގެ ހަޔާތްޕުޅުން ލިބޭ 7 ފިލާވަޅެއް ތިރީގައި ހިއްސާކޮށްލާނަމެވެ.

1- ﷲ އަށް އުރެދުމަކީ އެކަލާނގެ ކޯފާއަށް ހުށަހެޅިދާކަމެއްކަން: ނޫހްގެފާނުވަނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެތައް އަހަރުތަކެއްގެ މުއްދަތުގެ ތެރޭގައި އެކިގޮތްގޮތަށް ﷲގެ ކޯފާއެއް އަތުވެދާނެކަމަށް ބިރުވެތިވުމަށް ނަޞޭހަތްތެރިވެފައެވެ. އެހެންނަމަވެސް އެމީހުން ގޮތްދޫނުކުރުމުގެ ސަބަބުން، ފެނުގެ އަޑިއަށް ޣަރަޤުކުރެއްވިއެވެ.

2- އެހެންމީހުންނަށް މަލާމަތް ނުކުރުން:

ﷲ އަށް އުރެދުނު ނޫޙްއަލައިހިއްސަލާމްގެ ޤައުމުގެ މީހުންވަނީ އެކަލޭގެފާނަށް މަލާމާތްކޮށް ހީހަދާފައެވެ. ހަމަ އެއާއެކު ﷲ ގެ އަމުރުފުޅާއެކު އެބައިމީހުންގެ ނިމުން އައިގޮތް މިވާހަކައިން އެނގި ބަޔާންވުމުން، މީހުންނަށް މަލާމާތްކޮށް ޢީބަބުނެހެދުމަކީ ކިހައި ވަރެއްގެ ނުބައިކަމެއްކަން އަޅުގަނޑުމެންނަށް ދޭހަވެގެންދެއެވެ.

3- ފާފަ ފުއްސެވުމަށްއެދި ގިނަގިނައިން ދުޢާކުރުމުގެ މުޙިންމުކަން:

ނޫޙްއަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވިއިރު ތައުބާވުމަށް ގޮވާލައްވައި ފާފަފުއްސެވުމަށް ﷲ ގެ ހަޝުރަތުގައި ދެންނެވުމަށް އެކަލޭގެފާނު އެދިވަޑައިގެންނެވިއެވެ. ހަމަކަށަވަރުން މާތް ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ އިލާހެވެ. އަޅުގަނޑުމެން އިންސާނުންގެ ތަބީޢަތުލައްވާފައިވާ ގޮތުން ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެއެވެ. އެހެންކަމުން ނޭނގިނަމަވެސް ކުށެއް ކުރެވިއްޖެ ކަމުގެ އިޚްޞާސްކުރެވުނަސް ތައުބާ ވުމަށް އަވަސްވެގަންނަންޖެހެއެވެ.

4- ކެއްތެރިކަމުގެ މުޙިއްމުކަން: ނޫޙް އަލައިހިއްސަލާމް ވަނީ އިސްލާމް ދީނަށް ގޮވާލެއްވުމުންމަތީ 950 އަހަރުގެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. އެކަލޭގެފާނުވަނީ އެއްވެސް ޝަކުވާއެއް ނުކުރައްވާ ހިތްވަރާއެކު މަސައްކަތް ކުރައްވާފައެވެ. އެހެންކަމުން، ކޮންމެ ކަމެއްގައިވެސް ކަންކަމުގައިވެސް ކެތްތެރިކަން އިސްކުރުމަކީ މުއުމިނުންގެ ރިވެތި ސިފައެއްކަން ހާމަވެގެންދެއެވެ.

5- ﷲ ގެ އެންގެވުމަށް ބޯލެނބުން:

މާތް ﷲ ގެ އެންގެވުމަށް ނޫހުގެފާނުވަނީ އެކަލޭގެފާނަށް ތަބާވި އެންމެހައި މުއުމިނުންނާއި، ދުނިޔޭގައި ލެއްވެވި ހުރިހާ މަޚުލޫޤުންގެ ކޮންމެ ވައްތަރަކުން ޖޯޑެއް ލެވޭގޮތަށް ނަވެއް ބަންނަވާފައެވެ. އެއްވެސް ޝަކުވާއެއްނެތި އެކަލޭފާނު އެނައު ބެއްނެވީ ވަރަށްވެސް މަދު މީސްކޮޅަކާއިއެކުގައެވެ. އެކީގައި މަސައްކަތް ކުރައްވަންތިބެއްވީ މަދު މީސްކޮޅެއް ނަމަވެސް ﷲ ގެ އެންގެވުމަށް އެކަލޭގެފާނުވަނީ ވަރަށްފުރިހަމަ އެމަސައްކަތް ނިއްމަވާފައެވެ. އަދި ﷲ ގެ އަމުރުފުޅަށް ކިޔަމަންގަތުމުން، އެނަވުގައި މުޢުމިނުންވަނީ ސަލާމަތްވެފައެވެ.

6- ކޮންމެ ކަމެއްގައިވެސް ﷲ ގެ މަދަދު ހޯދުން:

އެތައް އަހަރެއް ފާއިތުވުމަށްފަހުވެސް ނޫޙުގެފާނުގެ ޤައުމުގެ މީހުން އިސްލާމްދީން ޤަބޫލުނުކުރުމުން، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ވާހަކަ ﷲ އަށް ދެންނެވިއެވެ. ހަމަމިގޮތަށް، ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިވެ ގޮތްހުސްވުމުން ﷲ ގެ ކިބަފުޅަށް ދުޢާކޮށް އެކަލާނގެ ހަޝުރަތަށް ދެންނެވުމަކީ މުއުމިނުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.

7- ﷲ ގެ އެހީއާއި ނުލައި ދިރިއުޅުމުގައި ކާމިޔާބު ނުލިބޭނެކަން: ނޫޙްގެފާނުގެ އަނބިކަބަލުންނާއި ދަރިކަލުން ނަވަށް އަރައިވަޑައި ނުގެން ތިމަންމެން އަމިއްލަޔަށް ފަތައި ސަލާމަތް ހޯދާނަމޭ ބުނުމުން މުޝްރިކުންނާއިއެކު ޣަރަޤުވެގެން ދިޔައެވެ. އެހެންކަމުން އެއްވެސްކަމެއްގައި އަމިއްލަގޮތް އިސްކޮށް ދީނުގައިވާގޮތްތަކާއި ޚިލާފަށް ކާމިޔާބުހޯދިދާނެކަމަށް ވިސްނައިގެން ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ނަން

02-Mar-2023

އަހަރަކީ ކިތައް ދުވަސް ތަ?



ޓްރެންޑިން