ސެލްޓަވީގޯ އާއި ބާސެލޯނާ ބައްދަލުކުރި މެޗްގެ ތެރެއިން
ސެލްޓަވީގޯ އާއި ބާސެލޯނާ ބައްދަލުކުރި މެޗްގެ ތެރެއިން
ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗް އެއްވަރުވެ، ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެޓީމަށް ހަނިވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ސްޕެނިޝް ލީގުގައި ވާދަކުރާ ސެލްޓަ ވީގޯއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާއިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މިރޭ ކުޅުނު މެޗު ގައި ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ސެންޓަ ސާކަލްގައި ވިޒިޓް މޯލްޑިވްސް ރަމްޒުކޮށްދޭ ފޮތިގަނޑެއް ވަނީ ދައްކާލާފައެވެ. ގާތްގަނޑަކަށް 50 މިލިއަން މީހުން ބެލި މި މެޗްގައި ދައްކާއި އެ ފޮތިގަނޑުގައި ވިޒިޓް މޯލްޑިވްސްގެ ލޯގޯގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވާ ތާރީހު ވެސް ހިމަނާފައިވެއެވެ. އޭގެ އިތުރުން ދަނޑުގެ ވަށައިގެން ޖަހާފައިވާ ބޯޑުތަކުން ވެސް ރާއްޖޭގެ އިޝްތިހާރުތައް ވަނީ ދައްކާފައެވެ.

ރޭ ރަށުން ބޭރުގައި ސެލްޓަ ވީގޯއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވުމުން ޕޮއިންޓަކާއެކު ބާސެލޯނާ އަލުން އެއް ވަނަ އަށް އެރިޔަސް އެޓީމު ވަނީ ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ބާސެލޯނާ އަށް 32 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ރެއާލުން ވަނީ 31 މެޗުން 68 ޕޮއިންޓް ހޯދައިފަ އެވެ.

ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ސްޕޮންސަރ ޖާޒީގައި ޖަހައިގެން ކުޅޭ ސެލްޓަ ވީގޯ ކޮޅަށް ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 20 ވަނަ މިނެޓްގައި މެސީގެ ހިލޭޖެހުމެއް ބޮލުން ގޯލަށް ވައްދާލައިގެން ލުއިސް ސުއަރޭޒް އެވެ. ސެލްޓަ ވީގޯ އިން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަކުރީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ފެޑޯ ސްމޮލޯވް އެވެ. އެކަމަކު މެޗުގެ 67 ވަނަ މިނެޓުގައި މެސީގެ އެހިތެރިކަމާއެކު ސުއަރޭޒް ވަނީ ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. ސެލްޓަ ވީގޯ އިން އެއްވަރުކުރި ގޯލު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ އިއާގޯ އަސްޕާސް އެވެ.

ރާއްޖޭގެ ސްޕޮންސަރ ޖަރޒީގައި ޖަހައިގެން ކުޅެމުން އަންނަ ސެލްޓަ ވީގޯ އިން އަންނަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި ސެލްޓަ ވީގޯ މިހާރު އޮތީ 32 މެޗުން 34 ޕޮއިންޓް ހަމަކޮށްގެން 16 ވަނައިގަ އެވެ.

ލީގުގައި ރެއާލް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ޕޮއިންޓް ތާވަލްގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. ބާސެލޯނާ އާއި ރެއާލްގެ ފަހަތުން ލީގުގެ ތިން ވަނައިގައި 55 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ކިޔުންތެރިންގެ ހިޔާލުޓްރެންޑިން