ސުލްޠާން އޯރްޚާން ޣާޒީގެ މަޤްބަރާ އަދި ޚިޔާލީ ކުރެހުމެއް
ސުލްޠާން އޯރްޚާން ޣާޒީގެ މަޤްބަރާ އަދި ޚިޔާލީ ކުރެހުމެއް
އޯރްޚާން ޣާޒީ (ޢުޘްމާނީ ތުރުކީ ބަހުން اورخان غازی) އަކީ ޢުޘްމާނީ ދައުލަތުގެ (އޭރުގެ ގޮތުންނަމަ ޢުޘްމާނީ ބޭލިކް ނުވަތަ އިމާރާތުގެ) ދެވަނަ “ބޭ” (އަމީރު) އެވެ. އޯރްޚާން އުފަންވެވަޑައިގެންނެވީ މީލާދީން 1281 ގައި ސޮކޫދުގައެވެ. ބައްޕާފުޅަކީ ޢުޘްމާނީ ދައުލަތުގެ ބާނީ އައްސުލްޠާން އަލްޣާޒީ ޢުޘްމާން 1 އެވެ. މަންމާފުޅަކީ މަލް ހާތޫން އެވެ. ސުލްޠާން އޯރްޚާންގެ ހަޔާތްޕުޅުގެ ކުރީކޮޅާއި ބެހޭ މާ ގިނަ މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

އޯރްޚާންގެ ބައްޕާފުޅު ސުލްޠާން ޢުޘްމާން، 1223/1224 ގައި އަވަހާރަވުމުން ރަސްކަން ލިބިވަޑައިގެންނެވީ އޯރްޚާން އަށެވެ. ބައްޕާފުޅު އަވަހާރަވުމުން އޭރު އޮތް ޢުޘްމާނީ ދައުލަތް ދެ ބަޔަކަށް ބައްސަވައިލައްވައި އެއްބައި އޯރްޚާނަށް އަދި އަނެއް ބައި އަޚު ޢަލާއުއްދީނަށް ދެއްވުމަށް އޯރްޚާން ހުށައެޅުއްވިއެވެ. އެހެންނަމަވެސް ބައްޕާފުޅު ޤާއިމުކުރެއްވި ދައުލަތް ބައިކުރައްވަން ޢަލާއުއްދީން އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. އަދި ބައްޕާފުޅުގެ ވަސިއްޔަތާ އެއްގޮތަށް ދައުލަތުގެ ރަސްކަން އޮންނަންވާނީ އޯރްޚާނަށް ކަމަށް ވިދާޅުވިއެވެ.

ރަސްކަމުގެ ބާރު ބައިކުރައްވަން އަޚު ޢަލާއުއްދީން އެއްބަސްވެވަޑައި ނުގެންނެވުމުން ޢުޘްމާނީ ދައުލަތުގެ ބޮޑުވަޒީރުކަން ޢަލާއުއްދީނަށް ސުލްޠާން އޯރްޚާން ދެއްވިއެވެ. ސުލްޠާން އޯރްޚާނަށް ފަހު އައި ޢުޘްމާނީ ބައެއް ރަސްރަސްކަލުންނާއި އެ ރަސްރަސްކަލުންގެ އަޚުންނާ ދެމެދު އޮތް ކަހަލަ، ވެރިކަމުގެ އަރައިރުމެއް މި ދެބޭފުޅުންގެ ދެމެދަކު ނުއުފެދެއެވެ.

ތާރީޚީ ބައެއް މަސްދަރުތައް ބުނާ ގޮތުން ސަލްޖޫޤީންގެ ވެރިކަމަށް ބައިޢަތު ހިފައިގެން އޮންނަ ދައުލަތެއްގެ ގޮތުގައި ޢުޘްމާނީ ދައުލަތް އޮތް އޮތުން ބަދަލުކޮށްލެއްވީ އަމީރު ޢަލާއުއްދީން ޕާޝާގެ ލަފާފުޅުގެ މަތީންނެވެ. އެގޮތުން ސަލްޖޫޤީންގެ ފައިސާ ފޮތީގެ ބަދަލުގައި ޢުޘްމާނީންގެ އަމިއްލަ ފައިސާ ފޮއްޗެއް ޖެއްސެވިއެވެ. އަދި ހުކުރު ޚުޠުބާގައި ސަލްޖޫޤީންގެ ރަސްގެފާނުގެ ނަންފުޅު ގެނައުން ހުއްޓަވާލައްވައި ޢުޘްމާނީ ސުލްޠާނުގެ ނަންފުޅު ގެންނަވަން ފެއްޓެވިއެވެ. އަދި އޭގެ އިތުރުން ޢުޘްމާނީ ދައުލަތުގެ އެކި ފެންވަރުގެ މަޤާމުތަކުގައި ތިއްބަވާ ބޭބޭފުޅުންނާއި ބޭބޭކަލުންނަށް ޚާއްޞަ ޔުނީފޯމެއް ތައްޔާރު ކުރައްވައި، ސިފައިންނަށް އިޞްލާޙީ ބަދަލުތަކެއް ގެންނެވީވެސް އަމީރު ޢަލާއުއްދީން ޕާޝާގެ ލަފާފުޅުގެ މަތީންނެވެ.

ސުލްޠާން އޯރްޚާންގެ ރަސްކަމުގައި ގެންނެވި އެންމެ ބޮޑު އިޞްލާޙީ އެއް ބަދަލަކީ ސިފައިންގެ ރަސްމީ ފައުޖެއް ޤާއިމު ކުރެއްވުމެވެ. އޭގެ ކުރިން އޮންނަނީ ހަނގުރާމައެއް ޖެހުނީމާ ރައްޔިތުންގެ ތެރެއިން މީހުން ނެގުމެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ސިފައިން އުފައްދަވައި، ސިފައިންގެ އެކި މަޤާމުތަކަށް މީހުން ލައްވައި، މުސާރަ ކަނޑައެޅުއްވިއެވެ. އަދި މީގެ އިތުރުން ޔެނިޗެރީންގެ ނަމުގައި ރަސްކަން ދިފާޢުކުރެއްވުމަށް ޚާއްޞަ ފައުޖެއްވެސް އުފެއްދެވިއެވެ. މިފައުޖު އުފެއްދެވުމުގައި އެންމެ ބޮޑު ހިއްސާއެއް ވެވަޑައިގެންނެވީ ބޮޑުވަޒީރު އަމީރު ޢަލާއުއްދީން ޕާޝާއާއި، ކާރާ ޚަލީލް ޖަންދަރްލީއެވެ.

ސުލްޠާން އޯރްޚާންގެ ތިރީސް އަހަރަށްވުރެ ދިގު ރަސްކަމުގައި ޢުޘްމާނީ ދައުލަތް އެތައް ގުނައަކަށް ބޮޑު ކުރެއްވިއެވެ. މިގޮތުން ހުޅަނގު އުތުރު އަނާދޯލޫގައި ތިބި ބައިޒެންޓީނުންނާ ހަނގުރާމަކުރައްވައި އެސަރަހައްދުގެ ބޮޑުބައެއް ފަތަޙަކުރެއްވިއެވެ. އަދި އޭގެފަހުން މަރްމަރާ ކަނޑުގެ އައްސޭރިފަށް އެއްކޮށްހެން ފަތަޙަކުރެއްވިއެވެ.

ބައިޒެންޓީން އަންބަރާތޫރިއްޔާގެ ދެވަނައަށް އެންމެ މުހިއްމު ސަހަރު ކަމަށްވާ ނިކައިއާ ހިއްޕެވީވެސް 1331 ގައި ސުލްޠާން އޯރްޚާން އެވެ. އަދި 1337 ވަނަ އަހަރު ބައިޒެންޓީނުންގެ މުހިއްމު އެހެން ސަހަރެއް ކަމަށްވާ ނިކޮމީޑިއާ (މިހާރުގެ އިޒްމީދް) ވެސް ފަތަޙަކުރެއްވިއެވެ. މި ފަތަޙައިގެ ކޮމާންޑަރަކަށް ހުންނެވީ ސުލްޠާން އޯރްޚާންގެ ދަރިކަލުން ސުލައިމާން ޕާޝާއެވެ. 1338 ވަނަ އަހަރަށް އެޅިއިރު ހުޅަނގު އުތުރު އަނާދޯލޫގެ ބޮޑުބައެއް އޮތީ ޢުޘްމާނީންގެ ބާރުގެދަށުގައެވެ.

މީލާދީން 1345 ވަނަ އަހަރަށް ފަހު، ހަމަ އެކަނި ޣައިރު ދީނުގެ ބައިޒެންޓީނުންނާ ހަނގުރާމަކޮށް އެމީހުންގެ ބިންތައް ފަތަޙަކުރެއްވުމުގެ އިތުރުން ތުރުކީންގެ ބިންތައްވެސް ހިއްޕަވަން ފެއްޓެވިއެވެ. މިގޮތުން ތުރުކީންގެ އިމާރާތެއް ކަމަށްވާ ކަރޭސީ (މިހާރުގެ ބަލިކެސިރު ސަރަހައްދު) ހިއްޕެވިއެވެ. އިސްލާމީ ހަނގުރާމައިގެ ޢާއްމު ފަލްސަފާއަކީ މުސްލިމުންގެ ބިންތަކަކީ ދާރުލްއަމާން ނުވަތަ އަމާންކަން ލިބިގެންވާ ބިންބިން ކަމެވެ. އަދި ކާފަރުންގެ ބިންތަކަކީ ދާރުލްޙަރްބު ނުވަތަ ހަނގުރާމައިގެ ބިންތައް ކަމެވެ. ކަރޭސީއަކީ ތުރުކީންގެ މުސްލިމުން ދިރިއުޅޭ މުސްލިމު އަމީރެއްގެ ބިމަކަށްވީތީ އެތަން ވީ ދާރުލްއަމާނަކަށެވެ. އެހެންކަމުން ދާރުލްއަމާނުގެ ބިންތައް ހިއްޕެވުމަށްޓަކައި ސުލްޠާން އޯރްޚާނަށް ޚާއްޞަ ސަބަބެއް މެދުވެރިކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މިގޮތުން ކަރޭސީ ހިއްޕެވީ ކަރޭސީގެ އަމީރު އަވަހާރަވެ ވެރިކަމަށްޓަކައި އަމީރުގެ ދެ ދަރިކަލުން ހަނގުރާމަ ކުރައްވަނިކޮށް އެތަނުގައި ޞުލްޙަ ޤާއިމުކުރެއްވުމުގެ ނަމުގައެވެ.

ސުލްޠާން އޯރްޚާންގެ ރަސްކަމުގައި ޢުޘްމާނީ ދައުލަތުގެ އުމްރާނީ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވުނެވެ. މިގޮތުން މަދަރުސާތަކާއި މިސްކިތްތަކާއި އިދާރީ އިމާރާތްތަކާއި ޢާއްމުންގެ އެކި ކަންކަމަށް ޚާއްޞަ އިމާރާތްތައް ބިނާކުރެވުނެވެ. މިތަނުން ބައެއް ތަންތަން އަދި އަދަށް ދާންދެންވެސް ފެންނާން އެބަހުއްޓެވެ.

ޕެލެކަނޮންގެ ހަނގުރާމައިގައި ބައިޒެންޓީނުން ބަލިވުމަށްފަހު، ސުލްޠާން އޯރްޚާން ބައިޒެންޓީނުންގެ އަންބަރާތޫރިއްޔާގެ ޝެހެންޝާހު އަންދްރޯނީކަސް 3 އާއެކު ގާތް ގުޅުމެއް ބޭއްވެވިއެވެ. އަދި ޝެހެންޝާހު އަންދްރޯނީކަސްގެ ފަހުން ވަޑައިގެންނެވި ޝެހެންޝަހުންނާއެކުވެސް މި ގުޅުން ދެމެހެއްޓެވިއެވެ. މިގޮތުން މި ޞުލްޙަވެރިކަމުގައި ވިއްސަކަށް އަހަރު ހޭދަވިއެވެ. އަދި ޢުޘްމާނީންނާއެކު އޮތް ގުޅުން ބަދަހިކޮށް ޢުޘްމާނީ ލަޝްކަރުގެ އެހީތެރިކަން ހޯއްދެވުމުގެ ބޭނުންފުޅުގައި ބީޒެންޓީނު ޝެހެންޝާހު އިޔޯނަސް ކަންތަކޫޒެނަސް އޭނާގެ ދަރިކަނބަލުން ތިއޮޑޯރާ، ސުލްޠާނު އޯރްޚާންއާ ކައިވެނިފުޅުކޮށްދެއްވިއެވެ.

ސުލްޠާން އޯރްޚާންގެ ދައުރުގެ ފަހުކޮޅުގައި ވެރިކަމުގެ ގިނަ ބާރުތައް ދެވަނަ ދަރިކަލުން މުރާދާ ހަވާލުކުރެއްވުމަށްފަހު ވަރަށް އެކަހެރި ގޮތަކަށް ބުރްޞާގައި ދިރިއުޅުއްވުން ހޭދަކުރެއްވިކަމަށް ތާރީޚު ބުނެއެވެ. އަދި މީލާދީން 1356 ގައި ކަނޑުފޭރޭ ބަޔަކު ސުލްޠާން އޯރްޚާންއާއި، ތިއޮޑޯރާގެ ދަރިކަލުން ޚަލީލް ވަގަށް ނެގިއެވެ. ޚަލީލް ސަލާމަތް ކުރެވުނީ އަނބިކަނބަލުން ތިއޮޑޯރާގެ އަޚު ބައިޒެންޓީނު ޝެހެންޝާހު އިޔޯނަސް ޕަލައެލޯގޯސްގެ އެހީފުޅާ އެކުގައެވެ.

މީލާދީން 1357 ގައި އަސް ދުއްވަވަނިކޮށް ވެއްޓިވަޑައިގެން ލިބިވަޑައިގެންނެވި ހާނީއްކައެއްގެ ސަބަބުން ސުލްޠާން އޯރްޚާންގެ ދޮށީ ދަރިކަލުން ސުލައިމާން ޕާޝާ އަވަހާރަވިއެވެ. މިކަން ވީ ސުލްޠާން އޯރްޚާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމަފުޅަކަށެވެ. އަދި ސުލްޠާން އޯރްޚާން އަވަހާރަވުމަށް މެދުވެރިވީ ސަބަބަކީވެސް މި ހިތާމަ ކަމަށް ބުނެވެއެވެ.

ސުލްޠާން އޯރްޚާން 7 ކައިވެނިފުޅެއް ކުރެއްވިއެވެ. މިތަނުން ނަން އެނގެނީ 6 އަނބިކަނބަލެއްގެއެވެ. އެއީ ބައިޒެންޓީނުންގެ ޔަރްހިސާރުގެ އަމީރުގެ ދަރިކަނބަލުން ހޮލޮފީރާ (ފަހުން ނިލޫފެރް ހާތޫން)، ބަޔަލުން ހާތޫން، އަސްޕޯރްޝާ ހާތޫން، ބީޒެންޓީނު ޝެހެންޝާހު އިޔޯނަސް ކަންތަކޫޒެނަސްގެ ދަރިކަނބަލުން ތިއޮޑޯރާ ހާތޫން، ބީޒެންޓީނު ޝެހެންޝާހު އަންދްރޯނީކަސްގެ ދަރިކަނބަލުން މާރިއާ ހާތޫން އަދި ސުލްޠާން އޯރްޚާންގެ ބޮޑުބޭބޭފުޅު މަޙްމޫދް ޤުންދޫޒް އަލްޕްގެ ދަރިކަނބަލުން އަފްތަންދީސާ ހާތޫންއެވެ.

ސުލްޠާން އޯރްޚާނަށް 6 ދަރިކަލުންނާއި 2 ދަރިކަނބަލުން ލިބިވަޑައިގެންނެވިއެވެ. އެއީ ސުލްޠާން ބޭ، ސުލައިމާން ޕާޝާ، މުރާދު 1، ޤާސިމް، އިބްރާހީމް، ޚަލީލް، ޚަދީޖާ ހާތޫން އަދި ފާޠިމާ ހާތޫން އެވެ.

36 އަހަރުގެ ދިގު ރަސްކަމަކަށް ފަހު ސުލްޠާން އޯރްޚާން އަވަހާރަވީ ޢުމުރުފުޅުން 80 އަހަރުގައި ބުރްޞާގައި 1362 ގައެވެ. ޢުޘްމާނީ ރަސްރަސްކަލުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅުއްވީ ސުލްޠާން އޯރްޚާން 1 އެވެ. ސުލްޠާން އޯރްޚާނަކީ އިސްކޮޅުފުޅުން ދިގު، ސަމައްތަރު ހެޔޮ ބޭފުޅެކެވެ. މާތް ރަސްކަލާނގެ ސުލްޠާން އޯރްޚާންގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވާށިއެވެ!


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން