(އިއްޔެގެ ޢަދަދާ ގުޅޭ)

ލޯބިވެރިންގެ ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްހޫރު ޝައިޚު މުޙައްމަދު ބިން ޞާލިޙުލް އުޘައިމީން ވިދާޅުވަނީ ވެލެންޓައިންގެ ދުވަސް ފާހަގަކުރުން ހުއްދަ ވެގެން ނުވާކަމަށެވެ. ސަބަބަކީ އެއީ ޝަރީޢަތުގައި ފާހަގަކުރަން އެއްވެސް އަސްލެއް ނެތް ޢީދަކަށް ވުމާއި އެދުވަސް ގޮވާލަނީ އިމެއްނެތި ލޯބިވުމަށާއި އަދި ގައިގޯޅިވުމަށް ކަމަށްވުމެވެ.

އަދި އެދުވަސް ގޮވާލަނީ މުސްލިމުންގެ ހިތްތައް ސަލަފުން ގެންނެވި މަގުނޫން އެހެންމަގުތަކާއި ދުރުގައިވާ ގޮތްތަކުގައި މަސްއޫލުކޮށް ހެޔޮމަގުން އެއްކިބާ ކުރުމަށް ކަމަށް ވުމުންނެވެ. އެހެންކަމުން އެދުވަހާއި ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމާއި އެދުވަސް ފާހަގަކުރުމުގެ ގޮތުން ހަދިޔާ ދިނުމަކީވެސް ހުއްދަވެގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކާފަރުންގެ ޢީދެއް ނުވަތަ އެނޫންވެސް ދުވަހެއް ފާހަގަކުރުމާއި ބެހޭގޮތުން އިބުނު ތައިމިއްޔާ ރަޙިމަޙުﷲ އެކަލޭގެފާނުގެ ފޮތުގައި (އިޤުތިދާއުލް ސިރާތުލް މުސްތަގީމްގެ ފުރަތަމަ އަދަދުގެ ސަފުހާ 470 ގައި) ލިޔުއްވާފައިވެއެވެ.

"(ކާފަރުންގެ) އީދުދުވަސްތަކާއި އަދި ބަންދު ދުވަސްތަކުގެ ވާހަކަ ދައްކާއިރު އެތައް ގޮތަކުން ބަލާ ވިސްނަން ޖެހެއެވެ. ޢީދުތަކާއި ބަންދު ދުވަސްތައް އަންނަނީ ފުޅާ ގޮތްތަކަކާއި އަދި ޤަވާއިދުތަކާއި އެކުގައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ފަދައިން ކޮންމެ ޤައުމަކަށް އެބަޔަކު ފާހަގަކުރާނެ ހާއްޞަ ކަންތައްތަކެއް ވެއެވެ. މިސާލަކަށް ޤިބުލައަށް ކުރިމަތިލުމާއި، ނަމާދު ކުރުމާއި އަދި ރޯދަހިފުމެވެ. އެބައިމީހުންގެ ބަންދު ދުވަސްތަކަށް އެއްބައިވުމަކީ އެބައިމީހުންގެ ކާފަރުކަމާއި އެއްބައިވުމެވެ. އަދި އެބައިމީހުންގެ ދީނުގެ ކުދިކަންކަމަށް އެއްބަސްވުމެވެ. (ނުވަތަ ރުހުން އޮތްކަން ހާމަކުރުމެވެ.) އެއީ ކާފަރުކަމުގެ ވަކި މިންވަރަކަށް ތަބާވެވެނީއެވެ. ހަޤީޤަތުގައި އެބައިމީހުންގެ ޢީދުތަކާއި އަދި ބަންދު ދުވަސްތަކަކީ އެބައިމީހުންނާއި މުސްލިމުންނާއި އެންމެ ބޮޑަށް ތަފާތުކޮށްދޭ ދުވަސްތަކެވެ. ޚާއްސަކޮށް އެބައިމީހުންގެ އީދުދުވަސްތަކެވެ. (މިސާލަކަށް ވެލެންޓައިންސް ދުވަސް ފަދަ ދުވަސްތަކެވެ) މިބަޔަށް އެއްބަސްވުމަކީ ކާފަރުންނާ އެންމެބޮޑަށް ފަރަޤުކޮށްދޭ ކަންކަމަށް އިއުތިރާފުވުމެވެ. އެހެންކަމުން އެކަމަށް އެއްބަސްވެ ވަކިބަޔަކަށް އިއުތިރާފު ވުމަކީ ދީނުން ތިމާ ނަފީކުރަމުން ގެންދާނެ ކަންކަމެވެ. އެންމެ ފަހުން އޭނާ ދީނުން ބޭރުވެފައިވާ ހާލަތަކަށް މިފަދަ އަމަލުތަކުން ވައްޓާލައެވެ."

އެއްވެސް ފާފައެއް ކުރުމުން ނުވަތަ ޝިރުކުގެ ޢަމަލެއް ކުރުމުން އެ އަމަލަކަށް ތަހުނިޔާ ކިޔާ މީހަކީ ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުމަށް ހުށައެޅިފައިވާ މީހެކެވެ. ޞަލަފުންގެ ބޭކަލުން މިފަދަ މީހުންނަށް ތަހުނިޔާ ކިޔުމުން ދުރުވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޒާބުން ސަލާމަތްވުމަށާއި އަދި އެއިލާހުގެ ރަޙުމަތުން ބޭރުނުވުމަށްޓަކައެވެ. އަދި ފާފައެއް ކުރާ މީހެއް މުންކަރާތަކުން ސަލާމަތް ކުރުމަށްޓަކައި އޭނާގެ ގާތަށްގޮސް ރީތިބަހުން ވާހަކަދެއްކުމަކުން އެކަމުގައި ގޯހެއްނެތެވެ.

ކުޑަވެސް ޝައްކެއް ނެތް ގޮތުގައި، މުސްލިމުންނަށްޓަކައި ﷲ ތަޢާލާ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ދެޢީދެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ. މިދެޢީދަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާ ދެޢީދެވެ. އެހެންކަމުން މިދެޢީދުގެ ދުވަސްތައް ވޭތުކުރުމުގައިވެސް މުސްލިމުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އަދަބުތައް އިސްލާމްދީނުގައިވަނީ ކަނޑައަޅުއްވާފައެވެ.

އެގޮތުން އާއަހަރު ފާހަގަކޮށް ވެލެންޓައިންސް ޑޭ ފާހަގަކޮށް އެކިއެކި އިސްލާމްދީނާއި ގުޅުމެއްނެތް ދުވަސްތަކުގައި ބައިވެރިވެ ތަހުނިޔާ ބަދަލުކުރުމަކީ މާތް ﷲއާއި ރަސޫލާ ސ. އަށް ކިޔަމަންވާ މީސްތަކުންކުރާނެ ކަމެއްނޫނެވެ. މާތް ﷲ އާއި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާ މީސްތަކުންނަށް އޮތީ މިފަދަ ފިތުނަވެރި މަޅިތަކުން ނެއްޓި ގާތްތިމާގެ އަހުލުންނާއި ރައްޓެހިން މިކަންކަމުން ދުރުކުރުވަން މަސައްކަތްކުރުމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ"

"ފަހެ ހެޔޮކަމަކަށް މަގުދައްކައިފިމީހާ އޭނާއަށް އެކަންކުޅަ މީހާއާ އެއްވަރަށް ހެޔޮކަން ލިބޭހުއްޓެވެ."

~ނިމުނީ~


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން