މުސްލިމުން ކާފަރުންގެ ގޮތްތަކަށް ލެނބި ތަބާވަމުން ދިއުމުގެ އެއް މިސާލަކީ މިއަދު މުސްލިމުން ފާހަގަ ކުރަމުންދާ ލޯބިވެރިންގެ ދުވަހާއި އާއަހަރު ފާހަގަކުރުންފަދަ ޣައިރު މުސްލިމުންގެ ދީނީ ޢީދުތަކެވެ. އެގޮތުން އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވީހިނދު މިފަދަ ދުވަސްތައް ފާހަގަކުރުމާމެދު އިސްލާމްދީން ދެކޭ ގޮތާމެދު ނަޒަރުކޮށްލުމަކީ މުހިއްމު ކަމެކެވެ.

އިސްލާމްދީނުގައި މުސްލިމުން ފާހަގަކުރާނޭ ދުވަސްތަކެއްވަނީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިއެވެ. މިއިން ދުވަހަކަށް އިތުރުކުރުމެއްވެސް އަދި އުނިކުރުމެއްވެސް އެއީ ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީޢަތަކާއި ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ." (5:48) އަދިވެސް ވަޙީ ކުރަށްވާފައިވެއެވެ. "ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްވެސް ޝަރީޢަތެއް، އެއުރެން އެއަށް ތަބާވުމަށްޓަކައި ލެއްވީމެވެ." (22:67)

ވެލެންޓައިންސް ދުވަސް ފާހަގަކުރުމަކީ މުޝްރިކުންނާއި ނަޞާރާއިންނާއި އެއްގޮތް ވުމެވެ. އާއްމުކޮށް ބުނާނަމަ އެބައިމީހުންގެ ކަންކަމާއި އެއްގޮތްވުމަކީ ހަރާމްކަމެކެވެ. އެއީ އަޅުކަމެއްކަމުގައިވާނަމަ އެކަމުގެ ބިރު ބޮޑެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ. "ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ ޚިލާފްވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ ޢަޛާބެއް އެއުރެންނަށް ހުށްޓެވެ." (3:105)

އަދި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. "ބަޔަކާއި ވައްތަރުވެ އެބައެއްގެގޮތައް އުޅެއްޖެމީހަކީ އެމީހުންގެ ތެރެއިންވާމީހެކެވެ". މިހަދީޘުން އެކަނިވެސް އެބައިމީހުންނާއި އެއްގޮތްވުމަކީ ހަރާމްކަމެއްކަން ދޭހަވާކަމަށް ޝައިހުލް އިސްލާމް އިބުން ތައިމިއްޔާ ވިދާޅުވިއެވެ.

ވެލެންޓައިންސް ދުވަހުގެ މަޤްސަދުގެ ތެރޭގައި ލޯބިފެތުރުން ހިމެނެއެވެ. އެއީ މުސްލިމުންނާއި ކާފަރުންނާއި ދެމެދުވެސް މެއެވެ. އެއްވެސް ބަޔަކު ވަކިކުރުމެއްނެތިއެވެ. ޝައްކެއްނެތްގޮތުގައި ކާފަރުންދެކެ ލޯބިވުމަކީ ހަރާމްކަމެކެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ. "ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ." (58:22)

ތާރީޚީ ފަތްފުއްތައް ބުނާގޮތުން ވެލެންޓައިންސްޑޭ އަކީ މީގެ 17 ގަރުނުކުރިން ރޯމަނުން ނަޞާރާދީނަށް ވަނުމުގެ ކުރިން އެބައިމީހުން "ރޫހާނީ ލޯބީގެ" ގޮތުގައި ފާހަގަކުރަމުންއައި ދުވަހެކެވެ. މިދުވަސް ފާހަގަކުރެވޭ ގޮތާއިމެދު ވަރަށް ގިނަ ގޮތްގޮތަށް ވާހަކަތައް އައިސްފައިވެއެވެ. އެގޮތުން އެންމެ މަޝްހޫރު އެއްގޮތަކީ ރޯމަނުންގެ ގަބޫލުކުރުމެއްކަމަށްވާ، ރޯމްގެ ފައުންޑަރ ރޯމިއުލަސް އަންހެން ހިޔަޅެއްގެ ގާތުން ކިރު ބުއިމަށްފަހު އޭނާއަށް ބާރާއި ވިސްނުން ލިބުމެވެ.

ހަމައެއާއެކު، ސައިންޓް ވެލެންޓައިންނާއި މިދުވަހާއި ހުރިގުޅުމަށްވެސް ބަލާލުން ރަނގަޅެވެ. އެގޮތުން ރޫމީން ނަޞާރާދީނަށް އެނބުރުމަށްފަހު އެދީން ވަރުގަދައަށް ފެތުރުމުން، ސިފައިންނަށް ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. އެއީ ކައިވެނީގެ ސަބަބުން އެމީހުން ކުރަންޖެހޭ ހަނގުރާމަތަކަށް ފަސްޖެހޭނެތީއެވެ. މިނިންމުމާއި ފާދިރީ ވެލަންޓައިން އިދިކޮޅުވެ ސިއްރުގައި ސިފައިންނަށް ކައިވެނި ކޮށްދޭން ފެށިއެވެ. މިކަން ރޫމީންގެ ވެރިއަކަށް ހުރި އިމްބްރާތޫރް ކްލޯޑިއަސް 2 އަށް އެނގުމުން ފާދިރީ ވެލަންޓައިން ޖަލަށް ލުމަށްފަހު މެރުމަށް ޙުކުމް ކުރިއެވެ. އަދި ޖަލުގައި ހުރިއިރު ފާދިރީ ވެލަންޓައިން، ޖަލު ބަލަހައްޓާމީހާގެ އަންހެން ދަރިފުޅާއި ހިތާވިއެވެ.

އިމްބްރާތޫރް، ފާދިރީ ވެލަންޓައިންއަށް އޭނާ ނަޞާރާދީން ދޫކޮށް ރޫމީންގެ ބުދު ކަލާނގެތަކަށް ރުޖޫޢަވެއްޖެނަމަ، މަޢާފުކޮށް އެންމެ އަރިސް މީހެއް ކަމުގައި ހަދައި އަދި އޭނާގެ ދަނބިދަރިއަކަށްވެސް ހަދާދޭނެ ކަމަށް ވަޢުދުވިއެވެ. ނަމަވެސް ސައިންޓް ވެލެންޓައިން އެކަމަށް އިންކާރުކޮށް ނަޞާރާދީން ޚިޔާރު ކުރިއެވެ. އެހެންކަމުން މީލާދީން 14 ފެބްރުއަރީ 270 ގައި މިފާދިރީ މަރާލެވުނެވެ. މަރާލަން ހަމަޖެހިފައި އޮތްދުވަހު އޭނާ ގަނޑުކޮޅެއްގައި، އޭނާ ލޯބިވި އަންހެން ކުއްޖާއަށް އޭނާގެ އޯގާތެރިކަމާއި ގާތްކަމަށް ޝުކުރު އަދާކޮށް، "ލޯބިވާ ވެލަންޓައިންގެ ފަރާތުން" މިހެން ލިޔެ ކުޑަ ނޯޓުކޮޅެއް ބޭއްވިއެވެ. މިގޮތުން މިދުވަހަށް ވެލަންޓައިންސް ޑޭގެ ނަމުން ނަންދެވި ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެން ފެށުނެވެ.

ވެލެންޓައިންސް ދުވަހޭކިޔާ ފާހަގަކުރާ ލޯތްބަކީ މުޅިންވެސް އިޝްޤީ ލޯތްބެވެ. ޚާއްސަކޮށް ކައިވެނިނުކޮށް ތިބޭ ދޭދޭ ޒުވާނުންގެ މެދުގައި އެބައިމީހުންގެ އެދުންތައް ފުއްދުމައްޓަކައި ކުރެވޭކަމެއްގެ ގޮތުގައެވެ. މިއީ ފަސާދައަށް ދޮރުހުޅުވިގެންދާ ކަމެކެވެ. މިކަމުގެ ސަބަބުން ޒިނޭ ދަނީ އާއްމުވަމުންނެވެ. އިސްލާމް ދީނުގައި އަނބިންނާއި ފިރިން އެމީހުންގެ ލޯބި އެކަކު އަނެކަކަށް ދައްކުވައިދެނީ މުޅި އަހަރުތެރޭގައެވެ. ކާޑާއި މަލާއި ސިޓީއާއި ޅެމުން އެމީހުން ލޯބި ފާހަގަކުރެއެވެ. އަހަރަކު އަންނަ އެންމެ ދުވަހަކު އެކަންޏެއް ނޫނެވެ. އިސްލާމް ދީނަށްވުރެ ވަކި މީސްތަކުންގެ މެދުގައި ލޯބިފަތުރާ ދީނެއް ނެތެވެ. އިސްލާމްދީން ގޮވާލަނީ އަބަދުވެސް ލޯބިވުމަށެވެ.

ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އަޚާދެކެ ލޯބިވާނަމަ ފަހެ ތިބާ ލޯބިވާ ވާހަކަ އެއަޚާ ކައިރީ ބުނާހުށިކަމެވެ." އަދިވެސް އެހެން ހަދީޘެއްގެ މާނާގައިވެއެވެ. "އެ ފަރާތެއްގެ އަތްޕުޅުގައި ތިމަން ރަސޫލާގެ ފުރާނަވާ ފަރާތް ގަންދީ ބުނަމެވެ. ތިޔަބައިމީހުން ފުރިހަމަޔަށް އީމާންވެއްޖެއުމަށްދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިޔަބައިމީހުންގެ އެކަކު އަނެކެއްދެކެ ލޯބިވެއްޖެއުމަށް ދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާ ހުއްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮއްފިނަމަ ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނޭ ކަމެއް ތިމަން ކަލޭގެފާނު ވިދާޅުވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ބަދަހިކުރާށެވެ." (ރަވާހު މުސްލިމު)

އަދިވެސް މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "މިދީނުގައި (ނުވަތަ ޝަރީޢަތުގައި) ކީރިތި ޤުރުއާނުން ނުވަތަ ސުންނަތުން ސާބިތުނުވާ ޢަމަލެއްކޮށްފި މީހާ ދަންނާށެވެ. ފަހެ އެކަމެއްވަނީ އެމީހަކަށް ރައްދުވެގެންނެވެ. (އެބަހީ އަމަލުޤަބޫލުވެވިގެން ނުވެއެވެ.)"

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިތުރު ޙަދީޘްފުޅެއްގައިވެއެވެ. "އެންމެ ހެޔޮވެގެންވާ ބަހަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ މަގަކީ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވައިދެއްވި އެކަލޭގެފާނުގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވަނީ ދީނުގެ ނަމުގައި އަލަށް އުފެދޭ ކަންކަމެވެ. އަދި ކޮންމެ ބިދުޢަ އަކީ މަގުފުރެދުމެކެވެ." އަލްއިމާމް އިބްނު ޤައްޔިމް ވިދާޅުވެފައިވެ އެވެ. "ޙައްޤު (އޭގެ އަލިކަމާއި، ފާޅު ވުމުގައި) އިރު ފަދައިންވެއެވެ. އަދި އެ ހައްޤާއި ދިމާލަށް ލޯތައް ބަލަބަލައި ތިބެ އެވެ. އެހެނަސް އެ ލޯތަކާއި ޙައްޤާއި މެދު ފަރުދާއެއް ލެވި، އޭގެ ސަބަބުން ކަނުވެފައިވާ ލޯތަކުގެ މަތިން އެޙައްޤު ވަނީ ވަންހަނާ ވެގެންނެވެ."

~ނުނިމޭ~


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން