ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ހަތް ހާސް ފްލެޓް ހިމެނޭ ޓަވަރުތައް (ފޮޓޯ ސޯޝަލްމީޑިއާ)
ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ހަތް ހާސް ފްލެޓް ހިމެނޭ ޓަވަރުތައް (ފޮޓޯ ސޯޝަލްމީޑިއާ)
ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުން ހިންގި ގެދޮރުވެރި ކުރުވުމުގެ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބިނާކޮށް، މިހާރު ގާތްގަނޑަކަށް ނިމިފައިވާ 7000 ފެލްޓު އޭގެ ހައްޤު ވެރިންނަށް ލިބުމާއި އެކު މާލޭގެ އެޕާޓްމަންޓް ތަކުގެ ކުއްޔަށް އަސަރު ކުރާނެ ކަމަށް ޔަގީންވާތީވެ، އެފްލެޓްތައް އޭގެ ޙައްގުވެރިންނަށް ނުދެވިގެން އުޅެނީ މާލޭގެ ގެދޮރުވެރިން ރުއްސަންތޯ އެވެ؟

ކުރީ ސަރުކާރުން 7000 ފްލެޓް ދޭން ނިންމި ނަމަވެސް މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުން ނިންމާފައިވަނީ މި ފްލެޓްތަކުގެ ތެރެއިން 280 ފްލެޓް މަދުކޮށްލުމަށެވެ. އެއީ އެ 16 ޓަވަރުގެ ދިރިއުޅޭ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ފިހާރަތައް ހެދުމަށާއި އަދި އެހެންވެސް އެފަދަ ޚިދުމަތް ދެވޭނެ ތަންތަން ހެދުމަށް ކަމަށް ބުނެއެވެ. އެހެންކަމުން މިހާރު ދޫކުރެވޭނެ ފްލެޓްތަކުގެ އަދަދަކީ ޖުމުލަ 6720 ފްލެޓެވެ.

ފްލެޓްތަކަށް ކުރިމަތިލާފައި ތިބި ގިނަމީހުންނަކީ މިހާރު މާލޭގައި ބޮޑު އަގުގައި އެޕާޓްމަންޓްތައް ހިފައިގެން ތިބި ފަރާތްތަކެވެ. އެފަރާތްތަކުން އުއްމީދު ކުރަނީ ސަރުކާރުން ވިހާވެސް އަވަހަށް އެތަންތަން ހަވާލު ކުރުމަށެވެ. ހަވާލު ކުރުމާއެކު މާލޭގައި މިހާރު ބޮޑު އަގުގައި ކުއްޔަށް ދީފައި ހުރި އެޕާޓްމަންޓްތަކުގެ ތެރެއިން މަދުވެގެން 5000 އެޕާޓްމަންޓް ހުސްވެގެން ދާނެއެވެ. މިއީ ތޮއްޖެހިފައިވާ މާލޭގެ ގޯތިގެދޮރު ވިޔަފާރި ކުރާ އެއްވެސް ފަރާތަކުން ބޭނުންވާނެ ކަމެއް ނޫނެވެ.

މާލޭގެ އެޕާޓްމަންޓަތައް ހުސްވުމާއެކު އެތަންތަނުގެ ޑިމާންޑް ކުޑަވެގެން ދާނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. މިއާއި އެކު އެފަދަ ތަންތަނުގެ ކުލި ކުޑަކުރުމަށް ގެދޮރުވެރި ވިޔަފާރި ކުރާ ފަރާތްތަކަށް މަޖުބޫރު ވާނެއެވެ. މިއީ މައި ސަރުކާރަށްވެސް ލޮޅުން އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ މާލޭގެ ގެދޮރުވެރި ވިޔަފާރި ވެރިން ސަރުކާރާއި މެދު ހިތްހަމަ ނުޖެހުން އުފެދި އިދިކޮޅު ހަރަކާތްތައް ގިނަވާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާތީވެސް މެއެވެ. އެހެން ކަމުން މިހާރު ސަރުކާރުން ހުޅުމާލޭގެ ހިޔާ ފްލެޓްތަކާއި މެދު ނުރަނގަޅު ވިސްނުމެއް ރައްޔިތުންގެ މެދުގައި އުފެއްދުމަކީ ސިޔާސީ ހަރަކާތްތަކެއް ކަމަށް ގަބޫލު ކުރަން ނުޖެހޭތޯ އެވެ؟

ހިޔާ ފްލެޓްތަކަކީ ކިތައްމެ ކުޑަ ތަންތަން ކަމުގައި ވީނަމަވެސް މިހާރު މާލޭގައި ގިނަ މީހުން ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަންތަނުގެ ހާލަތު މިތަންތަނަށް ވުރެންވެސް މާބޮޑަށް ދެރައެވެ. ސައިޒުގެ ގޮތުންވެސް ކުޑަވެފައި އަދި އެހާމެ އަގުބޮޑެވެ. އަދި ފާޚާނާތައް އެހާމަ ކުޑައެވެ. ނުވިތާކަށް ބައެއް އެޕާޓްމަންޓް ތަކުގައި އެކި ކޮޓަރީގައި ދިރިއުޅޭ މީހުން ބޭނުން ކުރަން ހުންނަނީ ކޮމަން ޓޮއިލެޓެކެވެ. ބަދިގެ ތަންކޮޅު ކުޑަވެފައި، ކައްކާ ގަޑީގައި މުޅި އެޕާޓްމަންޓްގައި ދުވާނީ ކައްކާވަހެވެ. ސަބަބަކީ އެތަންތަނުގެ ވެންޓިލޭޝަން ރަނގަޅު ނޫންވީމައެވެ.

މާލޭގެ ގެދޮރުގެ ޙާލަތާއި ގުޅޭ ގޮތުން 2008 ވަނަ އަހަރުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހައުސިން އެސެސްމެންޓު ރިޕޯޓެއް ތައްޔާރު ކޮށްފައި ވެއެވެ. މިރިޕޯޓުގައި ބުނާގޮތުން މާލޭގައި މީހުން ދިރިއުޅެމުންދަނީ ވަރަށް ތާށި "ސްލަމް" ނުވަތަ ޖިފުޓި ޒާތުގެ ތަންތަނުގަ އެވެ. ރަނގަޅު ވެންޓިލޭޝަނެއް ނުހުރެއެވެ. އެތަންތަނުގައި ދިރިއުޅެނީ ގިނަ ފަހަރަށް ދެ ޢާއިލާއެއް އެކީގަ އެވެ. އެއީ އެހާބޮޑު އަގުގައި އިތުރުތަނެއް ކުއްޔަށް ހިފޭނެ އާމްދަނީއެއް ނުލިބޭތީއެވެ. އަދި 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މާލޭގެ 11.4 އިންސައްތަ ގޭބީސީއަކީ 10 މެންބަރުން ނުވަތަ އެއަށްވުރެ ގިނަ މީހުން ހިއްސާވާ ގޭބީސީތަކެވެ. އެއީ އެއް ގޭބީސީގައި އެއް ޢާއިލާއަށްވުރެ ގިނަ ޢާއިލާ ދިރިއުޅޭތީ މެދުވެރިވާ ގޮތެކެވެ. ސަބަބަކީ މާލޭގެ އެޕާޓްމަންޓް ތަކުގެ ކުލި ބޮޑު ވުމާއި އެކު މަޖުބޫރު ހާލަތުގައި ގިނަ ޢާއިލާ އެކީގައި އުޅެނީއެވެ.

މާލޭގައި ވަޒީފާގެ ބޭނުމުގައި، ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކޮށްގެން މިފަދަ އެޕާޓްމަންޓް ތަކުގައި ދިރި އުޅޭއިރުވެސް އެއަށްވުރެން ފަސޭހަ ތަނެއް އަދި ކުޑަ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ލަސްވުމަކީ އެފަދަ ރައްޔިތުންނަށް އެމީހުންގެ ޙައްގުން މަހުރޫމު ކުރުން ކަމުގައި ގަބޫލު ނުކެރެވެނީ ކީއްވެތޯއެވެ؟ ނުވަތަ މިއީ މާލޭގެ ގެދޮރުވެރިންނަށް ލިބިދާނެ ގެއްލުމުން ސަލާމަތް ކުރުމަށް ކުރެވޭ ކަމެއްތޯއެވެ؟

ޒަމާނުއްސުރެން މާލެ ތޮތްޖައްސާފަ ބޭއްވުމުގެ ބޭނުމަކީވެސް މާލޭގެ ގެދޮރުވެރިން، އެއްވެސް ބުރަމަސައްކަތެއް ކުރުމެއްނެތި އާމްދަނީ ހޯދުމަށް ގާއިމު ކޮށްފައިވާ ރޭވުންތެރި ސިޔާސަތެއް ކަމާއި މެދު ދެބަސްވާނެ މީހަކު މިހާރު މަދުވާނެ އެވެ. ހުރިހާ ކަމެއް މާލެއަށް ފުރިހަމަ މިކުރަނީ މާލޭގެ ގެދޮރުވެރިންގެ ޙައްގުގައި ކަމަށް މިހާރު ގަބޫލު ކުރަން ޖެހެއެވެ. ދިވެހި ރައްޔިތު ކަމުގެ އައިޑީ ކާޑެއް މިއޮތީ ހަމަ އެކަނި މާލޭގެ ގެދޮރުވެރިން އަތްޕުޅުގައި ތޯއެވެ؟ ނޫނެކެވެ. ހުރިހާ ދިވެހި ރައްޔިތުން އަތުގައި އޮތީ ހަމަ އޭގެ އައިޑީ ކާޑެކެވެ. އެހެންކަމަށްވާނަ ހިޔާ މަޝްރުއޫގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 16 ޓަވަރުގައި ހިމެނޭ ހުރިހާ ފްލެޓެއް އޭގެ ޙައްގުވެރިންނަށް އަވަހަށް ފޯރުކޮށް ދެއްވާށެވެ. މީގެ ސަބަބުން އެހެނިހެން ރައްޔިތުންނަށްވެސް ލުޔެއް ލިބިގެންދާނެ ކަމީ ޔަގީންވާ ކަމަކެވެ.

މިސަރުކާރު ވެރިކަމާއި ހާވާލުވިއިރު އެތަންތަނުގެ މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައެވެ. އޭގެ ފަހުން 2 އަހަރު ވާން ކާރިވާއިރުވެސް އެތަންތަން ނިންމާ އޭގެ ޙައްގު ވެރިންނަށް ދެވިފައި ނެތުމަކީ އެމީހުންނަށް އިޙްމާލުވުން ނޫން ދެން ކޮންކަމެއް ތޯއެވެ. އަލިފާން ފޮށްޓެއް ކަމުގައި ވިޔަސް އަދި ގުރާ ކޮށްޓެއް ކަމުގައި ވިޔަސްވެސް އެތަންތަނުގައި ދިރިއުޅެން މީހުން ތިބީ ކެތްމަދު ވަފެއެވެ. އެރައްޔިތުންނަށްޓަކައި އެކަން އަވަސް ކުރުމަކީ އެހެން ރައްޔިތުންނަށްވެސް ކޮށްދެވޭ ފަސޭހަ އެކެވެ. ނަމަވެސް މިސަރުކާރު ވެރިކަމާއި ހަވާލުވި ހިސާބުން ފެށިގެންވެސް މި ފްލެޓްތަކާއި ބެހޭގޮތުން ތަފާތު ވާހަކަ ތަކެއް އަންނަނީ ވިދާޅުވަމުންނެވެ.

އެންމެ ފުރަތަމަ ވިދާޅުވީ އެފްލެޓްތަކަކީ މީހުން ދިރިއުޅެން ހެޔޮވާވަރުގެ ތަންތަން ނޫންކަމުން އެތަންތަނަށް ބަދަލު ތަކެއް ގެނަސް 3 ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލު ކުރާވާހަކައާއި އަދި ފިނިޝިން މަސައްކަތް ފުރިހަމަ ކޮށް ވަރަށް އަވަހަށް ހަވާލު ކުރާނެ ވާހަކައެވެ. މިވާހަކަ ދެކެވެމުން އައީ 2019 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އޭގެ ގާތްގަނޑަކަށް އަށްމަސް ފަހުން ސަރުކާރުން ވިދާޅުވީ ފްލެޓްތަކުގެ ޑިޒައިންތަކަށް ބަދަލު ގެންނަން ޖެހޭވާހަކަ އެވެ. ނަމަވެސް އަނެއްކާ އޭގެ 18 ވަރަކަށް މަސްފަހުން ރައީސުލް ޖުމުހޫރިއްޔާ މިހާރު ވިދާޅުވަނީ އެއްވެސް ބަދަލެއް ނުގެނެސް އަދި ފިނިޝިން މަސައްކަތްވެސް ނުނިއްމާ އޭގެ ޙައްގުވެރިންނާއި ޙަވާލު ކުރާ ވާހަކަ އެވެ.

މިހުރިހާ ވާހަކަ އެއް މިދައްކަވަނީ މާލޭގެ ގެދޮރުވެރިންގެ ޙައްގުގައި ތޯއެވެ؟ އެބޭފުޅުންގެ ޙައްގުވެސް ސަލާމަތް ކުރެވޭނެ ގޮތެއް ހަމަޖައްސަވާ ދެއްވާށެވެ. ނަމަވެސް ދިވެހި ނިކަމެތި ރައްޔިތުންގެ ލޭބޯ އުސޫލުން އެމީހުންނަށް ލިބޭ ހުރިހާ އާމްދަނީއެއް ދަމައި ގަނެވޭ އުސޫލަކުން ނޫނެވެ. ހިޔާ މަޝްރޫޢުގެ ފްލެޓްތައް އޭގެ ޙައްގުވެރިންނަށް ލިބުމުން މާލޭގެ ގެދޮރުވެރިންގެ ފްލެޓްތައްވެސް ހަމަ އަގަށް ތިރިވާނެ އެވެ. މިއީ މާލޭގެ ގެދޮރުވެރިންގެ ޙައްގައް ގެއްލިގެންދާނެ ސަބަބެއް ނޫނެވެ. މިހާރު ސަރުކާރުން މާލޭގެ ގެދޮރުވެރިންނަށް ހުޅުވާލަ ދެއްވާފައިވާ ފުރުސަތަކީ ނިކަމެތި މީހާގެ ލޭބޮއި ގަނެވޭނެ ފުރުސަތެކެވެ. މިކަން ނިމުމަކަށް ގެނެސްދެއްވާށެވެ. މާލޭގެ އެޕާޓްމަންޓު ތަކުގެ ކުއްޔަށް އަސަރު ކުރި ނަމަވެސް ހިޔާފްލެޓްތައް އޭގެ އަހުލުވެރިންނަށް ދެއްވާށެވެ. ކޮތަރު ކޮށްޓަކަށް ވިޔަސް، އަލިފާން ފޮށްޓަކަށް ވިޔަސް އަދި މީދާ ހިފާ ދަންތުރައަކަށް ވިޔަސް ދެއްވާށެވެ. އޭގެ ޙައްގުވެރިން ތިބީ އެތަންތަނުގައި ދިރިއުޅެން ތައްޔާރަށެވެ. ހަމަ އެކަނި ރުއްސަންވީ މާލޭގެ ގެދޮރުވެރިން އެކަންޏެއް ނުމެ ނޫނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން