ޞާދިރު ޢަލީދީދީ   26 ޖޫން 2020 - 14:42
ސަރާ
ސަރާ
އެޕިސޯޑް 07

...............

[އަނހަ...މީޝާ....ކޮންދުވަހަކު އައީ؟ ރަށުގެ މީހުންގެ ޙާލު ކިހިނެއް؟ ދެން ފޯން ބާއްވަނީ...އަހަރެންގެ ވަރަށް ދުވަސްވީ ރަޙްމަތްތެރިއަކު އައިސް އެބައިން...] މަލަކާ މީޝާޔާވެސް ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލިއެވެ.

[ކޮން ދަތުރެއް، ކޮބާ ފިރިމީހާ؟] މަލަކާ މީޝާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނެވެ. މީޝާއަކީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށުގެ އަންހެން ކުއްޖެކެވެ. އޭނާގެ ފިރިމީހާ ނަވާލަކީވެސް ހަމަ އެރަށުގެ ޒުވާނެކެވެ.[ނަވާލް ހިނގައްޖެ އަހަރެން މިގެއަށްލާފައި. އޭނަ ދިޔައީ ރައްޓެއްސަކާ ބައްދަލުކުރަން. ކޮބާ އަދިވެސް ޢިމްރާނާ އިންނާކަށް ނުވޭތަ؟] މީޝާއަށް އެހެން ބުނެވުނު ވަގުތަކީ ޢިމްރާންގެ މަންމަ ފަހީމާ އެތަނަށް ހުއްޓުނު ވަގުތު ކަމަށްވުމުން، މީޝާއަށް ޖަވާބު ދިނީ ސީދާ ފަހީމާއެވެ.

[ނޫނޭ....އެދެކުދިންގެ ކައިވެނީގެ ވަގުތު އެބަޖެހޭ. މިހާރު ހުރިހާ ތައްޔާރީއެއްވަމުން މިދަނީ. ދޯ ދަރިފުޅާ......] މަލަކާ ބޯޖަހާލަމުން އިސްޖަހާލިއެވެ.

[މަލަކާގެ ތި އިސްޖަހާލުމުން، މަލަކާ ކޮންމެވެސް ހިތާމަތަކެއް ބަރުދާސްތު ކުރާ ކަހަލަ. އަނެއްކާ ޢިމްރާން....] މަލަކާގެ ޙަރަކާތުން މީޝާ މަލަކާގެ އިޙްސާސްތައް ދެނެގެންފިއެވެ.

[ދެން ތިވާހަކަ އެހެން ފަހަރަކުންދޯ؟ ރަށުގެ ކަންތައްތައް ކިހިނެއް. ރަށަށްދިޔަ ގޮތަށް ގުޅާވެސްނުލާ....އަހަންނަށް ނަންބަރު އެނގޭނަމަތާ ގުޅާލެވޭނީވެސް.] މަލަކާ މީޝާގެ މައުޟޫޢު ބަދަލުކުރުވިއެވެ. އެވަގުތު ޢިމްރާންގެ މަންމަވެސް އެތާނގައި ހުރީތީއެވެ.

[އަހަރެން ދެދުވަހަކު މިގެއަށް ގުޅިން. އެކަމަށް މަލަކާ ގޭގަ އުޅޭ ކަމަކަށްނުވޭ. މޯބައިލަށް ގުޅި ދެފަހަރުވެސް ބުނީ ގުޅޭ ސަރަޙައްދުން ބޭރުގަޔޯ.] ހީނގަންނަމުން މީޝާ ބުންޏެވެ.

[ހިނގާ އެފަރާތަށް.] މަލަކާ އިޝާރާތް ކުރީ އެ ބިލްޑިންގގައި އޭނާގެ ޢާއިލާ އުޅޭ އެޕާޓްމަންޓަށެވެ.

[އެބައިގަތަ މަލަކާމެން އުޅެނީ؟] މަލަކާގެ ފަހަތުން ހިނގައިގަންނަމުން މީޝާ އެއްސެވެ.

[ދެބައިގައިވެސް އުޅެވޭ. އުޅޭކަށް ވަކިތަނެއް ތަނެއް ނޯވޭ.] މަލަކާ ބުނެލިއެވެ.

[ޢިމްރާން މަންމަ މަލަކާއާ ވަރަށް ގުޅޭދޯ؟] މީޝާ އޭނައަށް ފެނުނު މަންޒަރަށް އަލިއަޅުވާފައި ބުންޏެވެ.

[ދެފަރާތުގެ ޢާއިލާވެސް ވަރަށްގުޅޭ. އެންމެންވެސް ބޭނުންވަނީ ގުޅިފައިވާ ވިޔަފާރިއެކޭ އެއްފަދައިން، ޢާއިލީ ގުޅުންވެސް ވަރުގަދަ ކުރަން. ގުޅުން ވަރުގަދަ ކުރެވޭނީ އަހަރެންނާ ޢިމްރާންގެ ކައިވެނި ކުރެވިގެން ކަމަށް. ޚާއްޞަކޮށް، ޢިމްރާންގެ މަންމައާއި އަހަރެންގެ މަންމަ ގަބޫލުކުރޭ....] މަލަކާ ރަޙްމަތްތެރިޔާއަށް ކިޔާދިނެވެ.

[ދެން ކީއްވެތަ މަލަކާއާ ޢިމްރާން ނީނދެގެން އުޅެނީ؟] މީޝާ އެއްސެވެ.

[މީޝާ އަހަރެން އުޅުނީ އަޞްލު މިކަން މީޝާއަށް ސިއްރު ކުރަން. އެކަމަކު ހިތުގައި އަޅާ ވޭނުގެ ސަބަބުން އެވާހަކަ ކިޔާދޭން މަޖުބޫރު ވެއްޖެ. އެއްއަތްތެޅިޔަސް އަޑެއް ނުކިޔާނެ. ޢިމްރާނަކީ މިހާރު މީހެއްގެ ފިރިއެއް. ރާއްޖެތެރެއަށް ކުރި އެންމެ ދަތުރަކުން އެ ސަރާޔަކު ޢިމްރާންގެ ހިތް އަތުލީ....އެކަމަކު އަހަރެން ބޭނުން ޢިމްރާނުގެ ޙަޔާތުގެ ބައިވެރިޔަކަށްވާން. އެކަން ނުކޮށްފިއްޔާ އަހަންނަކަށް މަލަކާއެއް ނުކިޔާނެ....] މަލަކާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

[ޢިމްރާން އެހެން މީހަކާ އިނީޔޭ. ތިބުނި ސަރާޔަކު މިގޭގަ އެބައުޅޭތަ؟ އޭނަ އަހަންނަށް ދައްކާލަފާނަންތަ؟] ހިސާބަކަށް ހުއްޓުން އަރާފައި ހުރެ މީޝާ އެއްސެވެ.

[އާނ އެބައުޅޭ. އެކަމަކު ބުނަން ޢިމްރާންގެ ފުށުން ލިބޭ ހިތްހަމަޖެހުން ފިޔަވައި އެއްވެސް އުފަލެއް މިހިޔާވައްސަކުން އޭނައަކަށް ނުލިބޭ. ޢިމްރާން މަންމަ އޭނައަށް ވަރަށް ފިއްތުންތައް ފިއްތާނެ.]

އެއީ މަލަކާއަށް ލިބިފައިވާ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ޢިމްރާން ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގައި އޭނާއަށް ލިބިފައިވާ ހިތްވަރަކީ ޢިމްރާންގެ މަންމަ ފަހީމާއެވެ.

ފަހީމާގެ ވިސްނުމާއި ރޭވުންވަނީ ސަރާއަށް އުނދަގޫކޮށްގެން އެގެއިން ނެރެލެވޭނެ ގޮތަކާ ދޭތެރޭގައެވެ. އޭނާގެ ދަރިއެއްގެ ގޮތުގައި ރާއްޖެތެރޭގެ ނިކަމެތި އަންހެން ކުއްޖަކު ހުންނާކަށް ފަހަރެއްގައިވެސް އޭނާޔަކަށް އެއްބަހެއް ނުވެވޭނެއެވެ. ނަމަވެސް އެކަން ލޯބިވާ ދަރިފުޅު ޢިމްރާންގެ ކުރިމަތީގައި ފާޅުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ގަސްދަކީ ޢިމްރާނަށް އެއްވެސް ކަމެއް މޭރުންނުވާ ޙާލު އޭނަޔާ ސަރާޔާ ދެމެދު ވަރުގަދަ ފާރެއްލުމަށެވެ. އެއްވެސް ފަރާތަކަށް ފުނޑުފުނޑުނުވެވޭ ވަރަށް ވަރުގަދަ ފާރެއްގެ ގޮތުގައެވެ. އޭނާ ގަބޫލުކުރެއެވެ. އޭނާގެ އުންމީދުތަކާއި ދުށް ހުވަފެންތައް ވަޔަށް ބުރުވާލުމުގެ ކުޑަވެސް ޙައްޤެއް ސަރާއަކަށް ނޯންނާނެއެވެ.

މިހާރު އޭނާގެ ހުރިހާވެސް ވިސްނުމެއްވަނީ ސަރާޔާއެކު ސަރާގެ ރަށަށް ދިޔަނުދީ ޢިމްރާން ހިފެހެއްޓުމެވެ. އެކަމަށް އޭނާ އެދަނީ ނިކަން ވިސްނައި ތައްޔާރުވަމުންނެވެ.

[ފަހީމާ މަންމަ ޢިމްރާން ހަމަ ސަރާއާއެކު އެރަށަށް ދަނީތަ؟] މަލަކާ ނިކަން ދެރަވާފާޑުގެ އަސަރުތަކެއް މޫނުމައްޗަށް ގެންނަމުން ފަހީމާއާ ވާހަކަ ދެއްކިއެވެ.

[ޢިމްރާނެއް ނުދާނެ. ޢިމްރާނަށް ލާހިކެއް ނޫން ދާކަށް. އެ ސަރާ ދާންޖެހޭނީ އެކަނިމާއެކަނި. ދަރިފުޅު ހާސްނުވޭ. މިމަންމަގެ ބުއްދީގެ މަޅިޔަކުން ސަލާމަތެއް ނުވެވޭނެ.] ފަހީމާ ފިސާރި ޔަޤީންކަމާއެކު ބުންޏެވެ. މަލަކާ ހިސާބަކަށް ހިތްހަމަޖެހިއްޖެއެވެ. ޙަޤީޤަތުގައި ކޮންމެ ގޮތެއް ހަދާފައިވެސް ޢިމްރާން ދިޔަނުދީ ހިފެހެއްޓުމަކީ އޭނާގެ އެންމެބޮޑު އެއްމަޤްޞަދެވެ. އޭނާގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ފަހީމާ އެހުރީ އޭނާއަށް އެންމެ ފުރިހަމަ ގޮތުގައި އެހީވާން ތައްޔާރަށެވެ. ފަހީމާއަކީ ގޮތްދޫނުކުރާ ޒީލަގަދަ އަންހެނެކެވެ. އޭނާ ސަރާއާ ދޭތެރޭ މިހާރުވެސް އެދެކޭ ގޮތުން އޭނާގެ މިޒާޖު ސަރާއަށް އެނގެއެވެ. ޙަޤީޤަތުގައި އޭނާގެ މޫނު ފެނުނަސް ސަރާ ހުންނަނީ ބިރުން ތުރުތުރު އަޅާ ޙާލުގައެވެ.

[ހާދަ ބިރުގެންފަ! ކިހިނެއްވީ؟ މިގޭތެރޭން ސަރާ ހިތްހަމަނުޖެހޭ ކަމެއް ދިމާވީތަ؟] ބޭރުތެރޭ އުޅުމަށްފަހު ގެއަށް އައިސްވަން ޢިމްރާން ސަރާ ހުރިގޮތުން ސަރާޔާ ސުވާލުކުރިއެވެ. ހަޤީޤަތުގައި ސަރާ އެއިޙްސާސްގައި ހުއްޓާ ޢިމްރާނަށް އެފެނުނީ ދާދިކުޑަ ހިނދުކޮޅެއް ކުރިން ފަހީމާ ސަރާގެ ކުރިކަނޑާފަ ދިޔައީމައެވެ.

[މިއުފާވެރި މާޙައުލާ ކުޑަދުވަސްކޮޅަކަށް ނަމަވެސް ވަކިވާންޖެހޭތީ ދެރަވަނީ...ފިކުރު ބޮޑުވަނީ.] ސަރާ އިސްޖަހާލުމަށްފަހު ހިންދިރުވާލިީ ހިތާމަތައް ހިންދާލާ ފަދައިންނެވެ.

[ފިކުރުނުކުރޭ ލޯބީ. އެކޮޅުގައި މާގިނަދުވަސްތަކެއް ނުވާނެއެއްނު. ގެ ހިސާބަކަށް ނިމުނީމާ އަނެއްކާވެސް އަހަރެމެން އަންނާނީ. އަންނައިރު ސަރާގެ މަންމަވެސް އާދޭސްކޮށްގެން ނަމަވެސް ގެނެވޭތޯ މަސައްކަތް ކުރާނީ....] ޢިމްރާން ސަރާގެ ބޮލުގައި ނުހަނު ޢިޝްޤީ އަސަރުގައި ފިރުމާލަމުން ސަރާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެލޯބިވެތި މަންޒަރު ނިކަން ރަނގަޅަށް ފަހީމާ ދުށްޓެވެ. އެމަންޒަރުން އޭނާއަށް ހީވީ އޭނާގެ ހިތުގައި ދަރިފުޅު ވަކިއަޅައިގަތީ ހެންނެވެ. އޭނާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

އެހިނދު އޭނާގެ ހިތަށް އެރިއެވެ. މާގިނަ ދުވަސްތަކެއް ނުވާނެއެވެ. ތިލޯބި ބަދަލުވާނެއެވެ. ފޫހިވާވަރު ކުރާނަމެވެ.

ކުއްލިއަކަށް ވީގޮތެއް ނޭނގެއެވެ. ފަހީމާ އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ޢިމްރާނާއި ސަރާ ކޮޓަރިން ނިކުތީ އެމަންޒަރު ފެނި، އެގޭގައި ގެންގުޅޭ މީހާ ރުމާލީ ހަޅޭއްލަވައިގަތް އަޑަށެވެ.

[އަޅެ މަންމައަށް ކިހިނެއްވީ؟] ޢިމްރާން ދުވެފައި ކަހަލަ ގޮތަކަށް އައިސް މަންމަގެ ގައިގައި ހިފައިފިއެވެ. އޭރު ފަހީމާ މޭގައި އަތް އަޅައިގެން އޮވެމެ ރޮނީއެވެ. މާގިނައިރެއްނުވެއެވެ. އައީ ކޮންދިމާއަކުން ކަމެއްވެސް ނޭނގެއެވެ. މަލަކާ ނިކަން އަވަހަށް އައިސް އެތަނަށް ހުއްޓިއްޖެއެވެ. މަލަކާއާ އެކުއެކީގައިހެން ސަރާވެސް އެތަނަށް އައިސް ހުއްޓިއްޖެއެވެ.

[މަންމައަށް ކިހިނެއްވީ؟] ސަރާޔާ މަލަކާއާ ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެހުނެވެ.

[މަންމަ މިއޮތީ އަނބުރައިގެންފައި...މަލަކާ އަވަހަށް ޑޮކްޓަރ ޝަހީދަށް ގުޅާބަލަ.] ޢިމްރާން މަންމަ އުފުއްލާލާފައި ގެންގޮސް މަންމަގެ ކޮޓަރީ އެނދުގައި ބޭއްވިއެވެ. މަލަކާ ވަގުތުން ޑޮކްޓަރ ޝަހީދަށް ގުޅައިފިއެވެ. ޑޮކްޓަރ ޝަހީދަކީ އެޢާއިލާގެ ޚާއްޞަ ޑޮކްޓަރެކެވެ. އެޢާއިލާގެ ކުންފުނިން އޭނާއަށް މުސާރަވެސްދެއެވެ. ވުމާއެކު ކޮންމެފަދަ ވަގުތަކު ގުޅާލިޔަސް އޭނާ އަންނާނެއެވެ.

[ޑޮކްޓަރ ޝަހީދު ބުނުއްވީ ފަސްމިނިޓްތެރޭ އަންނާނަމޭ.] ޑޮކްޓަރާ ގުޅާލުމަށްފަހު ކޮޓަރިއަށް ވަންނަމުން މަލަކާ ބުންޏެވެ. އޭގެކުރިން އޭނާ ޑޮކްޓަރ ގާތު އޭނާ ބޭނުން ހުރިހާ ވާހަކައެއްވެސް ދެއްކިއެވެ. އެއީ މަލަކާގެ ރޭވުމެވެ. އޭނާގެ ރޭވުން ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރާނޭ ކަމަށް ޑޮކްޓަރ ވަނީ މާކުރިންވެސް މަލަކާގާތު ބުނެފައެވެ.

އޭރު ސަރާ މަލަކާއާއި ފަހީމާގެ މޫނަށް ބަލާލިއެވެ. އޭނައަށް މައިދައިތަގެ މޫނުމައްޗަކުން ބަލީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވުމާއެކު ދެން އޭނާ ބަލައިލީ މަލަކާގެ މޫނަށެވެ. މަލަކާ ހުރީ ލޮލުގެ ކުޑަކޮޅުން ސަރާއަށް ބަލަހައްޓައިގެންނެވެ.

މާގިނައިރުތަކެއް ނުވެއެވެ. ޑޮކްޓަރ ޝަހީދު އައިސް ވަދެއްޖެއެވެ. ކަށިގަނޑު އަޅާލައި މަލަކާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ކަށިގަނޑު އަޅަން ފަަށައިފިއެވެ.

[މަންމަ ހީވަނީ މާބޮޑަށް ކަމަކާ ވިސްނަނީހެން. ލޭގެ ޕްރެޝަރ ވަރަށް މައްޗަށް ގޮސްފައިވަނީ...މިހާރުން ފެށިގެންވެސް މަންމައާ ދޭތެރޭ ވިސްނުން ބުއްދިވެރި ކަމަށްފެނޭ.] ޑޮކްޓަރ ޝަހީދު މަލަކާއާ ދިމާއަށް ބަލައި އެއްމިޔަކަނުން ހީލިއެވެ. ޑޮކްޓަރގެ އެޖުމްލައިން ޢިމްރާނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ލިބުނެވެ. ހިނދުކޮޅަކަށް އޭނާ ހުއްޓުންވެސް އެރިއެވެ. އޭނާ ވިސްނަން ފެށިއެވެ. މަންމަ ވިސްނަންވީ ކޮންކަމަކާބާވައެވެ؟

[މަންމަޔަށް ސަމާލުވާތި....މިވަގުތު ދެންދަނީ. އަދި މިރޭ އައިސް ޗެކަޕެއް ހަދާލާނަން.] ޑޮކްޓަރ ޝަހީދު ހިނގައިގެންފިއެވެ.

[ދަރިފުޅާ..ދަރިފުޅު....މިރޭ މަންމަ އެކަނިކޮށްފަ ފުރަނީތަ؟] ފަހީމާ ނިކަން ބަލި އަސަރާއެކު ޢިމްރާންގެ އަތުގައި ހިފަހައްޓާލިއެވެ. ޢިމްރާން ބަލައިލީ ސަރާގެ މޫނަށެވެ. ސަރާ އިސްޖަހާލިއެވެ. އޭރު ހިސާބަކަށް ހިނިތުންވުމުގެ އަސަރު ވެރިކުރުވައިގެން މަލަކާ ހުއްޓެވެ.

[މަންމާ...ކޮންމެ ގޮތެއްވިޔަސް ކިހިނެއްތަ ސަރާ އެކަނި ފޮނުވާނީ. މާގިނަ ދުވަހެއް ނުވާނޭ އަހަރެން....] ޢިމްރާން މަންމަގެ ބޮލުގައި ފިރުމާލިއެވެ.

[ތިބުނި ބަހުގެ މާނައަކީ، މަންމަ ކިތަންމެ ބައްޔަސް ދަރިފުޅު މިރޭ ފުރައިގެންދާނީއޭ.] ފަހީމާ ބާރަށް ރޮއިގެންފިއެވެ. ޢިމްރާނަށް ހަދާނޭގޮތް ހުސްވިއެވެ.

[އެހެނެއް ނުބުނަމެއްނު މަންމާ ހުއްޓާލަބަލަ. ސަރާޔާއެކު އިހަށް މަންމަ ބަލި ރަނގަޅުވަންދެން ނިޔާޒް ފޮނުވާނީ. އެންމެ ރަނގަޅު ދޯ ސަރާ؟] މަންމަގެ ހިތްހަމަޖައްސައިދނުމަށްފަހު ޢިމްރާން ސަރާއަށް ދޯ ދިނެވެ. އެހެން ގޮތެއް ނެތްކަން އެނގޭތީ ސަރާ އެކަމަށް އެއްބަސްވިއެވެ.

ވުމާއެކު، އެރޭ ސަރާއާއެކު ސަރާގެ ރަށަށް ދިޔުމަށް ފުރީ ނިޔާޒެވެ. ސަރާއާއެކު އެރޭ ނުދެވުމުން ޢިމްރާން ވަރަށް ދެރަވިއެވެ. ޙަޤީޤަތުގައި އެގޮތަށް ސަރާ އެކަނި (ޢިމްރާނާ ނުލާ) ރަށަށް ފޮނުވުމަކީ އޭނާ އެހާ ހިތްރުހޭ ކަމެއް ނޫނެވެ. އެކަމާ ސަރާ ހިތާމަ ކުރާނޭކަންވެސް އޭނައަށް އެނގެއެވެ. ނަމަވެސް ސަރާ އެދިޔައީ ހިތާމަތައް ހިންދައިގެނެވެ. ޢިމްރާނަށް ނޭނގުނަސް ސަރާއަކީ ކެތްތެރި އަންހެނެކެވެ. އޭނާ ހިތާމަތަކަށް ކެތްކުރަން ދަނެއެވެ. ވެދާނެއެވެ. އެއީ އޭނާގެ މަންމަ ނަޖްމާގެ ތަރުބިއްޔަތެވެ. އޭނައަށް މަގު ދައްކައިދީފައިވަނީ އެމަންމައެވެ. އެމަންމައަކީވެސް ކެތްތެރި ކަމުގެ ފުރިހަމަ ނަމޫނާ އަންހެނެކެވެ. އެމަންމައަށްވުރެ ވަކި ހިތްދަތި މާޒީއެއް ޙިއްޞާކޮށްފައިވާ އަންހެނަކު ގައިމުވެސް އެރަށަކު ނުހުންނާނެއެވެ.

ސަރާ ފުރައިގެން ދިޔުމުން މަލަކާ އެރޭ ހުރީ ވަރަށް އުފާވެފައެވެ. އެއީ އޭނާއާއި ފަހީމާގެ ރޭވުމެވެ.

[އަހަރެންގެ މަސައްކަތް ކާމިޔާބުވާނެ. އަހަރެން ޢިމްރާން، އަހަރެންގެ މީހަކަށް ހަދާނަން.] މަލަކާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ މީޝާއާއެވެ. ފޯނުންނެވެ.

[ޢިމްރާން ނޫޅެންޏާ ކިހިނެއްތަ ތިކަން ކުރާނީ. އެއްއަތް ތެޅިޔަސް އަޑެއް ނުކިޔާނެ.] މީޝާ ބުނެލިއެވެ.

[މީޝާއަށް އަހަރެން ދަހެއްނުވޭދޯ؟ އަހަންނަކީ މަލަކާ...އަހަރެން ޢިމްރާނަށް މަޖުބޫރު ކުރުވާނަން.] މަލަކާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

[ތިދުވަސް ދެކެން އަހަންނަށްވެސް މާލޭގައި ހުރެވިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.] މީޝާ ހީގަތެވެ.

[ދެން ބާއްވަނީ...މީހަކަށް ގުޅަން އެބަޖެހޭ.] މަލަކާ ކުއްލިއަކަށް އެހެން ކަމެއް ހަނދާންވީމާ ފޯން ބޭއްވިއެވެ.

ދެން އޭނާ ގުޅީ އޭނާގެ ބޯއިފްރެންޑް ރައްޒާޤަށެވެ.

[ކިހިނެއްވީ ލޯބީ ދާންވީތަ؟ ފޯނު ނެގުމަށްފަހު ރައްޒާޤު ވާހަކަ ދެއްކިއެވެ.

[އަހަރެން ބުނީމެއްނު ބޭސްހޯދާފަ ބަހައްޓާށޭ. މިހާރު ދުވަސް ފަހަނައަޅާދިޔަތާ ކިތަންމެ ދުވަހެއް. އަހަންނަށް މިހާރު ކޮންމެވެސް ވަރަކަށް އަސަރު ފެންނަންވެސް ފަށައިފި.] މަލަކާ ބުންޏެވެ.

[އޯހ...ހަނދާނެއްވެސް ނެތް. މާދަމާރޭ ހޯދާނަން. އެކަމަކު މިރޭ ހިނގާ ބައްދަލުވަމާ. އެއްކަލަ ކޮޓަރި އަދިވެސް ހުސް. މަލަކާ ކާރުގައި އާދޭ. އަހަރެން އެގޭދޮށުގައި ހުންނާނަން. މިރޭ ކުލިނިކަކުން ޔޫރިން ޓެސްޓެއްވެސް ހަދާލާނީ.] ރައްޒާޤު މަލަކާއަށް ދަޢުވަތު ދިނުމަށްފަހު ފޯން ބޭއްވިއެވެ.

އެހިނދު ރައްޒާޤު ގާތު ދާނަމޭ ނުބުނި ނަމަވެސް ހިތްހަމަޖެހުމަށް އޭނާ އެދޭތީ، މަލަކާ ރައްޒާޤުގެ ދަޢުވަތު ގަބޫލުކޮށް ރައްޒާޤު ބުނި ގެއަށް ދިޔައެވެ. އޭރު އެގޭ ދޮރުމަތީގައި ރައްޒާޤު މަލަކާގެ އިންތިޒާރުގައި ހުއްޓެވެ.

މަލަކާ އެގެއާ ފަންސާހަކަށް ފޫޓް ދުރުގައި ކާރު ޕާކްކޮށްލުމަށްފަހު ރައްޒާޤާއެކު އެކޮޓަރިއަށް ވަދެއްޖެއެވެ. ރައްޒާޤު ކޮޓަރި ތަޅުލިއެވެ. މަލަކާ އެނދުގައި ދެފައި ދަމާލައިގެން އޮށޯތީއެވެ.

އެރޭ އެކޮޓަރިތެރޭގައި މަލަކާ ގަޑިއެއްހާއިރު ހޭދަކުރިއެވެ. އެއީވެސް އުފަލާއި އަރާމާއި ލައްޒަތު ލިބިދިން ވަގުތެކެވެ. އޭނާ ގެޔަށް ދިޔައީ ކްލިނިކަކުން ޓެސްޓްކޮށް، ޓެސްޓްގެ ނަތީޖާވެސް ލިބުނީމައެވެ. ނަތީޖާ އައީ ކުރިންވެސް އޭނާ ހީކުރިގޮތަށް ޕޮޒިޓިވް ވެގެނެވެ. ވުމާއެކު އޭނާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

[ދެރަނުވޭ...މަލަކާ...މިރޭ އަހަރެން ބޭސް ހޯދާނަން. ދެން އަވަހަށް ގެއަށްދޭ.] ރައްޒާޤު ސައިކަލް ވަރަށް ބާރަށް ދުއްވާލައިފިއެވެ. މަލަކާ ގެއަށް ދިޔައީއެވެ. ރައްޒާޤުގެ ބަހަށް ހެއްލި ހުރެމެ ހިތްހަމަޖައްސާލައިގެނެވެ. ނަމަވެސް ރައްޒާޤަކީ މުޅިން ތަފާތު ވިސްނުމަކުން ވިސްނާ މީހެކެވެ. އަބަދުވެސް މަލަކާގެ ބަނޑުން އޭނާއަށް ކުއްޖަކު އުފަން ކުރުމަކީ އޭނާ ވިސްނާ ކަމެކެވެ. މިއަދު އެއޮތީ އެފުރްޞަތު އޭނާއަށް ފަހިވެފައެވެ.

ކޮންމެ ގޮތަކަށް އެދަރިފުޅު އުފަންވި ކަމުގައިވިޔަސް، އެދަރިފުޅު ވާނީ ވިޔަފާރީގެ ބާރަކަށެވެ. އޭގެ ފައިދާ ރައްޒާޤަށްވެސް ލިބޭނޭ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އެކުއްޖާ އުފަންވެއްޖެނަމަ، އޭނާ ތައުބާވެ އެކުއްޖާއަކީ އޭނާގެ ދަރިއެއްކަން ދުނިޔެއަށް ސާބިތުކޮށްދޭނެއެވެ. އެދަހިވެތިކަން ކިތަންމެހާވެސް އޭނާގެ ކިބައިގައި ބޮޑެވެ.

އެރޭ ފަހުންވެސް މަލަކާ ރައްޒާޤަށް ގުޅިއެވެ.

[މަލަކާ...ތިވަރަށް ހާސްނުވެބަލަ. އަހަރެން މިހާރު އަހަރެންގެ ރައްޓެހި ޑޮކްޓަރަކާވެސް މަޝްވަރާ ކޮށްފިން. އޭނާ ބުނީ މާއަވަސްއަރައިގަތަސް ރަނގަޅެއް ނުވާނޭ. ތިންމަސް ފަހުން އުޅުނިއްޔާއޭ ރަނގަޅުވާނީ. އޭނަގެ އަތުގަ އިންޖެކްޝަންވެސް އެބަހުރި.] ރައްޒާޤު މަލަކާގެ ހިތްހަމަޖައްސާލަދިނެވެ.

[ޕްރޮމިސްތަ؟] މަލަކާ އަދިވެސް ހާސްވަނީއެވެ. އޭނާގެ މަންމަމެނަށް އެފަދަ ކަމެއް އެނގިއްޖިއްޔާ ކަންތައް ވެދާނޭ ގޮތަކާ ދޭތެރޭ އޭނާ ހާސްވެ ކަންބޮޑުވަނީއެވެ.

[އަހަރެން ދުވަހަކުވެސް މަލަކާ ގާތު ދޮގެއް ހެދިންތަ؟ މަލަކާ ތިކަންބޮޑުވަނީ...އަހަރެން ވަކި ބޭނުންވާނެތަ މަލަކާ ބަދުނާމުވެ ރަށުތެރެއަށް ގިނަވާން...] ރައްޒާޤު ކުރިއަށްވުރެން ސީރިއަސްކޮށް ވާހަކަ ދެއްކިއެވެ.

[ނޫނޭ...އަހަރެން ރައްޒާޤަށް އިތުބާރު ކުރަން. ދެން ބާއްވަނީ.]

މަލަކާ ފޯނު ބޭއްވުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ހަމައެއާއެކު ކުއްލިއަކަށް ވާރޭވެހިގަތް އަޑު އިވުނެވެ. ހެނދުނުއްސުރެ ތުނިތުނިކޮށް އައީީ ވާރޭ ވެހެމުންނެވެ. މަލަކާ ތެދުވެ ހެދުން ބަދަލުކޮށްލުމަށްފަހު ކުޑަދޮރު ލައްޕާލައި ދޮރު ފޮތިތައް ރަނގަޅުކޮށްލިއެވެ. އެއަށްފަހު އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. މިހާރު ގަޑިން އެއޮއް އެއްގަޑިބައިވެ ދޭއް ޖަހަނީއެވެ. ގޭގެ ހުރިހާ މީހުން ނިދާފައިވާ ވަގުތެވެ. ގޭގެ އެއްވެސް ދިމާޔަކުންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހިނދު ކުއްލިއަކަށް ޢިމްރާންގެ މަތިން މަލަކާ ހަނދާންވީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


11

ހަސީ

30-Jun-2020

ވަރަށް ރީތި ވާހަކަ އެއް


7

ސަމީމާ

30-Jun-2020

މި ފަހީމާ މީ ހާދަ ނުބައި މަންމަ އެއް އިންޑިޔާ ގެ ޑުރާމާ ތަކުގަ އުޅޭކަހަލަ ނުބައި މީހެއް


7

ޒާހިދު

30-Jun-2020

އަސްލު ވަރަށް އަސަރުގަދަ ފުރިހަމަ ވާހަކަ އެއްޓްރެންޑިން