ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުތީ ގިނަބަޔަކު އަންދާޒާ ކުރި ގޮތަށެވެ. ބައެއް މީހުން އެމީހުން ބުރަވާ ގޮތަށް ހިސާބު ޖެހި ނަމަވެސް ކެމްޕޭން ތެރޭގައި އަސްލު ބޮޑު މަންޒަރަށް ބެލި މީހުންގެ ހިސާބު ހަމަ ރަނގަޅަށް ދިމާވިއެވެ. އިންތިހާބުގެ ކެމްޕޭންގައި ފެނުނު މަންޒަރުތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރި ހޯއްދަވާނެކަން ގިނަބަޔަކު ތިބީ ޔަގީން ކޮށްގެނެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް، މި ނަތީޖާގެ ސަބަބުން ގަބޫލުނުކޮށް ދޫކޮށްނުލެވޭނެ ހަގީގަތްތަކެއް ފެނިގެން ވެސް ދިޔައެވެ.

ޑިމޮކްރަސީ ފައްކާވެފައިވާ މުޖުތަމައުތަކުގައި ވެސް އެ ޕާޓީއެއްގެ ރައީސަކު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނަމަ ޕްރައިމަރީއަކަށް ދިޔުމަކީ މަދުން ނޫނީ ހިނގާކަމެއް ނޫނެވެ. އެފަދަ މަދު ގައުމެއްގައި މިއާޚިލާފަށް ނުހިނގައެކޭ ދަންނަވާކަށް ނެތީމެވެ. މިދެންނެވި ފަދައިން އެފަދަ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެރިކަމުގައި ހުންނެވި ރައީސަށް ޓިކެޓް ދޭ އުސޫލެއް އޮންނައިރު، އެމްޑީޕީން މިފަހަރުގެ އިންތިހާބުގައި އަމަލުކޮށްފައި ވަނީ އެކަމުގައި ކަން ކުރެވެން އޮތް އެންމެ ރަނގަޅަށް ކަމަށް ގަބޫލު ކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ރައީސަށް ތާއީދުކުރާ މެންބަރުން ވެސް ނިންމި އެ ނިންމުމަކީ ޕާޓީއަށްޓަކައި ނިންމި ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައެވެ.

ކޮންމެއަކަސް ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ބޭއްވި އެންމެ ބޮޑު ޕްރައިމަރީ މިވަނީ ފިސާރި ވާދަވެރިކޮށް ނިމިފައެވެ. ދަލުބޭރުން ޖެހި އިދިކޮޅު ޕީޕީއެމުން މި ޕްރައިމަރީގެ ވޯޓު ގަޑުބަޑުކުރަން އުޅުނުނަމަވެސް އެމްޑީޕީ މެންބަރުން ތިބީ އެކަމަށް ފިސާރި ތައްޔާރު ވެގެނެވެ. އެމްޑީޕީއަކީ މިފަދަ އިންތިހާބުތަކަށް ފަރިތަ ބަޔަކަށްވުމުންނާއި އެ ޕާޓީގެ އެތެރޭގައި މަގާމުތަކަށް މީހުން ހޮވަނީ އެތެރޭގައި ބާއްވާ ވާދަވެރި އިންތިހާބު ތަކުން ކަމަށްވާތީ އެމްޑީޕީ މެންބަރުންނަށް މިފަދަ އިންތިހާބުތަކަކީ އާ ކަންކަމަކަށް ނުވާނެއެވެ. އަދި ކެމްޕޭން ތަކުގެ ވާދަވެރި ކަމަކީ ވެސް އެމްޑީޕީގެ މެންބަރުންނަށް އާކަމަކަށް ނުވާނެއެވެ.

މި އިންތިހާބުގައި ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން ކޮންމެވެސްވަރެއްގެ ނުތަނަވަސް ކަމެއް އޮތުމުން، ރައީސް މުޙައްމަދު ނަޝީދު ވެސް އަދި އިންތިހާބުގެ ބަލި ގަބޫލުފުޅު ނުކުރައްވާ އަދި ހުންނެވި ނަމަވެސް އެމަނިކުފާނަކީ ވެސް މިފަދަ އިންތިހާބު ތަކާއި ވޯޓުތަކާއި ވާދަވެރި ކެމްޕޭން ތަކާއި ޒަމާނީ ޑިމޮކްރެސީ ހިނގާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ އަދި އެކަންކަން ގަބޫލުފުކުރައްވާ ބޭފުޅެކެވެ. ރައީސް ނަޝީދަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި މިފަދަ ކިތަންމެ އިންތިހާބުތަކެއް ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތިން ހަތަރު ފަހަރު ރިޔާސީ އިންތިހާބެއްގެ ވޯޓުލައިގެން ނެރުނު ނަތީޖާ އެމަނިކުފާނު ގަބޫލުފުޅު ކުރެއްވީވެސް މިދެންނެވި ޑިމޮކްރެސީގެ ހަމަތަކާއި އިންތައް ގަބޫލުކުރައްވަތީކަން ޔަގީނެވެ.

ނަމަވެސް ނިމިގެން މިދިޔަ އިންތިހާބުގެ ނަތީޖާ ރައީސް ނަޝީދު ގަބޫލުފުޅު ނުކުރަށްވާނެ ކަމަށް ހީކޮށް ބައެއް ފަރާތްތަކުން ރޯ ނުބައިކޮށް ހިސާބު ޖަހައި ޑިމޮކްރެސީއާއި ޚިލާފަށް ނަފުރަތުގެ ހުޅު ރޯކުރާނަމޭ ހިތައި އެމަގަށް މަސައްކަތް ކުރި ނަމަވެސް އެމީހުން އެ ދެކޭދެކުން ހަގީގަތަކަށް ވާނެކަމަކަށް ނުބެލެވެއެވެ. އެމްޑީޕީގެ ހަޔާތުގައި މި ހޭދަވި 17 އަހަރު ހޭދަވީ މިފަދަ އެތައް ތަޖުރިބާއެއް ކުރަމުންނެވެ. ހާއްސަކޮށް އެ ތަޖުރިބާ ރައީސް ނަޝީދުގެ ބޮޑުވާނެއެވެ.

ނިމިގެންދިޔަ އިންތިހާބުން އެންމެ ބޮޑަށް ފެނިގެން ދިޔަ އެއްކަމަކީ އަސްލު އެމްޑީޕީގެ ސައިޒެވެ. ވެރިކަން ލިބުމުން މުޒާހަރާކުރަން ނުޖެހި ހަމަޖެހިލައިގެން ގޭގައި މި 5 އަހަރު ތިބެން ޖެހުމުން ޕާޓީގެ މެންބަރުންގެ ޖޯޝާއި ފޯރި ނުފެނިގެން އުޅުނު މީހުންނަށް އިއްޔެ އެވަނީ އަސްލު އެމްޑީޕީގެ ސައިޒް ދައްކާލާފައެވެ.

އެމްޑީޕީގެ ސީނިއަރ ލީޑަރޝިޕްވެސް ކުރިއަށް ނުކުމެ އަސްލު އެމްޑީޕީގެ ގޮތުގައި ދެ ފަރާތުން ވެސް ކޮށްލި ކެމްޕޭންތަކުން އެމްޑީޕީއަކީ އާދައިގެ ޕާޓީއެއް ނޫންކަން މިހާރު ގިނަބަޔަކު ގަބޫލު ކުރެއެވެ. އަދި އެމީހުން އިހަށްވެސް ތިބި ގޮތަށް ދެންވެސް ތިބޭނީ އެކުގައިކަމަށް އިދިކޮޅުންވެސް މިހާރު ގަބޫލު ކުރެއެވެ. އެމީހުންގެ ބަހުސް ނިމޭ ހިސާބަކީ ވެސް އެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން