އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ރައީސް މުޙައްމަދު ނަޝީދަށް ތާއިދުކުރަނީ އެމްޑީޕީ އަޑިގަނޑަކަށް ވައްޓާލުމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޓީމުން އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޕީޕިއެމް މެންބަރުން ރައީސް ނަޝީދަށް ތާއިދު ކުރަނީ އެމްޑީޕީ އަޑިގަނޑަކަށް ވައްޓާލުމަށް ކަމަށާއި، އެކަމާމެދު އެމްޑީޕީގެ މެމްބަރުން ވިސްނަންޖެހޭ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ޕީޕިއެމް މީހުން ވެސް އެމަނިކުފާނު ބަލައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއުޅެނީ ޕީޕިއެމް މީހުން ނަޝީދު ބަލައިގަނެގެން ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މި އުޅެނީ، ޕީޕީއެމް މީހުން ކޮންމެހެން ރައީސް ނަޝީދު ބަލައިގަނެގެން ނޫންކަން، މި އުުޅެނީ އެމްޑީޕީ އަޑިގަނޑަކަށް ވައްޓާލާނެ މަގު އެ މީހުންނަށް ފެނިގެން އެކަމަށް މިހިރަ ދުވެ ނަގަނީ." ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އަކީ ޕީޕިއެމް ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއި ޕީޕިއެމާއި އެއްގޮތް ކަމަށް ބުނާ ފިކުރެއް ދިރުވަން އެޕާޓީގެ މެމްބަރުން ބޭނުންނުވާ ކަމަށެވެ. އެމްޑީޕީ ކުރިއަށްދާނީ ޕީޕިއެމްގެ ފަހަތުގައި ލަައިގެން ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ރައީސް ސޯލިހާއެކު ކަމަށެވެ. އަދި ޕްރައިމަރީގައި އެމަނިކުފާނު ނުހޮވުމަކީ އެމްޑީޕީގެ މެމްބަރުންނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ވޭތުވެ ދިޔަ 50 އަހަރު ނާންނަހާ ތަރައްގީ ރައީސް ސޯލިހުގެ 2 އަހަރު ދުވަހުން ގެނެވިފައިވާ ކަމަށެވެ. އަދި އެ ތަރައްގީ ހުއްޓެން ރައްޔިތުން ބޭނުންނުވާ ކަަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުންނަށް ލިބުނު އަނިޔާގެ ހަނދާންތަށް ރައީސް ނަޝީދުގެ ނެތުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ޔާމިންގެ ވެރިކަމުގައި އެމްޑީޕީގެ މެމްބަރުން އުޅުނު ހާލާއި އެޕާޓީގެ މެމްބަރުންނަށް ލިބުނު އަނިޔާ ރައީސް ނަޝީދުގެ ހަނދާނުން ނެތުމުން އެކަމާ ހިތާމަކުރަށްވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން