ސަރުކާރުން ގޯތިތަކެއް ދޫކުރަން އިއުލާނު ކުރީ ދަންވަރުގެ ވަގުތެއްގައިކަމަށް ބުނެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ފާޑުވިދާޅުވުމާއި ގުޅިގެން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީ ކައުންސިލުން އައްޑޫސިޓީ މީދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށް އިއުލާން ކުރުމުން ރޭގަނޑު ދަންނަވަރު އެ ބާވަތުގެ ކަންކަން ކުރައްވަން ނޫޅުމަށް ސަރުކާރަށާއި އެހެން ޕާޓީތަކުގެ ލީޑަރުންނަށްވެސް ގޮވާލައްވާފައެވެ. އަދި ދަންވަރު މީގެ ކުރިން ކޯޓުތައް ހުޅުވާ ހުކުމްކުރެއްވިކަން ވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރޭގަނޑު ދަންވަރު ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި ނެތް ކަމެއް ކުރަން އުޅުމަކީ ފެނިވަޑައިގަންނަވާ ގޮތުގައި ވަރަށް ބޭއަދަބީ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރޭގަނޑު ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތްތައް ކަމަށް އަބަދުވެސް ގޭ މީހުން ބުނާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ނަޝީދު ވާހަކަފުޅު ދެއްކެވުމުން ޑީޑީ ވިދާޅުވީ، ސިޔާސީ ވެރިންނަކީ ސައުވީސް ގަޑިއިރު ވެސް ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބައެއް ކަމަށެވެ. އަދި ރައްޔިތުންގެ ހިދުމަތެއް އިއުލާނުކުރާގަޑި ހަޖަމު ނުވާ މީހުންނަކީ ކުފޫހަމަނުވާ މީހުންކަން ކަށަވަރު ކަމަށްވެސް ޑީޑީ ވަނީ ވިދާޅުވެފައެވެ.

ނަޝީދަށް ރައްދު ދެއްވަމުން ޑީޑީ ވަނީ، ފޭދޫން ގޯތިދޫކުރަން ނިންމާފައިވާތީ އައްޑޫގެ މޭޔަރަށް ސެލިއުޓް ކުރާކަމަށް ވިދާޅުވެފައެވެ.





އައްޑޫސިޓީން އެއްފަހާރާ 1000 ގޯތި ދޫކުރަން ނިންމާފައިވާކަން މީގެކުރިން މޭޔަރު ނިޒާރު ވަނީ އިއުލާނު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން