25 މާރިޗު 2020 - 13:50
13 ވްން އެޕިސޯޑް

===========

[ކޮންވާހަކައެއްތަ އޭނާ ދެއްކީ. އަޅެ އަހަރެންގެ ހިތް ވަރަށް ބޮޑަށް އަވަސްވެއްޖެ. އަވަހަށް ކިޔައިދީބަލަ...އެހެން ނޫނީ އަރުފާންވެސް އަތުވެދާނެ.] ތާރާގެ ހިތް އަވަސްވިއެވެ. ޝަހްލާ ޝިޔާން ކިޔައިދިންގޮތަށް ފިއްޔެއްވެސް ބަދަލުނުކޮށް ތާރާއަށް ކިޔައިދިނެވެ. ޝަހްލާގެ އެވާހަކައިން ތާރާއަށް ލިބުނީ ވަރަށްބޮޑު ޙައިރާން ކަމެކެވެ. އޭނާޔަށް ލިބުނީ ވަރަށްބޮޑު ޝޮކެކެވެ.

[އަޅެ....ތީ ހަމަ ތެދެއްތަ...އަހަރެން ބޭނުން މިވަގުތު ޝަހުލާއާ ބައްދަލުކުރަން. އަހަރެން މިދަނީ ތިގޭދޮށަށް. ތިތާ މަޑުކުރައްޗޭ....އަހަރެންވެސް މިހާރު މިހުރީ ތިގެޔާ މާދުރަކު ނޫން.] މިހެން ބުނެފައި ތާރާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމާއެކު ޝަހްލާ ފަސްއެނބުރި ބަލައިލިއެވެ. އޭރު ތާރާ އައިސް އޭނަޔާ އަރާހަމަކުރަނީއެވެ. އޭނާހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.

އޭނާ އައިގޮތަށް އައިސް ޝަހްލާގެ އަތުގައި ހިފަހައްޓައިފިއެވެ.

[އައިސްބަލަ އަހަންނާއެކު. މިހާރު އަހަންނަށް ޔަޤީންވެއްޖެ، އަރުފާނަކީ އިންސާނެއް ނޫން. އަހަންނަށް މިއުޅެވެނީ އޭތީގެ ކިބައިން ސަލާމަތް ނުވެވިގެން.] ތާރާ ނިކަން ހާސްވެފައި ހުރެ ޝަހްލާގެ އަތުގައި ހިފައިގެން އެރަށުގެ ފުއްޓަރު ފަރާތާ ދިމާޔަށް ހިނގައިގެންފިއެވެ.

ތާރާގެ މޫނުމަތިން ފެންނަނީ އިންތިހާދަރަޖައިގެ ހާސްކަމާއި ނުތަނަވަސްކަމެކެވެ.

[ތާރާ ތިވަރަށް ނުތަނަވަސްވެފައި ހުރެ ކޮންތާކަށްތަ ދަނީ....މިތާ މަޑުކޮށްލަން ހިނގާބަލަ.] ޝަހްލާ ހިސާބަކަށް މަޑުޖެހިލިއެވެ. ނަމަވެސް ތާރާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ނޫނެކޭ ބުނާފަދަ އިޝާރާތަކަށްފަހު އަނެއްކާވެސް ޝަހްލާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

[ތާރާ....އިރުއޮއްސޭ ދަޅަމަތީގައި، މީހުން ނޫޅޭ ސަރަޙައްދުތަކަށް ދިޔުމަކީ އަހަރެން ވަރަށް ޖެހިލުންވާ ކަމެއް.] ޝަހްލާ ތާރާއާއެކު ރަށުގެ ފުއްޓަރުފަރާތު އަތިރިޔަށް ފައިބަމުން ބުންޏެވެ.

[އަހަރެން މިހާރު އެއްވެސްބިރެއްނުގަނޭ. ނޭނގުމެއްގެ ތެރޭގައިވެސް ޖިންނިއަކާއެކު ދިރިއުޅުމުގެ ގިނަދުވަސްތަކެއް ހޭދަކުރެވިފައިވާތީ، މިހާރު މިވަނީ ބިރުވެރިކަން ފިލާފައި.] ރާޅުޖަހާފަހުން ހިނގައިގަންނަމުން ތާރާ ވާހަކަ ދެއްކިއެވެ.

އެއަށްފަހު ތާރާ ވަށައިގެން ހޯދާލިއެވެ. އަތިރިމަތީގައި އޭނަޔާ ޝަހްލާ ނޫން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

އޭރު އޮއްސެމުންދާ އިރާއެކު މަޑުމަޑުން ދުނިޔެމަތި އަނދިރިވަމުން ދަނީއެވެ. ޢާންމު ގޮތެއްގައި އެގަޑިއަކީ އެސަރަޙައްދަށް މީހުން އައިސް ގޮސްވާ ގަޑިއެއް ނޫންވެސްމެއެވެ.

ތާރާ އަދިވެސް ހިނގަމުންދަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ބޮޑަށް ފޭއަށެވެ. ނަމަވެސް ތާރާގެ މަޤްޞަދަކީ ކޮބައިކަމެއް އެއްވެސްވަރަކަށް އެނގިފައި ނުވުމާއެކު، ޝަހްލާގެ އެއްވެސް ފަސްޖެހުމެއް ނެތެވެ.

ހަމަ އެވަގުތެވެ. ތާރާ އޭނާގެ ކޮޓަރީގައި ކުޑަދަރިފުޅު ޔަޒާން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ. ފަހަކަށްއައިސް އެދަރިފުޅު އިރުއޮއްސޭ ވަގުތު ރުއިމަކީ މިހާރު އާދައެކެވެ. ވުމާއެކު އެވަގުތު އެސޮރު އެ ރޯރުއިން ހުއްޓުވައި މަސަލަސް ކުރުވުމަކީވެސް އެހާ ފަސޭހަ ކަމަކަށްވަނީ ނުވެފައެވެ.

[ދަރިފުޅާ...މަންމަޔަށް ހީވަނީ ކޮންމެ ދުވަހަކު މިގަޑީގައި ތިސޮރު ތި ރޯރުއިން ތީކީ ރަނގަޅު ކަމެއް ނޫންހެން. ފަންވަތެއް ނަމަވެސް ލިޔުއްވާފައި އަޅުވަންވީކަންނޭނގެ. އަރުފާން ގެޔަށް އައިމާ އޭނާ ގާތު ބުނެގެން މީހަކު ލައްވާ ކަމެއް ކުރުވަބަލަ.] ޞަފޫރާ ދަރިފުޅު މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.

[މަންމަ ތިބުނީ ރަނގަޅަށް. މިހާރު ދެން މިކަން އާދައަކަށް ވެއްޖެ. މިއަދު އަރުފާން އައީމަ ބުނެގެން ކޮންމެވެސް ކަމެއް ކުރަންވެއްޖެ. އަނެއްކާ ބަނޑުގައި ރިއްސާތީކީ ނޫންބާ...ބަނޑު ހޫނުކޮށްލަބަލަ...ބާމްކޮޅެއް ހާކާލާފައި.] ތާރާ ބާމްފުޅި ގެނެސް މަންމަގެ އަތަށް ދީފިއެވެ.

[އެރޭ އަރުފާން ގެޔަށް އައީ ނުވައެއްޖަހާ ބޮޑުވި ފަހުންނެވެ. އޭނާ އައީ ފަންވަތެއްވެސް ލިޔުއްވައިގެންނެވެ. އޭރު ދަރިފުޅުވެސް އޮތީ ނިދިފައެވެ. ކުއްޖާގެ މުލައްދަނޑީގައި އަރުފާން ފަންވަތް އައްސާލިއެވެ.

[އަރުފާން....ހާދައިރަކުން...ކޮންތާކުން ތިއައީ؟ ތީ އިރުއޮއްސުމުގެ ކުރިން ގެއިން ނިކުތް މީހާ ވިއްޔަ.] އަރުފާން ކޮޓަރިތެރޭގައި ހުއްޓާ ބަދިގެފަރާތުން އައިސް އެތަނަށް ވަން ތާރާ އެއްސެވެ.

[މިހާރަކަށް އައިސް މިސޮރު ރޯތީ އަހަރެންގެ ހިތަށްއެރީ ރަށަށް ގޮސް ފަންވަތެއް ލިޔުއްވައިގެނޭ އަންނާނީ. އެހެންވެ ރަނގަޅު މީހަކު ނުފެނިގެން ލަސްވީ.] އަރުފާން ބުންޏެވެ.

[ހިނގާ ކާން...ހަވީރު ސައިވެސް ނުބޮއި ދިޔަ މީހާ ތިއީ.] ތާރާ ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

ޝަހްލާ ގެއްލިގެން ހޯދަން ފެށީ ޖެހިގެން އައި ދުވަހުއެވެ.

ޝަހްލާގެ މަންމަ ޝަހްލާ ގެޔަށް ނައިސްގެން ފުރަތަމަ ގުޅީ ތާރާގެ ގެޔަށެވެ. ޝަހްލާ ހޯދަން މަސައްކަތް ކުރަން ފެށުނީ، ޝަހްލާ އިރުއޮއްސުމުގެ މާކުރިން ގެޔަށްދިޔަ ކަމަށް ތާރާ ބުނި ހިސާބުން ފެށިގެންނެވެ.

ތާރާ ހޯދަން އެދުވަހު ރަށުގެ ރައްޔިތުން ކުރަން ފެށި މަސައްކަތަށް ކިރިޔާވެސް އަލިމަގެއް ފެނުނީ، ހަވީރުވާން އުޅެނިކޮށް، އެކަނިމާއެކަނި ޝަހްލާ ރަށުގެ ފުއްޓަރު ފަރާތަށް ދަނިކޮށް ދުށްކަމަށް މީހަކު ބުނީމައެވެ.

[އަހަރެން ދުށިން އޭނާ އެކަނިމާއެކަނި އިއްޔެ އިރުއޮއްސެން ދަނިކޮށް ފުއްޓަރު ފަރާތު އަތިރިމައްޗަށް ފައިބަނިކޮށް.] އެރަށުގެ ޢުމުރުން ދުވަސްވީ މީހަކު މަޢުލޫމާތު ދިނެވެ.

އެހާ ހިސާބުން ގިނަ ބަޔަކު އެދިމާއަށް މިޞްރާބު ޖަހައިފިއެވެ. ތާރާވެސް އޭނާގެ ރަޙްމަތްތެރިޔާ ހޯދުމުގެ މަސައްކަތުގައި ބައިވެރިވާން ބޭނުމެވެ.

[އަހަރެންވެސް ބޭނުން، ޝަހްލާ ހޯދަން ނިކުންނަން. ޝަހްލާ މަންމަ އެބުނަނީ މިގޭގައި ހުރެފައި ދިޔަފަހުން ގެއަކަށް ނުދެޔޭ. އަޅެ ޝަހްލާ ކޮބައިބާ؟] ތާރާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

ޝަހްލާއަކީ މިހާރު ރަށުގައި ދިރިއުޅޭ ހަމައެކަނި ތާރާގެ ގާތް ރަޙްމަތްތެރިޔާއެވެ. އޭނާގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އޭނާ ޝަހްލާއާ ޙިއްޞާ ކުރެއެވެ. ހަަމައެގޮތަށް ޝަހްލާވެސް އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ތާރާޔާ ޙިއްޞާ ކުރެއެވެ.

[ތާރާ....އަހަންނަކަށް ނުފެނޭ ތާރާ ނިކުންނާކަށް. އަދި ތާރާ ވިހައިގެން މާގިނަ ދުވަހެއްވެސްނުވޭ.] އަރުފާން ބުންޏެވެ. ނަމަވެސް ތާރާ ބޭނުންވަނީ ފުއްޓަރު ފަރާތަށް އެހެން މީހުންވެސް ދާގޮތަށް ދާށެވެ. އަރުފާން ކިތަންމެ ނުރުހުނަސް އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ޙައްޤުގައި އޭނާވެސް ނިކުންނަން ބޭނުމެވެ. ވުމާއެކު ފަހުން އަރުފާންވެސް ތާރާއަކަށް ހުރަހެއްނާޅައެވެ.

[މައްސަލައެއް ނެތް ތާރާ ދިޔަޔަސް. ތާރާ ދިޔައީމާ ކާކުތަ ދަރިފުޅު ބަލާނީ.] އަރުފާން މިހެން ބުނީމާ ތާރާ ދަރިފުޅު ގެންގޮސް އޭނާގެ މަންމަ ޞަފޫރާ އަތަށް ދިނެވެ.

އެއަށްފަހު އަރުފާންވެސް ގޮވައިގެން ތާރާވެސް ނިކުތެވެ. އެމީހުންވެސް ދިޔައީ ރަށުގެ ފުއްޓަރު ފަރާތު އަތިރިމައްޗާ ދިމާޔަށެވެ. އޭރު އެރަށުގެ ވަރަށްގިނަ ބަޔަކާއި، ރަށުގައި ޙަރަކާތްތެރިވާ ފުލުހުން ގުޅިގެން ޝަހްލާ ހޯދުމުގެ މަސައްކަތް ކުރިޔަށްދެއެވެ. ނަމަވެސް ޝަހްލާގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ފިޔަވަޅުގެ ނިޝާނެއްވެސް އެއްވެސް ދިމާޔަކުން ފެންނާކަށް ނެތެވެ.

[އަޅެ އަދިވެސް ޝަހްލާގެ ޚަބަރެއްނުވޭތަ؟] ތާރާއަށް ރޮވިއްޖެއެވެ. ތާރާގެ މޯބައިލް ފޯނު ރާޅުޖަހާފަށަށް ވުރެން އެއްގަމުގައި އޮއްވައި ފުލުހަކަށް ފެނި، މިއޮތީ ފޯނެކޭ ބުނެ ގޮވަން ފެށީ އެވަގުތެވެ.

[ތިޔައީ ޝަހްލާގެ ފޯނު....ޝަހްލާ ކޮބާ....ޝަހްލާ....] ތާރާ ނިކަން ބާރަށް ރޮއިގަންނަމުން ޝަހްލާއަށް ގޮވަން ފެށިއެވެ.

ވަގުތުން ފޯނު ފެނުނު ސަރަޙައްދު ބަންދުކޮށް، ފުލުހުން އެސަރަޙައްދު ހޯދަން ފެށިއެވެ. ޢާންމުންވެސް އެކިދިމަދިމާޔަށް ބެހި ހޯދަން ފެށިއެވެ.

ތާރާއާއި ޝަހްލާގެ ޢާއިލާގެ މެމްބަރުން ރޮމުންދާއިރު، އެއްބަޔަކު އެމީހުނަށް ހިތްވަރު ދިނުމުގައި ތިއްބެވެ.

[ތާރާ ނުރޮއި ހުއްޓާލާ...އިރާދަކުރެއްވިއްޔާ ޝަހްލާއަށް އެއްވެސް ކަމެއް ނުވާނެ. އާނ....އެއްވެސް ކަމެއް ނުވާނެ....ހިތްވަރުކުރޭ.] އަރުފާން ތާރާޔަށް ހިތްވަރުދިނެވެ. އޭނާ ތާރާޔަށް ހިތްވަރުދެމުން އަތުލަފިކޮށްގެން ގޮނޑުދޮށުން ކުރިޔަށް ހިނގަމުންދިޔައީ އެހެން މީހުން ނުހޯދާ ދިމާޔަކަށެވެ.

ވަޅުލެވިފައިވާ އިންސާނެއްގެ ހަށިގަނޑުން ބައެއް ތާރާއަށް ކުއްލިއަކަށް ފެނުނީ އެވަގުތެވެ. އެއް އަތްތިލައާއި ފައިގެ ބައެއް ފެނުމާއެކު، އެއީ ޝަހްލާކަން ތާރާއަށް ޔަޤީން ކުރެވުނީކަންނޭނގެއެވެ.

[ޝަހްލާ...] ތާރާ ބާރުބާރަށް ރޮއިގަންނަމުން ޝަހްލާއަށް ގޮވަން ފެށިއެވެ. އެހާ ހިސާބުން އެސަރަޙައްދު ހޯދަން ތިބި ހުރިހާ މީހުންހެން އެދިމާއަށް ދުއްވައިގެންފިއެވެ.

ރާޅުޖެހުމުގެ ސަބަބުން ވަޅުލާފައި ވަނިކޮށް ވެލިގަނޑު ކެހި ހަށިގަނޑުގެ ބައެއް ފެންނަން އޮތީ ކަމަށް ބެލެވެއެވެ. ވަގުތަކީ ޝަހްލާ ގެއްލިގެން ހޯދަމުންދާ ވަގުތެއްކަމުން، އިންސާނެއްގެ އެފަދަ އަސަރެއް ފެންނައިރަށް އެއީ ޝަހްލާ ކަމަށް ނިންމަންޖެހެއެވެ. ނަމަވެސް އަދި އެމީހެއްގެ މޫނެއް ނުފެނެއެވެ. މޫނުވަނީ ދޮންވެލިގަނޑުގައި ވަޅުލެވިފައެވެ.

މާގިނައިރުތަކެއްނުވެ ޢާންމުން އެއްފަރާތް ކޮށްލުމަށްފަހު ފުލުހުން އެހަށިގަނޑު ކޮނެ ތިލަކުރިއެވެ. އެއީ ހަމަ ޝަހްލާއެވެ. ޝަހްލާގެ މޫނުމައްޗަކަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނެތެވެ. ބޮޑަށް ޤަބޫލުކުރެވެނީ ދިރިހުއްޓާ ވަޅުލާފައި ވަނީ ކަމަށެވެ. ޝަހްލާގެ ފުރާނަ ގޮސްފައިވަނީ ވަޅުލީފަހުންނެވެ.

އެތަނުން އެންމެ ފުރަތަމަ ޝަހްލާ ގެންދެވުނީ ހުޅުމީދޫ ޞިއްޙީ މަރްކަޒަށެވެ. އެމަރްކަޒުގައި ހުރި ޑޮކްޓަރު ޝަހްލާގެ ހަށިގަނޑު ބެލުމަށްފަހު ބުނީ އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި، ބޭރުފުށުން އަނިޔާތަކެއް ފެންނަން ނެތް ކަމުގައިވިޔަސް، ކަރުގައި ވަރަށް ހިފާފައިވާކަން އެނގެން ހުރި ކަމަށްވެސް އޭނާ ބުންޏެވެ.

ތިންދުވަހެއްގެ ތެރޭގައި އެއްކަހަލަ ޙާދިޘާތަކަކަށްފަހު، ދެމީހެއްގެ މަރު އައުމަކީ މިހާރު ކަމުގެ ޙަޤީޤަތް ހޯދަން ނޫޅެ ދޫކޮށްލަންޖެހޭ ކަމެއް ނޫންކަމަށް ބުނެ، އެރޭ ވަރަށްގިނަ ބަޔަކު ފުލުހުންނަށް ގުޅައިގެން އަޑު އުފުލާފައިވެއެވެ.

ބަޔަކު އަޑު ނުއުފުލިކަމުގައި ވިޔަސް، މިހާރު ފުލުހުން ދަނީ އެއީ ކިހިނެއްވާ ކަމެއްތޯ، އެފަދަ އަނިޔާވެރި ޤާތިލަކީ ކޮބައިތޯ ހޯދުމަށްޓަކައި އޮޕަރޭޝަންތަކެއް ހިންގުމަށްޓަކައި ތައްޔާރުވަމުންނެވެ.

ޝަހްލާގެ ކަށުކަމާކެމީގެ ކަންތައް ނިމި ވަޅުލެވުނީ އެރޭގެ މެންދަމު ބާރައިގެ ފަހުންނެވެ. ތާރާގެ ކަށިކަމާކެމީގެ ކަންތައް ނިމެންދެންވެސް ޝައްކުކުރެވޭ މީހަކު ފެނޭތޯ އެސަރަޙައްދުގައި ފުލުހުން ތިއްބެވެ.

ނަމަވެސް އޭގެ ދެދުވަސްވީއިރުވެސް ތުހުމަތަކަށްވެސް މީހަކު ހައްޔަރެއް ނުކުރެވެއެވެ. އެކަމުގައި ތުހުމަތު ކުރެވޭ މީހަކުވެސް ދިމާނުވަނީއެވެ. ޝަހްލާގެ ޢާއިލާއަކަށްވެސް ޝަހްލާގެ ދެކޮޅުވެރި ބަޔަކު ރަށުގައި އުޅެފާނެ ކަމަށް ޤަބޫލު ނުކުރެވެނީއެވެ.

ޝަހްލާ މަރާލި ބައެއްގެ ޝަހްލާ މަރާލުން ނޫން ދަހިވެތި ކަމެއް ހުރިހެނެއް ހިއެއްނުވެއެވެ. ޝަހްލާ މަރާލާފައި ދޫކޮށްފައިވާއިރުވެސް ޝަހްލާގެ ގަހަނާތައްވެސް ހަމަޔަށް ހުއްޓެވެ.

[ހެކި ނުފެނުނަސް އެއީކީ ޤުދްރަތީ މަރެއް ނޫން. ވަރަށް ގާތްގާތުގައި ދާދި އެއްގޮތަކަށް ދެމީހަކު މަރާލާފައިވަނިކޮށް މިފެނުނީ. އަހަރެމެންނަށް މިކަން ހޯދެންޖެހޭނެ. އިތުރަށް މިފަދަ އަނިޔާވެރި ޢަމަލެއް ހިންގުމުގެ ފުރްޞަތު، އެއްވެސް ބަޔަކަށް ދެވިގެން ނުވާނެ.] ފުލުހުންގެ އިންޗާޖް ސަބް އިނިސްޕެކްޓަރ މުޙަންމަދު އަޙްމަދު ވާހަކަ ދެއްކީ ސްޓޭޝަން އިނިސްޕެކްޓަރ ޢަލީ ރިޒާއާއެވެ. ޢަލީ ރިޒާއަކީ ހުޅުމީދޫ ޕޮލިސް ޕޯސްޓްގެ އިންޗާޖެވެ.

އޭގެފަހުން ހަފްތާއެއް ފާއިތުވެދިޔައިރުވެސް ޝަހްލާގެ މަރާ ގުޅޭ އެއްވެސް މީހަކު ހައްޔަރެއް ނުކުރެވެއެވެ. ގުޅުންހުރި ކަމަށް ޝައްކުކުރެވޭ މީހަކުވެސް ފެނުނު ކަމަކަށް ނުވިއެވެ.

މިހާރު ދުވަސްތަކަކަށްފަހު އަރުފާންވެސް އޭނާ ކުރިން މަހަށްދިޔަ ދޯނިން މަހަށްދާން ފަށައިފިއެވެ. އޭނާ ދިޔުމުން އެދޯންޏެއްގެ މަސްވެރިކަން ރަނގަޅު ކަމަށް ބުނެ، ވަރަށް ގިނަ އޮޑިވެރިން އޭނާއަށް ފާރަލައެވެ. ނަމަވެސް އޭނާއަކީވެސް އުޞޫލުތަކެއް ގެންގުޅޭ މީހަކަށްވާތީ ބަދަލުތަކެއް ނުކުރެއެވެ. އޭނާ އަބަދުވެސް ގޮތުގައި ހިފަހައްޓައެވެ.

[އަރުފާނަށް ކުއްޖަކު ލިބުނީމާ މިހާރު ކުރިޔަށްވުރެން މަސައްކަތް ހަލުވިވާނެ ކަމަށް ފެންނަނީ. ދަރިފުޅަށާ ވާވަރަށް މަސައްކަތް ކުރަންވާނެތާ.] މަހަށް ފުރަމުން ބައެއް ރައްޓެހިން އަރުފާނާ ދިމާކުރަން ފެށިއެވެ.

[އަހަންނަކަށް އަދި ކުއްޖަކު ނުލިބޭ....] އަރުފާނަށް ބޭއިޚްތިޔާރުގައި ބުނެވުނީ، ބުނެވިގެން ނުވާވަރުގެ ވާހަކައެއްކަން އޭނާއަށް އެނގުނީ އޭނާގެ ވާހަކައާ ގުޅުވައިގެން ބައެއް މީހުން ދިމާކުރަން ފެށީމައެވެ.

[އަރުފާން ތިބުނީ އަރުފާންގެ އަންހެނުން ވިހެއީ އަރުފާންގެ ދަރިއެއް ނޫނޭ! ތިވާހަކަ ތާރާ ގާތު ކޮންމެހެންވެސް ބުނަންވާނެ.] އަރުފާން އެދޯނިން މަހަށްދާން ފެށީއްސުރެން އޭނާޔާ އެންމެ ގާތްކޮށް އުޅޭ އޭނާޔާ ދާދި އެއްޢުމުރުގެ ޒުވާނާ ނާއިލް އަރުފާނާ ދިމާކޮށްލިއެވެ.

[އެއީ އެހެން ބުނި އެއްޗެއް ނޫން. އަޞްލު މިފަހަރު އަހަރެމެންގެ ދަރިފުޅަކީ ސީދާ ތާރާ ބޭނުންވެގެން ތާރާ ހޯދި ކުއްޖެއް. އަހަރެން އެހާ އަވަހަށް ކުއްޖަކު ބޭނުމެއް ނުވެސްވޭ.] އަރުފާން ހެނދުނުގެ ސައިބޯން ފަށަމުން ބުންޏެވެ.

އެދުވަހުވެސް އެދޯނި އާދަޔާ ޚިލާފަށް ގިނަ ޢަދަދަކަށް މަސްބޭނިއެވެ. ދުވަސްވަރަކީ ބާޒާރުގައި ތެލުގެ އަގު އުފުލި، މަހުގެ އަގުވެސް ބޮޑު ދުވަސްވަރަކަށް ވުމާއެކު، އެދުވަހު އެދޯނީގެ ކޮންމެ ފަޅުވެރިއަކަށް ދިހަ ބާރަހާސް ރުފިޔާ ލިބުނެވެ. އެއީ މަސްވެރިއަކަށް ފަހުގެ ތާރީޚެއްގައި އެއްދުވަހަކަށް ލިބުނު އެންމެބޮޑު އަދަދުވެސް މެއެވެ.

[އަރުފާނަކީ މަސްވެރިކަމުގެ ނަޞީބުވެރިއެއް. އަހަރެމެން ގަދަކަމުންވެސް އަރުފާން މަހަށް ގެންދާނަން.] ނާއިލް މަސް ހިފައިގެން ގެޔަށްދަމުން އަރުފާނާ ވާހަކަ ދެއްކިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޝަހުލާ މަރުވިތާ ދެމަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަން ކުރި ބަޔަކު ފުލުހުންނަކަށްވެސް އަދި ރަށުގެ އެހެން ބަޔަކަށްވެސް ހޯދިފައެއް ނުވެއެވެ. ނަމަވެސް މަސައްކަތްތަކެއް ހުއްޓައެއްނުލައެވެ.

މިހާރު އަރުފާނާއި ތާރާގެ ދަރިފުޅު ޔަޒާންވެސް ބޮޑުވާން ފަށައިފިއެވެ. ދުވަސްވަމުންދާ ވަރަކަށް ކުއްޖާގެ ސިފަވެސް ދަނީ ބަދަލުވަމުންނެވެ.

ތާރާ އަބަދުވެސް ބުނަމުންދަނީ ދަރިފުޅު ވައްތަރީ އަރުފާނާ ކަމަށެވެ. ނަމަވެސް އަރުފާން ތަކުރާރުކޮށް ބުނަނީ ދަރިފުޅު އެއްވެސް ވަރަކަށް އޭނައާ ވައްތަރު ނޫން ކަމަށާއި، ފަހުންވެސް ވައްތަރުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

[ވަރަށް ހެއްވާ ވާހަކައެއް...އަރުފާންގެ ދަރިޔަކު އަރުފާނާ ވައްތަރުނުވާންވީ ކީއްވެ....] އަރުފާންގެ ވާހަކައާމެދު ތާރާ ހިތްހަމަނުޖެހުނެވެ.

[އަހަރެންގެ ބައްޕަޔަކާވެސް އަހަންނަކާ ވައްތަރެއް ނޫން. ދަރިޔަކަސް ހަމަ ވައްތަރުނުވެދާނެ. ތާރާވެސް ތާރާގެ ބައްޕަޔަކާ ވައްތަރެއް ނޫން.] އަރުފާން ހީގަތެވެ.

[ހެޔޮ އަހަންނަށް ރަނގަޅީ މިދަރިފުޅު އަރުފާނާ އެއްވެސް ތަފާތެއް ނެތިއްޔާ. އަހަންނަށް މިހާރުވެސް ވަރަށް ވައްތަރު. އަހަރެން ބޭނުން މިސޮރުގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން.] ތާރާ ދަރިފުޅު އަރުފާންގެ އުނގުގައި ބޭންދިއެވެ. އަރުފާން އެދަރިފުޅާ ލޯބިކުރި ތަނެއް ކުރިން ދުވަހަކުވެސް ތާރާއެއް ނުދެކެއެވެ. އޭނާ އެދަރިފުޅު އުރާލަނީވެސް ވަރަށްމަދު ފަހަރެއްގައެވެ. އެކަމާ އަބަދުވެސް ތާރާ ޝަކުވާ ކުރެއެވެ.

އަރުފާން އުޅޭގޮތުން އެދަރިފުޅަކީ އަރުފާންގެ ދަރިއެއް ނޫނޭވެސް ހީވާފަހަރު ދެއެވެ. އެކަން ތާރާގެ މަންމަ ޞަފޫރާވެސް ފާހަގަކުރެއެވެ.

[ދަރިފުޅާ އަރުފާން...ތިދަރިފުޅު ލިބުނީމަކާ ދަރިފުޅު އުފަލެއް ނުވޭތަ....މަންމަ މިހެން މިބުނީ މަންމަމެނަށް އެއްވެސްވަރަކަށް ދަރިފުޅު ލޯބިން އެކުއްޖާ އުރާލާ ތަނެއްވެސް ނުފެންނާތީ....] ޞަފޫރާ މިހެން ބުނީމާ އަރުފާނަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.

[ނޫނޭ...އަހަރެން ދަރިފުޅުދެކެ ވަރަށް ލޯބިވޭ....އެކިމީހުންގެ މިޒާޖު ތަފާތުވާނެތާ...ވެދާނެ އަހަރެންގެ މިޒާޖުގައި ނުހުންނަ ސިފަޔަކީ ކަމަށްވެސް....] އަރުފާން ކުޑަކުޑަ ޔަޒާނާ ލޯބިކޮށްލިއެވެ. އެއަށްފަހު، ވަރަށް ކުލަގަދަކޮށް ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރާނޭ ކަމަށްވެސް އޭނާ އެއްބަސްވިއެވެ.

އެދަރިފުޅުގެ އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ޝިޔާންވެސް އަހަރީ ޗުއްޓީއެއްގައި މާލެ އަންނާނެއެވެ. މާލެ އައިސް ކޮންމެހެންވެސް ރަށަށް ދިޔުމަކީ އޭނާގެ ހުވަފެނެކެވެ.

ތާރާއާއި ތާރާގެ ޢާއިލާ ކިތަންމެ ނުރުހިފައި ތިއްބަސް، އެޙަފްލާގައި ބައިވެރިވެ، ޙަޤީޤަތް ހާމަކުރުމަށް ނުވަތަ ޙަޤީޤަތް ހޯދަން މަސައްކަތް ކުރަން އޭނާވަނީ ނިންމާފައެވެ. އޭނާއަށް ތާރާއާމެދު ފިކުރުކުރެވޭ ސަބަބާއި، ތާރާ ވިހޭ ދަރިފުޅާ އޭނަޔާ އޮތް ގުޅުން ދެނެގަންނަން އޭނާ މަސައްކަތް ކުރާނެއެވެ.

ތާރާގެ ދަރިފުޅު ޔަޒާނަށް އަހަރު ފުރެން ދެން އޮތީ ހަތަރުވަރަކަށް މަހެވެ. ފަހަރުގައި އަރުފާނާއި ތާރާގެ ޒަވާޖީ ޙަޔާތުގެ ބައްތި ނިވެން ނުވަތަ ހުޅުކޮޅު ކަނިވާން ދެން އޮތީ ހަތަރު ވަރަކަށް މަސްދުވަހެވެ. އެއަށްފަހު، އަރުފާންގެ ދިރިއުޅުންވެސް ބަދަލުވެގެންދާނެއެވެ. ތާރާގެ ދިރިއުޅުމުގައި މުޅިން އާ ކުލައެއްޖެހި، ދާއިމީ އުފަލަށް މަގު އަމާންވުމަކީވެސް ވެދާނެ ކަމެކެވެ. ހަމަގައިމުވެސް ހުރިހާ ޙަޤީޤަތެއް އެނގި ހާމަވާހިނދު، ތާރާއާއި އޭނާގެ ޢާއިލާ ކަރުނައަޅާ ރޯނެއެވެ. އެމީހުންގެ ހިތަށް އަރާނެއެވެ. ޝިޔާންގެ ވާހަކަ ކުރިން އަޑު އެހުނުނަމަ، މިހާ ގިނަ ދުވަސް ވަންދެން އޮޅުވާލުމުގެ ކަމަރު ބަނދެގެން ތިބޭކަށް ނުޖެހުނީސްތާއެވެ.

ހަމަގައިމުވެސް ޝިޔާންގެ ކިބައިން ސަލާމަތްވުމަށްޓަކައި އަރުފާން ދާނީ މިހާރުއްސުރެން ވިސްނަމުންނެވެ.

އޭނާގެ އުފާވެރި ޒަވާޖުގައި ނިމުމުގެ ސިއްކަޖެހޭކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.

ސަލާމަތް ނުވެވިގެން އުޅެނީ ހަމައެކަނި ޝިޔާންގެ ކިބައިންނެވެ. ޝިޔާނަކީ އޭނާ އަމިއްލަޔަށް އެމީހުންގެ ޙަޔާތަށް ގެނައި ޒުވާނެކެވެ. އެހެން ނަމަވެސް، އޭނާ އެކަން ކުރީ އޭނާއާއި ތާރާގެ ޒަވާޖީ ގުޅުން ދާއިމީ ކުރުމުގެ ޤަޞްދުގައެވެ.

އޭނާއާއި ތާރާގެ ގުޅުމުން ދަރިޔަކު އުފަންވެއްޖެނަމަ، ކުރިމަތިވެދާނެ ހުރަސްތަކަކާމެދު ވިސްނުމަށްފަހު، އޭނާ ޝިޔާން އެދެމެދަށް ގެނައީ ފަހަރެއްގައިވެސް މިހާރު ކުރިމަތިވެގެން އުޅޭފަދަ ގޮތަކަށް ކަންތައްތައް ވެދާނެ ކަމަކަށް ވިސްނާފައެއް ނޫނެވެ.

އަރުފާންގެ ހުޝިޔާރުކަމުން ނޫންނަމަ، މިހާތަނަށްވެސް އޭނާގެ ޙަޤީޤަތް ހާމަވެދާފަދަ ކިތަންމެ ކަމެއް ޝިޔާން ހިންގައިފިއެވެ. ނަމަވެސް ވަރަށް ބޮޑަށް އަރުފާން އެކަމަށް ވިސްނައި ތައްޔާރުވެގެން ހުރުމާއެކު ސަލާމަތްވެވެނީއެވެ.

ނޭނގެނީ ޝިޔާން ވިސްނަމުންދާ ގޮތަށް ކަންތައްތައް ކުރިޔަށްދާނަމަ ދެންވާނެ ގޮތެކެވެ.

ޝިޔާން ނިންމާފައިވަނީ ތާރާގެ ދަރިފުޅުގެ އުފަންދުވަހު ތާރާއަށް ވަރަށް ބޭނުންތެރި އަގުހުރި ހަދިޔާއެއް ވެދުންކުރާށެވެ.

ޝަހުލާގެ މަރުގެ ޙާދިޘާއަށް އެއްމަސް ފުރުނުއިރުވެސް ތާރާ ހަމަޔަކަށް ނޭޅެއެވެ. ދޭތެރެ ދޭތެރެއިން އޭނާ ޝަހްލާގެ ހަނދާން އާކޮށްކޮށްފައި ރޮއިހަދައެވެ.

ޝަހްލާ ނޫނީ އޭނާގެ ސިއްރުތައް ޙިއްޞާކުރާ އެއްވެސް ރައްޓެއްސަކު ރަށަކު ނޫޅެއެވެ. ދެން އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއަކީ ޔަޝްފާއެވެ.

ދުވަސްތަކަށްފަހު ޔަޝްފާ ތާރާޔަށް ގުޅީ ޝަހްލާ މަރުވިތާ މަހެއް ފުރުނު ދުވަހުއެވެ. ޔަޝްފާ ދިނީ އުފާވެރި ޚަބަރެކެވެ.

[ތާރާ...އަހަރެން މިއުޅެނީ މަހެއްހާ ދުވަހު ތިރަށުގައި އުޅެލަން ތިރަށަށް ޖައްސާލަން ކަމަށް....އެންމެ ރަނގަޅުތަ....] ޔަޝްފާ ބުންޏެވެ.

[ތިހެން އަހަންޖެހޭތަ...އަހަރެން ވަރަށް އުފާވެއްޖެ. އަވަހަށް އާދޭ...ޢުމުރު ދުވަހަށްވެސް މިރަށުގައި މިގޭގައި ތިބެވިދާނެ.] ތާރާ އުފާވިއެވެ.

ޙަޤީޤަތުގައި ޝަހްލާ ދުނިޔެ ދޫކޮށް ދިޔުމުން އެކަހަލަ ރަޙްމަތްތެރިޔަކު ފެންނަފަށުގައި އުޅުމަކީ މިހާރު ތާރާ ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

[އަހަރެން ދާންވީމާ އަންގާނަން...މިހާރު މިވިސްނަނީ ފެށޭ މަހުގެ ކޮންމެވެސް ހިސާބެއްގައި ދާން ކަމަށް.] ޔަޝްފާ ބުންޏެވެ. ޢުމުރުން ފަސްއަހަރުން ފެށިގެން ނަވާރަ އަހަރު ވަންދެން ހިތްދަތިކަން ބަރުދާސް ކުރުމުގައި ވެއަތުވެގެންދިޔަ ކަމުގައިވިޔަސް، މިއަދު ޔަޝްފާއަށް ވަނީ އެހިތްދަތިކަމާ ނުބައްދަލުވާވަރަށް އުފަލާއި ހިތްހަމަޖެހުން ލިބިފައެވެ.

[އަރްފާން...ޔަޝްފާމެން މިރަށަށް އެބައާދޭ...މަހެއްހާ ދުވަހު މިގޭގައި ތިބެލަން އެބަ އަންނަމޯ ބުނި. އަޅެ އަހަރެން ވަރަށް އުފާވެއްޖެ....] އަރްފާން މަހުން އައިސް ގެޔަށް ވަނުމާއެކު ތާރާ ބުންޏެވެ. ނަމަވެސް އެއީކީ އަރުފާނަށް އުފާވެރި ޚަބަރެއް ނޫނެވެ. އެގެޔަށް އިތުރު މެހްމާނުންތަކެއް އައިސް އުޅުމަކީ އޭނާއަށް ހުރަސްތަކަކާ ކުރިމަތިވެދާނޭ ކަމެއް ކަމަށް އޭނާ ދެކެއެވެ.

[ކޮންދުވަހަކުންނޯ އަންނަނީ؟ ތާރާގެ އުފަލެއް ކަމަށްވަންޏާ އެއީ އަހަރެންގެވެސް އުފަލެއް....] އަރުފާން އޭނާގެ ގެނައި މަސް ސިންކުތެރެއަށް ލުމަށްފަހު ވާހަކަ ދެއްކިއެވެ.

[އަދި ސީދާ އަންނަ ދުވަހެއް ނޭނގެ. އެކަމަކު ފެށޭ މަސްތެރޭ އަންނާނެ.] ތާރާއަށް މިހެން ބުނެވުނު ވަގުތު ދަރިފުޅު ރޮއިގަތް އަޑު އިވުނެވެ. ތާރާ އަވަސް އަވަހަށް ކޮޓަރިއާ ދިމާޔަށް ހިނގައިގެންފިއެވެ.

އެއީ ތާރާގެ މަންމަ ޞަފޫރާގެ ރައްޓެއްސެއް ކަމަށްވާ ނަސީމާ އެގެޔަށް އައިސް ވަން ވަގުތެވެ. އޭނާޔަކީ އަބަދުވެސް ދޭތެރެ ދޭތެރެއިން އެގެޔަށް ވަދެ ސަމާސާ ވާހަކަ ދައްކައި އުޅޭ ސަކަ މިޒާޖެއްގެ އަންހެނެކެވެ. އެގެޔަށް އަތުވެއްޖެނަމަ، ޢާންމުކޮށް އޭނާ އެކިއެކި ވާހަކަ ދައްކައި ފޫހިފިލުވުމަށް ދެތިން ގަޑިއިރު ވަންދެން އިނދެއެވެ.

[މިއަދު މިއޮތީ ކަންތަކާ ޖެހިފައި. ދެން ބޮޑު ވާހަކައިގައި އެ އަންހެންމީހާ މިއަދުގެ ހަތަރުދަން ހޭދަކުރާނެ.] އަރުފާން ކޮޓަރިއަށް ވަން ވަގުތު ނަސީމާ ފެނުނީމާ ހިތާހިތާ އޭނާއަށް ކިޔާލެވުނެވެ.

[އޭތް...އޭތް ދަރިފުޅާ އަރުފާން އައިސްބަލަ. އަނެއްކާވެސް އެސޮރަށްވެގެން ޖިންނި އުޅެނީކީ ނޫންބާ. މިހެން މިބުނީ މާ ޙަރަކާތް އަވަސްހެން ހީވާތީ.]

ސަމާސާ ރާގަކަށް ނަސީމާ ވާހަކަ ދެއްކިއެވެ. އަރުފާނަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ. އޭނާ ހީކުރީ ނަސީމާއަށް އޭނާއާމެދު ޝައްކު ކުރެވުނީ ކަމަށެވެ.

[އިރާދަކުރެއްވީތީ މިހާރު އެކަމުން ސަލާމަތްވެފައި މިވަނީ...އޭއްޗަކަށް މިހާރު އެދެކުދިންނާ ގާތެއް ނުވެވޭނެ. އަމުދުން މިގެޔާވީ ހިސާބަކަށްވެސް ނާދެވޭނެ.] ޞަފޫރާ ނަސީމާގެ ވާހަކައާ ގުޅުވައިގެން ބުންޏެވެ. އަރުފާނަށް ހިތްހަމަޖެހުން ލިބުނީ އެހާ ހިސާބުންނެވެ.

[އެކަމަކު އެސޮރު ހާދަ ތަފާތޭ. އެއްވެސްވަރަކަށް ބޭރުތެރެއަށްވެސް ނިކުމެ އުޅެނީކީނޫން. އެސޮރުގެ ރައްޓެއްސަކުވެސް ނޫޅެނީތަ؟ އަނެއްކާ އަހަރެން ކުރި ސަމާސާގެ ސަބަބުން އެސޮރު ހިތްހަމަނުޖެހިދާނެކަންނޭނގެ.] ނަސީމާ ބުންޏެވެ.

އެވަގުތު ތާރާވެސް ދަރިފުޅު އުރާލައިގެން އައިސް މަންމަމެންގެ ގާތުގައި އިށީނެވެ.

[މަންމާ...އަހަރެން މަސްކޮޅު ފްރިޖަކަށްނުލަން. ނަސީމާއްތަ...ބޭނުންތަ؟] ތާރާ ބުންޏެވެ.

[އާނ ދީފިއްޔާ ބޭނުން. މިވަގުތު މިއާދެވުނީވެސް މަހާ ދިމާވާންކަންނޭނގެ. އަހަރެމެން ގޭގައި ލައިގެންކާން އެއްޗެއް ނެތިގެން މިއަދުވެސް މަސްދަޅެއް ގަނެގެން، އެއިން ކިރުގަރުދިޔަ ކެއްކީ. މިހާރު ދެން މަސްދަޅާ އެއްޗެތިވެސް ގަނެގެން ކެވޭވަރެއް ނުވެއެއްނު.] ނަސީމާ ތާރާގެ އުނގުގައި އިން ދަރިފުޅު އުރާލިއެވެ.

[ތިބުނީ ރަނގަޅަށް. ތަކެތީގެ އަގުބޮޑުވަމުން ގޮސް މިހާރު ދެން ގަނެވޭވަރުގެ އެކައްޗެއްވެސް ނެތް. މިހާރު ދެން މަދުން އާމްދަނީ ލިބޭ ބަޔަކަށް މިތާނގައި ދިރިއުޅުން، ބޮޑު ވޭނަކަށް ވެއްޖެ.]

[ދުވަސްތައް މާޒީވަމުން ގޮސް ތާރާގެ ދަރިފުޅަށް އެގާރަ މަސް ފުރިއްޖެއެވެ. މިހާރު ތާރާގެ ޢާއިލާއިން ތައްޔާރުވަމުން އެދަނީ ދަރިފުޅުގެ އަހަރު ފުރޭ ޙަފްލާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ތައްޔާރުވުމަށެވެ. ހިތާދެކޮޅަށް އަރުފާންވެސް ދަނީ އެކަމުގައި ބައިވެރިވަމުންނެވެ.

ޝިޔާންވެސް މިހާރު މާލެ ދިޔުމަށްޓަކައި ތައްޔާރުވަމުން ދަނީއެވެ. މާލެ ދިޔުމަށްފަހު އޭނާ ޤަޞްދުކޮށްފައިވަނީ ކުރިންވެސް އޭނާ ފަންޑިތަ ހެއްދި މީހާގެ އެހީތެރިކަން ހޯދާށެވެ.

ޝިޔާން އިތުރަށް ފިޔަވަޅު އަޅާނީ ކުރިން ފަންޑިތަ ހަދައިދިން މީހާގެ ނުވަތަ އެނޫން އެފަދަ މީހެއްގެ ފުރިހަމަ އެހީތެރިކަން ހޯދައިގެނެވެ. މިހާރުވެސް ޝިޔާންގެ އުނަގަނޑުގައި ތަވީދެއް އަޅުވާފައި އޮވެއެވެ.

އަރުފާނަށް އޭނަޔާ ހަމަޔަށް ވާސިލް ނުވެވެނީ އެތަވީދުގެ ސަބަބުންނެވެ. އަރުފާން ކިތަންމެވަރަކަށް އޭނައަށް ފާރަލަމުންދިޔަ ކަމުގައިވިޔަސް އޭނަޔާ ކައިރިނުވެވެނީ އެތަވީދުގެ ސަބަބުންނެވެ.

ޝިޔާން ދޮޅުމަސްދުވަހުގެ ޗުއްޓީއަކަށް ރާއްޖެ އައީ އޭގެ ދެތިންދުވަސް ފަހުންނެވެ. ޝިޔާން މާލެ އައުމާއެކު އެކަން އަރުފާނަށްވެސް އެނގުނެވެ.

[އަހަރެމެންގެ ދިރިއުޅުމަށް ވިހަލުމުގެ ފުރްޞަތު ޝިޔާނަކަށް ނުދޭނަން. އަހަރެން އޭނާގެ ދުވަސް ދުއްވާލާނަން. އަހަރެން އެ ފުރްޞަތު ހޯދާނަން.] އަރުފާން ހިތާހިތާ ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް އޭނަޔަށް އެފުރްޞަތު ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ހަމަގައިމުވެސް ޝިޔާން އެކަމަށް ވިސްނާނެއެވެ.

[މަންމާ...އަހަރެން ބޭނުން ރަށަށް ޖައްސާލަން.] ޝިޔާން ވާހަކަ ދެއްކީ އޭނާގެ މަންމަ ޝަކީބާއާއެވެ.

ނަމަވެސް ރަށުގައި އެއްވެސް މީހަކު ނެތިސް ޝިޔާން އެކަނި ފޮނުވުމަކީ ޝިޔާންގެ މަންމަ ރުހޭ ކަމެއް ނޫނެވެ. ޝިޔާންގެ ދޮންތަވެސް އެކަމަކަށް އެއްބަސްވާނެހެނެއް ހިއެއްނުވެއެވެ.

[ރަށުގައި މީހަކު ނެތަސް އަހަރެން ބޭނުން ރަށަށް ދާން. ކޮންމެހެންވެސް އަހަރެން ބޭނުން ދާން.] ޝިޔާން އޭނާ ރަށަށް ދާން ބޭނުންވާ ސަބަބެއް ނުބުނެއެވެ.

[އޭނަ ރަށަށްދާން އުޅެނީ މީހެއްގެ އަންބަކާހެދި މޮޔަވެގެން. ކަލޭމެން އޭނާ ހިފަހައްޓާތި. އެހެން ނޫނީ ނިކަމެތި ގޮތެއް މެދުވެރިވެދާނެ.] ޝިޔާން ބޭރަށް ނިކުތްތަނާހެން އެރަށުގެ އަވަށްޓެރިއެއް ކަމަށްވާ ނަސްރީނާ އެގެޔަށް އައިސް ޝަކީބާ ގާތު ބުންޏެވެ.

[ކީކޭ! ކާކު ނަސްރީނާ ގާތު ތިވާހަކަ ބުނީ؟ އަހަރެންގެ އެދަރިފުޅު ތިޔަފަދަ މޮޔަކަމެއް ކޮށްފާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭނެ.] ޝަކީބާ ނަސްރީނާގެ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

[އަހަރެން ގާތު ބުނީ، ތިގޭ ކުރިމަތީގައި ހުންނަގޭ ޞަފޫރާ...ޝިޔާން އުޅެނީ އެގޭ ތާރާޔާ ހެދި. އޭނާ މެލޭޝިޔާގައި ހުރިއިރުވެސް ތާރާއަށް ގުޅައިގެން ވަރަށް އުނދަގޫކުރޭ.] ނަސްރީނާ އިތުރަށް ކިޔައިދިނެވެ.

[ތާރާޔާހެދި!؟ އެއީ ޝިޔާނާ އެއް ޢުމުރުގެ މީހެއްވެސް ނޫނެއްނު. އެސޮރަށް މިއޮތް ބޮޑު ދުނިޔެއިން އެނޫން މީހަކު ނުފެނުނީތަ؟ ތިޔައީ ތެދެއް ކަމަށްވާނަމަ، އަހަރެން ޝިޔާން ރަށަކަށް ނުފޮނުވާނަން.] ޝަކީބާ ދެއަތަކަށް ބޯހޫރާލިއެވެ.

[އަހަރެން މިބުނީ ޙަޤީޤަތް. ޝިޔާން ގުޅާފައި އުނދަގޫ ކުރާތީ ކޮންމެފަހަރަކު އެމީހުން ނަންބަރުވެސް ދަނީ ބަދަލުކުރަމުން. ޝަކީބާ ޝިޔާން ހުއްޓުވާ. ޝިޔާނަށް މިހާރުވެސް އޭނަޔާ އެއްފުރާވަރުގެ ކިތަންމެ ރަނގަޅު ކުއްޖަކުވެސް ލިބިދާނެ. ޝިޔާންގެ ސަބަބުން ކަލޭމެންގެ ތި ޝަރަފްވެރި ޢާއިލާ ބަދުނާމްވިޔަނުދޭތި.] މިހެން ބުނެފައި ނަސްރީނާ އުޅުނީ ހިނގައިގަންނާށެވެ. ނަމަވެސް ޝަކީބާ އަދި އޭނާ ހުއްޓުވިއެވެ.

[އަދި މަޑުކޮށްބަލަ...ޖޫސް ތަށްޓެއް ވިޔަސް ބޯލައި، މިގެއިން ކަރު ތެންމާލައިގެނެއްނު ދާންވާނީ. އަހަރެން ނަސްރީނާ ތިދެއްކި ވާހަކަޔާމެދު ވިސްނައި ބަލައި ފިޔަވަޅު އަޅާނަން. މިޢާއިލާއަށް އެއްވެސް ހުތުރު ނަމެއް ލިބުމަކީ އަހަރެން ރުހޭނޭ ކަމެއް ނޫން.] ޝަކީބާ ބުންޏެވެ.

[ޝަކީބާ...އަހަރެން ޖޫސް ތަށްޓެއް މިގެއިން ބުއިފަދަ...އަހަރެން މިދަނީ ސްކޫލްދޮށަށް ދާން. އެހެން ދުވަހަކުން ޖޫސްބޮއި ހަދަން އަންނާނަން.] ނަސްރީނާ ނިކުތެވެ.

ނަސްރީނާއަކީ ދުވަހަކުވެސް ޝަކީބާމެން އުޅުނު ތަނަކަށް ކުރިން ގޮސް އުޅޭ މީހެއް ނޫނެވެ. ނަމަވެސް މިއަދު ސީދާ އެވާހަކަތައް ދެއްކުމުގެ ބޭނުމުގައި އޭނާ އެގެޔަށް އައީތީ ޝަކީބާ ހިސާބަކަށް ޙައިރާންވެސްވިއެވެ.

ނަސްރީނާ ދިޔުމާއެކު ޝަކީބާ އޭނާގެ އަންހެން ދަރިފުޅު ޝިނާއަށް އެހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ޝިޔާން ރަށަށް ދާން އުޅޭގޮތުން ޝިނާއަށް ޝަކީބާގެ ވާހަކަ ވަރަށް ފަސޭހައިން ޤަބޫލު ކުރެވުނެވެ.

[މަންމާ...ކޮންތާކަށް ޝިޔާން ދިޔައީ. ކޮންމެ ގޮތެއް ހަދާފައިވެސް އެބަޖެހޭ ޝިޔާނަށް ވިސްނައިދީގެން އޭނާ ހުއްޓުވަން. ވަރަށް ޤަބޫލުކުރަން ދަތި ވާހަކައެއް އެކަމަކު ތިޔައީ. ޝިޔާނާހެދި މިހާރުވެސް ހާދަ އަންހެން ކުދިން އުޅެޔޭ.] ޝިނާ ބުންޏެވެ.

[ކިތަންމެ ރީތި ކުދިންތަކެއް އަހަންނާ ހެދި އުޅުނަސް، އެއިން އެއްވެސް ކުއްޖަކަށް އަހަރެންގެ ޝައުޤުވެރިކަމެއް ނުހޯދޭ. ވަރަށްގިނަ ކުދިން ގުޅަންވެސް ގުޅާ.] ޝިޔާން ވާހަކަ ދެއްކީ އޭނަޔާއެކު މެލޭޝިޔާގައި ކިޔަވަން ހުރެފައި އައި އޭނާގެ ރަޙްމަތްތެރިޔާ ވިޝާލްއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ހެދިގޮނޑުދޮށް ސަރަޙައްދުގައި ހުރި ކެފޭއެއްގެ ތެރޭގައެވެ.

[އަހަންނަށް ލަވާޒާ މިލްކެއް. ޝިޔާނަށް ކޯއްޗެއް؟] އެވަގުތު އެތަނަށް އައިސް ހުއްޓުނު ވެއިޓަރު އަންހެން ކުއްޖާ ގާތު ވިޝާލް ބުންޏެވެ.

[އަހަންނަށްވެސް ލަވާޒާއެއް ގެނޭ. އަދި ދެސޭންޑްވިޗްވެސް ގެންނާތި.] ޝިޔާން ބުންޏެވެ.

އެވަގުތު ދުރުން މާދުރުން އެދިމާއަށް ހިނގަމުން އަންނަ އަންހެން ކުދިންގެ ގްރޫޕެއް ވިޝާލްގެ އަމާޒަށް އެރީ ކޮންމެވެސް އެއްޗެކޭ ބުނަން ވެއިޓަރަށް ގޮވާލަން އުޅެނިކޮށެވެ.

[ޝިޔާން ނިކަން ބަލާބަލަ....އެއަންނަ ރީތި ކުދިން. ހީވަނީ މިތަނަށް އަންނަ ކުދިބައެއްހެން.] ވިޝާލް އެދިމާޔަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

އެގްރޫޕްގައި ސްކޫލް ދުވަސްވަރު ހިސާބަކަށް ޝިޔާން ދަންނަ އަންހެން ކުދިންވެސް ތިއްބެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖެއްގެ ނަމަވެސް އޭނާޔަކަށް ނޭނގެއެވެ.

ވިޝާލް ހީކުރިގޮތަށް އެކުދިން އައިސް އިށީނީ އެމީހުން ތިބި މޭޒާ ޖެހިގެން ހުރި މޭޒުގައެވެ.

ވިޝާލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އެކުދިންނާ ދިމާޔަށެވެ.

[ޝިޔާން...އެކަހަލަ ރީތި ކުއްޖަކު ހޯދަން އުޅެބަލަ. ދެން ތިޢުމުރަށްދާއިރު ހުހަށް ހުންނާކަށް ނުވާނެ. އަބަދުވެސް ބިޓެއް ހުންނަންވާނެ.] ވިޝާލް ވާހަކަ ދެއްކީ އެއަންހެން ކުދިންނަށް އަޑުއިވޭވަރަށެވެ. އެކުދިން ދޭތެރެއަކުން ވިޝާލްމެނާ ދިމާޔަށް ބަލައިވެސްލައެވެ.

[ޝިޔާނަކީ ފިނޑި ފިރިހެނަކަށް ވެދާނެ. އަހަރެމެންނަށް ޝިޔާނާ ގުޅޭނެ ގޮތެއް ވެއްޖެއްޔާ ޝިޔާން ސެޓްކޮށްލުމަކީ އުނދަގޫ ކަމެއް ނޫން.] އެތަނުން ލާނެތްފާޑުގެ އަންހެން ކުއްޖެއް ކަމުގައިވާ މާއިޝާ ވާހަކަ ދެއްކިއެވެ. މާއިޝާއަކީ ވަރަށް ކެރޭ ހުޝިޔާރު އަންހެން ކުއްޖެކެވެ. އޭނާ ކޮންމެ މީހަކާ ކޮންމެ ވާހަކައެއްވެސް ދައްކަފާނެއެވެ.

އެދުވަހު ކޮފީބޮއި ނިންމުމަށްފަހު ދަމުން ވިޝާލް ޓިޝޫއެއްގައި ޝިޔާންގެ ފޯނު ނަންބަރު ނޯޓްކޮށްފައި، ޝިޔާނަށް ނާންގާ އެ އަންހެން ކުދިން ތިބި މޭޒުމަތީގައި ބޭއްވިއެވެ.

ނަމަވެސް އެ ޓިޝޫގައި އޮތް ނަމްބަރު ނޯޓްކުރީ މާއިޝާއެއް ނޫނެވެ. މާއިޝާއަކީ މީހެއްގެ އަންބެކެވެ.

[ޖެއްސުމަކަށްވެސް މި ނަމްބަރާ ގުޅަންވާނެ. މިތާނގައި ހުރި ހުސް މީހަކީ ސިޔާދާ....ސިޔާދާ ގުޅާތި.] މާއިޝާ އެ ޓިޝޫ ސިޔާދާގެ އަތްދަބަސްތެރެއަށް ލިއެވެ.

ޙަޤީޤަތުގައި ސިޔާދާ ބޭނުންވެސްވީ ގޮތެވެ. އޭނާ ރައްޓެހިން ގާތު ޝިޔާންގެ ވާހަކަ ނުދެއްކިޔަސް، އެވަގުތު ޝިޔާން ފެނުމާއެކު، އޭނާޔަށް ޝިޔާނާމެދު ވިސްނެން ފެށުނެވެ.

އޭނާ ޝިޔާނަށް ގުޅީ އެދުވަހު ގެޔަށް ގޮސް ކޮޓަރީގައި އެކަނި ހަމަޖެހިލައިގެން އޮވެއެވެ.

އޭރުވެސް ޝިޔާން އަދި ގެޔަކަށް ނުދެއެވެ. އޭނަޔާ ވިޝާލް މަސައްކަތް ކުރަމުންދަނީ މޮޅު ފަންޑިތަ ހަދާ މީހަކު ފެނޭތޯއެވެ.

[ހުވަދުއަތޮޅުގައި އުޅޭނެ ވަރަށް މޮޅަށް ފަންޑިތަ ހަދާ މީހުން. މިރަށުގައިވެސް މިހާރު އުޅޭނެ ހުވަދުއަތޮޅުގެ މޮޅު މީހުން. އެއިން މީހަކު އަތުޖެހިއްޖެއްޔާ ވަރަށް ފައްކާވާނެ.] ވިޝާލް ބުންޏެވެ.

ޝިޔާންގެ ފޯނު ރިންގްވާން ފެށީ އެގޮތުން އެމީހުން ފަންޑިތަ ހަދާ މީހަކު ހޯދަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

[ފޯނު ނަގާބަލަ...އަހަރެން އަންނާނަން ތިހިރަ ކަޑަޔަށް ވަދެލާފައި. އެތާނގައި ކުރިން އުޅުނު ވަރަށްމޮޅު ފަންޑިތަ ހަދާ މީހަކު...] ވިޝާލް ގޮސް ކުރިމަތީގައި ހުރި ފިހާރަޔަށް ވަނެވެ.

ޝިޔާން ފޯނު ނެގިއެވެ. ގުޅީ ސިޔާދާއެވެ. އެއީ ކެފޭ ތެރެއިން ފެނުނަސް، ޝިޔާނަށް ފާހަގަކުރެވިފައިވާ އަންހެން ކުއްޖެއް ނޫނެވެ.

[ޝިޔާންދޯ....އަހަންނަށް ކިޔަނީ ސިޔާދާ. މިގުޅީ ޝިޔާނާ ވާހަކަ ދައްކާލާހިތުން. އެންމެ ރަނގަޅުތަ؟] ސިޔާދާ ވާހަކަ ދެއްކިއެވެ.

[ކިހިނެއް އަހަރެންގެ ނަމްބަރު ހޯދީ. ސިޔާދާއޭ ބުންޏަކަސް އަހަންނަކަށް ނޭނގުނު.] ޝިޔާން ވިސްނާލިއެވެ.

[ދެން ހިތްއެދޭ މީހަކާ ވާހަކަ ދައްކަން މަސައްކަތް ކުރާނެއެއްނު. ނަޞީބު ރަނގަޅުކަމުން ޝިޔާންގެ ނަމްބަރު ހޯދާކަށް އުނދަގުލެއްނުވި. ޝިޔާން އުޅެނީ ރާއްޖެއިން ބޭރުގައިދޯ؟] ސިޔާދާ ބުންޏެވެ.

[އާނ...މެލޭޝިޔާގައި ކިޔަވަން ހުންނަނީ. ވަރަށް ޙައިރާންވެއްޖެ ސިޔާދާއަށް އަހަރެން އެނގުނީތީ....] ޝިޔާންވެސް ވާހަކަ ދެއްކީ ހިސާބަކަށް ގަޔާވެގެން ހުރެއެވެ.

[ޝިޔާން ޙައިރާނެއް ނުވާނެ. ޝިޔާނަށް އަހަރެން ބުރުގާ އެޅީމާ ނޭނގުނީ. އަހަރެން ޝިޔާނާއެކު އެއްކުލާހެއްގައި ތިންއަހަރު ކިޔެވިން، ސީ.އެޗް.އެސް.އީ.ގައި އުޅުނުއިރުވެސް.] ސިޔާދާ ޝިޔާނަށް ހަނދާންކޮށްލަދިނެވެ.

[އާނ...ހަނދާންވެއްޖެ. ތީ އެ ސިޔާދާތަ...މިއަދު އެތާ ސައިބޯން ތިބިއިރު އަހަރެން ހިތަށްއެރިޔޭ، ތީ އަހަރެން ދަންނަ މޫނެކޭ. ނޭނގޭނެއެއްނު ބުރުގާ އެޅީމާ މާ ރީތިހެން ހީވަނީ...އެންމެ ރަނގަޅު...ކީއްކުރަންތަ ދެން ތިގުޅީ...] ޝިޔާން ހަނދާންވިއެވެ.

[ހިތަށްއެރީ ޝިޔާންގެ ނަމްބަރުވެސް ލިބުނީމާ އުނދަގޫ ކުރަން ގުޅާނީއޭ. އަހަރެން ގުޅާނަން ދޭތެރެއަކުން...މިވަގުތު އިހަށް ބާއްވަނީ.] ސިޔާދާ ފޯނު ބޭއްވިއެވެ.

ޝިޔާންގެ މަންމަ ޝަކީބާއާއި އޭނާގެ ދޮންތަ ޝިނާ ހުރީ ޝިޔާން ގެޔަށް އަންނަންދެން އިންތިޒާރުގައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޝިޔާން ހުއްޓުވަން އެމީހުން ބޭނުމެވެ.

[ޝިޔާން ތިކުރާ ކަންތައް ހުއްޓާލަން އުޅޭ...ޝިޔާން ތިކުރާ ކަމެއްގެ ސަބަބުން މިޢާއިލާ ބަދުނާމްވާން ޝިޔާން ބޭނުންތަ؟] ޝިޔާން ގެޔަށް އައިސް ވަނުމާއެކު، މަންމަ ޝިޔާނާ ވާހަކަ ދެއްކިއެވެ. ފިސާރި ހިތްހަމަނުޖެހިފައި ހުރެމެއެވެ.

ކުއްލިއަކަށް މަންމަ ދެއްކި ވާހަކަޔަކުން އޭނަޔަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.

[މަންމާ...މަންމަ ތިދައްކާ ވާހަކައެއް އަހަންނަކަށް ނުވިސްނޭ!] ޝިޔާން ޙައިރާންވެފައި ހުރެ ވާހަކަ ދެއްކިއެވެ. އެވަގުތު އެތަނަށް އޭނާގެ ދޮންތަވެސް އައިސް ހުއްޓިއްޖެއެވެ.

[ޝިޔާން...ދޮންތަމެނަށް އެއްވެސް ކަމެއް ނޭނގޭނެ ކަމަށް ހީނުކުރައްޗޭ. މަންމަ އެބުނިހެން ޝިޔާނަށް ކުރެވޭ ކަމެއްގެ ސަބަބުން މިޢާއިލާ ބަދުނާމްވެގެން ނުވާނެ. މިހާތަނަށް އަހަރެމެންގެ މިޢާއިލާއަކީ މީހުންގެ އިޙްތިރާމާއި ލޯބި ލިބެމުން އަންނަ ޢާއިލާއެއް. އެކަން ޝިޔާންވެސް ދަންނަންޖެހޭނެ.] ޝިނާވެސް މަންމަގެ ވާހަކައާ ގުޅުވައިގެން ބުންޏެވެ.

[އެކަމަކު ދޮންތާ...އަހަރެން މިޢާއިލާއަށް ހުތުރެއް ލިބިދާނެ ކަމެއް އަހަންނަށް އެނގިގެނެއް ނުކުރާނަން. އަދި ނުވެސް ކުރަން. ކޮންމެވެސް މީހަކު މަންމަމެން ގާތު ދޮގު ވާހަކަތަކެއް ދައްކައިގެން އުޅެނީކަން އަހަންނަށް އެނގޭ. ތި މީހަކު ދެއްކި ވާހަކައެއް ދެއްކިގޮތަށް އެބީދައިން އަހަންނަށް ކިޔައިދީބަލަ.] ޝިޔާން މަންމައިން ސޯފާގެ އެއްކޮޅުގައި އިށީނދެއްޖެއެވެ.

އެއަށްފަހު ޝަކީބާ އެގެޔަށް އައިސް އެމީހާ ކިޔައިދިން ގޮތަށް ޝިޔާނަށް ކިޔައިދިނެވެ. ޝިޔާންވެސް ޙާދިޘާއިން ލަދުވެތި ހިސާބު ސިއްރު ކުރުމަށްފަހު މަންމަމެނަށް ކިޔައިދިނެވެ. އަދި އޭނާގެ އުނަގަނޑުގައި އަޅުވާފައިވާ ތަވީދުގެ ވާހަކަވެސް މަންމައާއި ދޮންތައަށް ކިޔައިދިނެވެ.

ވުމާއެކު އަމުދުން ޝިޔާން ރަށަށްދާކަށް އެމީހުން އެއްބަހެއް ނުވިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


0

ޚަދީ

25-Mar-2020

ޥަރަށް ރީތި



ޓްރެންޑިން