އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވޯޓުގެ ކުރިން ކެންޑިޑޭޓުން އެކުލަވާލާ ސަރުކާރެއްގެ ކޯލިޝަންގައި ތިބޭނެ ޕާޓީތައް ހާމަކުރުމަށް، ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވުމުން މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ގޮވާލައްވައިފިއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެ ޕާޓީގެ ރައީސްކަންވެސް ކުރެއްވި އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވީ، ވެރިކަމަށް އައުމަށް ކޯލިޝަނެއް ހަދާނެކަމަށް ބުނާނަމަ، ކޯލިޝަނުގައި ހިމެނޭ ފާޓީތައް ޕްރައިމަރީ ވޯޓުގެ ކުރިން އެނގެންވާނެ ކަމަށެވެ. މިހާރު ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ޞާލިޙް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު އުފައްދަވާނީ ކޯލިޝަން ސަރުކާރެއް ކަމަށެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިބްރާ ވިދާޅުވީ 2008 ގައި އޭރުގެ ކެނޑިޑޭޓުން ކަންތައްކުރީ އެގޮތަށް ކަމަށެވެ. އެގޮތުން ފުރަތަމަ ބުރަށް ދިޔައިރުވެސް، ޕްރައިމަރީ ބޭއްވިއިރުވެސް ކޯލިޝަން ހަދާނެ މީހުން އެނގޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ. އެހެންކަމުން މިމަހު 28 ގެ ކުރިން ދެ ކެންޑިޑޭޓުންވެސް އެކަން ހާމަކުރެއްވުމަށް އިބްރާ ގޮވާލެއްވިއެވެ.

“ކާޅުހާއްޔަށް ކޮވެލިބިސްއަޅަން ދޭއިރު، ބިސްއަޅާނީ ކޮންކޮވެލިތަކެއްކަން އެނގެންޖެހޭ.” އިބްރާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ދައުލަތުގެ މަޤާމްތަކުގައި ތިއްބެވި ގިނަ ބަޔަކު އެއްފަހަރާ ޗުއްޓީ ނަންގައިގެން އޮފީސް ދޫކޮށްލާފައި ދިއުމުން ވެދާނެ ގޮތަކާމެދުވެސް އިބްރާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި އިބްރާ މިމޭރުމުން ވިދާޅުވެފައިވާއިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެސްއެލްޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރަށްވައި މުޅި ރާއްޖެއިން އިބްރާހިމް އިސްމާއީލް (އިބުރާ) އަށް ލިބިވަޑައިގެންފައި ވަނީ 1،382 ވޯޓެވެ. އެއީ މުޅި ވޯޓްގެ 0.78 ޕަސެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން