ބޮޑުތަކުރުފާނު މަގުގައި ހިންގާ "ކެފޭ ތާސީރު"ހިންގަނީ އެގްރީމެންޓާއި ޚިލާފަށް ކަމަށް ބުނެ އެ ހޮޓާ އެތަނުން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ 358 ނަންބަރު ކޮށީގައި، މާލޭގެ ދެކުނު ފަރާތު ވިލާގޭސް ބޮޑުތަކުރުފާނުމަގާއި އިންވެގެން ހުރި 7 ނަންބަރު ފާޚާނާބަރީގައި ހިންގަމުންދާ "ކެފޭ ތާސީރު" ގެ ވިޔަފާރި ހުއްޓުވައި އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެ ކައުންސިލުން ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތުމުން ކަމަށެވެެ.

"މިކަން ހުއްޓުވަން ނިންމީ ކެފޭ ތާސީރު ބަދިގެ އަކީ ގިނަ އަދަދެއްގެ ގޭސްފުޅި ގުދަންކުރެވިފައި ހުންނަ ތަނަކާއި އިންވެގެން ހުންނަ ބަދިގެއެއް ކަމުން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރުއޮތުމުން،" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ދާދިފަހުންވެސް ވަނީ ކެފޭއެއްގެ ބަދިގޭގައި ރޯވެގެން ވަރަށްބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިކަމަށެވެ. މީގެ އިތުރުން ދާދި ފަހުން ނީލަން ފިހާރަ ހުރިތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުންތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެން ގޮސްފައިވާއިރު އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ފެނިގެންގޮސްފައިވާ ކަމަށާއި، ތާސީރު ކެފޭގެ ވާހަކަ މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ މިހުރިހާ ކަމަކާއި ގުޅިގެން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

"އެއީ މި ކެފޭ އާއި ޖެހިގެން ހުރީ ވިލާ ގޭސް އަދި މޯލްޑިވްގޭސް ގެ ގޭސްފުޅިތައް، އަދި މާ ދުރުނޫން ހިސާބުގަ ޕެޓްރޯލް ޝެޑްވެސް އެބަހުރި. ކަމެއް ދިމާވާނީ ބުނެފައެއްނޫން. މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގަ އިމޭޖްވެސް ނުކުރެވޭ ވަރުގެ ސްކޭލަކަށް ވެދާނެ.“ މޭޔަރު ވިދާޅުވިއެވެ.

މިކަމަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައިއޮތް ކަމެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އަސްލު އެބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެއް ނަމަވެސް އެގްރީމެންޓާއި ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާއި އެއްކޮޅަށް ނިމިފައިވާކަމަށެވެ.

މޭޔަރު ވިދާޅުވީ ކެފޭ ތާސީރު ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ކަމަށާއި، މި މައްސަލަ މިހާރުވެސް ދަނީ ހައި ކޯޓުގައި ހިނގަމުންކަމަށެވެ. މޭޔަރުގެ އިތުރުން ކައުންސިލަރުންވެސް ވަނީ ކެފޭ އެތަނުން ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިންނަވާކަން ފާހަގަ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން