ވިއެޓްނާމުގެ ރައީސް ގްޔެން ޒުއަން ފުކް އިސްތިއުފާ ދެއްވައިފިކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.



ވިއެޓްނާމްގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް ގްޔެން ޒުއަން ފުކް ވަނީ މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅައި، ވަޒީފާ ދޫކޮށް ރިޓަޔާކުރަށްވާފައެވެ. ވިއެޓްނާމުގެ ރައީސް އިސްތިއުފާ ދެއްވާފައި މިވަނީ އެގައުމުގައި ކޮރަޕްޝަނާ ދެކޮޅަށް ހިންގަމުންދާ މަސައްކަތުގެ ތެރެއިން ވިއެޓްނާމްގެ ރައީސް މަގާމުން ވަކިކުރަން އުޅޭ ކަމަށް ގިނަ ދުވަސްތަކެއް ވަންދެން އަޑު ފެތުރިފައި ވަނިކޮށެވެ.

ވިއެޓްނާމުގެ ރައީސް ގްޔެން ޒުއަން ފުކް، ވިއެޓްނާމުގެ 10 ވަނަ ރައީސް ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު ހުންނެވީ ވިއެޓްނާމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން 2016 އިން 2021 ވަނަ އަހަރާއި ހަމައަށް އެމަނިކުފާނު ބޮޑުވަޒީރުކަން ކުރެއްވި ދުވަސްވަރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ވަޒީރުން ކުރި ކޮރަޕްޝަނުގެ ޒިންމާ އެމަނިކުފާނު އުފުލަންޖެހޭނެކަމަށް ރައީސް ނިސްބަތްވާ ވިއެޓްނާމުގެ ކޮމިއުނިސްޓް ޕާޓީން ނިންމާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވިއެޓްނާމުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ޑެޕިއުޓީ މިނިސްޓަރެއްގެ އިތުރުން ސަރުކާރުގެ އެތަކެއް އިސް އޮފިޝަލުންނެއް މިމަހު އެކަނިވެސް މަގާމުން ވަނީ ވަކިކޮށްފައެވެ. މަގާމުން ވަކިކުރި ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ ވިއެޓްނާމުގެ ފޮރިން މިނިސްޓްރީ އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ކަންކަމާއި ހަވާލުވެ ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންނެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮވިޑް ޓެސްޓު ކިޓު ބެހުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގުމުގެ ތުހުމަތުގައި ވިއެޓްނާމު ސަރުކާރުގެ އޮފިޝަލުންނާއި، ފުލުހުންނާއި، ވިޔަފާރިވެރިން ހިމެނޭހެން 100 އެއްހާ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން