ޞާދިރު ޢަލީދީދީ   25 ޖޫން 2020 - 15:2
ސަރާ
ސަރާ
އެޕިސޯޑް 06

...............

[ސާބަސް ސަރާއަށް! އެވަރުގެ ކަމަކާ ތިރޮނީ....ހުވަފެނަކީ ބިލާހެއް...ސަރާ އަހަންނަށް އިތުބާރެއްވެސް ނުކުރަންދޯ؟ އަހަރެން ވަރަށް ދެރަވެއްޖެ.] ޢިމްރާން ސަރާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވާލިއެވެ.

[ދެރަވަނީ އިތުބާރު ނުކުރެވޭތީކީ ނޫން. އެހުވަފެން ފެނުނީމާ ހިތަށް އަރަނީ، ބަޔަކު މީހުން އެކަން ކުރުމަށް އެބަ ރާވަޔޭ.] ސަރާ ނުސީދާކޮށް މައިދައިތަގެ ރޭވުމުގެ ވާހަކަ ބުނެލިއެވެ.

[ބަޔަކު ކިތަންމެ ރޭވިޔަސް، އަހަރެން ގުޑާލިއްޔާއެއްނު. އަހަރެންގެ ހިތުން ސަރާގެ ލޯބި ނިގުޅައިގަތުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫން. އިންސާނީ ބާރަކުން ލުހެލެވޭ ވަރަށްވުރެން މާވަރުގަދައަށް އަހަރެންގެ ހިތުގައި ސަރާގެ ލޯބި ވަނީ ބިންވަޅު ނެގި އިންދިފައި....މީހަކު އެއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަންޏާވެސް، އެއިން އިތުރު ކުޅިފަޅާ ލޯބިވާނީ ވަރުގަދަ....] ޢިމްރާން ސަރާގެ ކަރުނުން ފުރިފައިވާ ލޮލުގައި ތުންފަތް ޖައްސާލިއެވެ.

[ޢިމްރާން...ހިތަށްއަރަނީ މަންމަ އުޅޭނީ ހާދަ ނިކަމެތި ހާލެއްގައޭ...މަންމަ ދެކޭހިތްވެސްވޭ....އެކަމަކުދޯ؟] ފިރިމީހާގެ ލޯތްބާމެދު ލިބުނު ޔަޤީންކަމުގެ އުފާވެރި އިޙްސާސާއެކު ސަރާ ވާހަކަ ދެއްކިއެވެ.

[ހިނގާ މާދަމާ ނޫން އަނެއްދުވަހު މަންމަގެ ގާތަށް ރަށަށް ޖައްސާލުމާ...ގޮސް އެގެވެސް ރަނގަޅު ފެންވަރަކަށް ހަދަން ބިންގާވެސް އަޅަންވާނެ...އޭރުންތާ ޗުއްޓީއަށް ގޮސްވެސް ރަށުގައި އުޅެލެވޭނީ....] އުފާވެރި ޚަބަރެއް އަނެއްކާވެސް ޢިމްރާން އިތުރުކޮށްލިއެވެ.

[އަޅެ ހަމަ އަޞްލުގައިވެސް ޢިމްރާންވެސް އަހަންނާއެކު ރަށަށް ދާނަންތަ؟] ލިބުނު އުފަލާއެކު ޢިމްރާންގެ މޭގެތެރެއަށް ބޮނޑިވެލަމުން ސަރާ ބުންޏެވެ. ޢިމްރާން ބޯޖަހާލިއެވެ.

ހަމައެރޭ ޢިމްރާން ޢިމްރާން ނިޔާޒަށް ގުޅައިގެން ސަރާގެ ގެހަދަން ބޭނުންވާ ސާމާނު ވީހާވެސް އަވަހަކަށް އެރަށަށް ފޮނުވުމަށް އެދުނެވެ. މަސައްކަތް ކުރާނޭ މީހުންނާވެސް އެކުގައެވެ.

ނަމަވެސް ނިޔާޒް ބުނީ އެކަނި ތަކެތި ފޮނުވުމުން ހަމަޖެހޭނެ ކަމަށާއި، އެރަށުގައިވެސް ރޭނުމުގެ މަސައްކަތްކުރާ މީހުން ވަރަށް ގިނައިން އުޅޭ ކަމަށެވެ.

ޢިމްރާން ބުނީ އެގޮތްވެސް އެންމެ ރަނގަޅު ކަމަށާއި، އޭނާ ބޭނުންވަނީ މަސައްކަތް ފަށާތާ ހަތަރުމަސް ތެރޭގައި މުޅިން ރާނާ ސިމެންތިޖަހާ ނިންމުމަށެވެ.

އޭނާ ގަސްދުކުރެއެވެ. އޭނާއާއި ސަރާއާ އެއްފަދަ އުފާވެރި ޙާލެއްގައި މައިދައިތައަށްވެސް އުޅެވޭފަދަ ގޮތަކަށް އެގެ ބައްޓަން ކުރުމަށެވެ. މައިދައިތަގެ ޙާލު ބެލުމަށާއި، ކައްކާފައި ކާންދިނުމަށް ބިދޭސީ އަންހެނަކުވެސް އެގެއަށް ފޮނުވަން އޭނާ ވަނީ ނިންމާފައެވެ.

[މަންމާ...އަހަންނާ ސަރާ މިއުޅެނީ ދިހަވަރަކަށް ދުވަހަށް ސަރާގެ ރަށަށް ގޮސްލަން ކަމަށް. މިދަތުރުގައި ގޮސް ސަރާގެ ގެވެސް ހިސާބަކަށް ރަނގަޅު ފެންވަރަކަށް ހަދާލާފައި އަންނާނީ...އެގެ ހަދަން ފަންސަވީސްހާސް ޑޮލަރުގެ ބަޖެޓެއްވެސް ކަނޑައަޅައިފިން....] ޢިމްރާން ވާހަކަ ދެއްކީ އޭނާގެ މަންމަ ފަހީމާއާއެވެ.

ޢިމްރާން އެހެން ބުނުމާއެކު، ފަހީމާ ހީވީ ބިމުން ކަނޑައިގެން ދިޔަހެންނެވެ. އެވަރަށް އޭނާއަށް ސިހުން ލިބުނެވެ.

[ދަރިފުޅާ..އަދި ތަންކޮޅެއްފަހުންވެސް އެގެ ހެދިދާނެއެއްނު.] ފަހީމާ ބުންޏެވެ.

[މިހާރު އަހަރެން ހުރިހާ ތަކެއްޗެއްވެސް ގަންނަން ނިޔާޒާ ޙަވާލުކޮށްފިން. އެހެން ނޫނަސް ސަރާ މަންމަ އުޅޭނީ ނިކަމެތި ހާލެއްގައި...އަހަރެމެން އުފަލުގައި އުޅެފައި ސަރާގެ މަންމަވެސް ވަކިނުޖެހޭނެއެއްނު އެގޮތަށް އުޅޭކަށް....ހަތަރުމަހެއްހާ ދުވަސްތެރޭ މުޅި ގެ ނިންމާލެވޭނެ ކަމަށް މިބަލަނީ. މާދަމާރޭ އަހަރެމެން ފުރާނަން. މިހާރު ބައްޕަ ގާތުވެސް ބުނެފިން. ބައްޕަ ބުނީ ވަރަށް ރަނގަޅޭ....އެއީވެސް ހަދަންޖެހޭނެ ގެއެކޭ....] ޢިމްރާންގެ ވާހަކަތަކުން ކިތަންމެ ރުޅިއަޔަސް އެރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ފަހީމާ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އެބަ އަންނަމޭ ބުނެފައެވެ.

ޙަޤީޤަތުގައި ޢިމްރާން ސަރާއަށް ގެ ހަދާދިނަކަސް އޭނައަށް މާބޮޑު ފަރުވާލެއް ނެތެވެ. އޭނާގެ މައްސަލައަކީ ސަރާއާއެކު ޢިމްރާން އެރަަށަށް ދާން އުޅޭތީއެވެ. އޭނައަށް ވަންޏާ ބޭނުމީ އެކަން ހުއްޓުވާށެވެ.

ފަހަރެއްގައިވެސް މަލަކާ ނުފެންނަފަށަށް ޢިމްރާންދިޔަދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ވުމާއެކު އޭނާ އެކަމަށް މަގެއް ހޯދާނެއެވެ.

އެވަގުތެވެ. ރައްޒާޤު ހިފާފައިވާ ކޮޓަރިއެއްގައި މިނިވަންކަމާއެކު ރައްޒާޤުގެ ކިބައިން މަލަކާ އުފާވެރިކަން ލިބިގަންނަނީއެވެ. ފަހުން ވެދާނޭ ގޮތަކާ ދޭތެރޭ މާބޮޑު ވިސްނުމަކާ ނުލައެވެ.

[މަލަކާ ހާދަ ބިރެއް ތިގަންނަނީ.] ބަނޑު ބޮޑުވެއްޖެއްޔާ އަހަރެން އަންހެނުން ވަރިކޮށްފައި މަލަކާއާ އިންނާނަމޭ.] އުފަލާއި އަރާމުގެ ލައްޒަތު ލިބުގަތުމަށްފަހު ފުން ނޭވާއެއްލަމުން ރައްޒާޤު މަލަކާއާ ވާހަކަ ދެއްކިއެވެ. މަލަކާގެ ހިތްހަމަޖައްސާދިނުމުގެ ގޮތުންނެވެ.

[ތިކަމެއް ނުވާނެ. ރައްޒާޤަށް އަންހެނުން ވަރިކުރެވިދާނެ. އެކަމަކު އަހަރެންގެ މައިންބަފައިންނެއް ރައްޒާޤާ އިންނާކަށް ގަބޫލެއް ނުވާނެ.] މަލަކާ ބުންޏެވެ.

[އެކަމަކު އެފަދަ ގޮތެއް މެދުވެރިވެއްޖެއްޔާ، އެމީހުންވެސް ގަބޫލުވާނެއެއްނު. އަޞްލު ތެދަށް މިބުނަނީ އަހަރެންވެސް ބޭނުން މަލަކާއާ އިންނަން. ކާކުތަ ތިޔަފަދަ ރަށުގެ ޤަދަރާއި ޢިއްޒަތް އުފުލިގެންވާ ޢާއިލާއެއްގެ ތެރެއަށް ވަންނަން ބޭނުންނުވާނީ؟] ރައްޒާޤު އޭނާގެ ހިތުގެ ޙަޤީޤީ މަޤްޞަދު ހާމަކޮށްލިއެވެ.

[އެކަމަކު ރައްޒާޤު ތީ ހަތަރު ކުދިންގެ ބައްޕައެއް...މިގޮތަށް ހިތްހަމަޖެހުން ލިބިގަތަސް އަހަރެން ބޭނުމެއް ނޫން ރައްޒާޤުގެ ހަތަރު ކުދިންގެ ޙައްޤަށް އަރައިގަންނާކަށް. މިބުނީ ރައްޒާޤާ ދޭތެރޭ ކައިވެނީގެ ނަޒަރުން އަހަރެން ނުވެސް ވިސްނަމޭ. މިހެން ބުނެފައި މަލަކާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

[ވަރަށް ދަންވެއްޖެ....އަހަރެން ދެން ދަނީ....] މަލަކާ ރީތިވެލައިގެން އެކޮޓަރިން ނުކުތެވެ. ރައްޒާޤު ވިހަ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވުމަށްފަހު ދެފަރާތަކަށް ބޯހޫރާލިއެވެ. އެއަށްފަހު މަޑުމަޑުން (މަލަކާއަށް ނީވޭވަރަށް) ކިޔާލިއެވެ.

[ނިކަން ރަނގަޅަށް ތިޢާއިލާއަށް ޤަދަރާއި ޢިއްޒަތުގެ މަގާމެއްދޭނަމޭ....އަހަރެން ފިރިހެނަކަށް ވާނީ މަލަކާގެ ބަނޑުން އަހަރެންގެ ދަރިޔަކު އުފަންކުރިއްޔާ.] އެއީ މިހާރު ރައްޒާޤުގެ މަޤްޞަދެކެވެ.

މަލަކާ ގެއަށް ވަންއިރު އޭނާގެ އިންތިޒާރުގައި ފަހީމާ ހުއްޓެވެ.

[ދަރިފުޅާ މާ ދަންވަންދެން ކޮންތާކު އުޅެފަ.....] ފަހީމާ މަލަކާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނދެއްޖެއެވެ.

[ރައްޓެހި ކުދިންތަކަކާއެކު ޑިނަރއަކަށް ގޮސްފައި މިއައީ. މިހާލަސްވީ އެވެރިން އަހަރެން ހިފެހެއްޓީއޭ.] މަލަކާ ޖަވާބު ދިން ގޮތުން ހީވަނީ އެއީ އޭނާ މާކުރިންވެސް ދޭން ނިންމާފައި އޮތް ޖަވާބެއް ހެންނެވެ.

[އެހެންތަ؟ ދަރިފުޅާ...ޢިމްރާން އެއުޅެނީ އެ ސަރާއާއެކު ސަރާގެ ރަށަށްދާން. ގެހަދާށޯ. ފަހީމާ މަންމަ ބޭނުން ޢިމްރާން ހުއްޓުވަން.] ފަހީމާ ވަށައިގެން ހޯދާލަމުން ބުންޏެވެ.

[ޢިމްރާން ހުއްޓުވޭނީވެސް ފަހީމާ މަންމައަށް. މަންމަ ރަނގަޅު ގޮތެއް ވިސްނާލަބަލަ....އަހަރެންވެސް ގޮތެއް ރާވާނަން...] މަލަކާ ފަހީމާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެއީ ކޮންމެވެސް ކަމެއްގައި ސަރާ ބޭރަށް ނިކުތް ވަގުތެވެ.

[ރޭއްސުރެ ވަރަށް ބޮޑަށް މޭގައި ރިއްސާތީ މިއުޅެނީ. މިގޭގަ އުޅޭ އަންހެން ކަމަނާ އަހަންނާ ދޭތެރޭ ވިސްނާލަނީކީ ނޫން. ޙަޤީޤަތުގައި ޢިމްރާނާ އިނދެގެން އުޅެންޏާ އަހަރެންގެ ޙާލު ބަލަންވެސް އޭނަ ޖެހެނެއެއްނު.] ސަރާ ފެނުމުން ފަހީމާ ވަގުތުން މައުޟޫޢު ބަދަލުކުރިއެވެ. ސަރާ ނުފެންނަ ކަމަށް ހަދާފައެވެ.

[އެ ސަރާ ފަހީމާ މަންމަގެ ޙާލުވެސް ބަލައެއްނުލާތަ؟] މަލަކާ ފަހީމާގެ މޭގައި ފިރުމާލަދޭން ފެށިއެވެ.

[ޙާލު ބަލާހޭ؟ އޭނަ މިހާރުވެސް އެއުޅެނީ ޢިމްރާން ގޮވައިގެން އޭނާގެ ރަށަށް ދާން. އަހަރެން މިޙާލުގައި އުޅޭއިރު އެސޮރު އަހަންނާ ދުރަށް ގެންދިޔައީމާ ވާނީ ކިހިނެއް.] ފަހީމާ ލޮލުން ކަރުނައިގެ އަސަރު ވެރިކުރުވިއެވެ.

[އޭނަގެ ވާހަކަ ޢިމްރާނު ގާތު ބުނަންވީނު.] މަލަކާ ލޮލުގެ ކުޑަކޮޅުން ސަރާއަށް ބަލައިލަމުން ބުންޏެވެ.

[އެސޮރު ގާތު ބުނެފާނަމޭވެސް ހިތަށްއަރާ. އެހެންވާނީ ތާކުން މީހަކު ފެންނައިރަށް އިނީމަ....] ރޮވޭގޮތް ދައްކަމުން ފަހީމާ ވާހަކަ ދެއްކިއެވެ. ހިތަށްކުރި އަސަރުން ކެތްނުވެގެން ސަރާ އެނބުރި ކޮޓަރިއަށް ވަނެވެ. ނިދާފައި އޮތް ޢިމްރާނަށް ގޮވާފައި އެވާހަކަ ބުނެފާނަމޭވެސް ހިތައެވެ. ނަމަވެސް ކޮޓަރިއަށް ވަދެވުމާއެކު އޭނާގެ ޚިޔާލު ބަދަލުވެއްޖެ ކަަހަލައެވެ.

ވެދާނެއެވެ. އޭނާގެ ސިކުނޑީގައި މަންމަގެ ނަޞޭޙަތުގެ ބަސް ހަރުލާފައިވުމުން، އެހަނދާން އާވިއެވެ. އަނެއްކާވެސް އޭނާ ފަސްޖެހުނީއެވެ. އެކަމަކު އޭނާ ޔަޤީން ކުރެއެވެ. އޭނާ ދައްކާ ވާހަކަ އޭނާގެ ފިރިމީހާ ގަބޫލު ކުރާނެއެވެ. މަލަކާ ކިތަންމެ މަސައްކަތް ކުރިޔަސް ޢިމްރާންގެ ވިސްނުން ބަދަލުކޮށެއް ނުލެވޭނެއެވެ. ޢިމްރާން އޭނާދެކެ ވަނީ ތެދުވެރި ލޯބި ކަމުގައި އޭނާ ގަބޫލު ކުރެއެވެ. އޭނާގެ ހިތްހަމަޖެހުމަކީ އެއީއެވެ.

ސަރާ ކޮޓަރިއަށް ވަދެ ހިތާމަތައް ހިންދޭތޯ މަސައްކަތް ކުރަމުން ޢިމްރާންގެ ގާތުގައި އޮށޯވެލިއެވެ. އެއަށްފަހު ލޯމަތީ އަތްކާއްތާލައި ކަރުނަތައް ފޮހެލިއެވެ. ނަމަވެސް މައިދައިތަގެ ވިހަ ޖުމްލަތައް އޭނާގެ ސިކުނޑިއަކުން ފިލައިގެނެއް ނުދެއެވެ.

އެވަގުތު ހިތަށްއެރިއެވެ. ޢިމްރާންގެ މަންމަ އެވަރަށް ރުޅިއަންނަނީ ކީއްވެބާވައެވެ؟ މަންމަގެ ނުރުހުމުގައި މިހިޔާވަހީގައި އުފާވެރި ޙަޔާތެއް ހޭދަކުރާނީ ކިހިނެއްބާއެވެ؟ މިފަދަ ޚިޔާލުތަކެއް ކުރެވުމާއެކު ސަރާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އިސާހިތު ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާން ފަށައިފިއެވެ.

ޢިމްރާނަކީ މާނިދިހަރު މީހަކަށް ނުވުމާއެކު، އޭނާއަށް ހޭލެވުނީ ސަރާގެ ގިސްލުމުގެ އަޑަށެވެ.

[ސަރާ ރޮނީ! ކިހިނެއްވީ؟ ތަނެއްގައި ރިއްސަނީތަ؟] ޢިމްރާން ކޮޓަރި ދިއްލާލިއެވެ.

[އުހުނ ނުރޮން.] ސަރާ ބާލީސް މޫނުމަތީގައި އަޅާ މޫނުފޮރުވިއެވެ.

[ސަރާ އަހަންނަށް ސިއްރު ނުކުރޭ....މިގޭތެރޭން ހިތްހަމަނުޖެހޭ ކަމެއް ދިމާވިޔަސް އަހަރެން ގާތު ބުނޭ.] ޢިމްރާން ސަރާގެ މޫނުމަތިން ބާލީސް ދަމައިގަތެވެ. އެއަށްފަހު ސަރާގެ ދެކޮނޑުގައި ހިފައި ގާތަށް ލަފާލަމުން އޭނާ ސަރާގެ ލޮލަށް ބަލައިލިއެވެ. އޭރު ހިތާމައާއި ހިތްދަތިކަން ފޮރުވަން ސަރާ މަސައްކަތް ކުރަމުންދަނީއެވެ.

[ޢިމްރާން އަހަރެން ކުރާ ސުވާލަކަށް ޖަވާބުދީފާނަންތަ؟] އިސްޖަހާލަމުން ސަރާ އެއްސެވެ.

[ކޮން ސުވާލެއް، ކޮށްބަލަ.] ޢިމްރާން ސަރާގެ ބޮލުގައި ފިރުމާލިއެވެ.

[ޢިމްރާން މަންމަ އެދުނިއްޔޯ ޢިމްރާން މަލަކާއާ ކައިވެނި ކުރަން ދެއަތްބަށް. ޢިމްރާން އިނދެފާނަންތަ؟] މިސުވާލާއެކު އަނެއްކާވެސް ސަރާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ.

[ކީއްވެ ތިހެން ތިއެހީ! އަނެއްކާ މަންމަ.] ޖުމްލަ ފުރިހަމަ ނުކުރެވެނީސް ސަރާ ޢިމްރާންގެ އަނގަމަތީގައި އަތް އެޅިއެވެ.

[ނޫން. މަންމައާ ދޭތެރޭ ތިގޮތަށް ދެކޭކަށްވެސް ނުވާނެ. ޢިމްރާން މަންމަ ވަރަށް ރަނގަޅު. އަހަރެން އެހެން އެހީ ފެނުނު ހުވަފެނެއްގެ ސަބަބުން. އަހަންނަށް ފެނުނީ ޢިމްރާން މަންމަ ބުނެގެން މަލަކާއާ ކައިވެނިކޮށްގެން އުޅެނިކޮށް. އެހެންވެ ހޭލެވުމުން މާބޮޑަށް އަސަރު ކުރީ...އެކަމާ އަޅާނުލާ....] މިފަހަރުވެސް ސަރާ ޢިމްރާނަށް ޙަޤީޤަތް ވަންހަނާ ކުރުމަށްޓަކައި ދޮގުހެދިއެވެ.

[އެވަރު ކަމަކާ ތިވަރަށް ތިރޮނީ....ސަރާގެ ތިޔަ ހުވަފެން ތެދެއްނުވާނެ...ތިވާނީ ބިލާހަކަށް...ސަރާ ތިވަރަށް އަހަންނާ ދޭތެރޭ ނުވިސްނަބަލަ. ސަރާއަށް އެނގޭތަ ތިވަރަށް ލޯބިވާކަށް ނުވާނެ. ތިވަރަށް ލޯބިވަންޏާ އަހަންނާނުލާ އެންމެ ހިނދުކޮޅަކަށްވެސް ސަރާއަށް ކެތެއް ނުވާނެ.] ސަރާގެ ބޮލުގައި ނުހަނު ލޯތްބާއެކު ފިރުމާލަމުން ޢިމްރާން ބުންޏެވެ.

[މާނައަކީ އަހަންނާނުލާވެސް ޢިމްރާން ދިރިއުޅެން ބޭނުންވަނީއޭތަ؟] ސަރާ ތުން ދިއްކޮށްލިއެވެ.

[ނޫނޭ...އަހަންނަށް ވަކި ސަރާއާ ވަކިން އުޅެވިދާނޭހެން ހީވޭތަ؟ ސަރާގެ ހިތަކަށްވެސް ނުގެނެވޭނެ އަހަރެން ސަރާދެކެ ލޯބިވާ މިންވަރާއި އޭގެ އިޙްސާސްތައް....އަހަރެން ބުނީ ސަރާޔާ ވަކިން ދިރިއުޅޭ ވާހަކައެއް ނޫން. މިސާލަކަށް، ސަރާއަށްވުރެން ކުރިން އަހަރެން މަރުވެއްޖެއްޔާޔޯ.] ޢިމްރާން ސަރާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

[ނޫން ތިހެން ނުބުނޭ ޢިމްރާން. މާތްރަސްކަލާނގެ އެފަދަ ދުވަހެއް ނުދައްކަވާށި.] ސަރާ ޢިމްރާންގެ އަނގަމަތީގައި އަތްއެޅިއެވެ.

[މާދަމާ ފުރަންވެސް ޖެހޭނެ...ދެން ހިނގާ ނިދަމާ. މިހާރުވެސް ވަރަށް ދަންވެއްޖެ.] ޢިމްރާން އޮށޯތެވެ. ސަރާވެސް މޫނުދޮވެލައިގެން އައިސް އޮށޯތެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހޭލައިގެން ޢިމްރާން ފުރުމުގެ ހުރިހާ ތައްޔާރީއެއްވިއެވެ. އޭގެކުރިން އޭނާ އޮފީހުގައި އޭނާ ކުރަންޖެހޭ މަސައްކަތްތައް، އޮފީހުގައި ނިޔާޒްގެ ދަށުން މަސައްކަތް ކުރަން ހުންނަ ނައުޝާދާ ޙަވާލުކުރިއެވެ. އެއީ ޢިމްރާނާއެކު މިދަތުރުގައިވެސް ނިޔާޒްދާތީ އެވެ.

މިހާރު ފަހީމާ ވިސްނަމުން އެދަނީ ޢިމްރާން ހުއްޓުވާނޭ ގޮތަކާ ދޭތެރޭގައެވެ. ކޮންމެ ގޮތެއްވިޔަސް ޢިމްރާން ސަރާއާއެކު ފޮނުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޢިމްރާން ހުއްޓުވޭނެ ހުރިހާ މަގެއްވެސް އޭނާ ބަލައި ހޯދާނެއެވެ.

އަދިވެސް އޭނާ ގަބޫލުކުރެއެވެ. ޢިމްރާންގެ ޙަޔާތުން ޙަޤީޤީ މަގާމު ދޭންޖެހޭނީ މަލަކާއަށެވެ. އެހެންނޫނީ އެމީހުންގެ ވިޔަފާރިވެސް ބެހިގެން ހިނގައިދާނެއެވެ. އެވިޔަފާރީގެ ޙިއްޞާ އެހެން ބަޔަކަށްދިނުމަކީ ފަހަރެއްގައިވެސް އޭނާ އުއްމީދު ކުރާ ކަމެއް ނޫނެވެ.

[ދަރިފުޅާ ޢިމްރާން، ހަމަ ދަރިފުޅުވެސް މަންމަ އެކަނިކޮށްފައި އެރަށަށް ދަނީތަ؟] ޢިމްރާން ހުއްޓުވުމަށްޓަކައި ފަހީމާގެ ރާގު ބަދަލުކޮށްލިއެވެ.

[މަންމާ..އަހަރެން މާގިނަ ދުވަހެއް ނުވާނެޔޭ. މަހެއްހާ ދުވަސްތެރޭ މަސައްކަތުގެ ބޮޑުބައެއް ނިންމާލެވިދާނެ. އެހާ ހިސާބުން ދެން އެވީ އަންނަން. އެހެން ނޫނަސް މަލަކާވެސް އަބަދު މަންމަގެ ގާތުގައި އުޅޭނެއެއްނު....] ޢިމްރާން އެހެން ބުނެލާފައި ގޮސް ކޮޓަރިއަށް ވަނެވެ. އެހާ ފަސޭހައިން ޢިމްރާން ނުހުއްޓުވޭނެކަން ފަހީމާއަށް ޔަޤީންވީ އެހާ ހިސާބުންނެވެ. ވުމާއެކު ދެން އޭނާ ރޭވީ އެއަށްވުރެން ފުރިހަމަ ގޮތެކެވެ. ނަމަވެސް އޭނާ އެރޭވުންތެރި ޚިޔާލަށް ޢަމަލުކުރާނީ އެންމެފަހު ވަގުތުއެވެ.

އޭރުން ޢިމްރާން ނުގޮސް މަޑުކުރަން މަޖުބޫރުވާނެއެވެ. މަންމައަށްޓަކައެވެ. އެދުވަހު ޢިމްރާނާއި ސަރާ ފުރުމުގެ ތައްޔާރީތައްވާތީ މަލަކާވެސް ގެއިން ބޭރަށްވެސް ނުނިކުމެ ގޭގައި އުޅެއެވެ. ޙަޤީޤަތުގައި އޭނާގެ ހިތްވެސް އަބަދު ޢިމްރާން ފެންނަ ފަށުގައި ހުރުމަށް އެދެއެވެ.

ޙަޔާތުގައި އޭނާ އެންމެ ލަދުގަތް ދުވަހާއި ދެރަވި ދުވަސް އަދިވެސް ހަނދާން އެބަހުއްޓެވެ. އެއީ ދެޢާއިލާއިން ރޭވި ކައިވެނީގެ ދުވަހެވެ. އޭނާ އަލަތު ކައިވެނީގެ ރެއަށްޓަކައި ކައިވެނީގެ އަގުބޮޑު ހެދުމުގައި ޢިމްރާނަށް ކުރި ހިތްދަތި އިންތިޒާރެވެ. އެހިނދު އޭނާ ކެތްތެރިކަން ޚިޔާރުކުރި ކަމުގައިވިޔަސް، އެންމެންގެ ލޯތަކަށް ފަރުދާވެހުރެ އޭނާވެސް ރުޔެވެ. އެރޭ ބަދަލު ހިފުމުގެ ވަރުގަދަ ރޫޙެއްވެސް އޭނާގެ ހިތުގައި އަށަގަތެވެ. އޭނާއަށް ލިބިފައިވާ އެންމެބޮޑު އުފަލަކީ ޢިމްރާންގެ މަންމަ އަބަދުވެސް އޭނާގެ ފަހަތުގައިވާ ކަމެވެ.

އެދުވަހު އޭނާވަނީ ރައްޒާޤު ގާތުވެސް އޭނަ ހޯދަން މަސައްކަތް ނުކުރުމަށް ބުނެފައެވެ. ނަމަވެސް ރައްޒާޤަކީ އެހެން މަލަކާ ބުނާހާ ގޮތަކަށް ކަންތައްތައް ކުރާ މީހަކަށްނުވާތީ އެދުވަހުވެސް ރައްޒާޤު މަލަކާއާ ގުޅިއެވެ.

[އަހަރެން ބުނީމެއް ނޫންތަ މިއަދު އަހަންނަށް ނުގުޅާށޭ. ވަރަށް ބިޒީ....] ރައްޒާޤަށް ވާހަކަ ދައްކާނެ ފުރްޞަތު ނުދީ މަލަކާ ފޯން ބާއްވާލިއެވެ. ނަމަވެސް ރައްޒާޤަކީ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާ މީހެއް ނޫނެވެ. ވުމާއެކު މަލަކާ ކަނޑާލުމާއެކު އަނެއްކާވެސް ރައްޒާޤު ގުޅިއެވެ.

[މަލަކާ ނުބާއްވަބަލަ....ތިގޮތަށް ޢިމްރާން ފެންނަފަށުގައި ހުރީމާ އަހަރެންގެ ފަރާތުން ލިބޭ އަރާމާއި ހިތްހަމަޖެހުން ލިބޭތަ؟ ޔަޤީ ނުލިބޭނެކަން.] މަލާމާތުގެ ރާގެއްގައި ރައްޒާޤު ބުންޏެވެ. މަލަކާ ގާތަށް ރުޅިއައިނަމަވެސް އޭނާ އެކަން ރައްޒާޤަކަށް ފާހަގަވިޔަކަ ނުދެއެވެ.

[ތިނޫން ވާހަކައެއް އަހަރެން ނުބުނަމެއްނު. އަދި ބުނަން ބޭސް ހޯދާފައި ބަހައްޓައްޗޭ. އަހަންނަށް ހީވަނީ މިހާރު....] މަލަކާ ބުންޏެވެ.

[ކިހިނެއްވީ ބޮޑީތަ؟] ރައްޒާޤަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ.

[އަދި ނޭނގެ...އެކަމަކު މިހާރު ދުވަސް ފަހަނައަޅާ ހިނގައްޖެ. ހަނދާންކޮށް ބޭސް ހޯދާފައި ބަހައްޓާތި. އަހަރެން އަމިއްލައަށް ބޭސް ހޯދަން އުޅެފިއްޔާ މަންމަމެނަށް އެނގިދާނެ.] ފޯނުން ވާހަކަ ދައްކަމުން މަލަކާ ކޮޓަރިން ނުކުތެވެ.

އެއީ އޭނާއާއެކު އުޅެ ބޮޑުވި ސްކޫލް ދައުރުގެ އެންމެ ގާތް ރަޙްމަތްތެރިޔާ މީޝާ އެގެއަށް އައިސް ވަން ވަގުތެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން