ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ބޭނުންވަނީ ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދަށް ނޫސްތަކުގެ ފަލަ ސުރުޚީ ތަކުން ޖާގަ ދީގެންވެސް ރައީސް ޞާލިޙުގެ ވާހަކަފުޅުތައް ފަނޑުކޮށްލުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ އިގުތިސޯދު ހުއްޓިފައިވާތާ އެތަށް ދުވަހަކަށް ފަހު ގައުމުގެ އިގްތިސާދު އަލުން ހުޅުވާލައްވާނެކަން ރައީސް ސޯލިހް އިއުލާންކުރައްވައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ގޮންޖެހުންތަކުގެ ވާހަކަ އިއްޔެ ވިދާޅުވެ ދެއްވާފައިވާ ކަމަށެވެ. އެ މުހިންމު ވާހަކަ ދެއްކެވުމުގެ ބަދަލުގައި ރައީސް ޞާލިޙު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ (އެމްޑީޕީ) ގެ މަޖިލިސް މެމްބަރުން ބޭނުންވީ ކުރީގެ ރައީސް ވަހީދަށް ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ދޭން ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

"މިވާ އެއްޗެއް ހަމަ ނޭގެ. ރައީސްގެ ޕާޓީގެ މަޖިލިސް މެމްބަރުން ބޭނުންވީ ނޫސްތަކުގެ ފަލަ ސުރުޚީ ރައީސް ވަހީދަށް ޚާއްސަކުރަން." މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ މި އިޝާރާތް ކުރެއްވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ މުހިންމު ސިޔާސަތުތައް އާންމު ކުރައްވައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރެއްވުމަށް ރައީސް ސޯލިހު އިއްޔެ ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅާއި އަދި ނޫސްވެރިން މެދުވެރި ކުރައްވައި އިއްޔެ އާންމު ކުރެއްވި މުހިންމު ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެސުރުޚީތައް ނޫސްތަކުން ފަނޑުވެގެންދާފަދަ ސިޔާސީ މައްސަލައެއް ނަގައިގެން ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާ ލުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު މަސައްކަތް ކުރެއްވި ވާހަކައެވެ.

މޫސަ އެހެން ވިދާޅުވިއިރު އެމްޑީޕީގެ އެކްޓިވިސްޓަކު ކުރީގެ ރައީސް ވަހީދަށް ބާޣީ ގޮވި މައްސަލަަ ފުލުހުން ބަލަން ފެށުމުން އެމްޑީޕީން ވަނީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި ވަހީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި ހިމާޔަތް ކަނޑާލަން ގޮވާލައްވާފައެވެ. އޭގެފަހުން ރައީސް ވަހީދު ވަނީ ކުއްލިއަކަށް ސިޔާސީ މައިދާނަށް އަލުން ނުކުމެވަޑައިގެންނެވި ކަން އިއުލާންކުރައްވާފައެވެ.

ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރ ކަމުގެ މަގާމު ރައީސް ވަހީދަށް ވަނީ އަރުވާފައެވެ. އެމަގާމު ރައީސް ވަހީދަށް އެރުވިފަހުން މިއަދު އަނެއްކާވެސް މިވަނީ ރައީސް ވަހީދުގެ މައްސަލައެއް މަޖިލީހަށް ވައްދައިގެން ބަހުސްކޮށްފައެވެ. މިމައްސަލައަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ބެލި ރައީސް ޔާމީން އެސްޓީއޯ ސިންގަޕޫރު އޮފީސް މެދުވެރިކޮށް ކުރެއްވި ކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލައި އެކުލަވާލި ރިޕޯޓު، ދައުލަތުގެ ފައިސާއިން ބައްލަވައި ގަނެ އެ ރިޕޯޓް ޑރ. ވަހީދު "ވަގަށް ނެންގެވި" ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް މެންބަރަކު ހުށައަޅުއްވާފައިވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން