ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ފުލުހުންގެ މުވައްސަސާ އަށް ސިޔާސީ ނުފޫޒެއް ފޯރުވާނަމަ އެމައްސަލަ ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހަންމަދު އަސްލަމް ވިދާޅުވީ، ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން އެއްވެސް މައްސަލަ އެއް ހުށައަޅައިފިނަމަ އެމައްސަލަ އެއް ބަލާނެ ކަމަށެވެ. އަދި މިހާތަނަށް ކޮމެޓީއަށް އެފަދަ މައްސަލަ އެއް ހުށައެޅިފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ޢަސްލަމް ވިދާޅުވީ ފުލުހުން މީގެ ކުރިން ނިއްމާފައިނިއްމުން ތަކަކީ ސިޔާސީ ނުފޫޒު އޮވެގެން ނިއްމާފައިވާ ނިއްމުންތަކަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ. ފުލުހުންގެ މުވައްސަސާ ޖަވާބުދާރީ ކުރުމަކީ އެ މުވައްސަސާ އަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް ނުބެލެވޭނެ ކަމަށެވެ.ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް ވާނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުވަން އުޅުމާއި ތަހުގީގުތައް ވަކި ގޮތަކަށް ގެންދަން ބާރު އެޅުން ކަހަލަ ކަންތައްތައް ކަަމަށް އަސްލަމް ވިދާޅުވިއެވެ.

"އެބަހުރި ފުލުހުން ބައެއް މީހުން ފްރޭމްކޮށްފައި ކުށެއް ނުކުރާ މީހާއަށް ކުށެއް ކަމަށް ދައްކުވައި ތަހުގީގުތަށް ހިންގާފަ. އެކަންކަން ކުރަނީ ފުލުހުން ބޭނުންވެގެންނޫން. ސިޔާސީ ނުފޫޒުގައި ޖެހިގެން އެކަންކަން ކުރެވިފައިހުރީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ބިލު ކޮމިޓީއަށް ލިބުމުން ކޮމިޓީ ބައްދަލުވުމެއް ބާއްވައި މިހާރު ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތްތައް ނިންމާލުމަށް ކަމަށެވެ. އެގޮތުން ސަބް ކޮމިޓީއެއްވެސް އެކުލަވާލައި، ބިލުގެ މަސައްކަތްތައް ގެންދާނެ ގޮތުގެ އޮނިގަނޑެއް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް 10 ދުވަސް ތެރޭގައި މި ބިލާ ގުޅުންހުރި 25 މުއައްސަސާއެއްގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވި މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މި ބިލުގެ އެންމެ މުހިއްމު އެއް މަޤްސަދަކީ ޒަމާނީ ފުލުހުންގެ ޚިދުމަތެއް ރާއްޖޭގައި ތައާރަފު ކުރުން ކަމަށެވެ. ބިލު ޤާނޫނަކަށް ވެގެންދާ ހިސާބުން ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ. މި ބިލު ޤާނޫނަކަށް ވުމުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތްތައްވެސް ބައްޓަންވެގެން ދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.



"ބައެއް ފަހަރު އެބަވިސްނޭ ލާމަރުކަޒުގެ ވާހަކަ ދެއްކީމަ ކައުންސިލްތަކުގެ ވާހަކަ އޭ އެ ދައްކަނީ، އެހެންނަމަވެސް އެ އެއް ނޫން، އެއަށް ވުރެ ފުޅާ ވިސްނުމެއްގައި ފުލުހުންނާއި ދައުލަތާއި ދޭތެރޭ ދެކެނީ ލާމަރުކަޒު ކުރުމުގެ އުސޫލަށް ވިސްނާއިރު، ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ވެގެންދާއިރު އެކިސަރަހައްދު ތަކުގައި ރީޖަނަލް ޕޮލިސް ކޮމިޝަންތަކެއް އުފެއްދުން މިބިލްގެ މަގުސަދަކީ." ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި ފުލުހުންގެ މުއައްސަސާއަކީ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަދަނީ ޚިދުމަތެއް ދޭ ތަނެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން 241 ކޮމެޓީގެ މެމްބަރު ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ފުލުހުންނަށް ހަތިޔާރާއި ބާރުތަކެއް ދީގެން އާންމުން ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެބާރު ބޭނުންކުރާ ގޮތް އެކޮމެޓީން ބަރާބަރަށް މޮނީޓާކުރަމުންދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަބޫމުޙައްމަދު

26-Jun-2020

ފަހެ މި ޤައުމުގައި ލާރި ގިނަވެގެން ޕާޓީ ކުދީންނަށް އަނެއްކާ ވެސް ވަޒީފާތަކެއް ބަހާލަންތަ ތިޔަ އުޅެނީ؟ މީދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ؟



ޓްރެންޑިން