ރައީސް ޔާމިން އާއި ރައީސް ވަހީދު ބައްދަލުކުރައްވަނީ: ޔާމިންގެ މައްޗަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރި ރިޕޯޓް ވަހީދުގެ ސަރުކާރުން ފޮރުވި ކަމަށް އެމްޑީޕީ އިން ބުނޭ
ރައީސް ޔާމިން އާއި ރައީސް ވަހީދު ބައްދަލުކުރައްވަނީ: ޔާމިންގެ މައްޗަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރި ރިޕޯޓް ވަހީދުގެ ސަރުކާރުން ފޮރުވި ކަމަށް އެމްޑީޕީ އިން ބުނޭ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތެލުގެ ވަގު ވިޔަފާރި ހިންގެވި ކަމަށް ބުނާ މައްސަލައިގައި ބޭރުގެ ފަރާތަކުން އެކުލަވާލާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހާ ހަވާލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފިއެވެ.

ކުރީގެ ރައީސް، ރައީސް މައުމޫންގެ ވެރިކަމުގައި ޔާމިން ހިންގެވި ކަމަށް ބުނާ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ދިރާސާކޮށް، ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދު ﷲ އެވެ. އެމައްސަލަ މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމަށް ނެގި ވޯޓްގައި 67 މެމްބަރުން ފެންނަ ކަމަށް ވޯޓް ދެއްވިއެވެ.

އެމައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފައެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހް ހުށަހެޅުއްވި އެ މައްސަލައިގައި ތުހުމަތު ކުރައްވާފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރުގައި ރަޖިސްޓްރީކުރި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ތެލުގެ ވަގުވިޔަފާރީގައި ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދަން ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވައިލި ރިޕޯޓް ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ދައުލަތުގެ ފައިސާއިން ބޮޑު ހޭދައެއް ކުރައްވައިގެން "ގަނެލާފައިވާ" ކަމަށެވެ.

އެ ރިޕޯޓް ފޮރުވާފައިވާ ކަމަށް ތުހުމަތުކޮށް، އެ ރިޕޯޓު ހޯދައި މަޖިލީހަށް ހުށަހަޅަން އެ މައްސަލައިގައި ގޮވާލައިފައިވެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ޑރ. ވަހީދު ބައްލަވައިގެންނެވީ ދައުލަތުގެ ފައިސާއިން ކަމަށެވެ. އެކަން އޭރުގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގު ކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެ ރިޕޯޓު ދައުލަތުގެ ބެލުމުގެ ދަށުގައިި، ދައުލަތުގެ އިދާރާއެއްގައި އޮތުމުގެ ބަދަލުގަައި ވަކި މީހެއްގެ އަތުގައި ރިޕޯޓު ފޮރުވާފައި އޮތުމަކީ ވައްކަމުގެ އަމަލެއް ކަމަށާއި، އެ ރިޕޯޓު ދައުލަތަށް ބައްލަވައިގަތީ ރައީސްގެ ހައިސިއްޔަތުން ޑރ. ވަހީދުގެ ސީދާ އެންގެވުމާއި ބެއްލެވުމުގެ ދަށުން ކަމަށެވެ.

އަދި އެ ރިޕޯޓު ދައުލަތަށް ބައްލަވައިގަތުމުގައި، ރިޕޯޓު ތައްޔާރު ކުރި ކުންފުންޏާ ކުރެއްވި ހުރިހާ މުއާމަލާތެއް ކުރެއްވީ އޭރުގެ ބަންޑާރަ ނައިބު، އާޒިމާ ޝަކޫރުގެ ސީދާ ބައިވެރިވެ، ބެއްލެވުމުގެ ދަށުން ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ. އެގޮތުން ރިޕޯޓު ބައްލަވައިގަތުމަށް ދައްކަން ޖެހޭ އަގު ކަނޑައަޅާ އެއްބަސްވެފައި ވަނީ އެ ރިޕޯޓު ތައްޔާރުކުރި ކުންފުންޏާއެކު ވާހަކަދައްކައިގެން އޭރުގެ ބަންޑާރަނައިިބު އާޒިމާ ކަމަށް މައްސަލައިގައިވެއެވެ.

އެހެންކަމުން މި ހިނދުން މި ހިނދަށް ރިޕޯޓު ހޯއްދެވުމަށްފަހު މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށާއި، ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލައިިފައެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މައްސަލައަށް ބަހުސްކުރުން މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓް އާންމު ކުރުމަށް ހަމަޖެހިފައި އޮތީ ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ކަމަށް އެމަނިކުފާނު މިއަދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ މެންބަރުން ކުއްލިއަކަށް ރައީސް ޑޮކްޓަރ ވަހީދާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށައަޅައިގެން ބަހުސް ކުރަން ފަށާފައި މިވަނީ ދުވަސް ތަކަކަށް ފަހު އެމަނިކުފާނު އަނެއްކާވެސް ސިޔާސީ ހަރަކާތްތަކަށް ނުކުމެ ވަޑައިގެން އިދިކޮޅު މައި ޕާޓީގެ އެޑްވައިޒަރގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމާއި އެކުގައި ކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން