ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހްމަދު، 25،
ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހްމަދު، 25،
ކުޑަކުއްޖަކަށް ބިރު ދައްކައި އެކުއްޖާ ރޭޕްކުރި މީހަކު ބަންދުން ދޫވި ގޮތް ބަލަން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މޯލްޑިވިސް ޕޮލިސް ސާރވިސް އަށް އަންގަވައިފިއެވެ.

އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހްމަދު، 25އ، އެވެ. ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހެވެ. ޖެހިގެން އައި ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިފައި ވީނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދަށް ދީފައި ވަނީ 10 ދުވަހެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާގޮތުން އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނާ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާތުގައި އެދެވިދާނެއެވެ.

އެފަދަ އެދުމެއް ކޮމިޝަނާ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސެކިއުޓަ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށް އެގާނޫނުގައިވެއެވެ. އެހެން ނަމަވެސް އެ ގާނޫނުގެ 30 ވަނަ މާއްދާގައި ވާ އިޖުރާއަތުތަކާ އެއްގޮތަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ވެސް އަދި ޕީޖީ އޮފީހުން ވެސް ހުށައެއް ނާޅައެވެ.

އުނައިސް އަހްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ޖޫން 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލަ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން މި މަހުގެ 22 ވަނަ ދުވަހު ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ، އޭނާއާ ދެކޮޅަަށް ހެއްކާއި ގަރީނާވެސް ލިބިފައިވާ ކަމަށެވެ. އެމީހާ ބަންދުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތިގެން، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި ދުވަހު، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ޝަޚްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާކަމުގެ ތުހުމަތުގަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ގަބޫލުކުރެވި، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރު ނެރެފައެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭނަމަ، އަދި އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ނުވަތަ އޭނާ ފިލައިފާނެ ކަމަށް ބެލެވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވެސް ޝަރީއަތް ނިމެންދެން މީހުން ބަންދުކުރެވޭ ކަމަށާއި އެކަން ކުރެވޭނެ އިޖްރާއަތްތައް ގާނޫނުތަކުގައި މިހާރުވެސް އެބަ އޮތް ކަމަށެވެ.

"ފުލުހުންގެ ތަހުގީގު އޮފިސަރުންނަށް އިޖްރާއަތްތައް ކިޔާދީ ފުލުހުންގެ ރިފޯމް އަވަސްކުރުން މުހިންމު." ސިރާޖު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވަނީ އެ ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވަން ބޭނުންވާކަން މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގަވާފައި ވާނެ ކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން