ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ
ނޭކުރެންދޫ ޖަލުގެ ވަޢުދު ފުއްދާނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިނިސްޓަރު އިމްރާނާއި ސުވާލު ކުރައްވާފައިވަނީ ހދ. ނޭކުރަންދޫގައި އަޅާ ޖަލުގެ މަސައްކަތް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ އާއި އަދި މިކަމުގެ އަމަލީ މަސައްކަތް ފެށޭނީ ކިހާހިސާބެއްގައިކަން ސާފުކުރެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލު އަޅާނެ ސަރަހައްދެއް ކަނޑައަޅައި، އެންވަޔަރްމެންޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މިއަހަރު ހުޅުވާލި ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް މަޑުޖައްސާލަން ޖެހުނީ ކޯވިޑް-19 ގެ ކަންކަމާއި ގުޅިގެންކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

ނަމަވެސް ޖަލުގެ ޕްލޭނިންގެ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށާއި ކޮވިޑުން އަރައިގަނެ، މި އަހަރު އެ ޖަލުގެ އަަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދައުރު ނިމުމުގެ ކުރިން ޖަލު އިމާރާތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިދާނެތޯ ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ އެ ވައުދު ސަރުކާރުން ފުއްދާނެ ކަމަށެވެ.

"ކޯވިޑް-19 ގެ ސަބަބުން މިހާރު ވަނީ އަޅުގަނޑުމެން މަޝްރޫއު އަލުން މުރާޖައާ ކުރަން ޖެހިފައި. އެހެންވީމާ މި މުރާޖައާ ކުރުމަށް ފަހުގައި ދައުލަތުގެ ބަޖެޓްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އިރާދަ ކުރެއްވިއްޔާ މި މަސައްކަތް މި އަހަރު ވެސް ފެށޭތޯ ބަލާނަން،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޭކުރެންދޫ ޖަލު އިމާރާތް ކުރާނީ، ޖަލަށްލާ މީހުން ރިހެބިލިޓޭޓްކޮށް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ގޮތަށްކަމަށާއި، އެގޮތުން، ވޮކޭޝަނަަލް ޓްރޭނިން ދެވޭ ގޮތަށް އެ ޖަލުގެ ކޮންސެޕްޓް ހަދާފައިވާ ކަމަށެވެ. އެގޮތުން އެއީ މަސައްކަތްތެރިކަމަށް މީހުން ވަރަށް ބޮޑަށް އަހުލުވެރި ކުރެވޭނެ ތަނަކަށް ހަދަން އުއްމީދުު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްލޭން ކުރަމުން މިދަނީ ހާއްްސަކޮށް ނޭކުރެންދޫ ޖަލަކީ މަސައްކަތްތެރިކަމަށް ވަރަށް ބޮޑަށް އަހުލުވެރި ކުރެވި، މަސައްކަތްކޮށްގެން އެ މީހުންނަށް އާމްދަނީ ވެސް ލިބޭ ފަދަ ގޮތަކަށް އެތަން ބައްޓަން ކުރަން،" އިމްރާން ވިދާޅުވި އެވެ.

ނޭކުރެންދޫގައި ޖަލެއް އިމާރާތް ކުރަން ފުރަތަމަ ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބުނުމަށްފަހު، ފަހުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން