ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސަރބިއާގެ ނޮވާކް ޖޮކޮވިޗް
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސަރބިއާގެ ނޮވާކް ޖޮކޮވިޗް
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސަރބިއާގެ ނޮވާކް ޖޮކޮވިޗް އާއި އޭނާގެ އަންހެނުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 33 އަހަރުގެ، ސަރބިއާއަށް ނިސްބަތްވާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް ކޮވިޑަށް ޕޮސިޓީވްވެފައިވާކަން އެނގުނީ އަންގާރަ ދުވަހު މެންދުރު ފަހުއެވެ. އޭނާ މިހާރު ހުރީ އަމިއްލައަށް އެކަހެރިވެ، ގޭގައި ކަރަންޓީނު ވެގެންނެވެ. އަދި ފަސް ދުވަސް ފަހުން އަލުން ޓެސްޓް ކުރާނެ ކަމަށްވެސް އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖޮކޮވިޗް، ކޮރޯނާއަށް މި ޕޮސިޓީވްވީ، ކްރޮއޭޝިއާގައި ބޭއްވި އެގްޒިބިޝަން އިވެންޓެއްގައި ބައިވެރިވީ ފަހުންނެވެ. ބަލްކަން ޓުއާގައި ވާދަކުރި ކޮރޮއޭޝިއާގެ ބޯނާ ކޮރިކްއާއި ގްރިގޯރ ޑިމިޓްރޯވްގެ އިތުރުން ބަލްގޭރިއާގެ ވިކްޓޯ ޓްރޮއިކީ އާއި، ގްރިގޯރް ޑިމިޓްރޯވް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު މި އިވެންޓްގެ ފައިނަލްވަނީ ކެންސަލްވެސް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ މުބާރާތް ބާއްވަން ނިންމީ ކޮވިޑްގެ ސަބަބުން ޓެނިސް ސީޒަން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރސަތު ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ. އަދި މުބާރާތް ބޭއްވީވެސް ވައިރަހުގެ އަސަރު ދަށްވެފައިވާ ކަމަށް ގަބޫލު ކުރެވުމުން ކަމަށާއި އެހެންނަމަވެސް ކަންތައް ދިމާވީ ހީކުރިގޮތާ މުޅިން ހިލާފަށް ކަމަށެވެ. ޖޮކޮވިޗް ވަނީ މި މުބާރާތުގެ ތެރެއިން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ކޮވިޑް ޖެހިފައިވާތީ އެކަމުގެ ޒިންމާ ނަގައި ހުރިހާ އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.

ސާބިއާ އިން ކޯވިޑް-19 ފެތުރުމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން ޖޮކޮވިޗް ވަނީ 1.1 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. އަދި ޓެނިސް ކުޅުންތެރިންގެ ފަރާތުން، ކޮވިޑާ ދެކޮޅަށް އެހީތެރިވުމަށް ހިންގަމުންދާ ފަންޑަށްވެސް ޖޮކޮވިޗްވަނީ ކުރިން އެހީތެރިވެދީފައެވެ.

ކޯވިޑް-19 އާ ގުޅިގެން ބައެއް ޓެނިސް މުބާރާތްތައް ވަނީ ފަސްކޮށްފައެވެ. އެގޮތުން ޔޫއެސް އޯޕަން ޓެނިސް މުބާރާތް މިހާރު އޮގަސްޓް މަހުގެ 31 އިން ސެޕްޓެމްބަރު މަހުގެ 13 އަށް ތާވަލުކޮށްފައިވާއިރު، ފްރެންޗް އޯޕަން ޓެނިސް މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ. އަދި މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

އުމުރުން 32 އަހަރުގެ ޖޮކޮވިޗް ވަނީ މީގެ ކުރިން 17 ގްރާންޑް ސްލޭމް ހޯދައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން