ޞާދިރު ޢަލީދީދީ   24 ޖޫން 2020 - 14:30
ސަރާ
ސަރާ
އެޕިސޯޑް 05

...............

[ސަރާ ރުމާލީ ގާތު ބުނެބަލަ ކޮފީ ގެނެސްދޭށޭ. އަހަންނަށް ކަޅުކޮފީއެއް.] ޢިމްރާން ސަރާ ގާތު އެދުނެވެ. ސަރާ ހިނގައިގެންފިއެވެ.

އެރޭގެ އިރާކޮޅުގެ ވަގުތެވެ. ރައްޒާޤާއި މަލިކާ އެތިބީ އެކަހެރި ބައްދަލުވުމެއްގައި އެކަހެރި ކޮޓަރިއެއްގައެވެ. އެކަކު އަނެކަކުގެ އުފާވެރި ބީހުންތަކެއްގައި މަޝްޣޫލުވެގެންނެވެ.

[ރައްޒާޤު....މިހެން އުޅެނިކޮށް އަހަންނަށް ލަނޑެއް ލިބިއްޖިއްޔާޔޯ....]މަލަކާ ރައްޒާޤުގެ މޭގައި ބޯއަޅާލައި ބައްދާލަމުން ބުންޏެވެ. ޙަޤީޤަތުގައިވެސް ކަމެއް ދިމާވެދާނެތީ އޭނާ ހިސާބަކަށް ކަންބޮޑުވެއެވެ. އެހާ ކަންބޮޑުވަނީ ރައްޒާޤަކީ ފިރިޔަކަށްވެސްވުމާ އެކުގައެވެ.

[އަހަރެން އެވަރު ވިސްނައިގެނެއްނު މިއުޅެނީ. އަހަންނަށް އިތުބާރުކޮށްބަލަ.] ރައްޒާޤު މަލަކާ ތުންފަތުގައި ލޯބިކޮށްލިއެވެ.

[އިތުބާރު ކުރަން. އެކަމަކު ކަމެއް ދިމާވާނީ ބުނެފައެއް ނޫނެއްނު.] މަލަކާ ރައްޒާޤުގެ މޭގެތެރޭ މޫނު ފޮރުވާލިއެވެ.

އެއަށްފަހު ދެން އެކޮޓަރިތެރޭ ހިނގާދިޔައީ އުފަލާއި އަރާމުގެ ވަގުތުކޮޅެކެވެ. އެކެއްގެ ހޫނުން އަނެއްކާގެ ހީފިލިވަމުންދިޔައީ ވަރަށް މިނިވަންކަމާ އެކުގައެވެ. އެރޭ ރައްޒާޤު ގަސްދުގައި މަލަކާއަށް ލަނޑެއް ދިނެވެ. ވަރުގަދަ ޢާއިލާއެއްގެ ތެރެއަށް އޭނާގެ ލޭގެ ނިޝާނެއް އުފަންކުރުމުގެ ގަސްދުގައެވެ.

[ސޮރީ...މަލަކާ...އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެކަހަލަ އެންމެ ފަހަރަކުން އަދި ބަނޑު ބޮޑެއްނުވާނެ...] ރައްޒާޤު ދެރަވެގެން އުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ. މަލަކާ ހުރީ ރުޅިއައިސްފައެވެ. ވުމާއެކު އޭނާ އަނގައިންވެސް ނުބުނެ ރައްޒާޤާ ދުރަށް ޖެހިލިއެވެ.

[އަހަރެން ކުރިން ބުނީތީ ރައްޒާޤު އަހަންނަށް....] މަލަކާ ރުޅިއައިސްފައިހުރެ ކޮޓަރިން ނުކުމެގެން ގޮސް އެގެއާ ފަންސާހަކަށް ފޫޓް ދުރުގައި ޕާކް ކޮށްފައި އޮތް އޭނާގެ ކާރަށް އަރައި ކާރު ދުއްވާލައިފިއެވެ. ރައްޒާޤު ގޮވަގޮވާ ހުއްޓައެވެ. މަލަކާ ދިޔަޔަސް ރައްޒާޤު ދެރައެއް ނުވެއެވެ. އުފާވެރި ހިނިތުންވުމާއެކު ދެފަރާތަކަށް ބޯހޫރާލިއެވެ. ހީވާ ކަހަލައެވެ. ކުޑަހިނދުކޮޅެއްގެ ކުރިން ހިނގާދިޔަ ކަންތަކުން އޭނާއަށް ވަނީ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައެވެ. ޙަޤީޤަތަކީވެސް އެއީއެވެ. އޭނާ ބޭނުންވަނީ އެޢާއިލާގެ ތެރެއަށް އޭނާގެ ދަރިޔަކު އުފަން ކުރުވާށެވެ. އޭރުން ޢާއިލާގެ މުދާވެރިއަކަށް އޭނާއަށްވެސް ވެވޭނޭ ކަމަށް ވިސްނާފައެވެ. އެރޭ މަލަކާ ހުރީ ހިތް ބިރުގެންފައެވެ. އެކަހަލަ ގޮތެއް އޭނާއަށް މެދުވެރިވެއްޖެއްޔާ ކަންތައް ވެގެންދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދަނީއެވެ. އޭނާގެ ޢާއިލާގެ ޤަދަރާއި ޢިއްޒަތް ވެއްޔާ މޮޑެވިދާނެއެވެ. އެހެން މީހުންގެ ކުރިމަތީގައި އެޢާއިލާ ނިކަމެތިވެދާނެއެވެ. މިކަހަލަ ވިސްނުމެއްގެ ތެރޭގައި އޭނާ ހުއްޓާ ކުއްލިއަކަށް ރަނގަޅު ޚިޔާލެއް އަތުވެއްޖެއެވެ. ވިހަ ހިނިތުންވުމަކާއެކު އޭނާ ބޯހޫރާލީ އެކަހަލަ ބޮނޑިއެއް އެއްވެސް މީހަކަށް އެނާޔަށް ނުދެވޭނޭ ބުނާފަދަ ގޮތަކަށެވެ. އެއީ ތެދެކެވެ. ފައިސާގެ ތަނަވަސްކަން ހުރިއްޔާ އެފަދަ ކަންތަކުން ސަލާމަތްވުމަކީ މިހާރަކަށްއައިސް މާބޮޑު ކަމެއް ނޫނެވެ.

ދަރިފުޅާ...މަލަކާ...ހާދަ ފުން ވިސްނުމެއްގަ. ފުރާ ވަގުތު ޖެހެނީއެއްނު.] މަލަކާއަށް ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ފަހީމާގެ އަޑަށެވެ. އޭރު ފަހމާ ހުއްޓިހުރީ އޭނާއާ ދާދި ގާތުގައެވެ.

[ކޮންމެ ގޮތެއް ހަދާފައިވެސް ދަރިފުޅުވާނެ އެ ސަރާ މިގެއިން ބޭރުކޮށްލެވޭތޯ ބަލަން. ރީތި ސިފައެއް ހުއްޓަސް، އަހަރެން ބޭނުމެއް ނޫން، އަހަރެންގެ ދަރިއެއްގެ މަގާމަށް އެކަހަލަ ނިކަމެތި އަންހެން ކުއްޖަކު ގަބޫލު ކުރާކަށް...] ފަހީމާއަށް މިހެން ބުނެވުނު ވަގުތަކީ ސަރާއަށްވެސް އެތަނަށް ނުކުމެވުނު ވަގުތުކަމުން ހަމަ ރަނގަޅަށްވެސް ފަހީމާގެ އަޑު ސަރާއަށް އިވުނެވެ. ވަގުތުން ސަރާ ފެންކަޅިވެއްޖެއެވެ. ކުއްލިއަކަށް އަމިއްލަ ދިފާޢުގައި ވާހަކަ ދައްކާނެ ހިތްވަރު އޭނައަށް ލިބުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

[މަންމާ...އަހަރެންގެ ކުށަކީ ކޮބާ؟] ސަރާ ބަޑިފަޅައިގެންދިޔައެވެ.

[ކުށަކީ ތިމާއާ އެކަށީގެންނުވާ މީހަކާ ކައިވެނި ކުރުން.] ފަހީމާ މަލަކާގެ ބޮލުގައި ފިރުމާލަމުން ރުޅިވެރި ނަޒަރަކުން ސަރާއަށް ބަލާލިއެވެ. އޭރު ސަރާއަށް ރޮވެނީއެވެ. މަލަކާއާއި ފަހީމާ ހިނިއައިސްފައި ތިއްބެވެ. މަލާމާތުގެ ފާޑަކަށެވެ.

[މަންމާ އަހަންނެއް ނޫނޭ ޢިމްރާނާ އިނީކީ...ޢިމްރާން އަހަންނާ އިނީ....އަހަރެންގެ އާދޭހުގެ އަޑުނާހާ...] ސަރާ ރޮއިރޮއިފައި ބުންޏެވެ.

[ތި މޮޅު ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. ދަރިފުޅާ މަލަކާ...މިސުންޕާ އަންހެނާ މިގެއިން ފައްސާލެވޭތޯ މަސައްކަތް ކުރާތި.] ފަހީމާގެ އެ ވިހަ ޖުމްލައާއެކު ނިދާފަ އޮތް ސަރާއަށް ފުންމައިގެން ތެދުވެވުނެވެ. ފެނުނީ ހުވަފެނެއްކަން އެނގުނީމާ އޭނާ ބަލައިލީ ފިރިމީހާގެ މަގާމުގައި އެވަގުތު އޮތް ބާލީހަށެވެ.

އެރެޔަކީ ކައިވެންޏަށްފަހު އޭނާ ފިރިމީހާއާ ވަކިން ނިދާ ފުރަތަމަ ރޭކަމުން، މާގިނަ އެއްޗެހި ހިތަށް އަރާތީ ހުވަފެންތައްވެސް އޭނާއަށް ޖެއްސުން ކުރަނީ ކަމުގައި އޭނާ ނިންމިއެވެ.

އޭގެފަހުން އެރޭ ހިނދުކޮޅަކަށްވެސް އޭނާގެ ލޮލަކަށް ނިދީގެ އަސަރެއް ފާޅެއް ނުވިއެވެ. ލޯމަރާލާއިރަށް އެހުވަފެންތައް ބިރެއް ފަދައިން އޭނާގެ ނިންޖަށް ހުރަސްއަޅަމުން ދަނީއެވެ.

އެންމެފަހުން ނުނިދުނީމާ ވީފޫހިން އޭނާ ޢިމްރާނަށް ގުޅާލިއެވެ.

[ޢިމްރާން...] ސަރާ ފޯނަށް ހޯލްޑް އެރުމާއެކު ޢިމްރާނަށް ގޮވާލިއެވެ. ޢިޝްޤީ އަޑުން ލޯބިވެތި ގޮތަކަށެވެ.

[ޢިމްރާން އޮތީ ނިދިފަ....ގޮވަންތަ؟] ސަރާއަށް ލިބުނީ ޝޮކެކެވެ. އެކޮޅުން އިވުނީ އޭނާގެ ފިރިމީހާގެ އަޑެއް ނޫނެވެ. ވާހަކަ ދެއްކީ މަލަކާއެވެ. ނިކަންވެފައި ހުރެ ކަހަލައެވެ. ލިބުނު ހިތްދަތިކަމުގެ ސަބަބުން ސަރާ ފޯނު ބޭއްވިއެވެ. އެއާއެކު މައިދައިތަގެ ރޭވުން ކާމިޔާބު ކޮށްފިޔޭ އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް އެކަން އެހެން ވެދާނޭ ކަމަށް ގަބޫލުކުރާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.

ނަމަވެސް, ޢިމްރާންގެ ފޯނު އޭނަގެ އަތުގަ ޖެހެންވީ ކީއްވެބާވައޭވެސް ހިތަށް އެރިއެވެ. ޢިމްރާނަކީ ދުވަހަކުވެސް އޭނަގެ ފޯނު އެހެން މީހެއްގެ އަތަށް ދޫކުރި މީހެއް ނޫނެވެ. ކުއްލިއަކަށް މިލައިގަންނަނީ ކޮން ކަންތައްގަނޑެއްބާއެވެ. އެއީ ބިރުވެރި އިޝާރާތެކެވެ. އެއީ އޭނާގެ ޙަޔާތަށް އައި ބިރުވެރި ސިގްނަލެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަނެއްކާ މަލަކާ ޢިމްރާނުގެ މަގު އޮޅުވާލީބާއެވެ. ނޫނެކެވެ. އަހަރެންގެ ފިރިމީހާއަށް އަހަރެން އިތުބާރު ކުރާނަމެވެ. މިފަދަ މަސްހުނި ޚިޔާލުތަކެއްގައި އޮވެފައިމެ އޭނައަށް ނިދޭގޮތްވީ އިރުވެސް އެރިފަހުންނެވެ. ވުމާއެކު އޭނައަށް ހެނދުނު ހޭލެވެނުއިރު އަށެއްޖަހާ ބޮޑުވެ ނުވައެއް ޖަހަން އުޅެނީއެވެ.

އޭނަ ފެންވަރައިގެން ނިކުތްއިރު ބޮޑުކޮޓަރީގައި މައިދައިތަ އިނެވެ. އަބަދުގެވެސް އާދަފަދައިން އޭނާ ސަރާ ފެނުނީމާ މޫނުކޮށްލިއެވެ.

އިސްއޮބާލުމަށްފަހު ސަރާ ގޮސް ވަނީ ކާގެއަށެވެ. އޭރު ކާގެތެރޭގައި ރުމާލީ މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި އަވަދިނެތިއުޅެއެވެ.

[މެޑަމް ބުނަނީ ސަރާ ގޭގަ ނެތީ....] ސަރާ ފެނުމާއެކު ރުމާލީ އޭނާގެ ވާހަކަ ދައްކާ ދިވެހިބަހުން ބުނެލިއެވެ.

[އެއީ މަންމައަށް ހީވިގޮތް ކަމަށްވާނީ.] ސަރާ ގަދަކަމުން ހިނިތުންވެލިއެވެ.

[ސައި ތައްޔާރު ކުރަންތަ؟] ރުމާލީ އެހިއެވެ. ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލުމަށްފަހުގައެވެ.

[ނޫނޭ. އަހަރެން އަމިއްލައަށް ސައް ހަދާފާނަން، ރުމާލީ ތިކަންކުރޭ.] ސަރާއަށް ކުއްލިއަކަށް އެވަގުތު އޭނާގެ މަންމަ ނަޖްމާގެ މަތިން ހަނދާންވިއެވެ. އޭނައަށް އެމަންގެ ޚަބަރެއް ނުވާތާ މިހާރު ދުވަސކޮޅެއް ވެއްޖެއެވެ. މަންމަގެ އަތުގައި ފައިސާ ނެތިގެން ނުގުޅެނީ ކަމަށްވެސް ވެދާނެއެވެ. އެވަގުތު އޭނާ މަންމަގެ މަތިން ހަނދާންވީ ކީއްވެގެން ހެއްޔެވެ؟ ކާމޭޒުމަތީގެ ތަނަވަސްކަން ފެނިފައެވެ. އޭނާގެ ހިތަށްއަރާ ކަަހަލައެވެ. އަދިވެސް މަންމަ އުޅޭނީ އެނިކަމެތި ޙާލުގައެވެ. މަންމަ އެޙާލަށް ދޫކޮށްފައި އައިސް އަހަރެން މިއުޅެނީ އުފާވެރި މާޙައުލެއްގައި އެކަމަކު ހިތްދަތިކަން ބަރުދާސްތުކުރާ ޙާލުގައެވެ.

ސަރާ....ކޮން ޚިޔާލު ކުރަނީ...ޢިމްރާން ނެތީމާ ވިސްނަނީ؟] ސަރާގެ ޚިޔާލީ ވާފަށް ކަނޑާލީ ރުމާލީއެވެ. ރުމާލީވެސް ރުމާލީގެ މަންމަގެ މަތިން ހަނދާންވާނެއެއްނު. އަހަރެން ވަރަށް މަންމަގެ މަތިން ހަނދާންވޭ.] ސަރާ އޭނާގެ ލޮލުގެ ތެރެއަށް ވެރިވި ކަރުނައިގެ އަސަރު، އަތުގެ ނުފުށުން ފޮހެލިއެވެ.

[ރުމާލީވެސް މަންމައާއި ބައްޕަގެ މަތިން ވަރަށް ހަނދާންވޭ....ބޮޑަށް ހަނދާންވަނީ ނިދާގަޑީގަ.] ރުމާލީ ތަރުކާރީ މަޑުކުރަން އުނދުންމައްޗަށް އުދަމުން ބުންޏެވެ.

[ބައްޕަގެ މަތިން އަހަރެން ހަނދާނެއްނުވޭ. އަހަރެންގެ ބައްޕަ ދުވަހަކުވެސް އަހަރެން ނުދެކެން. އެއީ ވަރަށް ނުބައި އިންސާނެއް.] ވާހަކަ ކުރިއަށްދާ ވަރަކަށް ސަރާގެ ހިތަށް ކުރަމުންދާ އަސަރު ބޮޑުވަމުން ދިޔައެވެ. އޭގެފަހުން އެމައުޟޫއާއިގެން އިތުރަށް ކުރިއަށްދާން ބޭނުންނުވާތީ ސަރާ އެހެން މަޢުޟޫއެއް ފެށިއެވެ.

ނާސްތާކޮށް ނިމި ހިސާބަކަށް ރުމާލީއަށްވެސް ބަދިގޭ މަސައްކަތުގައި އެހީތެރިވެދިނުމަށްފަހު ބަދިގެއިން ނިކުތް ވަގުތަކީ މައިދައިތަ މަލަކާއަށް ގުޅި ވަގުތެވެ. ހީވާ ކަހަލައެވެ. އޭނާ އެވަގުތު މަލަކާއަށް އެގުޅީ ސަރާ އަންނަ އަޑު އިވިގެނެވެ. ސަރާ ދެރަކުރުމުގެ ގަސްދުގައެވެ. ވީވެސް އެހެނެވެ. އޭނާ ފޯނު ނެގީ ސަރާ އަންނަ އަޑަށެވެ.

[ދަރިފުޅާ...މަލަކާ، ޢިމްރާން ކޮބާ....] ފަހީމާ މަލަކާއާ ވާހަކަ ދެއްކި އަޑަށް ސަރާ ދޮރުމަތީ މަޑުޖެހިލިއެވެ. އެކޮޅުން މަލަކާ ދައްކާ ވާހަކަ އަޑުނީވުނަސް، މަންމަގެ ވިސްނުން އެނގޭތީ، ދައްކާ ވާހަކަ އަޑުއަހާލަންވެސް އޭނާ ބޭނުމެވެ.

[އެހެންތަ ކޮންތާކު ދެކުދިން ތިތިބީ....ދެކުދިންގެ ގުޅުން ރަނގަޅުތަ؟] ފަހީމާ މިހެން ބުނެފައި ލޮލުގެ ކުޑަކޮޅުން ދޮރާ ދިމާއަށް ބަލާލިއެވެ. އެއަށްފަހު ވަރަށް އަވަސް އަވަހަށް ބާއްވަނީއޭ ބުނެފައި ފޯނު ބާއްވައިފިއެވެ. ހިތަށްވީ އުނދަގުލުން ސަރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާ ބަޑި ފަޅައިގެން ދިޔައެވެ. ފަހީމާ ވިހަގޮތަކަށް ހީލިއެވެ. އޭރު ޙަޤީޤަތުގައި އޭނާ މަލަކާއަށް ނުވެސް ގުޅައެވެ. އޭނާ މަލަކާއަށް ގުޅީ ދެނެވެ. ނަމަވެސް މަލަކާ ދިނީ އޭނާ މާ އުފާވާނޭ ޚަބަރެއް ނޫނެވެ.

[ފަހީމާ މަންމާ ޢިމްރާން އަހަންނަކަށް މާބޮޑު ޝައުޤެއް ނުހުރޭ...ވަރަށްދުރު ދުރުން އުޅެނީ.] މަލަކާ ވަގުތުގެ ޙާލަތު ފަހީމާއަށް ކިޔާދިނެވެ.

[ފިސާރި ތެދެއް؟ އަދިވެސް ދަރިފުޅު މަސައްކަތްކޮށްބަލަ ގުޅުން ރަނގަޅަށް ބަދަހިވޭތޯ. ކޮންމެހެންވެސް މިއުޅޭ ސަރާ މިގޭން ބޭރުކޮށްލެވޭތޯ އުޅެންވާނެ.] ފަހީމާ މަލަކާއަށް އުންމީދު އާކޮށްދެމުން ހިތްވަރުދިނެވެ.

[އިރާދަކުރެއްވިއްޔާ، އަހަރެން ފަހީމާ މަންމަގެ އުންމީދުތައް ފުރިހަމަކޮށްދޭނަން...ދެން ބާއްވަނީ. ޢިމްރާން އެބައާދޭ...] ދުރުން ޢިމްރާން އަންނަތަން ފެނުނީމާ މަލަކާ ފޯން ބޭއްވިއެވެ.

އޭރު ސަރާ ކޮޓަރީގައި އޮވެ ހަމަ ރޮނީއެވެ. އެގޮތަށް އޭނާ އޮންނަތާ މާގިނައިރުތަކެއްނުވަނީސް ޢިމްރާން ފޯންކޮށްފިއެވެ. ސަރާގެ އަޑުގައިވާ ހިތްދަތި އަސަރު ކެނޑުވޭތޯ މަސައްކަތް ކުރަމުން ފޯނު ނެގިއެވެ.

[ޢިމްރާން....ކޮންއިރަކު އަންނަނީ؟] ހިތާމައިގެ އަސަރުތައް ފޮރުވަން އުޅުނަސް ސަރާ ކޮށިއެރިއެވެ.

[ސަރާ ކިހިނެއްވީ؟ ބަލީތަ ބުނެބަލަ.] ސަރާގެ އިޙްސާސްތައް ހިސާބަކަށް އެނގިގެން ޢިމްރާން ވަރަށް ހާސްވެއްޖެއެވެ.

[ކަމެއްނުވޭ...ކޮންއިރަކުންތަ އަންނަނީ...] މިފަހަރު ސަރާއަށް ރޮވޭގޮތް ވެއްޖެއެވެ.

[ސަރާ ރޮނީތަ؟ ބުނެބަލަ ކިހިނެއްވީތަ؟ މާދަމާ މީޓިންގ ނިމުނީމާ މާދަމާރޭ މާލެދާނަން.] ޢިމްރާން ވަރަށް ކަންބޮޑުވެއްޖެއެވެ. ނަމަވެސް ޢިމްރާން ތަކުރާރުކޮށް އެހީމާވެސް ސަރާ ވަކިޖަވާބެއް ނުދެއެވެ. ރޮވޭތީ އޭނާ ފޯން ބޭއްވީއެވެ. ފަހުން އެބަގުޅަމޭ ބުނެފައެވެ. އެކޯލަށްފަހު ޢިމްރާންގެ ސިކުނޑި ރަށާ ދިމާއަށް އެނބުރިއްޖެއެވެ. ސަރާ ރޯންވީ ސަބަބަކާ ދޭތެރޭ އޭނާއަށް ވިސްނެން ފަށައިފިއެވެ. އަނެއްކާ މަންމަ އެއްޗެކޭ ބުނީބާއޭވެސް ހިތަށް އަރައިފިއެވެ. ވުމާއެކު އޭނާ އަނެއްކާވެސް ފަނަރަވަރަކަށް މިނެޓް ފަހުން ގުޅައިފިއެވެ. މިފަހަރު ފޯނު ނެގީ ފަހީމާއެވެ. ފަހީމާ ފޯން ނަގާއިރަށް ސަރާއަށް ވީކީއްހޭއާއި ސަރާ ރޮނީ ކީއްވެގެންހޭ ޢިމްރާން މަންމަ ގާތު އެއްސެވެ.

ކުރިން ދޭނޭ ޖަވާބެއް ވިސްނާފައިވާ ފަހީމާ ބުނީ އެމަންޖެ މާބޮޑަށް ފޫހިވާތީ އުޅެނީ ކަމަށާއި، ރަށްމަތިންވެސް މާވަރަކަށް ހަނދާންވަނީ ކަމަށެވެ.

އޭރު ކޮޓަރީގައި ހުރި ސަރާއަށް މައިދައިތަގެ ވާހަކަ އަޑުއިވި، މައިދައިތަގެ ރޭވުންތެރިކަމާއި މަތިއޮމާންކަން ހިތަށްއަރާ ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާ ކެތްތެރިކަމާއެކު މައިދައިތަގެ ވާހަކަތައް އަޑުއަހަމުންދިޔައެވެ.

[އެމަންޖެގެ މަންމަގެ ގާތަށް ދުވަސްކޮޅަކަށް ފޮނުވަންވީނު....ވަރިހަމަ އެމަންޖެގެ މަންމަ މިކޮޅަށް ގެނަޔަސް.] އަނެއްކާވެސް ފަހީމާ ބުނެލިއެވެ.

[މަންމާ...ސަރާ މަންމައެއް މާލެއަކަށް ނާންނާނެ. މަންމާ..ސަރާއަށް އަޅާލައްޗޭ. އަހަރެން މާލެގޮސްފައި ސަރާގެ މަންމަގެ ގާތަށް ދުވަސްކޮޅަކަށް ސަރާ ފޮނުވުމުގެ ކަންތައް ހަމަޖައްސާނަން...ސަރާ ގާތު މިހެން ބުނެ ހިތްހަމަޖައްސާލަދީ....] ޢިމްރާން ފޯނު ބޭއްވީ ސަރާއަށް އުފާވެރި ޚަބަރަކަށްނުވިޔަސް، ފަހީމާއަށް ނުހަނު އުފާވެރި ޚަބަރެއްދީފައެވެ.

އެހިނދު ސަރާވެސް މައިދައިތަގެ މަޤްޞަދަށް ހުރަސް އެޅުމުގެ ގޮތުން ރަނގަޅު ވިސްނުމެއް ސިކުނޑީގައި ރާވާލިއެވެ.

މަންމައާ ބައްދަލުކުރަން އެންމެ ދުވަހަކަށް ރަށަށްދާން ޖެހުނަސް، އޭނާ ދާން ނިންމީ ޢިމްރާނާ އެކުގައެވެ. އޭރުން މައިދައިތަ ހޯދަން ބޭނުންވާ ފުރްޞަތު ގެއްލޭނެއެވެ.

އެގޭގަ ގެންގުޅޭ ބޭރުމީހާ ރުމާލީއަށް ހިސާބަކަށް ފަހީމާގެ ޚިޔާލުތައް މޭރުންވާތީ، އޭނާ ސަރާއަށް ހަމްދަރުދީވެ، އެވާހަކަ ސަރާ ގާތު ދައްކާވެސް ހަދައެވެ.

ވުމާއެކު ސިކުނޑިއަށް ލުޔެއް ހޯދުމުގެ ގަސްދުގައި ސަރާވެސް މަންމަ ކަންތައް ކުރާގޮތުގެ ވާހަކަ ކޮންމެވެސް ވަރަކަށް ރުމާލީ ގާތު ދައްކައެވެ.

[ރުމާލީ އެނގެނީ...މެޑަމް ބޭނުން މަލަކާ ޢިމްރާނާ މެރީ ކުރަން.] ރުމާލީއާއި ސަރާ ވާހަކަ ދައްކަން ތިބީ ބަދިގެފަރާތު ފެންޑާގައެވެ.

[ރުމާލީ ހަނދާންކުރާތި، އެއްވެސް ވާހަކައެއް، އެއްވެސް މީހެއްގެ ގާތު ނުބުނާތި. އަހަރެން ބޭނުމެއް ނޫން ޢިމްރާންގެ މަންމައާ ބެހޭގޮތުން ޢިމްރާން ގާތު އެއްވެސް ވާހަކައެއް ދައްކާކަށް. އެކަން ޢިމްރާނަށް އަމިއްލައަށް ވިސްނެންދެން ކެތްކުރާނީ....] ވަށައިގެން މީހަކު އާދޭތޯ ހޯދާލަމުން ސަރާ ބުންޏެވެ.

މައިދައިތަ އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ދުށް ކަމުގައިވިޔަސް، ފިރިމީހާގެ ޤަދަރާއި ޢިހްތިރާމަށްޓަކައި އޭނާ ފިރިމީހާގެ މަންމައަށްވެސް ކަމޭހިތާނެއެވެ. އެއީ އޭނާގެ މަންމަ ނަޖްމާގެ ނަޞޭޙަތެވެ. ކައިވެނީގެ މާކުރިން ނަޖްމާ އެހުރިހާ ކަމަކަށް ސަރާ ތަރުބިއްޔަތު ކުރިއެވެ. ފިރިމީހާގެ މަންމައަށް ބަރުބަހެއް ނުބުނުމަށާއި، ފިރިމީހާ ގާތު މައިދައިތަގެ ވާހަކަ (ދޭތެރެޖެހޭފަދަ ވާހަކަތައް) ނުދެއްކުމަށް އޭނާ ތަކުރާރުކޮށް ސަރާ ގާތު ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ ދާއިމީކޮށް މައިދައިތަގެ ޢަމަލުތައް ގޯސްކޮށް ހުންނަންޏާ ކޮންމެހެން މީހަކު ނުބުންޏަސް ފިރިމީހާއަށް އެކަން އިޙްސާސްވާކަށް މާގިނަ ދުވަހެއް ނުނަގާނޭ ކަމަށެވެ.

ވުމާއެކު މަންމަގެ ނަޞޭޙަތް އަބަދުވެސް ސަރާގެ ސިކުނޑީގައި ހަރުލާފައިވެއެވެ.

ބައްދަލުވުން ނިމުމަށްފަހު ޖެހިގެން އައި ދުވަހުގެ އިރުއޮއްސި ހަތެއްޖަހަން އުޅެނިކޮށް ޢިމްރާންމެން މާލެއައެވެ. އޭރު ސަރާ ކޮޓަރީގައި އާކައިވެނީގެ ފޮޓޯތައް ބަލަން އިނެވެ. ދޮރު ހުޅުވާފައި ޢިމްރާން ވަނުމާއެކު ސަރާ އަލްބަމް ލައްޕާލުމަށްފަހު އިސްޖަހާލިއެވެ. ޢިމްރާން ލުއި ހިނިތުންވުމަކާއެކު އައިސް ސަރާގެ ގާތުގައި އިށީނދެއްޖެއެވެ.

[ސަރާ! ތެދެއް ރަށަށް ދާހިތްވަނީ؟] ފުރަގަހުން އަތް ގެންގޮސް ސަރާގެ މެދުހަށީގައި އަޅުވާ ގާތަށް ލަފާލަމުން ޢިމްރާން އެއްސެވެ. ސަރާ އިސްއުފުލައި ޢިމްރާންގެ މޫނަށް ބަލާލިއެވެ. އޭރު ސަރާގެ ލޮލަށް ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ.

[ރަށަށް ދާން ބޭނުންވަނީކީ ނޫން.] ސަރާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ.

[ރަށަށް ދާހިތްނުވަންޏާ ކިހިނެއްވީ. ސަރާއަށް ރަނގަޅަށް އެނގޭނެ ސަރާއަށް ކަމެއް ވެއްޖެއްޔާ އަހަރެން ދެރަވާނޭވަރު.] އެހިނދު މައިދައިތައާ ބެހޭގޮތުން ހުރިހާ ވާހަކައެއްވެސް ކިޔާދީފާނަމޭ އޭނާގެ ހިތަށް އަރަން ފެށިއެވެ. ނަމަވެސް އޭނާއަށް ހިތްވަރެއް ނުލިބުނެވެ.

[ބުނެބަލަ ސަރާ ކިހިނެއްތަވީ؟ ސަރާގެ ތިހިމޭންކަމުން އަހަރެންގެ ހިތަށް ހާދަ ތަދު އެބަވެޔޭ.] އެއީ ތެދެކެވެ. ސަރާ އޭނާގެ ކުރިމަތީގައި ރޯން ފެށުމުން އޭނާގެ ހިތަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ.

[ދެރަނުވޭ ޢިމްރާން...އަހަންނަށް އެއްވެސް ކަމެއްނުވޭ. މަންމަގެ މަތިން މާބޮޑަށް ހަނދާންވަނީ...އަހަންނަށް ފެނުނީ ބިރުވެރި ހުވަފެނެއް. އެހުވަފެނުގައި ޢިމްރާން މަލަކާއާ ގުޅެނީ...އެހެންވެ ހިތް ބިރުގަންނަނީ.] ސަރާ ރޮއިރޮއިފައި ބުންޏެވެ. ޢިމްރާންގެ ގާތަށް އައީ ހިންޏެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


20

ހަސީނަ

24-Jun-2020

މުސަ ގެ އާވަހަކަ އެއް ވަރަށް ކިޔަލަން ބޭނުން މިވާހަކަ ވެސް ވަރަށް ފުރިހަމަ އަސަރުވެސް ގަދަ


19

ސަނާ

24-Jun-2020

މުޅި ހަޔާތުގަވެސް ކިޔުނު އެންމެ އެއްމެ ރީތި ދިގުވަހަކަ ސާބަސް މޫސަ


15

ޖައުފަރު

24-Jun-2020

ވަރަށް ރީތި އަސަރުގަދަ ވަހަކަ އެއްޓްރެންޑިން