ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު
ހިޔާ މަޝްރޫޢުގެ ފުލެޓާ މެދު މި ސަރުކާރުން ކަންކުރާ ގޮތުން އެތައް ހާސް ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ 7000 ހައުސިން ޔުނިޓަށް ވަންނަ މީހުންގެ ތެރެއިން 85 އިންސައްތަ މީހުން އެތަނުން ނުކުންނާނެ ކަމަށާއި އެކަމަކު ވަންނާނެ އިތުރު ތަނެއް ނެތްނަމަ އެތަނުގައި ތިބުން ނޫން ގޮތެއް ވެސް ނޯންނާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ޑރ. މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ހިޔާ ފްލެޓްތަކާމެދު މި ސަރުކާރުން ޢަމަލު ކުރާގޮތުން އެތައްހާސް ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދާ ކަމަށެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ދާނެ އިތުރު ތަނެއް ނެތިއްޔާ ކޮންމެ މީހަކު ވެސް އެތަނުގެ ތެރޭގައި ތިބޭނެ ކަމަށާއި، އެއީ މީހުން އުޅެން އެއްގޮތަކަށް ވެސް ކަމުދާ ގޮތަށް ހަދާފައި ހުރި ތަނެއް ނޫންކަމަށެވެ.

އެކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް ޔާމީނުގެ 7000 ފުލެޓަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއްކޮށް ނިންމައި ރައްޔިތުންނަށް ވަދެވޭ ފެންވަރަށް އެތަނުގެ ކަންކަން ކުރި ސަރުކާރުން އިންތިޒާމުކޮށްފައިވާ ފުލެޓުތަކެއް ކަމުގައެވެ. އެފުލެޓުތައް ލިބޭނެ ފަރާތްތައްވެސް ކަނޑައަޅައި ނިމިފައިވާ ކަމަށާއި، އެ ފްލެޓްތަކާ ގުޅޭގޮތުން އިތުރަށް ކުރާނެ ކަމެއް ނޯންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ފްލެޓްތައް ދީފައި ވަނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދާފަ އެވެ. އެ ކޮމިޓީން އަންނަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ފްލެޓް ދޭން ނިންމާފައިވަނީ ދިރިއުޅުމުގެ ހާލަތަށް ނުބަލައި ކަމުން، އެކަަމަށް އެދި ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން ދަނީ 25 ބުރީގެ 16 ޓަވަރެވެ. އެއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ. ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެ ފްލެޓްތަކުގެ ޙައްޤުވެރިންނަށް މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ޙަވާލު ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ޖައުފަރު

24-Jun-2020

ހަގީގަތުގަ ވެސް ހަމަ ކޮތަރު ކޮށި ތަކެއް މަ ދެކެފިން އެތަން ތަންޓްރެންޑިން