ބ. ތުޅާދޫ/ ހިޔާވަހި، އުނައިސް އަހުމަދު
ބ. ތުޅާދޫ/ ހިޔާވަހި، އުނައިސް އަހުމަދު
ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައި ވަނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ޝަހްސު އޮޅުވާލައި މަކަރާއި ހީލަތުން ކުއްޖާ މާލެ ގެނެސް ޖިންސީ ގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން މިދިޔަ މެއި 28 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ބ. ތުޅާދޫ/ ހިޔާވަހި، އުނައިސް އަހުމަދު، ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް އެކުށް ނުވާތީ އޭނާ ވަނީ ދޫކޮށްލާފައެވެ.

އަދި އެ މައްސަލައިގެ ތަހްގީގަށް، އުނައިސްގެ މައްޗަށް ޝަހްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވި، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އިންޓަނެޓް މެދުވެރިކޮށް ކުދިން ގުރޫމް ކުރުމުގެ މައްސަލަތަކާއި ޗައިލްޑް އޮންލައިން އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށާއި، އެފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން