ބޮޑުވަޒީރު މޯދީ
ބޮޑުވަޒީރު މޯދީ
މުޅި އިންޑިޔާ 21 ދުވަހަށް ލޮކްޑައުން ކުރަން ނިންމިކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިޢުލާން ކުރައްވައިފިއެވެ.

ޤައުމާ މުޚާޠަބު ކުރައްވައި މޯދީ މީގެ ކުޑައިރުކޮޅެއް ކުރިން ޤައުމާ މުޚާޠަބު ކުރައްވަމުން ވިދާޅުވީ ހުރިހާ ސްޓޭޓް ތަކުންވެސް މިހާރު އެންމެ އިސްކަމެއް ދީގެން ދޭން ޖެހޭނެ ޚިދުމަތަކީ ޞިއްހީ ޚިދުމަތްކަމަށް އަންގަވާފައިވާނެ ކަމަށެވެ. އިންޑިޔާ ލޮކްޑައުން ކުރަން ނިންމާފައިވަނީ މިރޭ 12 ގެ ފަހުންނެވެ.

ބޮޑުވަޒީރު ވަނީ އެއްވެސް މީހަކު ގެއިން ނުނުކުމެ ގޭގައި ތިބުމަށް އަންގަވާފައެވެ. އަދި އިޖުތިމާޢީ ގައިދުރުކަމުގެ ސިޔާސަތަށް އަމަލު ކުރުމަށްވެސް ގޮވާލެއްވިއެވެ.

މޯދީ ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ހަނގުރާމަކޮށް އިންޑިޔާއަށް ކާމިޔާބު ލިބޭނެ ކަމަށެވެ. މޯދީގެ ވާހަކައިގައި މި ނުރައްކާ ދަނޑިވަޅުގައި އިންޑިޔާގެ ހިސްޕިޓަލުތަކުގައި މަސައްކަތް ކުރަމުން ގެންދާ ޑޮކްޓަރުންނާއި ނަރުހުންނާއި އަދިވެސް ޞިއްހީ ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.

"އަހަންނަށް ޔަގީންކަން އެބައޮތް އިންޑިޔާގެ ހުރިހާ ރައްޔިތުންވެސް ސަރުކާރުގެ ނިންމުންތަކަށް ބޯ ލަނބާނެކަން." މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ 21 ދުވަހަށް ޤައުމު ބަންދު ކުރުމަކީ ތަކުލީފު ތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. އެކަމަކު އަމިއްލަ ނަފުސުގެ ސަލާމަތާއި ތިމާގެ އާއިލާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ މި އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

މޯދީގެ ވާހަކައިގައި ބަލީގެ ނިޝާނެއް ފެނުނު ކަމުގައި ވީނަމަވެސް އެއްވެސް މީހަކު ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި ބޭސް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބޮޑުވަޒީރު ވިދާޅުވީ ކޮރޯނާ ވައިރަސް ޖެހޭ ބަލި މީހުންނަށް ފަރުވާ ކުރުމަށްޓަކާ ޞިއްޙީ ދާއިރާއަށް ބޭނުންވާ ސާމާނާއި އާލާތްތައް ހޯދުމަށާއި ދެވޭ ޚިދުމަތްތަކާއި އޮނިގަނޑު ވަރުގަދަ ކުރުމަށްޓަކާ 15 ހާސް ކްރޯޑް އިންޑިޔާ ރުފިޔާ ދޫކުރުމަށް މައިސަރުކާރުން ކަނޑައަޅާފައިވާކަމަށެވެ.

މިއީ ކެތްތެރިކަން އިސްކޮށް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ ކިޔަމަންވާން ޖެހޭ ވަގުތު ކަމުގައި މޯދީ ވިދާޅުވިއެވެ. އަދި ޤައުމު ބަންދުކޮށްފައި އޮތްހާ ދުވަހަކު އެހާލަތުގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް މޯދީ ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން