ބީއެމްއެލްއަަކީ ރާއްޖޭގައި ހުރި ރައްޔިތުންގެ ބެންކުކަމަށް ބުނާ ބޭންކެވެ. ރައްޔިތުންގެ ބެންކުކަމަށް ބުނަނީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނާތީއެވެ. ނަމަވެސް ހަގީގަތަކީ އެއީ ރައްޔިތުންގެ އުއްމީދާއި ގާތަށްވެސް ހިދުމަތް ދޭ ބޭންކަކަށް ނުވުމެވެ. ގިނަ ބަޔަކު ބީއެމްއެލް ސިފަކުރަނީ ރައްޔިތުން ފެލާ ބެންކެއްގެ ގޮތުގައެވެ. ވާނީވެސް އެހެންތާއެވެ. 40 ވަރަކަށް ހާސް ރުފިޔާގެ ލޯނެއް ނެގީމާ އަނބުރާ ދައްކަންޖެހޭ އަދަދު ލައްކައަކަށް އަރަންޏާ، އެކަމަށް ފެލުން ނޫން އިތުރަށް ބޭނުންކުރާނެ ބަހެއް ނޭނގެއެވެ.

ބީއެމްއެލްގެ ކާޑު ތަކުގެ ވާހަކައަކީވެސް ދައްކައި ކޮޅުންލާ ވާހަކައެއް ނޫނެވެ. ކޮވިޑާހެދިއޭ ކިޔާފައި ކާޑު ތަކުން ގައުމުން ބޭރުން މުއާމަލާތް ކުރެވޭ ލިމިޓް ދެދުވަހުގެ ކޮއްތު ނުގަނެވޭވަރަށް ކުޑަކުރިގޮތަށް އަދާއި ހަމައަށްވެސް އެބުނާ ކޮވިޑްގެ ހާލަތެއް ގައުމީ ބޭންކަކަށް ނުފިލައެވެ. ރައްޔިތުން ރުޅިގަދަވެ ދަތްކޮޅު ފައިބާއިރުވެސް ކަހާތަން ހިރުވާވެސް ނުލައެވެ.

ކޮންމެއަކަސް ބެންކުގެ "ކަޑަ" ހިދުމަތުގެ ތެރޭގައި ދިވެހިން ތާށިވެފައި ތިއްބާ ގިނަ ބަޔަކު އިތުރު ޝަކުވާއެއް ފެންމަތި ކުރަން ފަށައިފިއެވެ. ބީއެމްއެލްގެ ވައިފައި ކާޑުގެ ކަޑަ ވާހަކައެވެ. ބީއެމްއެލްގެ ވައިފައި ކާޑު ބޭނުންކުރަންޖެހޭ ގޮތަށް ބަލާއިރު އެއިން ޕިން ޖަހާލުމެއް ނެތި ފިހާރައެއް ނުވަތަ އެހެން ތަނެއްގައި ހުންނަ ޕީއޯއެސް މެޝިނަކުން ފައިސާ ކަނޑާލެވޭ މައްސަލައެވެ. ކާޑުގެ ވެރިފަރާތަށް ރޭކާ ނުލާ މިގޮތަށް ކިތަންމެ ފަހަރަކުވެސް ޕީއޯއެސްތަކުން ކާޑު ބޭނުން ކުރެވޭ މައްސަލަ އެވެ.

ވައިފައި ކާޑުގެ އެންމެ ބޮޑު ނުރައްކަލަކީ މީހެއްގެ ކާޑު ޖީބުން ވެއްޓި، ނުވަތަ ތަނެއްގައި ބާއްވާފައި އޮއްވާ ނަގައިގެން "ޕިން" ނަންބަރެއް ނުޖަހައި އެހެން މީހަކަށް އެ ކާޑު ބޭނުންކުރުމުގެ ފުރުސަތު ދީފައި އޮންނަ އޮތުމެވެ.

މިކަހަލަ ހާލަތެއްގައި މީހެއްގެ ކާޑު އެހެން މީހަކު ނަގައިގެން ބޭނުންކުރިކަން އެނގޭނީ ތަނަކުން ލާރި ކަޑައިގެން ފޯނަށް މެސެޖް އަންނަ ހިސާބުންނެވެ. އޭރު އޮންނާނީ ވާނެ ހައެތި ވެފައެވެ. އެޕް ބޭނުންކޮށްގެން ކާޑު ބްލޮކް ކުރުމުގެ ގާބިލުކަން ނެތިއްޔާ ދެން ބެންކަށް ގުޅައިގެން ކާޑު ބްލޮކްކޮށްލަން ނަގާނެ އިރު ބެންކަށް އާއްމުކޮށް ގުޅާ މީހުންނަށް އެނގޭނެއެވެ.

ވެރިފަރާތަށް ނޭނގި ކޭޝް ކާޑު އެހެން މީހަކު ވަގަށް ބޭނުންކުރިޔަސް ބޭންކަކުން އެކަމަށް ޒިންމާނުވާނެކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. މީގައި އޮތް އެންމެ ހެއްވާ ކަމަކީ ވައިފައި ކާޑު ޕިން ޖަހައިގެން ބޭނުންކުރެވޭ ގޮތެއް ބީއެމްއެލަކަށް ހަދައި ނުދެވޭކަމެވެ. މިއީ ފައިސާތައް ތިޖޫރިއަކަށް އަޅާފައި އޭގައި ތަޅުދަނޑި ޖަހާފައި ބެހެއްޓުންކަހަލަ ކަމެކެވެ. މިކަމުގައިވެސް ބީއެމްއެލުން ބުނަނީ ކޮށްދެވޭނެކަމެއް ނެތްކަމަށެވެ. ބިލިއަނަކާއި ގާތްކުރާ އަދަދަކަށް ފައިދާވާ ކުންފުންޏަކަށް އެވަރުގެ ކަމެއް ކޮށްނުލެވޭކަމަށް ބުނުމުން އެ ވާހަކަ ގަބޫލުކުރާނީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

މިއަދު ސާފުވާ އެއް ކަމެއް އެބައޮތެވެ. ބީއެމްއެލުން ގަސްތުގައި ވިޔަސް، ނޭނގިވިޔަސް އެކުރާ ކަމަކުން ވައްކަމަށް ހުޅުވެނީ ބޮޑު ދޮރެކެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ގެއްލުންތައް ކުރިމަތިވެފައެވެ.

ބީއެމްއެލުން ބުނާހާވެސް އެއްޗަކީ "ލިންކަށް ނުފިތާށޭ" އެވެ. އެކަމަކު މިއީ ލިންކަށް ފެތުމާއި ގުޅޭވެސް ކަމެއް ނޫނެވެ. މިއީ ކޮންމެ ކާޑެއް ޕިނެއް ޖަހައިގެން ބޭނުންކުރެވޭ ގޮތް ހަދާލުމުން ހައްލުކޮށްލެވޭހާ ފަސޭހަކަމެކެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ ދިވެހިންނަށް މި ނޫން ގޮތެއް މިވަގުތަކު ނެތެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަހުމަދު

22-Feb-2023

ބޭންކް އޮފް މޯލްޑިވްސް ނޫނަސް މި ޤަޢްމުގަ ބޭންކު ތައް އެބަހުރި ނަމަވެސް އެހެން އެއްވެސް ބޭންކް އަކާ ދިމާލަށް އިނގިލިދިމާކުރާ މަންޒަރެއްނުފެނޭ. ބޭންކް އޮފް މޯލްޑިވްސް އިން ވިސްނަންއެބަޖެހޭ.


6

މާދަމާދެކޭމީހާ

22-Feb-2023

ރާއްޖޭގެ އަމާންކަން ނަގާލުމުގެ އެންމެބޮޑު ހިއްސާދާރަކީ ބީއެމްއެލް އެތަނުގެ މަތީފަންތީގެ ގިނަބަޔަކާ ދިރާގާ ހިއްސާވެގެން ހިންގާބޮޑު ޖަރީމާއެއް މިކަމުން ބަރީއަވުމައް ޒާތްޒާތުގެ ހެއްވާ ބަޔާންތައް ފަހަކައް އައިސް ނެރެމުން ދަނީ މިކަންމިގޮތައް ކުރިޔައް ދަނީކަމުގައި ވަނީނަމަ ސަލާމަތީ ބާރުތަކައް ގޮންޖަހާފަ ބޭރުގެ ގައުމުތަކުގައި ހިންގާކަހަލަ ބޮޑަތި ބެންކްރޮބަރީތައް ކައިރި މުސްތަގްބަލެއްގަ ރާއްޖޭންވެސް ފެނުމަކީ ވެސް ހަމަނުވާނެކަމެކޭ ނުބުނެވޭނެ


-5

ޢައި

22-Feb-2023

ވެރިފަރާތުގެ ހުއްދަނެތި ކާޑަށް ގޮތްހަދާތީ ދެރަވަނީ


4

މޮހަދޭ

22-Feb-2023

ބީއެމްއެލް ދޫކޮއްލާ އިސްލާމިކުބޭންކު ޚިޔާރުކުރޭ


-5

އިއްބެ

22-Feb-2023

އިސްލާމިކް ބޭންކުންވެސް އޮތީ މިގޮތް އެކަނި. މި އީ ބީއެމް އެލް އިން އެކަނި ހައްލުކޮށްގެން ވާނެ ކަމެއް ނޫން.


1

އާދޭސް

22-Feb-2023

މިލިޔުމުގެ ކޮޕީއެއް ބީއެމްއަށް ފޮނުވަން ފެނޭ.. ގިނަކޮޕީތަކެއްފޮނުވަންވީ.. ބޭންކް ޖައިރީގައިވެސް ތިބެންވީ..އާދޭސްކުރަންވީ..


9

ާއަލީ ދާޢޫދު

22-Feb-2023

ތީވަރަށްް ބޮޑު ތެދެއް. ލުއިލޯނު ނަންގަވައުގެން ތިއްބެވި ނިކަމެތި ރައްޔިތުން ތިބީ އެލޯނަކާ ހެދި ކަރަށް މަޅިއެއް ފެތިފަ ކޮންމެ މަހަކު ކަނޑާލާ ޢަދަދުން ގޮތް ހުސް ވެފަ. ފަސް އަހަރު ވަންދެން މާޔޫސް ކަމެއްގަ ރައިއްޔަތު މީހާ ހުންނާނީ ލޯނުން ސަލާމަތް ނުވެފަ. ބާކީ އޮންނަ ޢަދަދު ވެސް ދައްކާ ހަލާސް ކުރެވެނީ ފުލް އިންޓްރެސްޓާ އެކީ. ގިނަބަޔަކު އިސްލާމިކު ބޭންކާ ގުލެންވީ އޭރުން ފަހަރެއްގައި ވިސްނާފާނެ.


-8

ބމލ

22-Feb-2023

ރަސް އޮންލައިނައް ވެސް ފިޔަވަޅު އަޅަން. ނުޖެހޭނެ ދޯ ތިހާ ސާފު ކޮއް އާންމުންނަށް އެނގޭނެހެން ތިކިތަކެއް..



ޓްރެންޑިން