ކޯވިޑް-19 އާއި ގުުޅިގެން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގައި ފުލުހުން ހަރަކާތްތެރިވަނީ
ކޯވިޑް-19 އާއި ގުުޅިގެން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގައި ފުލުހުން ހަރަކާތްތެރިވަނީ
ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ މިހާރު އޮތީ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241) ކޮމެޓީއަށް ފޮނުވާފައެވެ. އޭގެކުރިން ފުލުހުންގެ ބިލްގެ ބަހުސްގެ މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ޖޯޝާ ފޯރީގައި ކުރިއަށްދިޔައިރު ބައެއް މެމްބަރުން ފާޅުކުރެއްވި ޝުއޫރުތަކުން އެއީ ހަމަ ހަގީގަތުގައި ވެސް ފުލުހުންގެ މުވައްސަސާ އިސްލާހީ ބަދަލު ގެންނަން ބޭނުންވެގެން ދެއްކެވި ވާހަކަތަކެއްތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދާނެ ޖާގަ ލިބިގެންދިޔައެވެ.

ރައްޔިތުންގެ ހިތުގައި ސުވާލު ނުއުފެދޭ ވަރެއް ނޫންތާއެވެ. ދިވެހި ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނު ލައްވައިގެން ދަނޑިބުރި އެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މެމްބަރަކު ގޮވާލެއްވިއެވެ. ސަރުކާރުން ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް ހުށައެޅި ބިލުގައި ފުލުހުންގެ ހުވައަށް ބަދަލުގެނެސްފައިވެއެވެ. އެގޮތުން މިހާރު ފުލުހުންގެ ގާނޫނުގައި އޮތްގޮތާއި ޚިލާފަށް މިފަހަރުގެ ބިލުގައި ފުލުހުންގެ ހުވާގެ ފެށުމުގައި އޮންނަ އިސްލާމްދީން ހިމާޔަތް ކުރުމަށް އޮތް ތަން ބަދަލުކޮށްފައިވަނީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކައަށެވެ. މިވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔަ ކަމެކެވެ.

މިއޮތްހާ ޒަމާނު ފުލުހުން އިސްލާހު ނުވެގެން މިއުޅެނީ ހުވާގެ ލިޔުމުގައި އޮންނަ އިބާރާތުގެ މައްސަލައަކުން ހެއްޔެވެ؟ ފުލުހުން އަޅާ ޔުނީފޯމަކުން ނުވަތަ ބޭނުންކުރާ ހަތިޔާރު ބަދަލުކުރުމަކުން ފުލުހުން އިސްލާހުވާނެ ކަމަށް ދެކުމަކީ ވަރަށް ކޮށި މޮޔަ ވިސްނުމެކެވެ. ކުރު ސޯޓާ ދިގު އިސްޓާކީނު ލެއްވީމާ ފުލުހުންގެ ވިސްނުމަށް ބަދަލު އަތުވެދާނެ ކަމަށް ދެކުމަކީ ބޮޑު ޖޯކެކެވެ. ފުލުހުން ރިފޯމް ކުރުމަށް އެ އިދާރާގެ ނަމާ ކުލަ އާއި އިމާރަތް ބަދަލުކުރުމުން ފުލުހުން އިސްލާހުވާނެ ކަމަށް ދެކޭ މެމްބަރުން މެމްބަރު ކަމުގެ މަގާމަކަށް ކުފޫ ހަމަވާ ކަމަކަށް ރައްޔިތުން ގަބޫލު ނުކުރާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

މިއަދު މަޖިލީހުގެ މެންބަރެއްގެ ޝަރުތަކީ އަސާސީ ތައުލީމުގެ ފެންވަރު ކަމުގައި ވެފައި މަތީފާހެއް ލިބިފައި ވާ ގިނަ ބަޔަކު މަޖިީލީހުގައި ނެތްކަމުގައި ވީނަމަވެސް މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރަން ތިބެންޖެހޭނީ އެއަށްވުރެ ބޮޑަށް ތަސައްރަފު ފުދި ތަންދޮރު ވަކިކުރަން އެގޭ ބައެކެވެ. ފުލުހުންނަށް ގާނޫނީ ބާރާއި އިޚުތިޔާރުދީފައި އޮތްނަމަވެސް ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ އެ ފުލުހަކު އަމިއްލައަށް ނަގަންޖެހެއެވެ. އެކަން ފުލުހުންގެ ގާނޫނުގައި ކަޅާ ހުދުން ވަރަށް ސާފުކޮށް ލިޔެ އެވަނީ ބަޔާންކޮށްދީފައެވެ.

ކަންމިހެން އޮއްވައި ފުލުހަކު ކުށެއް ކުރާ ކޮންމެ ފަހަރަކު މުޅި މުވައްސަސާ ބަދުނާމުކޮށް ސިޔާސީ މަންފާ ހާސިލްކުރުމުގެ ބޭނުމުގައި އެ މުވައްސަސާގެ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތް ކުރާ ގައުމީ ފުލުހުން "ކަތިލާން" ފުރުސަތުދީގެން ނުވާނެއެވެ. އެއީ ބޮޑު ގޯހެކެވެ. އިސްލާހުކުރުމުގެ ނަމުގައި ޒާތީވެ، ތިމާމެންގެ ހިތުގައި އޮތް ނަފުރަތާއި ހަސަދަވެރިކަން ފިލުވާލުމަށް ގުރުބާންކުރާ "ކަންބަޅި" އަކަށް ދިވެހި ފުލުހުންގެ މުވައްސަސާ ހެދުމަށް އެއްވެސް ބަޔަކަށް ޖާގަދީގެންނުވާނެއެވެ. އެއީ އެއަށްވުރެ ޝަރަފުވެރި ގަދަރުވެރި ދިވެހި ދައުލަތުގެ ހައިބަތާއި ކަރާމަތް ލިބިގެންވާ މުވައްސަސާއެކެވެ.

ފުލުހުންގެ ބިލު މިހާރު ބައްޓަންކޮށްފައި އޮތްގޮތުން އާންމުންނާއި ފުލުހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ފުލުހުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު މައްސަލައަކީ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާއި ހިއްސާ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ހުށަހަޅާފައި އޮތް ފުލުހުންގެ ހިދުމަތުގެ ބިލުގައި ބަޔާންކޮށްފައި އޮތުމެވެ.

ސަލާމަތީ ކަންތައްތަކުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްގެން ހުންނެވި ފުލުހުންގެ މަތީ އޮފިސަރަކު ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަންތަކުގެ މައުލޫމާތު 241 ކޮމެޓީއަށް ދޭންޖެހޭ ގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ މައުލޫމާތުތައް ކޮމެޓީއާއި ހިއްސާކޮށްފިނަމަ ފުލުހުންގެ އޮޕަރޭޝަންސްތައް ކޮމްޕްރޮމައިޒް ވާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

އޮފިސަރު އެ ވިދާޅުވީ ތެދަކަށް ވެދާނެއެވެ. ފުލުހުން ހިންގާ އޮޕަރޭޝަންތަކަކީ ސިއްރު އޮޕަރޭޝަންތަކަށްވާއިރު ކަމާ ނުބެހޭ ބަޔަކަށް އެމައުލޫމާތު ތައް ދޭން ގާނޫނަކުން ކަނޑައެޅުމަކީ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ނިންމާލުމަަށް ހުރަސް އެޅިގެންދާނެ ކަމެކެވެ. މީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފުލުހުން ދުރާލައި ރާވައި ހިންގާ އޮޕަރޭޝަން ތަކުގެ މައުލޫމާތު މަޖިލީހުގެ ކޮމެޓީގެ ތެރެއިން ލީކުވެގެން ހިގައިދާނެ ކަމުގެ ބިރެވެ. އެހެން އެގޮތަށް ވެއްޖެނަމަ ފުލުހުން ހިންގާ އޮޕަރޭޝަން ތަކުގެ ސިއްރު ކަން ގެއްލި އެ އޮޕަރޭޝަންތަކުގެ މަގުސަދު ހާސިލްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެއެވެ. މިއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ބޮޑު ނުރައްކަލަކަށްވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

މީގެކުރިން ވެސް މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުކުރާ ބޭފުޅުން ދޭ ސިއްރު މައުލޫމާތު މެމްބަރުންގެ ފަރާތުން މަޖިލީހުގެ ތަޅުމާއި ޝޯޝަލް މީޑިޔާގައި ވެސް ލީކްވެފައި އެބަހުއްޓެވެ. މިކަމުގެ އެެއް ހެތްކަކީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ކޮމެޓީއަށް ދެއްވި ސިއްރު މައުލޫމާތުތަކެއް މެމްބަރުންގެ ފަރާތުން ލީކުވެފައިވާކަމެވެ. މިދެންނެވީ ހަމަ ދާދި މިދާކަށް ދުވަހު ހިނގި ކަމެއްގެ ވާހަކައެވެ. މެމްބަރުންވެސް ހަމަ ރަނގަޅަށް ވެސް ހަނދުމަފުޅު ހުންނާއެވެ. މެމްބަރުންވެސް އެހާ ހަދާން ބަލިވެދާނެ ކަމަަކަށް ގަބޫލެއް ނުކުރެވެއެވެ.މަޖިލީހުގެ ކޮމެޓީއަށް ދޭ މައުލޫމާތު ތައް އެފަދަ ގޮތްގޮތަށް ލީކުވެގެންދާނަމަ ތަހުގީގަށް ހުރަސް އެޅި މައްސަލަ ރައްދުވާ ފަރާތަށް މައްސަލަ އަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް ފުރުސަތު ލިބިގެންދެއެވެ. މިއީ ބޮޑެތި މުޖުރިމުންގެ މައްޗަށް ކުށް ސާބިތުނުވެ މުޖުތަމައަށް ދޫވެގެން ހިގައިދާނެ ކަމުގެ ބިރު އިންތިހާއަށް އޮތް ސީރިއަސް މައްސަލައެކެވެ. ރައްޔިތުން މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ބިލުގައި ރައްޔިތުން މަޖިލިހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަރަށް ބޮޑެތި ބާރުތައް ދީފައިވެއެވެ. އެގޮތުން ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އަންގައި ފުލުހުންގެ ޢާންމު ސިޔާސަތުތައް ބަލައި އެކަންކަމަށް ގެންނަން ފެންނަ ބަދަލުތައްވެސް ފުލުހުންނާއި މިނިސްޓަރަށް ކޮމިޓީން  އެންގިދާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމައި، ލިއުމުން އަންގާ އެންގުންތަކަށް ތަބާވުމަކީ އެ އެންގުން ރައްދުވާ ފަރާތެއްގެ މައްޗަށް ލާޒިމްވާ ކަމެއްގެ ގޮތުގައި ވެސް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ. ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބުގައި ހުރި ބައެއް ކަންކަމަކީ މަޖިލީހުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ނުފޫޒު ފޯރުވިދާނެ ފަދަ ބަދަލުތަކެއް ކަމަށެވެ. ވެރިކަން ހިންގާ ފަރާތުގައި ހުންނަން ޖެހޭ ބޮޑެތި ބާރުތަކެއް ބިލުން މަޖިލީހަށް ލިބިދީފައިވުމުން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. ވެރިކަން ހިންގުމުގެ ބާރުގެ ދަށުގައި ހުންނަން ޖެހޭ ކަންކަން މަޖިލީހަށް ލިބިއްޖެ ނަމަ ފުލުހުންގެ މުއައްސަސާ މިހާރަށް ވުރެން ވެސް ބޮޑަށް، މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ކުޑަވެދާނެ ކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.

ޤައުމީ ސަލާމަތާ ގުޅޭ ޚިދުމަތްދޭ އިދާރާތައް އިންތިޒާމުކޮށް ރާވައި ހިންގުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ދެކެވަޑައިގަންނަވައެވެ. ފުލުހަށް އިސްލާހީ ބަދަލުގެންނަންޖެއެވެ. މުހަންމަދު ހަމީދު ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން ތަކުރާރުކޮށް ފުލުހުންގެ މުއައްސަސާ އިސްލާހް ކުރަން ޖެހޭ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. ސީޕީ ދެކެވަޑައިގަންނަވާގޮތުގައި ފުލުހުންގެ ތެރޭގައި ހުރި އިސްލާހް ކުރަން ޖެހޭ ކަންކަމުގެ ވާހަކަ ފާހަގަ ކުރަން ވާނީ، ވަރަށް ސާފުކޮށް ރީއްޗަށެވެ. އެފަދަ ވާހަކަތަކަކީ ހަރުކަށި، ބޭކާރު ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ބައެއް އާންމު ރައްޔިތުން ބުނާގޮތުގައި އެމްޑީޕީގެ އިސްވެރިންނަށް އުޅުއްވަނީ 7 ފެބްރުއަރީ 2012 ގައި ހިނގި ކަންތައްތައް ހަނދާނުން ނުފޮހެވިގެންނެވެ. އަދި އެފަދަ ކަމަެއް ވެދާނެތީ އެ ބޭފުޅުން ތިއްބަވަނީ ވަރަށް ބިރުންކަމަށް ވެސް ބައެއް ރައްޔިތުން ފާހަގަކުރެއެވެ. ކޮންމެ މަގުސަދެއްގައި ބަޔަކު އެކަން ކުރިނަމަވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލް ގާނޫނަކަށްވުމުގެ ކުރިން ފުޅާ ދާއިރާ އެއްގައި އެބިލާމެދު މަޝްވަރާ ކުރެވި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އުސްތާޒު ހަސަން ލަތީފް ވިދާޅުވެއެވެ. ބިލާ މެދު ފުލުހުންނާއި ސަރުކާރާއި އިދާރާތަކުގެ ޚިޔާލާ މަޝްވަރާ ހޯދަންޖެހެއެވެ. ފުލުހުންނާއި ރައްޔިތުންގެ އުއްމީދަކީ ބިލް ނިމޭއިރު މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދިއުމެވެ. ރައްޔިތުން ތިބީ ކުޅިބަލާށެވެ. މެމްބަރުންގެ ހުރި ތެދުވެރިކަމާއި އިޚުލާސްތެރިކަމާއި ކަންކަން އިސްލާހުކުރުމުގެ ނިޔަތް އޮތްކަން އެގޭނީ މިކަމުގައި މެމްބަރުން ނިއްމާގޮތުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

ތިމަންނަ

21-Jun-2020

މަޖްލީހުގެ މެމްބަރުންގެ ގޮތުގައި މާރުކޭޓް ގޮޅީގައި ތިބޭ މީހުން ތިބިނަމަވެސް މިހާރަށްވުރެ ރަގަޅުވާނެކަމަށް ފެނޭޓްރެންޑިން