ޞާދިރު ޢަލީދީދީ   20 ޖޫން 2020 - 13:59
ސަރާ
ސަރާ
އެޕިސޯޑް 01

...............

މޫސުމް އެހާ ރަނގަޅު ނޫން ކަމުގައިވިޔަސް، ރީތި ހަނދުވަރެއް ދިއްލާފައިވާ ރެއެކެވެ. ހިސާބަކަށް ވިއްސާރައިގެ އަސަރު ފާޅުވަމުންދިޔަ ކަމުގައިވިޔަސް، އެއަސަރުތަކަށް އެހިތްގައިމު ހަނދުވަރުގެ އަލިގަދަ ކުރަމުން ބާރުފޯރުވަމުންދާ ކަހަލައެވެ.މިހިތްގައިމު ސަނދުރަވިރޭ، އެހެނަސް އެހާ މޫސުން ރަނގަޅު ނޫން ރޭ، ޢިމާރާނާއި އޭނާގެ އެކުވެރި ނިޔާޒް ދަތުރުކުރަމުންދާ ދޯނި، ބާރު ދުވެލީގައި އޮވެމެ އެދަނީ ނިޔާޒުގެ އުފަން ރަށް ކަމުގައިވާ ހއ. އިހަވަންދުއަށެވެ.

ޢިމްރާން، އެކުވެރިޔާއާ ގުޅިގެން އެދަތުރު ރޭވީ، އޭނާގެ މަންމައާއި ބައްޕަ އަދި ޢާއިލާގެ އެހެންވެސް ބައިވެރިންނާ ދެކޮޅަށެވެ.

އޭނާގެ ޢާއިލާއިން އެދަތުރާ ދެކޮޅުހެދީ، ދުވަސްވަރަކީ މޫސުމް އެހާ ރަނގަޅު ނޫން ދުވަސްވަރެއް ކަމަށް ބުނެފައެވެ. ނަމަވެސް ރަޙްމަތްތެރިޔާގެ އުފަންރަށާއި އޭނާގެ ޢާއިލާއާ ބައްދަލުވުމަށް ހިތް އެދޭތީ، ދަތުރު ފަސްކުރަން ޢިމްރާން ބޭނުންނުވިއެވެ.

ވަކިން ޚާއްޞަކޮށް، އޭނާގެ ޢާއިލާއިން އަވަސް ކުރިމަގެއްގައި އޭނާގެ ކައިވެނި ރާވާފައިވެސްވާތީއާ އެކުގައެވެ. ކައިވެންޏަށްފަހު، އެކަހަލަ ދަތުރުތަކަށް ފުރްޞަތު ލިބުމަކީ ދަތިކަމަކަށްވާނޭ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

[ޢިމްރާން ހަމަ މަލަކާޔާ އިންނާނަންތަ؟] ޢިމްރާނާއި ނިޔާޒް ވާހަކަ ދައްކަން ތިބީ ބާރު ދުވެލީގައި ދަތުރުކުރަމުންދިޔަ ދޯނީގެ ދިރުނބާކޮޅުގައެވެ.

[ނީނދެ ކީއްކުރާނީ. ދެޢާއިލާއިންވެސް ގަބޫލުކުރާ ގޮތުގައި ދެޢާއިލާގެވެސް މުސްތަޤްބަލާ ގުޅިފައިވަނީ އަހަންނާ މަލިކާ. އެކަމަކު ބުނަން، އަހަރެން އެއްވެސް ވަރަކަށް މަލަކާދެކެ ލޯތްބެއްނުވޭ.] ޢިމްރާން އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

[ދެން ކީއްވެ އިންނަން އެއްބަސްވީ؟] ނިޔާޒް ޙައިރާންވިއެވެ.

[ނުވަމޭ އެއްބަހެއް....އެހެން ނޫނަސް މަންމަމެން ސީދާ އަހަރެން ގާތަކު ކައިވެނީގެ ވާހަކައެއް ނުވެސް ދައްކާ. އެހެން ނަމަވެސް މަންމަމެންގެ ޚިޔާލުތައް އަހަންނަށް މޭރުންވޭ.] ޢިމްރާން ބުންޏެވެ.

ތެދެކެވެ. އަދި ސީދާ ކައިވެނީގެ ވާހަކައެއް ޢިމްރާންގެ ގާތަކު އެމީހުންނެއް ނުދައްކައެވެ. ނަމަވެސް މަލަކާގެ ބައެއް ވާހަކަތަކުންނާއި، މަންމައާއި ބައްޕަގެ ބައެއް އިޝާރާތްތަކުން މަންމަމެންގެ ވިސްނުން، މިހާރަކަށް އައިސް އޭނާއަށް މޭރުންވެއެވެ.

މަލަކާގެ ޢާއިލާއާއި ޢިމްރާންގެ ޢާއިލާއަކީ ނިކަން ކުރިއްސުރެވެސް ގުޅި ބަދަހިވެފައިވާ ދެޢާއިލާއެވެ. ވިޔަފާރީގެ ގޮތުންނާއި އަވަށްޓެރި ކަމުގެ ގޮތުންވެސް މެއެވެ.

ޢިމްރާންގެ ބައްޕަ ރަފީޤާއި، މަލަކާގެ ބައްޕަ ވަޖުދީއަކީ ހަމަހަމަޔަށް ޙިއްޞާވާ ދެވިޔަފާރި ކުންފުންޏެއް، ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާ ދެވިޔަފާރިވެރިންނެވެ.

އެހެންކަމުން، އެދެގެވެސް ޢިމާރާތް ކުރެވިފައިވަނީ ހިންދުސްތާނު ފިލްމްތަކުން ފެންނަފަދަ ބޮޑު ހަވޭލިތަކެކޭ އެއްގޮތަށެވެ. ދެގެ ޢިމާރާތް ކުރެވިފައިވާ ގޮތުން، އެއްގެއަށް ވަދެވުމުން، އަނެއްގޭތެރޭގެ ކަންތައްތައްވެސް ފެނޭމެއެވެ. ދެގެދޭތެރޭ އިންފާރެއްގެ ބަދަލުގައި އޮންނަނީ، އެއްގެއިން އަނެއް ގެއަށް ވަދެވޭގޮތަށް ހަދާފައި އޮންނަ ބޮޑު ދޮރާށްޓެއް ލެވިފައިވާ މަގެކެވެ.

އެހެންކަމުން މަލަކާވެސް ގިނަވަގުތު އުޅެނީ ޢިމްރާންމެންގެ ގެ ކަމުގައިވާ ފަހީމާ މަންޒިލްގައެވެ. ވުމާއެކު ފަހީމާ ދަރިޔަކު ފަދައިން މަލަކާދެކެ ލޯބިވެއެވެ.

[ދަރިފުޅު މަލަކާ، ޢިމްރާން ފުރީމާ ވަރަށް ފޫހިވެފަދޯ ތިއިންނަނީީ؟] ފަހީމާ ވާހަކަ ދެއްކީ އެކަނިމާއެކަނި ބޮޑު ކޮޓަރީގައި އިން މަލަކާއާއެވެ. މަލަކާ ސިހިފައި ފަހީމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ފަހީމާއަށް ހީވީ ހަމަ ރަނގަޅަށެވެ. މަލަކާ އެއިނީ ފޫހިވެފައެވެ.

ބޭރުތެރޭ އުޅޭއިރު އެހެން ބައިވެރިންނާއެކު އުފަލާއި ހިތްހަމަޖެހުން ޙިއްޞާ ކުރިޔަސް، އޭނާއަކީ އޭނާގެ ރައްޓެހިން ޢާންމުކޮށް ގެޔަށް ގެނެސް އުޅޭ ކުއްޖަކަށް ނުވާތީ، ގޭތެރޭގެ އޭނާގެ ހުރިހާވެސް ހިތްހަމަޖެހުމަކީ ޢިމްރާނެވެ.

[ފަހީމާ ދައްތަ ތިބުނީ ރަނގަޅަށް.....ޢިމްރާން ނެތީމަ ވަރަށް ފޫހި.....އަނެއްކާ އަވަހަށް އަންނާނެބާ؟] މަލަކާ އޭނާގެ ކުރުކޮށް ކޮށާލާފައިވާ ފަން އިސްތަށިގަނޑުގައި ނިތްކުރިޔާ ހިސާބުން ފެށިގެން އަތް ހިންގާލިއެވެ.

[ހިއެއްނުވޭ މާގިނަ ދުވަހެއްވާނެހެނެއް.] ފަހީމާ ބުންޏެވެ. ޢިމްރާންގެ ބައްޕަ ރަފީޤު އެތަނަށް އައިސް ވަނީ އެވަގުތުއެވެ.

[ދަރިފުޅާ މަލަކާ، މާއޮލަކޮށް ކޮން ވާހަކަތަކެއް ތިދައްކަނީ؟] ރަފީޤު އައިސް މަލަކާއާ ޖެހިގެން ހުރި ސޯފާގައި އިށީނެވެ.

[މި މަންޖެ ޢިމްރާން ނެތީމަ ފޫހިވެގެން އުޅޭތީ، އެވާހަކަ މިދައްކަނީ.] ރަފީޤަށް ޖަވާބު ދިނީ ފަހީމާއެވެ. މަލަކާ ރަފީޤަށް ހިނިތުންވެލިއެވެ.

[އެސޮރު ހިއެއްނުވޭ މާގިނަދުވަސްވާނެ ހެނެއް. ޢިމްރާން މަލަކާއަށް ނުގުޅާތަ؟] ރަފީޤު އެއްސެވެ. މަލަކާ ގާތުއެވެ. މަލަކާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

[އަދި އުޅޭނީ އެރަށް ބަލާކަށްނު.] ފަހީމާ ބުންޏެވެ.

އެއީ ތެދެކެވެ. ޢިމްރާނާއި އޭނާގެ ރަޙްމަތްތެރިޔާ ނިޔާޒް، އެރަށުގެ އަތިރިޔާ އެންމެ ކައިރީގައި އޮންނަ މަގުން ހިނގާފައި އެދަނީ ރަށުގައި ހުރިނަމަ ހުރި ދުވަސްވީ މައިޒާންތައް ދުށުމަށެވެ.

ޢިމްރާނަށް އެރަށުން ތަޖްރިބާ ކުރެވެމުންދަނީ މުޅިން އާ ކަންތައްތަކެކެވެ. ފެންނަމުންދަނީ މުޅިންހެން އާމޫނުތަކެކެވެ. މަދުން ނަމަވެސް، ދަންނަ މޫނުތައް ފެނުނުމެއެވެ. ޢިމްރާންމެން ހިނގަމުންދިޔަ މަގުގެ އަތިރިޔާވީ ފަރާތަކީ، އެރަށުގައި މީހުން އަލަށް އާބާދުވަމުން އަންނަދިމާކަމުން، އެހިސާބުގައި މަދުން ނަމަވެސް ފަން ޖިފުޓިތައް ހުއްޓެވެ.

[އަދިވެސް ފަނުން ގެ ހަދާދޯ؟] ފަނުން ހަދައި މެދުވަތި (ދޮރުމައްޗަށް) ހުދު ކަށިވެލިލާފައިވާ ގެއަކަށް ބަލަން ހުރެމެ ޢިމްރާން އެއްސެވެ.

[ޢިމްރާން ހީކޮށްގެން ތިހުންނަނީ މާލޭގެ އަވަށަކަށް އާދެވިގެން އުޅެނީ ކަމަށްތަ؟ މިހާރުވެސް ގިނަ މީހުން އަނގަޔާއި އަތާ ދިމާނުވޭ. ދެން ކިހިނެއްތަ ގެދޮރު އަޅާނީ.] ނިޔާޒް އެދިމާލުގައި އޮތް ރުއްގަނޑެއްގެ މަތީގައި އިށީނދެ ޖައްސާލިއެވެ. ނިޔާޒާ ޖެހިގެން ޢިމްރާންވެސް އިށީނެވެ.

[އެކަމަކުވެސް ވަރަށް ދިވެހިވަންތަ މަންޒަރެއްދޯ މިފެންނަނީ.] ހަމަ އެގެއަށް އިޝާރާތް ކޮށްފައި ޢިމްރާން ބުނެލިއެވެ.

[އަދި މިމަގުން އެކޮޅަށްދާ ވަރަކަށް ފަން ޖިފްޓިތައް ގިނަވާނެ....އެކަމަކު ފަހަކަށްއައިސް ޢުމްރާނީ ގޮތުން ރަށްތައް ވަރަށް ބޮޑަށް ތަރައްޤީވާން ފަށައިފި....] ނިޔާޒްގެ ޖުމްލަ ފުރިހަމަނުވެއެވެ. ކޮންމެވެސް ދިމާއަކަށް ކަޅި ހުއްޓައިގެން އިނދެ ޢިމްރާން ނިޔާޒްގެ ގައިގައި ކޮއްޓާލައިފިއެވެ.

[ޔާރައްބީ...އެހެރަ ރީތިކަމެއް. ނިޔާ...ކޮން ކުއްޖެއްތަ އެއީ؟] ޢިމްރާނުގެ ނަޒަރު ސީދާ ވެފައިވަނީ ކުރިމަތީގައި ފަނުން ހަދާފައިވާ ގޭގެ ދޮރުން ބޭރަށް ބޯދިއްކޮށްގެންހުރި އަންހެން ކުއްޖާއަށެވެ.

[އޭ ޢިމްރާން ބުނަން ތިވަރުވާކަށް ނުވާނެ. ހިނގާ ދެން ދާން.] ނިޔާޒް ތެދުވިއެވެ. ނަމަވެސް ޢިމްރާން އެއިންގޮތަށް އެކުއްޖާއަށް ބަލަހައްޓައިގެން އިނެވެ.

[އަދި މަޑުކޮށްބަލަ. ހިނގާބަލަ އެކުއްޖާއާ ވާހަކަ ދައްކާލަން.]

[ޢިމްރާން އަހަންތަ، ވިދާހާ އެއްޗިއްސަކީ ރަނެއް ނޫނޭ ބުނާ އަޑު.] ތެދެއް ތިބުނަނީ އެކުއްޖާ ކިތަންމެހާވެސް ރީތި...އެކަމަކު.] ނިޔާޒް ބޯހޫރާލިއެވެ.

[އެކަމަކު ކީކޭ؟] ޢިމްރާންގެ ހިތް އަވަސްވިއެވެ.

[ގެއަށްގޮސް ކިޔައިދޭނަން. ހިނގާ ދާން.] ނިޔާޒް ޢިމްރާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

[ނަންވެސް ބުނާނީ ގެއަށް ގޮއްސަތަ؟] ޢިމްރާން ފަސްއެނބުރި، އެރީތި އަންހެން ކުއްޖާއަށް ބަލައިލިއެވެ. އެއީ އެ އަންހެން ކުއްޖާގެ ނަޒަރުވެސް ޢިމްރާނާ ސީދާވި ވަގުތެވެ.

[އެއީ ސަރާ....] ގެއާ ހިސާބަށް އާދެވުމުގެ ކުރިން ނިޔާޒް މަޢްލޫމާތު ދިނީ އެވަރަށެވެ. އެހެންކަމުން، ގެއަށް ވަދެވުމާއެކުހެން ޢިމްރާން ސަރާއާބެހޭ މަޢްލޫމާތު ހޯދުމުގައި އަވަސްވިއެވެ.

ނިޔާޒް ދިޔައީ ސަރާގެ މަންމަ ޖަމީލާގެ މާޒީއަށެވެ. އޭނާއަށް ޖަމީލާއާ ބެހޭގޮތުން ލިބިފައިވާ މަޢްލޫމާތުގެ އަލީގައެވެ.

އެއީ އަށާރަވަރަކަށް އަހަރު ކުރިއެވެ. ޖަމީލާއަކީ ޖަމީލާގެ މަންމަ މަރިޔަމް މަނިކެއާއި ބަކުރަށް ލިބުނު ހަމައެކަނި އަންހެން ކުއްޖާއެވެ. އޭނާ ފިޔަވައި އޭނާއަށް އެއްބަނޑަށް ތިބޭނީ ތިން ފިރިހެނުންނެވެ. އެއީ އޭނާގެ ދޮށީބޭބެ ޙުސްނީއާއި، އޭނާއާ ޖެހުނު ބޭބެ މުޢީދާއި، އޭނާއަށްވުރެ ހަގަށް ހުންނަ ނަޖުމާގެ ކޮއްކޮ ޝާޠިރެވެ.

ނަޖުމާއަކީ އެޢާއިލާގެ ހުރި ހަމައެކަނި އަންހެން ކުއްޖާ ކަމަށްވުމުން، ޢާއިލާގެ އެންމެންވެސް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ.

ނަޖުމާގެ ދިރިއުޅުން ބަދަލުވީ، އޭނާގެ ދިރިއުޅުމަށް ޚުދު އޭނާއަށްވެސް ކާކުކަން ނޭނގޭ މީހަކު ގެނެވުމުންނެވެ. ނަޖުމާގެ ޢާއިލާއަށް ވާއެއްނުވާއެއް ނޭނގި ތިއްބާ ފެނުނީ، އެމީހުން ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އާއެކެވެ. ނަޖުމާ އެރީތި އަންހެންކުއްޖާ ސަރާއަށް ބަލިވެ އިނީއެވެ. އެކަމާ ތަޙައްމަލް ކުރަން ޖެހުނު ލަދުވެތިކަމުން މިންޖުނުވެމެ، ނަޖުމާގެ މަންމަ މަރިޔަމްމަނިކެ ދުނިޔެ ދޫކޮށްދިޔައީ، އެހިތާމަތަކަށް ކެތް ނުކުރެވިގެންނެވެ. އެކަމާ އައި ރުޅީގައި، އެޢާއިލާގެ އެހެން މެންބަރުން، އޭނާ (ނަޖުމާ ފަކީރު) ގެއިން ނެރެ، އިތުރަށް ނިކަމެތިކޮށްލީ އެއްވެސް ރަޙްމެއްނެތް ގޮތެއްގައެވެ.

އޭނާ ބަލިވެއިނީ ކާކުގެ ދަރިޔަކަށްހޭ އަހައިފި ކޮންމެ މީހެއްގެ ގާތުވެސް އޭނާ ބުނަނީ ކާކުކަން އޭނާއަށްވެސް ނޭނގޭ ކަމަށާއި، އޭނާގެ ބަނޑުގައިވާ ދަރިފުޅުގެވެސް ބައްޕައަކީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ މިދުނިޔެމަތިން އޭނާ ދުށް އެންމެ ރީތި ފިރިހެނާ ކަމުގައިވެސް އޭނާ ބުނެއެވެ.

އެދުވަސްވަރު އޭނާގެ ރައްޓެހިންގެ ގޮތުގައި ތިބި އެތައް ބަޔަކުވެސް، އެމީސްމީހުންގެ ޢާއިލާ ނުރުހޭތީ، ނަޖުމާއާ ދުރަށް ޖެހުންވީ ނަޖުމާގެ ދިރިއުޅުން އިތުރަށް ނިކަމެތިކުރުވި ކަމަކަށެވެ.

އޭނާގެ ބަނޑަށް ދުވަސްފުރި، ވިހަން ކައިރިވީއިރުވެސް އެފަކީރު އުޅެން ޖެހުނީ ނިކަމެތިކަމާއެކުއެވެ. ވިހެއީވެސް އެދުވަސްވަރު ދޯނި އެހެލުމަށްޓަކައި ބަޔަކު އަޅާފައި ހުރި ހަރުގެއެއްގެ ތެރޭގައެވެ. އެމަންޒަރު ފެނި، ރަޙުމް އުފެދުނީ އެހިސާބުގަނޑުގައި އުޅޭ މުސްކުޅިފުރައިގެ ފިރިހެނެކެވެ.

އެކަނިމާއެކަނި ވިހައިގެން އޮތް ނަޖުމާ ސާފުކޮށް، އޭރު ތުއްތު ތުއްތު ސާރާ ސާފުކުރީވެސް އެމުސްކުޅި ފިރިހެންމީހާ، ޙަސަން ތަކުރެވެ.

ސާރާއާއި ނަޖްމާ މިހާރު ދިރިއުޅެމުންދާ ގެއަކީ، އެ ހަރުގެ ހުރި ތަނުގައި ދަނޑިފަނުން ތަކުރު ހަދާދީފައިވާ ބޯހިޔާވައްސެކެވެ.

ނަޞީބު ދިމާކުރިގޮތުން ނޫނީ އިއްތިފާޤުން ނަޖުމާއަށް ސީދާ އެތަނުން ގޯތި ލިބުނީއެވެ. ނަޖުމާއާއި ސަރާ ނަޞީބުގައި ތަން ނެތީކަންނޭގެއެވެ. ސަރާގެ ޢުމުރުން ދެއަހަރުވެސް ނުފުރެނީސް ތަކުރު ނިޔާވީއެވެ. އެއަށްފަހު، ނަޖުމާގެ ދެމައިން އުޅެން ޖެހުނީ ވަރަށް ނިކަމެތި ހާލެއްގައެވެ. ހިސާބުގަނޑުގެ ގޭގޭ ކުދިކުދި މަސައްކަތް ކޮށްލަދީގެން ލިބޭ އެއްޗަކުންވެސް އަނގަޔާއި އަތާ ދިމާވާވަރު ނުވާތީވެ، ގިނައިރު އެދެމައިން ތިބެންޖެހެނީ ނުކައި ހައިހޫނުކަންމަތީގައެވެ. އެހެންނަމަވެސް، ނަޖުމާގެ ޢާއިލާގެ އެއްވެސް މީހެއްގެ ފަރާތަކުންވެސް އޭނާއަކަށް ހަމްދަރުދީއެއް ނުލިބެއެވެ. އެކަމާ އަބަދުވެސް ނަޖުމާފަކީރު ވަރަށް ރޮއި ހިތާމަ ކުރެއެވެ.

މިފަދައިން ނިކަމެތި ކަމުގައި ހިތްދަތިކަން ތަޙައްމަލް ކުރަމުން، ޙަޔާތުގެ ދުވަސްތައް ގުނަން ޖެހުމުގެ ސަބަބުން ސަރާ ބޮޑުވަމުން އައީ ޒަމާނީ ތަޢްލީމުގެ ކުޑަމިންވަރެއްވެސް ނެތިމެއެވެ. ސަރާއަށް ލިބިފައިވާ ތަޢްލީމަކީ ނަޖުމާއަށް އުނގެނި ދަސްވެފައިވާ މިންވަރުން އޭނާ ދަސްކޮށްދީފައިވާ މިންވަރެކެވެ.

ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ނިޔާޒް ރަށުގެ ދުވަސްވީ މީހުންގެ ފަރާތުން ސަރާގެ ޢާއިލާއާ ބެހޭގޮތުން ލިބިފައިވާ މަޢްލޫމާތު، ރަޙްމަތްތެރިޔާއަށް އޮޅުންފިލުވައިދީފިއެވެ.

ނަމަވެސް، އެއީ ފަސްޖެހެންޖެހޭވަރުގެ މައްސަލައެއް ކަމަކަށް ޢިމްރާން ޤަބޫލެއް ނުކުރެއެވެ.

[އެކަހަލަ ބަދުނަޞީބު އަންހެން ކުއްޖަކަށް ޢިމްރާންފަދަ ޝަޚްޞިއްޔަތެއްގެ ކަޅި އަމާޒު ކުރާކަށް ނުވާނެ. މީހުން ކިހާ މަލާމާތެއް ކުރާނެ.] ނިޔާޒް ބުންޏެވެ.

[އަހަރެމެންގެ ބޮޑު ދެކުންފުނީގެ އެކައުންޓެންޓެއްގެ މަގާމު އަދާކުރީތާއާވެސްއެކު، އަހަރެންހީކުރަނީ ތީ ތަޞައްރަފު ފުދިފައިވާ މީހެއް ކަމަށް...އެކަމަކު ސިކުނޑި ހަމަ ސުމެއް. ބުނެބަލަ ކޮބައިތަ ސަރާގެ ކުށަކީ. އޭނަގެ މަންމައަށް ކުރެވުނު ކުށަކުން އޭނަ ނުޖެހޭނެ މުޖްތަމަޢުން ބާކީވާކަށް. ބަޔަކު ކިތަންމެ މަލާމާތް ކުރިޔަސް ވަރިހަމަ. އަހަރެން ބޭނުން ސަރާއަށް އެހީވާން. މިކަމުގައި ނިޔާޒްވާނެ އަހަންނަށް އެހީވެދޭން.]

ޢިމްރާނަކީ ދުރު ވިސްނޭ ޒުވާނެކެވެ. ޙަޤީޤަތުގައި ޢިމްރާން ދެއްކީ ރަނގަޅު ވާހަކަތަކެކެވެ. ސަރާގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އެއްވެސް ކުށެއް ނެތެވެ. މުޖްތަމަޢުން ބާކީވާންޖެހޭ ސަބަބެއްވެސް ނެތެވެ. ރަށުގެ އެހެން އަންހެން ކުދިން ފަދައިން މިނިވަންކަންވެސް އޭނާ ބޭނުންވާނެއެވެ.

[ޢިމްރާނު ތިބުނީ ކިހިނެއް ސަރާއަށް އެހީވާނެ ވާހަކަތަ؟] ޢިމްރާންގެ ޚިޔާލު ހުރިގޮތުން ޙައިރާންވެފައި ހުރި ނިޔާޒް އެއްސެވެ.

[އަހަރެންގެ ޙަޔާތުގެ ހުންގާނަށް ގެނެސް. ސަރާ ކިހާރީތި....ނިޔާޒްވެސް ދޮގުނަހަދާ ބުނެބަލަ. އެފަދަ ރީތި ސިފަތަކެއް ލިބިފައިވާ ދެވަނަ ކުއްޖަކު މިރަށުގައި އެބަހުރިތަ؟ ޔަޤީން ނުހުންނާނެކަން. އެއޮއްބޮޑު މާލެއިންވެސް އަހަރެން ނުދެކެން، އެފަދަ ހިތްގައިމު ކަމެއް.] ޢިމްރާން ސަރާގެ ރީތިކަމަށް ތަޢުރީފު ކުރިއެވެ.

[އަދީބުންނާއި ޝާޢިރުންނަށްވެސް ސަރާއަށް ލިބިފައިވާ ރީތިކަމާއި ޗާލުކަން އެންމެ ރަނގަޅަށް ސިފަކުރެވިދާނޭ ކަމަކަށް ނުބެލެވެއެވެ.

[ބުނަން ޢިމްރާނު. އެކަނި ރީތި ސިފަޔެއް ހުއްޓަކަސް އެއީކީ އަދި އިންސާނާގެ ފުރިހަމަ ކަމެއް ނޫން. އިންސާނާ ފުރިހަމަވުމަށް ރަނގަޅު ތަޢްލީމާއި ތަރުބިއްޔަތެއްވެސް ބޭނުންވާނެ.] އަދިވެސް ނިޔާޒް މަސައްކަތް ކުރީ ޢިމްރާނުގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ.

[ތިބުނީ ސަރާގެ ކިބައިގައި ރަނގަޅު ތަޢްލީމާއި ތަރުބިއްޔަތު ނެތް ވާހަކަތަ؟ ޙަޤީޤަތުގައި ތީ މާބޮޑު މައްސަލައެއް ނޫން. އުނގެނި ދަސްވުމަކަށް ވަކިޢުމުރެއް ނޯންނާނެ. ދެންއޮތީ ތަރުބިއްޔަތުގެ ވާހަކަ. ނިކަމެތި ޙާލުގައި ބޮޑުވާ ކުދިންގެ ޚިޔާލު މާރަނގަޅުވާނެ. ކިޔަމަންތެރިވެސްވާނެ.] ޢިމްރާންގެ ޚިޔާލު ބަދަލެއް ނުވެއެވެ. އޭނާގެ ޝަޚްޞިއްޔަތު އެއްވެސް މީހެއްގެ ހެއްލުމަކަށް ތަބާވާނޭ ކަމަކަށް ނުބެލެވެއެވެ. ކަންކަމުގައި ރަޙްމަތްތެރިޔާގެ ޚިޔާލު ހޯދިނަމަވެސް، އަމިއްލަ ނަފްސާ ދެކޮޅަށް އޭނާ އެއްވެސް ކަމެއް ނުނިންމާނެއެވެ.

[ނިޔާޒަށް ނުކެރޭނެދޯ އަހަންނާއެކު ސަރާމެންގެއަށްދާން. އަހަންނާއެކު ދިޔަޔަސް، ނިޔާޒްގެ އަބުރަކަށް ތިކި ނުބުރާނެޔޭ.[ ޢިމްރާން ކޮޓަރިތެރޭހުރި ފަތްޖެހިގޮނޑީގައި ކުޑަގޮތަކަށް އޮށޯވެލިއެވެ.

[އަހަރެން ގޮސްފާނަން، ގޮސް ކީކޭތަ ބުނަންވީ؟] ނިޔާޒް އެއްބަސްވިއެވެ.

[ފުރަތަމަ އަހަރެންގެ ތަޢާރުފުދޭނީ. އެއަށްފަހު އަހަރެންގެ ބޭނުންތައް. ދެން އޭނަގެ ފަރާތުން ޖަވާބު ހޯދާނީ. އޯކޭވާނެދޯ؟] އަކުރުމަތީ އަކުރު އަޅައިދޭ ފަދައިން، ކަންކުރަންވީ ގޮތް ޢިމްރާން ނިޔާޒަށް ކިޔާދިނެވެ.

[އޯކޭވާނެހޭ؟ ޢިމްރާން ފަދަ މީހަކު އޭނައަށް އެދި ކުރިމަތިލުން ވާނީ އޭނައަށް ގަބޫލު ކުރަން ދަތި ޙަޤީޤަތަކަށް. އޭނަ އެކަންޏެއް ނޫން. އަހަރެންވެސް މިހުންނަނީ ޢަޖައިބުވެ އަންތަރީސްވެފަވިއްޔަ....] ނިޔާޒް ބުނެލިއެވެ.

ވުމާއެކު ޢިމްރާން ބޭނުންވީ، ވަގުތުން ވަގުތަށް އެގެއަށްގޮސް ސަރާއާ ބައްދަލުކުރާށެވެ. އޭނަ އުންމީދު ކުރިއެވެ. ސަރާ އޭނާގެ އެދުމަށް މަރްޙަބާ ކިޔާނެއެވެ.

[ފުރަތަމަފަހަރު އެގެއަށް ވަންނާނީ އަހަރެން. ޢިމްރާން ބޭރުގައި އެގޭތެރޭގައި ތިބޭ ބަޔަކަށް ފެންނަފަށުގައި މަޑުކޮށްލާނީ.] ނިޔާޒް ފުރަތަމަ ފިޔަވަޅު އަޅާލިއެވެ. ޢިމްރާން އެންމެ ރަނގަޅޭ ބުނެފައި، ހަމަ މިހާރު އަވަހަށް ހިނގާށޭ ބުނެފައި، އެގެއަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ފަހަތުން މައްސަލައެއްނެތޭ ބުނެ، ނިޔާޒްވެސް ހިނގައިގެންފިއެވެ.

********************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޒީނަ

21-Jun-2020

މަ ކިޔައިފިން 5 ފަހަރު މިވާހަކަ އެކަމަކު ފޫއްސެއް ނުވޭ ވަރަށް ރީތި ައަސަރުގަދަ


12

ހަސަނު

21-Jun-2020

މިވާހަކަ އަކީ ވަރަށް ރީތި ސަޅި ވާހަކައެއް


15

ސަނާ

21-Jun-2020

ކިޔަ ކިޔާ ފޫހި ނުވި ވާހަކަ އެއް ހަޔަތުގަ ވެސް ަހަރެން ކީ އެއްމެ ރީތި އެއްމެ ފުރިހަމަ ވާހަކަޓްރެންޑިން