މާތްވެގެންވާ އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވާ އެއްކަމަކީ، އިންސާނީ ނަފްސަށް އަޅައިލުން ކަމަށާއި، ނަފްސާނީ ހިތްހަމަޖެހުން އޮތީ، ޚާލިޤުވަންތަ ﷲގެ ރަޙުމަތަށް އެދި ދުޢާކުރުމުގައި ސާބިތުވެ ތިބުމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ނަފްސާނީ ހިތްހަމަޖެހުން އޮތީ ހާލިގުވަންތަ ﷲގެ ރަހްމަތަށް އެދި ދުއާ ދެންނެވުމުގައި ސާބިތުވެ ތިބުމުގައެވެ. އެކަލާނގެ ރަހްމަތްފުޅާ މެދު އެއްގޮތަކަށް ވެސް މާޔޫސް ނުވެ ވޭނާއި ތަދާއި އުދާސްތަކަށް ކެތްތެރިވުމުގައެވެ. މި ދުނިޔެއަކީ ދާއިމީ ތަނެއް ކަމުގައި ނުވާ ފަދައިން އަޅުގަނޑުމެންނާ ކުރިމަތިވާ ހިތާމަތަކާއި ތަދުމަޑުކަމާއި ބަލިމަޑުކަމަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫނެއެވެ." މިއަދުގެ ޚުތުބާގައި ވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ދުނިޔޭގެ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށް ފަހު, އެތައް ސަތޭކަ ފަސޭހަތަކެއް އަންނާނެ ކަމަށް ﷲ ވައުދުވެ ވޮޑިގެންފައިވާ ކަމަށެވެ. އަދި ﷲގެ ރަހްމަތުން އިންސާނާ މަހްރޫމް ކުރުވަނީ އެ އިންސާނާ އެކަނލާގެ ރަހްމަތުން މާޔޫސް ވުމުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އެ މީހަކު ހުރި ތަނެއްގައި ދިގު މުއްދަތަކަށް ބަންދުވެ ތިބެން ޖެހުމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓި ފިކުރު ބޮޑުވުމާއި ހާސްވުން ފަދަ ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ. އަދި އާމްދަނީގެ މަގުތައް ހަނިވުމުންނާއި، އިހު އުޅުނު ގޮތަށް މިނިވަންކަމާ އެކު ހެލިފެލިވެ އުޅެވޭން ނެތުމުގެ ސަބަބުން ހަށްޓަށް ވެރިވާ ބުރަހެލިކަމާއި ހިތަށް ވެރިވާ ހިތްދަތިކަމުން މިންޖުވުމަށް ޓަކައި ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ﷲ ތައާލާގެ ތަނަވަސް ރަހުމަތަށް އެދި ދެންނެވުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން މިކަމުގެ މިސާލު ދައްކަވަމުން ޚުތުބާގައި ބުނެފައިވަނީ، މާތް ނަބިއްޔާ އަށް ރަސޫލުކަން ލިބިވަޑައިގެންގެވިތާ ހަތް ވަނަ އަހަރުގައި މައްކާގެ ޤުރައިޝުން އިތުރު އެކަލޭގެފާނަށް ދަތިކޮށް އުނދަގޫ ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ޤަބީލާގެ އެންމެންނާ އެކު ޝިއުބު އަބީ ތާލިބުގައި ތިން އަހަރު ވަންދެން ބަންދުކޮށްފައި ބޭތިއްބި ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި މުސްލިމުންނާ އެއްވެސް މުއާމަލާތެއް ކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން ކާބޯ ތަކެއްޗަށާއި އެނޫން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް މުސްލިމުންނަށް ދަތިވި ކަމަށާއި، އެހެން ނަމަވެސް މުސްލިމުން މާތް ﷲގެ ތަނަވަސް ރަހުމަތާ މެދު މާޔޫސް ނުވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖިސްމާނީ ސިއްހަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހިތްދަތި ކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި ނަފްސަށް އަޅައިލުން ވަރަށް މުހިންމު ކަމަށާއި އެއްތަނެއްގައި ބަންދުވެގެން ތިބެން ޖެހުނަސް ނަފްސަށް ބޭނުންވާ ރޫހާނީ ޣީޒާ ކަމުގައިވާ އަޅުކަމާއި ޖިސްމަށް ބޭނުންވާ ކަސްރަތާއި ސިއްހަތަށް ފައިދާހުރި ކާނާ އާއި ސިއްހީ މިންގަނޑުތަކަށް ފެތޭ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ލިބިގެންދާނޭ ކަންތައްތައް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މި ދުނިޔެއަކީ ދާއިމީ ތަނެއް ކަމުގައި ނުވާ ފަދައިން އަޅުގަނޑުމެންނާ ކުރިމަތިވާ ހިތާމަތަކާއި ތަދުމަޑުކަމާއި ބަލިމަޑުކަމަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން