ޞާދިރު ޢަލީދީދީ   26 އޮކްޓޯބަރު 2022 - 10:41
ގިޔާމަތް ދުވަސް - އަދްލުގެ ތިލަފަތް
ގިޔާމަތް ދުވަސް - އަދްލުގެ ތިލަފަތް
ޢަމަލުތަކާއިބެހޭ ސުވާލާއި ޢަމަލުގެ ފަތާއިބެހޭ ކަންތައްތަކާއި ހެކިދިނުމުގެ ކަންތަކުގެ މަރްޙަލާ ނިމުމުން، ކުރީއްސުރެ ޢަރްޝީގެ ކުރިމަތީގައި ބެހެއްޓެވިގެންވާ، ޢަދްލުގެ ތިލަފަތުން ކޮންމެ މީހެއްގެ ޢަމަލު ވަޒަންކޮށްލެވޭނެއެވެ. މީގެ މަޤްޞަދަކަށްވަނީ ކޮންމެ މީހަކަށް އޭނާގެ ޢަމަލުގެ ފުރިހަމަ ބަދަލު ޢަދްލުވެރިގޮތުގައި ދެވުމެވެ. އެމީހެއްގެ ހެޔޮޢަމަލުގެ ފަތް ބަރުވެއްޖެ މީހަކަށް ސުވަރުގޭގެ އުފާވެރި ޚަބަރު ދެވޭނެއެވެ. އަދި އެމީހެއްގެ ހެޔޮޢަމަލުގެ ފަތް ލުއިވެއްޖެ މީހަކަށް ޖަހަންނަމައަށް ވަނުމުގެ ޙުކުމް ކުރެވޭނެއެވެ.

ޢަމަލުތައް ވަޒަންކުރުންވާނީ ހަމައެކަނި ހުއްޖަތް ޤާއިމްކުރެއްވުމުގެ ގޮތުންނާއި އަދި ﷲ ގެ ދުޝްމަނުން ނިކަމެތި ކުރެއްވުމުގެ ގޮތުންނެވެ.

ޤުރްޢާނުގައި "މީޛާން" މިލަފްޒު ވަރަށް ގިނަ ތަންތާނގައި އައިސްފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ޤުރްޢާނުގައި މިލަފްޒު ބޭނުންކުރެވިފައިވަނީ އިސްތިޢާރާއެއްގެ ގޮތުން ކަމުގައެވެ. މިހެންކަމުން މީގެ މުރާދަކީ ކޮންމެ މީހަކާއިމެދުވެސް ފުރިހަމައަށް އިންޞާފު ވެވޭނެ ވާހަކައެވެ. ކިތަންމެ ކުޑަ ޢަމަލަކަށްވެސް ބަދަލުދެވޭނެއެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރި ނުވެވޭނެއެވެ. ޢިލްމުވެރީންގެ ތެރެއިން އަނެއްބަޔަކު ވިދާޅުވަނީ މީޛާންގެ މާނައަކީ ހަމަތިލަފަތް ކަމުގައެވެ. އަދި ކަނޑައެޅިގެން ޢަމަލުތައް ވަޒަންކުރެވޭނެ ކަމުގައެވެ. އެހެނަސް މަޤްޞަދަކަށްވާނީ ހަމަ ފުރިހަމަ އިންޞާފު ޤާއިމުކޮށް އަނިޔާވެރިކަން ނައްތާލުމެވެ.

******

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން