24 މާރިޗު 2020 - 13:47
12 ވަނަ އެޕިސޯޑް

==========

[މިއަށް ރަނގަޅު އާމްދަނީއެއް ލިބިއްޖެއްޔާ، އަހަންނަށް ހީވަނީ މިމަސައްކަތް މިއަށްވުރެން ފުޅާކުރެވޭތޯ ވިސްނަންވީހެން.] ޝާކިރު މަސްގޯނި އެއްފަރާތަކަށް ޖައްސާލިއެވެ.

[އަހަރެންވެސް ތިޔަކަމާ އެބަ ވިސްނަން. އެކަމަކު...އިޔާދު ހޮސްޕިޓަލުން އައީމަ، ތިވާހަކަ ދައްކާނީ. މިފަހަރު މަސްކޮޅު ހިފައިގެން ދާންވާނީ ޝާކިރު. އަހަންނަށް ދެވޭނީ ދެން ދަތުރަކު....] ޒާހިރު ބުންޏެވެ.

[އެންމެ ރަނގަޅު....މިފަހަރު ޒާހިރު މަޑުކޮށްލާ...ޝާރިޔާ އެމަންޖެ ގޮވައިގެން ހޮސްޕިޓަލަށް ހިނގައްޖެތަ؟] ޝާކިރު ޒާހިރާ ވާހަކަ ދައްކަމުން، ޝާރިޔާއާވެސް މުޚާޠަބު ކުރިއެވެ.

[އާނ...ހިނގައްޖެ. އެ މަންޖެގެ ބަނޑުގައި ވަރަށް ވޭންއަޅާތީ އުޅެނީ....އަހަރެން މިހުންނަނީ އެކަމާ ވަރަށް ކަންބޮޑުވެފައި....] ޝާރިޔާ ބުންޏެވެ.

ގީތާ ވަގުތުން ވެއްދީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. މާގިނައިރުތަކެއްނުވެ އެހިނދު އޯ.ޕީ.ޑީ.ގައި ތިއްބެވި ޑޮކްޓަރުންގެ ތެރެއިން ބަޔަކު އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ގުޅައިގެން ގެނެސްފިއެވެ.

އަންހެނުންގެ ޚާއްޞަ ޑޮކްޓަރ ލިލީތާ، ގީތާ ބެލުމަށްފަހު ބުނީ، މާބޮޑު މައްސަލައެއް ނެތް ކަމަށާއި، އޭނާ ލިޔެދޭ ބޭސް ބޭނުންކުރުމަށެވެ. އެހެން ނަމަވެސް، އައި.ވީ.އެއް ގުޅާލުމަށްޓަކައި އަވަސް ފަރުވާދޭ ކޮޓަރީގައި ބޭއްވުމަށް އޭނާ އިރުޝާދު ދިނެވެ.

[ރިހުން ހުއްޓާ ދޫކޮށްލާކަށް ނުފެނޭ....] ޑޮކްޓަރ ލިލީތާ ބުންޏެވެ. އޭނާ ވާހަކަ ދެއްކީ ނަރުސް ކުއްޖަކާއެވެ.

[ބޭރުފުށަކުން މާބޮޑު ރިހުމެއް ނުފެނޭ.] ޑޮކްޓަރުގެ އެހީތެރިޔާ ރިޝްފާ ބުންޏެވެ.

[ތިހެން ވެއްޖެއްޔާ، ބޭސްދީފައި ފޮނުވާލާ. އެކަމަކު އައި.ވީ ހުސްވީމާ...] ޑޮކްޓަރ ހިނގައިގަތެވެ. އޭރު އެހެން ނަރުސް ކުއްޖަކު ގީތާއަށް އައި.ވީ ގުޅައިފިއެވެ.

ހޮސްޕިޓަލަށް ގެންދިޔުމުން، ގީތާގެ ބަނޑުގެ ރިހުން ކެނޑުނު ކަމުގެ އިޙްސާސް ކުރެވުނެވެ.

[މިހާރު ރަނގަޅު. ހީވާކަހަލަ އަހަރެންގެ ބަނޑުގައި ރިއްސީ ހޮސްޕިޓަލަށް އަންނަންވެގެނޭ....] ގީތާ ބަނޑުގައި މަޑުމަޑުން އަތް ކާއްތާލިއެވެ.

[މިހާރު ދެން އައި.ވީވެސް އެ ހުސްވަނީނު. ހިނގާ އަވަހަށް ދަމާ...] ގާތުގައި ހުރި ޝަޒާދާ ގީތާގެ ބޮލުގައި ފިރުމާލިއެވެ.

ދުވަސްތަކަކަށްފަހު، މަލަކާގެ އަސަރު އިޔާދަށް ފެނުނީ، އެދުވަހު ހޮސްޕިޓަލުން ގެޔަށްދިޔަ މަގުމަތިންނެވެ. ވަގުތުން އިޔާދުގެ ދެލޯ އެދިމާއަށް ހުއްޓުނެވެ. ބިރުގަނެ ޙައިރާންވެސްވިއެވެ. މަލަކާ އިނީ ހަންކެޑެ ފާލަންމަތީގައި އިށީނދެގެންނެވެ. އެހެން އިންއިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުންދިޔަތަންވެސް އިޔާދު ދުށްޓެވެ.

[އިޔާ....މާވަރަކަށް އެނބުރިފައި ތި ބަލަނީ ކޯއްޗަކަށް؟] އިޔާދު އުޅުނުގޮތުން ގީތާ އެއްސެވެ. އޭރު ކާރު ފާލަން ފަސްދީ ރަށުތެރެއަށް އަރައިގެން އޮވެ ދަނީއެވެ. މިހާރު މަލަކާވެސް އިޔާދުގެ ލޯމަތިން ގެއްލިއްޖެއެވެ.

[ފަހަތުން އެއްޗެއް އަންނަހެން ހީވީމާ ބަލައިލެވުނީ.] އިޔާދު އޮޅުވާލިއެވެ. ގީތާއާއި މައިދައިތައަށް މަލަކާ ނުފެނުނުކަން އިޔާދަށް އެނގުނީ އެހާ ހިސާބުންނެވެ. އޭނާ އޮޅުވާލީ އެހެންވެގެންނެވެ. އޭރު ފަހަތުން ސައިކަލެއް އައިސް، އެ ކާރާ އަރާހަމަކޮށްފިއެވެ. އިޔާދަށް ހީވީ އެއީވެސް މަލަކާ ކަމަށެވެ.

ގެޔަށް އާދެވުމާއެކު، ފުރަތަމަވެސް އިޔާދު ގުޅީ ނަޒްމީއަށެވެ. މަލަކާ ފެނުނު ވާހަކަ ބުނުމަށެވެ.

[އެއީ މަލަކާކަން ޔަޤީންތަ؟] ނަޒްމީ އެއްސެވެ.

[އާނ...ޔަޤީން. އޭނަ ހުރީ ސީދާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން. ކިރިޔާ ބިރުން ހަލާކުނުވީ....ފަންޑިތައިގެ ބާރު ދިޔައީބާ؟ ނަޒްމީ....އަހަރެން މިހާރު މާ ބިރުގަންނަން ފަށައިފި.] އިޔާދު ވާހަކަ ދައްކަނީ ގޭތެރޭގައި މީހަކު އުޅޭތޯ ބަލަމުން ނިކަން މަޑުމަޑުންނެވެ.

[އޭއްޗަށް އިޔާދާ ކައިރިނުވެވެންޏާ، މާބޮޑު މައްސަލައެއް ނޫން. އަޅާނުލާ....އިހަށް ވާގޮތެއް ބަލަން ތިބޭނީ....] ނަޒްމީ ލަފާދިނެވެ. އިޔާދުވެސް އެއްބަސްވީ އެއީ ރަނގަޅު ގޮތް ކަމަށެވެ. ވުމާއެކު، އޭނާ ފަހުން އެކަމާ ނުވިސްނާ ފޯނު ބާއްވައިފިއެވެ.

[އައްސަލާމް ޢަލައިކުމް....] ލީނާއާއި ޢަޒީމް އެކީގައި އައިސް ވަނީ އެވަގުތެވެ.

[ވަޢަލައިކުމުއް ސަލާމް...ވަދޭ. ގީތު އެބައޮތް ކޮޓަރީގައި....] ސަލާމް ބަލައިގަތުމަށްފަހު އިޔާދު ބުންޏެވެ.

[މިހާރު ރަނގަޅުތަ؟] އެތެރެއަށް ވަދެގެން ހިނގައިގަންނަމުން ލީނާ އެއްސެވެ.

[އާނ، ރަނގަޅު. މިހާރު ދެލޯބިވެރިން އެކުގައިދޯ މުޅިންވެސް އުޅެނީ. ކައިވެނކުރާކަށް އަދިވެސް ނުވިސްނަމުތަ؟] ހީލަމުން އިޔާދު ބުނެލިއެވެ.

[ދެން މާގިނަ ދުވަހެއް ނުވާނެދޯ ލީން....] އިޔާދަށް ޖަވާބު ދިނީ ޢަޒީމެވެ. ހީލަމުންނެވެ. އޭރު ލީނާ ގޮސް ގީތާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ޢަޒީމްވެސް އިޔާދާ ވާހަކަ ދައްކަމުން ގޮސް އެކޮޓަރިއަށް ވަނެވެ.

[އަނހަ ޢަޒީމްވެސް އެކުގައިދޯ؟ އަދިވެސް ނިންމާކަށްނުވޭތަ؟] ލީނާގެ ފަހަތުން ޢަޒީމް ވަނީމާ، ގީތާ އެއްސެވެ.

[އިޔާދުވެސް ކުރީ ތިޔަ ސުވާލު. މިހާރު ދެން އެދުވަސްވެސް ވަރަށް ކައިރިވެއްޖެ.] ގީތާއަށް ޖަވާބުދެމުން ލީނާ ޢަޒީމްގެ މޫނަށް ބަލައިލިއެވެ.

[ދެން މާގިނަ ދުވަހެއް ނުވާނެ. އަހަރެމެން އެބަ ޤަޞްދުކުރަން، އަންނަ މަހުގެ ކޮންމެވެސް ދުވަހެއްގައި ނިންމާލަން. އަޞްލު ކުޑަވަރެއްގެ ޙަފްލާއެއްވެސް ރާވާތީއޭ ލަސްވަނީ.] ގީތާއަށް ޖަވާބުދިނީ މިފަހަރު ސީދާ ޢަޒީމެވެ.

[ކޮބާ މިހާރު ބަނޑުގައި ރިއްސާތަ؟] ގީތާ އޮތް އެނދުގެ މަގަތުގައި ލީނާ އިށީނެވެ.

[މިހާރު އެއްވެސްވަރަކަށް ނުރިއްސާ. އެކަމަކު ވަރަށް ތޮޅޭ. ބައެއްފަހަރު ހީވޭ، ނިކުންނަން އުޅޭހެންވެސް.] ގީތާ މަޑުމަޑުން ބަނޑުގައި އަތް ކާއްތާލިއެވެ.

[ވިހެއުމަކީވެސް ލައްކަ ވޭންހުރި ކަމެކޭދޯ؟ އެކަމަކުވެސް މައިންނާ ދޭތެރޭ އިހާނެތިކޮށްހިތާ ދަރިންވެސް އުޅެޔޭ....] މުޖްތަމަޢުގައި ހިނގާ އުނިކަމެއް ލީނާ ފާހަގަކޮށްލިއެވެ.

[މުސްކުޅި ޙާލުގައި އަޅާލާނެ ދަރިޔަކު ނެތިފައި، ކިތައް މީހުން ސަލާމް ޖަހަން އެއުޅެނީ. ހަމަގައިމުވެސް އެމީހުންގެ ޒުވާން ދައުރުގައި، ދަރިން ބޮޑެތިކުރިއިރު، ސަލާމްޖަހައެއް ނޫޅޭ.] ޢަޒީމް ލީނާއަށް ތާއީދު ކުރުމުގެ ގޮތުން އިތުރުކޮށްލިއެވެ.

[އިރާދަކުރެއްވިއްޔާ، އަހަރެމެންގެ ދަރިފުޅު އަހަރެމެން މަރުވަންދެން ބަލާނެ. އަހަރެން ދަރިފުޅު ތަރުބިއްޔަތު ކުރާނީ، ހުރިހާ ކަމެއް ވިސްނައިދެމުން...] ގީތާ ބުންޏެވެ. އެހިނދު އިޔާދު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

[އިޔާ...ކޮންމެވެސް އެއްމަންމަ ގާތު ބުނެބަލަ، ޢަޒީމްމެނަށް ސައިހަދާ ބަލާށޭ. ޢަޒީމް މިގެޔަށް ފުރަތަމަ އައި ދުވަހު މިގެއިން އެއްޗެއް ނުބޮއި ދިޔަދީގެން ނުވާނެ.] ގީތާ އެދުނެވެ.

[އޭތް...ދެން މިގަޑީގައި އެއްވެސް އެއްޗެއް ހޯދާނެ ކަމެއްނެތް...ބަނޑަކު ނެތް ޖާގައެއް...] އިޔާދު ހުއްޓުވީ ޢަޒީމެވެ.

[ނޫނޭ...ނޫނޭ އެއްގޮތަކަށްވެސް ތިހެން ކަމަކުނުދާނެ...މިގެއިން ކޮންމެވެސް އެއްޗެއް ކައިގެން ދާންވާނީ....] އިޔާދު ބޭރަށް ނިކުތެވެ.

[ދުވަސްފުރެން ކައިރިވީއިރުވެސް، ބަނޑު ހާދަ ކުޑައޭ....އަނެއްކާ ގީތުމެން ދުވަސް ތިކިޔަނީ ރަނގަޅަށްތަ؟] ގީތާގެ ބަނޑުގައި އަތް ކާއްތާލަމުން ލީނާ ވާހަކަ ދެއްކިއެވެ.

[އާނ، އަހަންނަށް އަހަރެންގެ ބަނޑަށްވީ ދުވަސް ނުލާހިކު ރަނގަޅަށް އެނގޭ...ހަމަސް ފުރި ހަތްމަހަށް އެޅީ. އަންނަމަހުގެ ދޭއްގައި ހަތްމަސް ފުރޭނެ...] ކުރިމަތީ ފާރުގައި އަޅުވާފައިވާ ކަލަންޑަރަށް ނަޒަރު ހުއްޓައިގެން އޮވެ ގީތާ ބުންޏެވެ.

[ތިވަރަށް އެނގެންޏާ، ވިހާނޭ ދުވަސްވެސް އެނގޭނެތާ؟] ލީނާ ހީގަތެވެ. އެވަގުތު ޝާރިޔާ އައިސް ކޮޓަރިއަށް ބޯދިއްކޮށްލާފައި ސައި ހެދިއްޖޭ، ލީނާމެން ގޮވައިގެން އެފަރާތަށް އަންނާށޭ ބުނެފައި ހިނގައިގެންފިއެވެ.

[ހިނގާ ލީން...އާދޭ....ޢަޒީމް...] ލީނާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ގީތާ ބުންޏެވެ. ގީތާއާއި ލީނާގެ ފަހަތުން ޢަޒީމްވެސް ކޮޓަރިން ނިކުތެވެ.

އޭގެ މާގިނަ ދުވަސްތަކެއްނުވެ، ކުޑަވަރެއްގެ ޙަފްލާއަކާއެކު، ލީނާއާއި ޢަޒީމްގެ ކައިވެނިވެސް ކުރެވިއްޖެއެވެ. އެއީވެސް ދިގު އިންތިޒާރެއްގެ ނިމުމެކެވެ. ފޮނި ހުވަފެންތަކެއްގައި ޖެހުނު އުފާވެރި ކުލަތަކެކެވެ.

[ކޮންގްރާ....ބާއްޖަވެރި ޒަވާޖަކަށް އުންމީދު ކުރަން. މިރޭ ލީން ނިދަން ދާންވާނީ އަހަންނާއެކު އަހަރެމެންގެ ގެޔަށް. ވަރިހަމަދޯ ޢަޒީމް...] ލާނެތް ހިނިގަނޑަކާއެކު، ގީތާ އޭނާ ގެނައި ޕާރުސަލް ލީނާގެ އަތަށް ދެމުން ބުންޏެވެ.

[ހެޔޮ މިރޭ ތިގެޔަށް ގެންދޭ...އެކަމަކު މާދަމާ ދުވާލު އަހަރެން ގާތަށް ފޮނުވަންވާނެ. އެހާހިސާބަށް އަހަންނަށް ކެތްކުރެވިދާނެ.] ހީގަންނަމުން ޢަޒީމް ބުންޏެވެ.

[ދެން ކުރިން ފެންނަހެން ލީން ނުވެސް ފެންނާނެދޯ؟ ގީތު....] އިޔާދު ގީތާއަށް ދޯދެމުން ލީނާއާ ދިމާކޮށްލިއެވެ.

[ތިބުނީ އަހަރެން ތިގެއަށް ނުދާނޭ ވާހަކަތަ؟ އަހަރެން ކުރިންވެސް ފެންނަވަރަށް އަބަދުވެސް ގީތުމެނަށް ފެންނާނެ. ޢަޒީމަކީ އަހަރެންގެ ރަޙްމަތްތެރިނާ އަހަންނާ ދޭތެރޭ ހުރަހަކަށް އައި ބައިވެރިއެއް ނޫނޭ....] ފިރިމީހާގެ މޫނަށް ލީނާ ބަލައިލިއެވެ.

[ލީން އެބުނީ ތެދެއް...ދުވަހަކުވެސް އަހަރެން ލީންގެ މިނިވަންކަމަކަށް ހުރަހެއްނާޅާނަން. އަހަރެން ލީނަށް އިތުބާރު ކުރަން...އިތުބާރެއް ނެތިއްޔާ، ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދާން ފަސޭހައެއް ނުވާނެ.] ޢަޒީމަކީ ގީތާމެން ހީކުރިކަހަލަ މީހެއް ނޫނެވެ. ޢަޒީމަކީ ވިސްނުން ރަނގަޅު، ތޫނުފިލި، ޢާއިލީ ދިރިއުޅުން ނިކަން ރަނގަޅަށް ދެނަހުރި ޒުވާނެކެވެ.

އެކަކު އަނެކަކަށް އިތުބާރުނުކޮށް، އަނެކާގެ މިނިވަންކަމަށް އަރައިގަތުމުން، ދިރިއުޅުމަށް ވެގެންދާނެގޮތް އޭނާއަށް އެނގެއެވެ. އެއީ ފަހަކަށްއައިސް ކައިވެނި ރޫޅެން ދިމާވާ އެއް މައްސަލައެވެ. ބައެއްފަހަރު، ކަމުގެ ޙަޤީޤަތް ނުބަލާ ވާހަކަވެސް ދެކެވެނީއެވެ. މިފަދަ ވާހަކަތަކުން ކަންނުވެ ނަންވާ މީހާ، މަދުފަހަރެއްގައި ނޫނީ ޕްރެޝަރަށް އަންނާނެއެވެ. ވުމާއެކު، ކޮންމެ ވާހަކައެއްވެސް ދައްކަން ފެށުމުގެ ކުރިން، ދެކޮޅުބަލައިލުން ބުއްދިވެރިއެވެ.

އެހެންނޫނީ، ކިތަންމެ ބޮޑު ނިކަމެތިކަމަކާވެސް ކުރިމަތިވެދާނެއެވެ.

[ގީތު އިހަށް ހިނގާބަލަ، ކޮންމެވެސް އެއްޗެއް ކާލަން. ފަހުންވެސް ލީނާއާ ވާހަކަ ދެއްކިދާނެ. މިހާރު އަހަރެން ކުޅުދިޔާވެއްޖެ.] އަނގަ ކާލަމުން އިޔާދު ގީތާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ބުފޭ ހަދާފައި ހުރީ ގޯތިތެރެއިން ބައެއް ހިޔާކޮށްފައި، އެދިމާގައެވެ.

އެއްފަރާތެއްގައި އަނދިރީގައި ހުރި ގޮނޑިއެއްގައި މާ ހަމަޖެހިލައިގެން ކާންއިން އަންހެނަކު ފެނި، އިޔާދަށް ސިހުން ލިބުނީ، ބުފޭ މޭޒާ އަރާހަމަވިތަނާއެވެ. އެމީހެއްގެ މޫނު ރަނގަޅަށް ނުފެނުނަސް އެއީ މަލަކާކަން އޭނާއަށް ޔަޤީން ކުރެވުނު ކަހަލައެވެ.

ވައްކަޅިން އެދިމާއަށް ބަލަމުން، މަޑުމަޑުން އިޔާދު ހިނގައިގަތީ އެއީ މަލަކާތޯ ޔަޤީންކުރާށެވެ. ގައިމެވެ. އެއީ މަލަކާނަމަ، އިޔާދަކާ އޭނައަކަށް ގާތެއް ނުވެވޭނެއެވެ. އިޔާދަށް އެހިސާބަށް ދެވުމުގެ ކުރިން މަލަކާ ފިލާ ރައްކާވާނެއެވެ. ވީވެސް އެހެންނެވެ. އިޔާދު އެދިމާއަށް ހިނގައިގަތުމާއެކު، މަލަކާ ތެދުވެގެން ފޭއަށް ހިނގައިގެންފިއެވެ. ނަމަވެސް، އެއީ މަލަކާކަން ޔަޤީންވާވަރަކަށް އިޔާދަކަށް މަލަކާގެ މޫނެއް ނުފެނުނެވެ.

[އިޔާ...ކޮންދިމާއަކަށް ތިދަނީ....] ކުއްލިއަކަށް އިޔާދު ސިހުނީ ފަހަތުން ގީތާގެ އަޑު އިވުނީމައެވެ.

[އެދިމާއަށް....ގީތުވެސް އާދޭ.] އިޔާދު އަނެއްކާވެސް ހިނގައިގެންފިއެވެ.

[އިޔާ ތައްޓަށް ކޮންމެވެސް އެއްޗެއް އަޅައިގެން ދާން އައިސްބަލަ.] އިޔާދު ހުސްތަށި ހިފައިގެން އުޅޭތީ، ގީތާގެ ގާތަށް ހިސާބަކަށް ހިނިވެސްއައެވެ.

[ގީތު އަހަންނަށްވެސް ވާވަރަށް އަޅައިގެން އާދޭ....] އިޔާދު މަޑެއް ނުކުރެއެވެ. އޭރުވެސް އިޔާދަށް މަލަކާގެ ގޮތުގައި ފެނުނު އަންހެން މީހާ އިސްއޮބާލައިގެން ކުރިޔަށް އެބަދެއެވެ. އޭނާ ފަސްއެނބުރި ބަލައިވެސްނުލައެވެ.

[އިޔާ...ތީ އެއްވެސް އަލިކަމެއް ނެތް ހިސާބެއްނު....ކީއްކުރަން ތިދިމާއަށް ދަނީ...އަނދިރީގައި ކާކަށްނުވާނެ....] އިޔާދަށް ފެންނަ މަލަކާ، ގީތާއަށް ނުވަތަ އިޔާދު ނޫން މީހަކަށް ނުފެންނަކަން އިޔާދަށް އެނގުނީ އެހާ ހިސާބުންނެވެ. ވުމާއެކު، އެއީ މަލަކާކަން އޭނާއަށް ޔަޤީންވެސް ކުރެވުނެވެ.

އެއީ ހަމަ މަލަކާއެވެ. މަލަކާ އަދިވެސް އޭނާގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅެނީއެވެ. އެކަން ޔަޤީންވުމާއެކު، އިޔާދު ހުއްޓި އައިކޮޅަށް އެނބުރި ހިނގައިގެންފިއެވެ. ދެން އަނެއްކާވެސް އޭނާ ދިޔައީ ގީތާއާއެކު ބުފޭ ކައިރިއަށެވެ.

[ކާކު ފެނިގެންތަ އިޔާ ދިޔައީ....؟]

[އަހަރެން ދިޔައީ އެހިސާބުގައި ފާޚާނާއެއް ހުރިތޯ....] ހީގަންނަމުން އިޔާދު ގީތާގެ ކޮނޑަށް އަތް ވައްޓާލިއެވެ. ދޮގު ހަދަމުންނެވެ.

[އާނ އެނގިއްޖެ ވީގޮތް. ފެންވަރައިގެން ނިކުތްއިރު ހުރިހާ ކަމަކުން ފަސޭހަވެގެން ނިކުތްނަމަ، މިތާ ތެޅިފޮޅޭކަށް ނުޖެހުނީހެއްނު...] ގީތާވެސް ހީގަތެވެ.

އެހިނދު އަނެއްކާވެސް އިޔާދަށް މަލަކާ ފެނިއްޖެއެވެ. އޭނާ އެއިނީ ހަމަ އެތަނުގައެވެ. އަދިވެސް ކަނީއެވެ. ނަމަވެސް، މިފަހަރު އޭނާގެ މޫނުވެސް ރަނގަޅަށް އިޔާދަށް އެބަ ފެނެއެވެ. މަލަކާގެވެސް ހުރިހާ ނަޒަރެއް ހުއްޓިފައިވަނީ، އިޔާދުގެ ދެމަފިރިންނަށެވެ.

ބައެއްފަހަރު މަލަކާ ރޮމުންދާހެންވެސް އިޔާދަށް ހީވެއެވެ. ހީވަނީކީ ނޫނެވެ. ޙަޤީޤަތުގައިވެސް މަލަކާ ރޮނީއެވެ.

ލޯބިވެރިޔާއާ ވަކިން އުޅެންޖެހޭތީ، މަލަކާ އަބަދުވެސް ހިތާމަކުރެއެވެ. މަލަކާގެ ދިރިއުޅުން ހަލާކުކުރީ ކަމަށް އޭނާ ބުނަނީ އިޔާދެވެ. އިޔާދު އޭނާގެ އަތް ބުރިކޮށް، ނުކުޅެދޭ މީހަކަށް ހެދުމުގެ ސަބަބުން އޭނާގެ ނަސްލުގެ އޭނާގެ ބައިވެރިޔާ އޭނާ ދޫކޮށްދިޔަ ކަމަށް ތަކުރާރުކޮށް އޭނާ އިޔާދު ގާތު ބުނެފައިވެއެވެ. އޭނާ އެދެނީ ދެއަންބަށް ނަމަވެސް، އިޔާދުގެ ޒަވާޖާ ގުޅޭށެވެ.

[އިޔާ...މިތާ މަޑުކުރައްޗޭ، އަހަރެން އެބަ އަންނަން އެދިމާއަށް ގޮސްފަ....އެއިނީއޭ އެމީހަކީ.....] ގީތާ އިނގިލި ދިއްކުރީ، އިޔާދަށް ފެންނަ މަލަކާއާ ދިމާއަށެވެ. އެއަށްފަހު، އިޔާދަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް، ގީތާ ގޮސް މަލަކާޔާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން އިޔާދު ހުރީއެވެ. ގޮތް ހުސްވެފައެވެ.

ދެން އިޔާދަށް ފެނުނީ އޭނާ ނިކަން ނުތަނަވަސްވާފަދަ މަންޒަރެކެވެ. ގީތާ ނިކަން ގާތް ގޮތަކަށް މަލަކާޔާ ވާހަކަ ދައްކަނީއެވެ. ހީވަނީ މާކުރިންވެސް ދަންނަ ރައްޓެއްސަކާ ވާހަކަ ދައްކަމުންދާހެނެވެ.

ދޭތެރެއަކުން ގީތާ އިޔާދާ ދިމާއަށް އިނގިލިން އިޝާރާތްކޮށްފައިވެސް ކޮންމެވެސް އެއްޗެކޭ ބުނިތަން ފެނުނެވެ. ހީވެއެވެ. އޭނާ ފިރިމީހާ މަލަކާއަށް ތަޢާރަފްކޮށްދިނީއެވެ. އެހިނދު އިޔާދުގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ. އޭނާހުރީ ކަޅިޖަހާނުލާ އެދިމާއަށް ބަލަހައްޓައިގެނެވެ.

ކުއްލިއަކަށް އިޔާދުގެ ހާސްކަން އިތުރުވެއްޖެއެވެ. ގީތާ މަލަކާގެ ގާތުގައި އިނދެފައި އޭނާއަށް ހަނާ އަޅައިފިއެވެ. އަންނާށޭ ބުނާފަދައިންނެވެ. އިޔާދު އިސްއޮބާލުމަށްފަހު، ދެލޯ މަރާލީއެވެ.

އޭގެ މާގިނައިރެއްނުވެ، ދެން ފެނުނީ ގީތާ އިޔާދާ ދިމާއަށް އަންނަތަނެވެ. ހިސާބަކަށް ހިނިއައިސްފައި ހުރެއެވެ. އޭރުވެސް މަލަކާ އެއިންގޮތަށް އިނެވެ.

[އިޔާ...އަހަރެން ބުނި މީހާ އެތާނގައި އެއިނީއޭ. ހިނގާބަލަ، އޭނަޔާ ބައްދަލުކޮށްލަން.] ގީތާ އައިގޮތަށް އައިސް އިޔާދުގެ އަތުގައި ހިފެހެއްޓިއެވެ.

[ގީތު ބުނި ކާކު!؟] އިޔާދަށް ސިހުން ލިބި ޙައިރާންވިއެވެ.

[އަހަންނަށް ކުއްޖަކު ލިބޭނޭ ބުނެ، އަހަރެންގެ ބަނޑުގައި އަތް ކޭއްތި މުސްކުޅި މީހާ. ބަލާބަލަ އެއިނީއޭ!؟] ގީތާ އިޔާދުގެ އަތުގައި ހިފައިގެން އެދިމާއަށް އެނބުރުނެވެ. އެޔާއެކު އޭނާއަށްވެސް ލިބުނީ ބޮޑު ޙައިރާން ކަމެކެވެ. މިހާރަކު އެތާކު އެއްވެސް އެއްޗެއް (މީހެއް) ފެންނާކަށް ނެތެވެ.

[އޭނައެއް ނެތް މިހާރަކު. ދިޔައީތާދޯ...އަޅާނުލާ އަވަހަށް ހިނގާ، އެއްޗެއް ކާލައިގެން ގެޔަށްދަމާ. މިހާރުވެސް ބަނޑަށް ކޮންމެވެސް ވަރަކަށް އުނދަގޫ އެބަވޭ.] އިޔާދާއި ގީތާ އެކުއެކީގައި ބުފޭ މޭޒާ ދިމާއަށް ހިނގައިގެންފިއެވެ.

[އުނދަގޫވަނީއޭ! ކުއްލިއަކަށް؟] އިޔާދަށް މަލަކާއާ ދޭތެރޭ ޝައްކުވާން ފެށިއެވެ. މަލަކާގެ އުނދަގުލެއް ގީތާއަށް ކުރިމަތިވެދާނޭ ކަމަށް އޭނާއަށް ޤަބޫލު ކުރެވެނީއެވެ.

[ކާހިތްކެނޑިއްޖެ....ހިނގާ ގެޔަށް ދާން...] އިޔާދު ގީތާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

[ކުއްލިއަކަށް އިޔާގެ މޫޑު ސަކަރާތްވީ ކީއްވެ...އަނެއްކާ ކުރީގެ ނަމްބަރަކާ ދިމާވީތަ؟] ގީތާ އިޔާދާ ދިމާކުރިއެވެ. ފަހަކަށްއައިސް، ގީތާ ވަރަށް އެކަހަލަ ސަމާސާ ނުކުރެއެވެ.

[ގީތު ފިޔަވައި އިތުރު އެއްވެސް ނަމްބަރެއް އަހަރެންގެ ހުރިނަމަތާ....ވާހަކަ ގިނަނުކޮށް ހިނގާ ދާން. ލީނާ ގާތު ބުނޭ، ދަނީއޭ.] ލީނާމެން ހުއްޓި ތިބި ދިމާއަށް އިޔާދު ގީތާއާއެކު ހިނގައިގެންފިއެވެ.

[މާ އަވަހަށް ދަނީތަ؟ ތީ އެއްވެސް ގޮތެއް ނޫން.] ދަނީއޭ ބުނެފައި، ގީތާ ހިނގައިގަތީމާ، ގީތާގެ އަތުގައި ލީނާ ހިފެހެއްޓިއެވެ.

[ލީން އަހަރެންވެސް ބޭނުމެއް ނުވެޔޭ، ކޮންމެހެން މާއަވަހަށްދާކަށް. އެކަމަކު ކީއްކުރާނީ...މިތާނގައި މާގިނައިރު ހުންނާކަށް، ބަނޑުގައި މިވާ ދަރިފުޅު އެއްބަހެއްނުވޭ...މި ފުށްގަނޑު އެބަ ބުނޭ، މަންމާ އަރާމުކުރަންދާށޭ....] ގީތާ މިހެން ބުނެލާފައި ހީގަތެވެ.

[ބަނޑަށް އުނދަގޫވަނީތަ؟] ގީތާގެ ވާހަކަ ލީނާއަށް ވިސްނުނެވެ.

[އާނ، ކޮންމެވެސް ވަރަކަށް. ޑޮކްޓަރު ބުނެފައެއްނު އޮތީ، ގިނައިން އަރާމުކުރާށޭ. ދެން ދަނީ....އަދިވެސް އެއްފަހަރު، އުފާވެރި ރެޔަކަށް އެދެން...ދެން މާގިނަ ދުވަހެއްނުވެ، ލީންވެސް މި ބުރަ އުފުލަން ޖެހިދާނެ.] ބަނޑަށް އިޝާރާތް ކުރުމަށްފަހު، އެހެން ބުނެލާފައި، ގީތާ އިޔާދުގެ އަތުގައި ހިފައިގެން ނުކުމެއްޖެއެވެ.

ޙަޤީޤަތުގައި އިޔާދުގެ ދިރިއުޅުން އަނެއްކާވެސް މުޅިން ބަދަލުވިއެވެ. މަލަކާއަށް ސީދާ އިޔާދާ ކުރިމަތިނުލެވުނަސް، އަނެއްކާވެސް އޭތީގެ ތުރާތަކަކާ މިވަނީ ކުރިމަތިލާން ޖެހިފައެވެ. ތަފާތު ސިފަސިފައިގައި މަލަކާ އެ މަސައްކަތް ކުރަނީ، އިޔާދުގެ ދިރިއުޅުމުގެ ތެރޭގައި އުޅުމަށެވެ.

މުސްކުޅި އަންހެނެއްގެ ސިފައިގައި އައިސް ގީތާއާ އެބަ ބައްދަލުކުރެއެވެ. އަވާމެންދުރެއްފަދަ ދަޅަތަކެއް ދައްކައިގެންނެވެ. މިހާރު އިޔާދަށް ވަނީ އެކަންތަކާ ވަރަށް ފުންކޮށް ވިސްނަން ޖެހިފައެވެ.

ވުމާއެކު، އޭނާ ފުރަތަމަ ވިސްނީ، ގީތާގެ އުނަގަނޑުގައި އަޅުވާނޭ ތަވީދެއް ލިޔުއްވުމަށެވެ. ނަމަވެސް، ކުރިން ތަވީދު ހެއްދި މީހާ ނޫން މީހަކު ލައްވާ އެކަން ކުރުވަން އޭނާ ޤަޞްދު ކުރެއެވެ. އެ ޚިޔާލު އައުމާއެކު، ފުރަތަމަވެސް އޭނާ ގުޅީ ނަޒްމީއަށެވެ.

[ހިތަދޫގައި ހުންނާނެ، ޢަބްދުﷲބެ ކިޔާ މީހަކު. ހިނގާ އެމީހާޔާ ބައްދަލުވޭތޯ ދަމާ....މިހާރު ތި އެއްޗެއްގެ ކަންތައްވެސް މާބޮޑުވަނީއޭ.....] ނަޒްމީ ބުންޏެވެ.

[ހިނގާ ދަމާ...މައްސަލައަކީ މިހާރު ގީތާޔާ މާ ގާތްކޮށްލައިގެން އުޅޭތީ. އޭތި ގީތާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެއްނު....] އިޔާދު ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ނަޒްމީ އޭނާގެ ސައިކަލްވެސް ދުއްވާލައިފިއެވެ.

[ނަޒްމީ...ދެމީހުން އެއް ސައިކަލެއްގައި ދާންވީނު. އޭރުން ތެލުގެ ޚަރަދުވެސް ކުޑަވާނެ.] ކުޑަ ތަންކޮޅަކަށް ދުއްވާލުމަށްފަހު، މަޑުކޮށްލަމުން އިޔާދު ބުންޏެވެ.

[ނޫނޭ...ހިނގާ ދެމީހުން ދެ ސައިކަލުގައި ދާނީ. އަހަންނަށް ޖެހިދާނެ، މި ސައިކަލް ފަހަތަށް ބިޓެއް އަރުވަންވެސް.] ނަޒްމީ ހީގަންނަމުން، އަނެއްކާވެސް ސައިކަލް ދުއްވާލައިފިއެވެ. އެންމެ ރަނގަޅޭ ބުނެފައި، އިޔާދުވެސް އަނެއްކާވެސް ސައިކަލް ދުއްވާލައިފިއެވެ. ނަޒްމީއަކީ ޢާންމުކޮށް ބާރު ސްޕީޑްގައި ސައިކަލް ދުއްވާ ކަމަށް މަޝްހޫރުވެފައިވާ ޒުވާނެކެވެ. ބައެއް މީހުން އޭނާގެ ފަހަތަށް އަރަން ފަސްވެސް ޖެހެއެވެ.

[ބުނަން ނަޒްމީ...މާ ބާރަށް ނުދުއްވާތި. ފަންސަވީސް، ތިރީހަށްވުރެން ބާރަކަށް އަހަންނަކަށް ނުދުއްވޭނެ.] އިޔާދު އޭނާ ޢާންމުކޮށް ދުއްވާ ސްޕީޑްގައި ސައިކަލް ދުއްވަމުންދިޔައެވެ. އޭރުވެސް ދިގު މަގުގައި ބާރަށް ދުއްވާހިތުން ނަޒްމީއަށް ކެތްވަނީކީ ނޫނެވެ. ފަހަތުގައި އިނދެމެ، އެވަރަށް އިޔާދު ކިޔާއިރުވެސް އޭނާއަކަށް އިޔާދާ އެއްހަމަކޮށް ދުއްވޭ ކަމަކަށް ނުވެއެވެ. އޭނާ އިންނަނީ އިޔާދަށްވުރެން ވިއްސަކަށް ފޫޓް ކުރީގައެވެ. ބައެއްފަހަރު އެއަށްވުރެންވެސް ފޭއަށްޖެހެއެވެ. ބާރަށް ދުއްވުމަކީ ކަށީގައި ހިފާފައިވާ ކަމަކަށްވާތީ، މުށްގަނޑަށް ވާންކޮށްލެވެނީއެވެ. ފަޅުރަށްތަކުގެ ތެރެއިން ދުއްވާތާ މާގިނައިރުތަކެއްނުވެ، އެ ފެނުނީ އިޔާދު ސިހި ބިރުގަންނަފަދަ މަންޒަރެކެވެ.

ކުއްލިއަކަށް ނަޒްމީގެ ސައިކަލް ފަހަތުން މަލަކާ ފާޅުވެއްޖެއެވެ. އޭނާ އިނީ އެންމެ ފުރަތަމަ އިޔާދާ ބައްދަލުވިއިރުވެސް ލައިގެން ހުރި ހެދުމުގައެވެ. މިފަހަރުވެސް އެއް އަތް ނެތެވެ.

އިޔާދު ސައިކަލްގެ ސްޕީޑް ބާރުކޮށްލިއެވެ. ނަޒްމީ އަތުލުމަށެވެ. ނަމަވެސް، ނަޒްމީ ދުއްވަމުން އެދަނީ، އާދަޔާ ޚިލާފަށް، މާ ބާރަށެވެ. އިޔާދަށް ކިރިޔާ އެ ސައިކަލްގެ ފަސް ފެންނަނީއެވެ. ނަމަވެސް، އެ ސައިކަލްގެ ފަހަތުގައި އިން މަލަކާ ނިކަން ރަނގަޅަށް އިޔާދަށް ފެނެއެވެ.

މިހާރު އެހާ ބާރު ސްޕީޑްގައި ނަޒްމީ އެ ދުއްވަނީ، މަލަކާގެ ބާރުގައިކަން އިޔާދަށް އެނގޭތީ، އިޔާދު ވަނީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ.

މަލަކާ ނަޒްމީއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެއެވެ. އެފަދަ އެއްވެސް ކަމެއް ކޮށްފިއްޔާ، ޢަމުދުން ދުވަހަކުވެސް އިޔާދު އޭއްޗަށް މަޢާފެއް ނުކުރާނެއެވެ.

މިހާރު ނަޒްމީ ދުއްވަމުންދިޔަ ސައިކަލް އިޔާދުގެ ލޯމަތިން އޮބާލައިފިއެވެ. އިޔާދު ކުރިޔަށްވުރެންވެސް ދުވެލި ބާރުކޮށްލައިފިއެވެ.

މާގިނައިރަކު ދުއްވާކަށް ނުޖެހުނެވެ. ދެން އިޔާދަށް ފެނުނު މަންޒަރުން އޭނާ ނިކަން ހާސްވެއްޖެއެވެ. ކުއްލިއަކަށް ސައިކަލްގެ ބުރަކި ޖައްސައިފިއެވެ.

މަގުގެ އެއްފަރާތެއްގައި ސައިކަލް މަޑުކޮށްގެން އެއިނީ ނަޒްމީއެވެ. އޭނާ އިނީ އިޔާދު އަންނަންދެނެވެ. މިހާރަކު އެ ސައިކަލްގެ ފަހަތަކު މަލަކާއެއްވެސް ނެތެވެ.

[ނަޒްމީ ލައިނުގަނެގެން އުޅޭ މީހެއްހެން މާ ބާރަށް ތި ދުއްވަނީ ކީއްކުރަންތަ؟ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަނީވެސް، ތިކަހަލަ ބެލުންކުޑަ މީހުންނަށް، ދުއްވާ އެއްޗެހި ދުއްވަން ފުރްޞަތު ލިބޭތީއޭ. ދެންވެސް ހަމަޖެހިގެން ދުއްވަބަލަ....] އިޔާދު ހުރީ ހިސާބަކަށް ރުޅިވެސް އައިސްފައެވެ. އޭނާ އަނެއްކާވެސް ސައިކަލް ދުއްވާލައިފިއެވެ. މިފަހަރު ނަޒްމީ ދުއްވަމުން ދިޔައީ، އިޔާދާ އެއްވަރަކަށް މަޑުމަޑުންނެވެ.

[އަހަންނަށް ހީވި، ކަލޭގެ ފަހަތުގައި މީހަކު އިންހެންވެސް...ޔަޤީނެއްބާ!؟] ނަޒްމީއާ އެއްހަމަކޮށް ދުއްވަމުން އިޔާދު ބުންޏެވެ.

[ތިބުނީ އަހަރެންގެ ފަހަތުގައި މަލަކާ އިންދާ ފެނުނު ވާހަކަ...ތިޔައީ ހައްތާވެސް އިޔާދު ބިރުން އުޅޭތީ، ހީވާ ހީވުންތަކެއް. މަގޭ ސައިކަލްގެ ފަހަތަށް މީހަކު އަރައިފިއްޔާ، މަށަށްވެސް މޭރުންވާނެތާ...] ނަޒްމީ ހީގެންފިއެވެ. އެވަގުތު އަނެއްކާވެސް އިޔާދަށް މަލަކާ ފެނުނެވެ. ނަމަވެސް، މިފަހަރު ނަޒްމީގެ ފަހަތަކުން ނޫނެވެ. މާދުރުން ހިތަދޫއާވީކޮޅަށް މަލަކާ ހިނގާފައި ދަނީއެވެ. ނަމަވެސް، އިޔާދު ދުއްވާ ދުއްވާވެސް މަލަކާޔާ އަރާހަމަކުރެވޭ ކަމަކަށް ނުވިއެވެ. މަލަކާ ހިނގަމުންދިޔައީ، ދުރުދުރުގައި ފައި އަޅަމުން ނިކަން ބާރަށެވެ.

[ނަޒްމީ....ކަލެއަކަށް އެދާ މަލަކާއެއް ނުފެނޭތަ؟ އޭނަ އެއުޅެނީ އަހަރެމެންގެ ފަހަތުން އަޅުވާލައިގެނޭ.] އިޔާދު އިނގިލިން އިޝާރާތްކޮށްފައި، ދުރުން ފެންނަ މަލަކާ ނަޒްމީއަށް ދައްކާލެވޭތޯ އުޅުނެވެ. ބާރަށް ހިނގަމުންދިޔަ މަލަކާ، ފުރަތަމަފަހަރަށް އެވަގުތު ނަޒްމީއަށް ފެނިއްޖެއެވެ.

ވަގުތުން ނަޒްމީއަށް ސައިކަލްގެ ބުރަކި ޖައްސާލެވުނީ، މާބޮޑަށް ބިރުގަތީމައެވެ.

[ކީއްވެ މަޑުތިކުރީ...މަލަކާ ފެނުނީތަ؟ މަޑުމަޑުން ދުއްވާ. އޭއްޗަކަށް އަހަންނާ ކައިރިއެއް ނުވެވޭނެ. އަހަންނާ އޭއްޗާ ދެމެދު ސަތޭކައެއްހާ ފޫޓްގެ ފާރެއްވޭ...] އިޔާދު ހިތްވަރުކޮށްފައި ސައިކަލް ދުއްވާލައިފިއެވެ. ދުރުން މާދުރުން ފެންނަމުންދިޔަ މަލަކާއަށް ބަލަމުން، ނަޒްމީވެސް ސައިކަލް ދުއްވާލައިފިއެވެ. އިޔާދާ އެއްހަމައެއްގައި މަޑުމަޑުންނެވެ.

[އަހަންނަށް ފެނުނީމާ...އަހަރެން ވަރަށް ބޮޑަށް ބިރުގެންފި. ހިނގާ އެނބުރި ރަށަށްދަމާ....] ގެންފައިވާ ބިރެއްގެ ސަބަބުން ނަޒްމީ ބޭނުންވަނީ، އެނބުރި ރަށަށްދާށެވެ. ނަމަވެސް، އޭރު އެމީހުނަށް ތިބެވުނީ، ހިތަދޫތެރެއަށް ވަދެވިފައި ކަމުން، އެކަމަކަށް އިޔާދު އެއްބަހެއް ނުވިއެވެ.

[ބަލާބަލަ.....މިހާ ހިސާބަށް އައިސްފައި، އައި މަޤްޞަދު ޙާޞިލްނުކޮށެއް އަހަންނެއް ނުދާނަން...ދެންވެސް ބުނެބަލަ، ފަންޑިތަ ހަދާ ކަލޭގެ ހުންނަ ގެ ހުންނަނީ، މިރަށުގެ ކިހާ ހިސާބެއްގައިތަ؟] އިޔާދު ހަތިޔާރު ބަހައްޓާކަށް ބޭނުމެއް ނޫނެވެ.

މަލަކާ އޭނާގެ ލޯބި ހޯދަން މަސައްކަތް ކުރިޔަސް، އޭނާއަށް އަނިޔާވެރިނުވާނޭ ކަމަށް އޭނާ ދެކެއެވެ. އެއީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ފާއިތުވެދިޔަ އެއްވެސް ދުވަހެއްގައިވެސް އިޔާދުގެ ފުށުން ލޯތްބާއި ބީހުމުގެ ލައްޒަތު ލިބިގަތުން ފިޔަވައި އެއްވެސް ގެއްލުމެއް މަލަކާ އިޔާދަކަށް ނުދެއެވެ. ނަމަވެސް، މަލަކާ ބުނާގޮތުން އިޔާދުވަނީ އޭނަޔަށް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭވަރަށް އަނިޔާވެރިވެފައެވެ. އިޔާދުގެ ސަބަބުން އޭނާ ނިކަމެތިވެ، އޭތީގެ ނަސްލުންވެސް ބާކީވެއްޖެ ކަމަށް އޭތި ބުނެއެވެ. އޭތި އާދެ ހަންޑި (މަލަކާ) ބޭނުންވަނީ ދެއަންބަށް ނަމަވެސް، އިޔާދުގެ ޒަވާޖާ ގުޅޭށެވެ. އޭތި އިޔާދުގެ ކިބައިން އެދި އާދޭސް ކުރަމުންދަނީ، އެ ހިތްހަމަޖެހުމަށެވެ.

ނަމަވެސް، ޙަޤީޤަތް އެނގިހުރެމެ، އެފަދަ ކަމެއް ކުރާނީ ފަހެ ކާކުބާއެވެ؟ ގައިމެވެ. އެއްވެސް އިންސާނަކަށް ޖިންނި ނުވަތަ ހަންޑިއަކާއެކު ޒަވާޖެއް ފައްޓާކަށް އެއްބަހެއް ނުވެވޭނެއެވެ. އެފަދަ ދިރިއުޅުމެއް ޙަޤީޤީ ދިރިއުޅުމަކަށް ނުވެސްވާނެއެވެ. އެ ވާނީ ޚިޔާލީ ދިރިއުޅުމަކަށެވެ. ޚިޔާލެއް ވިއްސިވިހާލިވެދާ ފަދައިން ނިކަން އަވަހަށް އެފަދަ ދިރިއުޅުންވެސް ބެހިގެން ހިނގައިދާނެއެވެ.

ބައެއް ވާހަކަތަކުގައި، އެފަދަ މަޚްލޫޤުންނާއެކު އިންސާނުން، އިންސާނުންގެ ތެރޭގައިވެސް އުޅެއެވެ. ނަމަވެސް، އެއީ ޤަބޫލުކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ނުވާނެ ކަމެކޭވެސް ބުނާކަށް ނުވާނެއެވެ.

ހިތަދޫ ތެރެއިން ދުއްވަމުން ގޮސް، ވަކި ހިސާބަކަށް ސައިކަލް މަޑުކޮށްލުމަށްފަހު، ނަޒްމީ ވަނީ އެރަށުގައި ހުންނަ އޭނާގެ ކްލާސް މޭޓެއްގެ ގެޔަށެވެ. އެރަށު މަޝްހޫރު ފަންޑިތަ ހަދާ މީހާގެ ގެ ހޯދުމަށެވެ.

[ހިނގާ އަހަންނާއެކު....ހޮސްޕިޓަލަށްދާ މަގުމަތީގައިވެސް ނަޒްމީއަށް މިގެޔަށް ވަދެލާކަށްވެސް ނުކެރޭ...ސްކޫލް ނިމުމާއެކު، ރައްޓެހިން މުޅިންހެން ގެއްލި ހުސްވެއްޖެ....އެއްކަލަ އަނގަގަދަ ޖާވީދު ލޮލުބޭހަކަށްވެސް ނުފެނޭ....] ނަޒްމީއާއެކު ކުރީގެ ސަދަން ސެކަންޑްރީ ސްކޫލުން ތަޢުލީމް ޙާޞިލްކުރި އެކުވެރިޔާ އާދަމް ނަސީމް ޝަކުވާ ކުރަމުން، ނަޒްމީމެނާއެކު ގެއިން ނިކުތެވެ. އޭގެކުރިން، އާދަމް ނަސީމަށް މަލަކާގެ ވާހަކަ ނަޒްމީ ކިޔައިދިނެވެ.

[ޢަބްދުﷲބެ ހެޔޮހިތުން ކޮށްދީފިއްޔާ، ތިޔައީ އެއްވެސް ކަމެއް ނޫން...ތިއަށްވުރެން މާ ވަރުގަދަ ކަންތައްތައްވެސް އޭނަ ކޮށްދީފައި އެބަހުރި. ހަމަގައިމުވެސް އަހަރެން ވަރަށް އިތުބާރުކުރާ މީހެއް އެއީ. ދެންވެސް ސައިކަލް ދުއްވާލަބަލަ. މިގެޔާ މާދުރެއްވެސް ނުވާނޭ އެގެއެއް....] އާދަމް ނަސީމް އެރީ ނަޒްމީގެ ފަހަތަށެވެ.

[އާދަމްބެ ދުއްވަން އެރިނަމަ...] ސައިކަލް ދުއްވާލަމުން ނަޒްމީ ވާހަކަ ދެއްކިއެވެ. ފަހަތުން އިޔާދުވެސް ސައިކަލް ދުއްވާލައިފިއެވެ.

އެވެރިންނަށް ޢަބްދުﷲބެގެ ގެޔަށް ދެވުނުއިރު، ޢަބްދުﷲބެ ކޮންމެވެސް ފަންޑިތަވެރި ކަމެއްގައި އަވަދިނެތި އުޅެއެވެ. އޭނާ އިނީ ފަންވަތެއް ލިޔާށެވެ. އޭނާ އިޔާދުމެނާ ވާހަކަ ދެއްކީ، އޭނާ ކުރަންހުރި އެ މަސައްކަތް ނިންމައި، އެގޭ މެދުގޭތެރޭގައި ހުރި މީހެއްގެ އަތަށް ދީފައި އައިހެވެ.

[ކީއްކުރާ ކުދިންނެއް؟ މިރަށު ކުދިބައެއްތަ ތީ؟] ޢަބްދުﷲބެ އިޔާދުމެނަށް އިޝާރާތް ކޮށްފައި، އާދަމް ނަސީމް ގާތު އެއްސެވެ. އާދަމް ނަސީމް ފުރަތަމަ ޢަބްދުﷲ ބެއަށް އިޔާދުމެން ތަޢާރަފްކޮށްދިނެވެ. އެވެރިން އެގެޔަށް އައި ސަބަބު ހާމަކުރީ އެއަށްފަހުގައެވެ. އިޔާދު އޭނާޔާ މަލަކާ (ހަންޑީގެ) ޙާދިޘާ ފެށުނު ހިސާބުން ފެށިގެން މިހާރު އޭތި އޭނާގެ ދިރިއުޅުމުގައި ހުރި ހިސާބަށްވެސް އޮޅުންފިލުވައިދިނެވެ.

[ވަރަށް ނުރައްކާތެރި ހިސާބެއްގައި މިހާރު ތިޔަހުރީ. ކޮންމެހެންވެސް ކަލޭގެ އަނބިމީހާގެ ހަށިރައްކަލަށް ކަމެއް ކުރެވެންވާނެ. އެހެންނޫނީ، ކިތަންމެ ބޮޑު ގެއްލުމެއްވެސް ވެދާނެ. އަހަރެން ދޭނަން ތަވީދެއް. ތަވީދު ގެންގޮސް، އެ މަންޖެގެ އުނަގަނޑުގައި އަޅުވާލާތި. ހަމަ ޔަޤީނުންވެސް ތަވީދު އޮތްހާ ހިނދަކު، އޭއްޗަކަށް އެމަންޖެއާ ގާތެއް ނުވެވޭނެ....] ޢަބްދުﷲބެ ވަގުތުން ތަވީދު ލިޔުމުގެ މަސައްކަތް ފަށައިފިއެވެ.

އިޔާދުމެން ގާތު ގޯތިތެރޭ މެދުވަތީގައި (ގޭދޮރުމަތީ ބޭރު) ހުރި ޖޯލިފަތީގައި ތިބުމަށް ބުނެފައެވެ.

[އޭއްޗަށް ގީތާޔާ ކައިރިނުވެވެންޏާ، އަހަރެންގެ ހުރިހާ މަޤްޞަދެއްވެސް ޙާޞިލްވީ....މިހާރު ހުރިހާވެސް ނުތަނަވަސްކަމަކީ، ގީތާއާމެދު މި ވިސްނަންޖެހޭ ވިސްނުން. މީގެކުރިން އަހަރެން ހީކުރަނީ، ހަންޑިއާއި ޖިންނީން އުޅެނީ، ބިރުވެރި ވާހަކަތަކުގައި ކަމަށް.] ޢަބްދުﷲބެ ތަވީދުގެ މަސައްކަތް ފެށީމާ، އިޔާދަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ.

[ޢަބްދުﷲބެ ތަވީދު ލިޔެ ނިމެންވާއިރަށް، ހިނގާ ސައިތަށްޓެއް ބޯލަންދަމާ...] ނަޒްމީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ބުނެލިއެވެ. އެންމެ ރަނގަޅޭ ބުނެފައި، އާދަމް ނަސީމް ގޮސް ޢަބްދުﷲބެ ގާތު ސައިތަށްޓެއް ބޮއިގެން އެބަ އަންނަމޭ ބުނެފިއެވެ.

[އާނ...ތަވީދު ނިންމަންވެސް ގަޑިއެއްހާއިރު ނަގާނެ. ސައިތަށްޓެއް ބޮއިގެން އާދޭ.....] ޢަބްދުﷲބެ ބުންޏެވެ.

[ސައިބޯން ދާންވާނީ އަހަރެންގެ ގެޔަށް. ކަލޭމެން އަހަރެންގެ ރަށަށް އައިސް ހޮޓާތަކަށް ދާކަށް އަހަންނަކަށް ނުފެނޭ...އަދި އަހަރެންގެ ވައިފާވެސް ބައްދަލުކޮށްލަންވާނެއެއްނު....] ތިން މީހުން އެކުއެކީގައި ހިނގައިގަންނަމުން އާދަމް ނަސީމް ވާހަކަ ދެއްކިއެވެ.

[ވައިފޭ! ކޮންއިރަކު މީހަކާ އިނީ؟] ނަޒްމީ އެއްސެވެ.

[މަހެއްހާ ދުވަސްވެއްޖެ މިހާރު....ނަޒްމީއަށް އޭނަ އެނގޭނެ. އޭނަވެސް ނިންމީ އަހަރެމެންވެސް ސްކޫލް ނިންމި އަހަރު...ނަޒްމީ ނުދަންނަންތަ އަހުރާ....] އާދަމް ނަސީމް ކިޔައިދިނެވެ.

[އަހްރާޒް! އަޞްލުވެސް އޭނަޔާތަ ތިއިނީ....އެންމެފަހުން އޭނަގެ އަނގަމަތީގައި ތަފާލެއްޖެހީތާދޯ....އާދަމްބެ ތިޔަހެދީ ރަނގަޅަށް....އިޔާދަށް އެނގޭތަ، އަހަރެމެން ސްކޫލްގައި އުޅުނުއިރު، ވަރަށް މަޝްހޫރު މަންޖެއެކޭ އެއީ....އެއްދުވަހަކު އާދަމްބެ އޭނާ ގާތު ރައްޓެހިވާން އެހީމާ، އޭނަ ރުޅިއައިސްގެން ރަތަށްއެރީ....] ނަޒްމީ އާދަމް ނަސީމަށް ތަޢުރީފް ކުރަމުން، މާޒީން ބައެއް އިޔާދަށް ކިޔާދިނެވެ.

[ލޯތްބެއްގެ ފެށުމަށް، ނޫނެކޭ އައުމަކީ ޢާންމު ކަމެއް....] އެއީ އިޔާދުގެ ތަޖްރިބާއެއް ނޫނެވެ. އިޔާދާ ދިމާވީ އޭގެ އިދިކޮޅެވެ. އޭނާގެ ފެށުން އައީވެސް ކާމިޔާބާ އެކުގައެވެ. އަދި އަދަށްދާންދެންވެސް އޭނާ އެއުޅެނީ ކާމިޔާބުކަންމަތީގައެވެ. އޭނަގެ ދިރިއުޅުމަށް އެޅިފައިވާ ހުރަހަކީ މަލަކާއެވެ. އިޔާދު ޤަބޫލުކުރާ ގޮތުގައި، މަލަކާ މަސައްކަތް ކުރަމުންދަނީ، އޭނާގެ އުފާތަކަށް އަރައިގަނެ، އޭނާގެ ބާއްޖަވެރި ޒަވާޖު ހުއްޓުވާށެވެ. ނަމަވެސް، މަލަކާ ޤަބޫލުކުރަނީ އޭގެ އިދިކޮޅަށެވެ. މަލަކާ ބުނަނީ، އޭނާ އިޔާދުދެކެ ލޯބިވަނީ ކަމަށެވެ. އިޔާދުގެ ސަބަބުން އޭނާ ނުކުޅެދޭ މީހަކަށްވީ ދުވަހުން ފެށިގެނެވެ.

އިޔާދުމެން ދިޔައީ އާދަމްބެއާއެކު އާދަމްބެގެ ގެޔަށެވެ. އާދަމްބެގެ އަންހެނުން އަހުރާޒް، ހިސާބަކަށް ނަޒްމީވެސް ދަންނާތީއާއި، މަދްރަސީ ދައުރުގެ ދުރު ހަނދާންވުމާއެކު، ދިމާކޮށްލާނަމޭވެސް ނަޒްމީ އާދަމް ނަސީމް ގާތު ބުންޏެވެ.

ފުރަތަމަ އާދަމް ނަސީމް އަހްރާޒަށް ގުޅާފައި ސައި ހަދަން ބުންޏެވެ. ވުމާއެކު، އެވެރިންނަށް އެގެޔަށް ދެވުނުއިރު، އަހުރާޒް ހުރީ ސައިހަދާފައެވެ.

އަހުރާޒަށްވެސް ނަޒްމީ ފެނުމާއެކު އެނގުނެވެ.

[ތީ ނަޒްމީދޯ...؟] އަހުރާޒް އެއްސެވެ.

[އާނ، ކުރިންވެސް އަހަރެމެން މިގެޔަށް ވަދެފައޭ މިދިޔައީ....އޭރު އަހްރާޒް ކޮބާ....؟] ސައިބޯން ފަށަމުން ނަޒްމީ ވާހަކަ ދެއްކިއެވެ.

[އަހަރެން ހުރީ މަންމަ ގޭގައި...އެގޭގައި ހުރެފައި އާދަމް ގުޅީމާ މިއައީވެސް...] އަހުރާޒް ބުންޏެވެ.

އެދުވަހު އެގެއިން ސައިބޮއިގެން އިޔާދުމެން ޢަބްދުﷲބެ ގެޔަށް ދިޔައީ ތަވީދު ނިމޭހާއިރު ކޮށްފައެވެ.

[މި ގެންގޮސް އެ މަންޖެގެ އުނަގަނޑުގައި އަޅުވާ...ތި އެޅުވީމާ ހުރިހާ ކަމެއްވެސް ހަމަޖެހޭނެ.] ޢަބްދުﷲބެ އިޔާދުގެ އަތަށް ތަވީދު ދިނެވެ. އެވަގުތު އިޔާދު އުޅުނީ ޢަބްދުﷲބެގެ މަސައްކަތަށް އަގުދޭށެވެ. ނަމަވެސް، ޢަބްދުﷲބެ އެޔަކު ނުހިފިއެވެ. އޭނާ ބުނީ ތަވީދު އަޅުވައިގެން ރަނގަޅުވީމާ، ފެންނަ އެއްޗެއް ދިނަސް ވަރިހަމަ ކަމަށެވެ. ވުމާއެކު، ޢަބްދުﷲބެ އަށާއި އާދަމްބެއަށް ޝުކުރު އަދާކުރުމަށްފަހު، އެމީހުން އަވަސްވެގަތީ ރަށަށް ދިޔުމަށެވެ.

އިޔާދު ތަވީދު ލިޔުއްވަން ހިތަދުއަށް ދިޔައީ، ގީތާ ގާތު ބުނެވެސްނުލައެވެ. ގީތާގެ މާބަނޑު ދުވަސްވަރަށްވެސް ވުމާއެކު، މަލަކާގެ ވާހަކަ ދައްކައިގެން ގީތާއަށް ސިހުން ގެނުވަން އޭނާ ބޭނުންނުވަނީއެވެ.

[ތީ ކީއްކުރާ ތަވީދެއް؟] އިޔާދު ގީތާގެ އުނަގަނޑުގައި ތަވީދު އަޅުވަން އުޅުނީމާ ގީތާ އެއްސެވެ. ދެންވެސް ޙަޤީޤަތް ހާމަކުރާކަށް އިޔާދު ބޭނުމެއްނުވިއެވެ. އޭނާ ބުނީ އެއީ ގީތާގެ ބަނޑުގައިވާ ދަރިފުޅަށް ރަނގަޅަކަށް އަޅާ އެއްޗެއް ކަމަށެވެ. އެހެން ބުނަމުން، އޭނާ ގީތާގެ އުނަގަނޑުގައި ތަވީދު އަޅުވައިފިއެވެ. އެޔާއެކު، ގީތާއަށް ހީވީ އޭނާއަށް މުޅި ދުނިޔެވެސް އެނބުރިގަތްހެންނެވެ. އާދަޔާ ޚިލާފަށް ވޭނާއެކު ބަނޑަށް ތަދުވާން ފަށައިފިއެވެ. ހީވަނީ އެ ތަވީދުގެ ސަބަބުން އުނދަގޫވެގެން ދަރިފުޅު ނިކުންނަން އުޅޭހެންނެވެ. ގީތާއަކަށް އެ ވޭނަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ބާރަށް ރޯން ފަށައިފިއެވެ.

[އައްދިޔޯއި....އިޔާދު...އަހަރެން ސަލާމަތްކުރޭ....އަހަރެންގެ ބަނޑު ފަޅައިގެންދަނީޔޭ....] ގީތާ ތެޅިފޮޅެން ފަށައިފިއެވެ. އިސާހިތު ޝަޒާދާއާއި ޝާރިޔާވެސް އެތަނަށް އަތުވެއްޖެއެވެ.

[އިޔާދު...އަޅެ ދެންމެ ތި އެޅި ތަވީދު ނަގާ...އަހަރެންގެ ބަނޑުގައި މި ވޭން އަޅަން ފެށީ ތަވީދުގެ ސަބަބުން...] ކުއްލިއެއް ޖަހާފައި ގީތާ ތަވީދު ކަނޑާ ހޫރާލައިފިއެވެ.

އެޔާއެކު އޭނާގެ ބަނޑުގައި އަޅަމުންދިޔަ ވޭންތައްވެސް ވަގުތުން ހުއްޓުނެވެ. އެހާ ހިސާބުން އެއީ އެ ތަވީދުގެ ކަމެއްކަން އިޔާދާއި ނަޒްމީއަށް ކަށަވަރުވިއެވެ. ވުމާއެކު، އެވެރިން ޢަބްދުﷲ ބެއަށް ކުރަމުން އައި އިތުބާރު އެކަށް ހިނގައްޖެއެވެ. ޢަބްދުﷲބެގެ މަސައްކަތްވީ ގީތާއަށް ވޭނަކަށެވެ. އެކަމާ އިޔާދު ވަރަށް ކަންބޮޑުވެއްޖެއެވެ. އަނެއްކާވެސް، ފަންޑިތަ ހަދާ އިތުރު މީހަކު ފެނޭތޯ މަސައްކަތް ކުރަންވީތާއެވެ.

ގައިމެވެ. މަލަކާގެ ފުށުން ގީތާ ސަލާމަތްކުރާކަށް އެނޫން ގޮތެއް އޭނާއަކަށް ނެތެވެ. މަލަކާގެ ކިބައިން އޭނާގެ ނަފްސު ސަލާމަތް ކުރެވުނަސް ހިތްހަމަޖައްސާލެވޭކަށް ނެތެވެ.

މަލަކާ ގީތާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެއީ ކުޑަ ބިރެއް ނޫނެވެ.

[ނެތް...ކިހިނެއްތަ ހަދަންވީ؟] ގޮތް ހުސްވެފައިވާ އިޔާދު ވާހަކަ ދެއްކީ ނަޒްމީއާއެވެ.

[އަދިވެސް ޢަބްދުﷲބެ ގާތަށް ދާނީ. އެހެންނޫނީ އާދަމްބެއާ ގުޅައިގެން، އެރަށުގެ އެހެން މީހަކުވެސް ހޯދިދާނެ.] ނަޒްމީ ލަފާދިނެވެ.

[ދެންވެސް ގެނެސް އަޅާ ތަވީދެއްގެ ސަބަބުން ގީތާއަށް ވޭނަކަށް ވެދާނޭތީ، އަހަރެން ވަރަށް ކަންބޮޑުވޭ....] އިޔާދު ބުންޏެވެ.

[އަބަދަކު އެއްގޮތެއް ނުވާނެ. މިއަދު ވީގޮތެއް ކޮންމެފަހަރަކު ތަކުރާރެއް ނުވާނެ.] ނަޒްމީ އިޔާދުގެ ހިތްހަމަޖައްސާލަދިނެވެ.

[ކިހިނެއްވާނެބާ، ވިހޭމަ ތަވީދު އަޅުވަން. މިހާރު އެއިނީ ވިހަންވެސް ވަރަށް ކައިރިވެފައި.] އިޔާދުގެ ޚިޔާލު ބަދަލުވިއެވެ.

[އޭތީގެ އުނދަގުލެއް ނުފޯރަންޏާ، ބޮޑަށް ރަނގަޅުވާނީވެސް ވިހެއުމަށްފަހު ތިކަމާ އުޅެން.] ނަޒްމީ ބުންޏެވެ.

ނަޒްމީއާ ދެމީހުން ވާހަކަ ދެއްކުމަށްފަހު، އެދުވަހު އިޔާދު ނިންމީ، އެކަމާ އުޅުން ފަސްކޮށްލުމަށެވެ. ތަވީދު އެޅީމާ ވީގޮތް ފެނި، އިޔާދު އެހުންނަނީ ހިސާބަކަށް ބިރުވެސްގެންފައެވެ.

ނަމަވެސް، ގީތާގެ ބަނޑުގައިވާ ދަރިފުޅާ ދޭތެރޭ އޭނާ ޝައްކެއް ނުކުރެއެވެ. އޭނާ ޔަޤީންކުރެއެވެ. ގީތާގެ ބަނޑުގައި ވަނީ އޭނާގެ ޙަލާލު ދަރިއެކެވެ. އެއީ އޭނާގެ ލޭގެ ނިޝާނެކެވެ. ވުމާއެކުވެސްމެއެވެ. އެ ދަރިފުޅު އުފަންވާނޭ ދުވަހަކަށް އޭނާ އިންތިޒާރު ކުރެއެވެ.

މިހާރު ދުވަސްތައް ފާއިތުވަމުން ގޮސް ގީތާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ދެން އޮތީ ވިހެއުމެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން