ޞާދިރު ޢަލީދީދީ   18 ޖޫން 2020 - 14:34
ފިނިނޭވާ
ފިނިނޭވާ
16 ވަނަ އެޕިސޯޑް

==========

[މައްސަލައެއް ނެތް. އަހަރެން ތިކަން ކޮށްފާނަން. އެކަމަކު އަހަރެން އެއްވެސް މީހަކަށް ތިންފަހަރަށްވުރެން ގިނަޔަކުން ނުގޮވާނަން....ޝިޔާވެސް ޖެހޭނެ، އެހާވަރުން ހޭލަން. އެހެންނޫނީ، މޫނުމައްޗަށް ފެން އެއްޗެއް އޮއްސާލުމަށްފަހު އަހަރެން ރައްކާވާނަން.] ފަރުސާނު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ބުންޏެވެ.

[އަހަރެން ތިގޮތަށްވެސް އެއްބަސް. އަހަންނަށް ޔަޤީންކަން އެބައޮތް، ފަރޫއަކަށް ދެވަނަފަހަރަކު އަހަންނަށް ގޮވާކަށް ނުޖެހޭނެކަން.] މިހެން ބުނެފައި ޝިޔާޒް އޭނާގެ އުނގުގައި އޮތް އޭނާގެ ދަރިފުޅާ ލޯބިކޮށްލިއެވެ.

[ޝިޔާ ދެން އަހަރެމެން ދަނީ....] ފަރުސާން ޝިޔާޒްގެ އުނގުގައި އޮތް ދަރިފުޅުގެ ކޮލުގައި ނުހަނު ލޯބިން ހިފާލަމުން ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ޝިޔާޒް ދަރިފުޅު އުރާލައިގެންގޮސް ޒާހިޔާގެ އަތަށްދިނެވެ.

[ދަރިފުޅާ....މަންމަ ހާދަ ދެރަވެޔޭ، ދަރިފުޅު ތިއުޅޭ މޮޅި ޙާލު ފެނުނީމަ....މަންމަ އަބަދުވެސް ބުނަމެއްނު، ކިތަންމެ ހިތާމަކުރިޔަސް ޝިފާ ދެން އެނބުރި ނާންނާނެއޭ.] ޝިޔާޒަށް ހިތްވަރު ދިނުމުގެ ގޮތުން މައިދައިތަ ޒާހިޔާ ބުންޏެވެ. ޝިޔާޒް ގަދަކަމުން ހިނިތުންވުމެއްގެ އަސަރު ތުންފަތްމައްޗަށް ވެރިކުރުވައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

ޖެހިގެން އައި ހުކުރު ދުވަހު ފަތިހު ފަހެއް ޖެހުމުގެ ކުރިން ފަރުސާން، ދަތުރުގެ ހުރިހާ ބައިވެރިންނަށް ގޮވައި، އެންމެން އެއްތަން ކުރުވިއެވެ. ފުރަތަމަ ހުރިހާ މީހުންވެސް ދިޔައީ ޝިޔާޒްމެންގެ ގެއަށެވެ. ދަތުރަށް ފެށީ އެގެއިންނެވެ.

[ވާނެދޯ ސީނާމެންގެއަށް ވަދެލަން....] ފެރީއަށް އަރަމުން ދަތުރުގެ އެއްބައިވެރިއަކު ކަމުގައިވާ ޒާހިދު ޝިޔާޒާ މުޚާޠަބު ކުރިއެވެ.

[އަހަންނަށް ލާހިކެއް ނޫން. މިހާރު އޭނަވެސް އުޅޭނީ ކޮންމެވެސް މީހަކާ އިނދެގެން. އަހަރެން އެގެއަށް ގޮސްފިއްޔާ، މަސްލަޙަތު ގެއްލި، އޭނާގެ ދިރިއުޅުމަށް ހިރަފުސްބުރާފާނެ. އޭނާ އަހަންނާ ހެދި ލައްކަ ދުވަހު ހިތާމަވެސް ކުރި. އަލުން އޭނާއަށް ފެނި، އޭނާގެ ޙަޔާތަށް ވިހަލާކަށް އަހަރެން ބޭނުމެއް ނޫން.] ޝިޔާޒް ގާގަނޑުމައްޗަށް އަރައި އިށީންނަމުން ބުންޏެވެ. އޭރު ފެރީ ވިލިނގިއްޔާ ދިމާއަށް ދަތުރު ފަށައިފިއެވެ.

[ޝިޔާ ތިވަރަށް ފިނޑިވާކަށް ނުވާނެ. ކޮންމެ ކަމެއްގައިވެސް ކުރިމަތިލާން ވާނީ ކެރިގެން....މިވަގުތު ޝިޔާގެ ދިރިއުޅުމަށް މުހިންމުވާނީ ޝިޔާދެކެ ލޯބިވާ އަންބެއް.] ފަރުސާން ޝިޔާޒަށް ވިސްނައިދިނެވެ.

[އިރެއްގަ ލޯބިވިޔަސް މިހާރަކު ނުވާނެ.] ފަރުސާނާއި ޒާހިދު ކިތަންމެ ވިސްނައިދިނަސް، ޝިޔާޒްގެ އުއްމީދެއް އަލެއް ނުވިއެވެ.

ފެރީ ވިލިނގިލީ ފަޅުތެރެއަށް ވަންއިރުވެސް ޝިޔާޒްމެން ތިބީ މިފަދަ ޚިޔާލު ތަފާތުވުންތަކެއްގައެވެ. ދޯނިން ފައިބައިގެން ޝިޔާޒްމެން މިޞްރާބްޖެހީ ޢާންމުކޮށް ދަތުރު އަންނަ މީހުން އެންމެ ގިނައިން އެއްވާ ސަރަޙައްދާ ދިމާއަށެވެ.

[ކޮންތާކަށްދާން ތިއުޅެނީ؟] ސީނާގެ މަންމަ އަމީނާ ވާހަކަ ދެއްކީ ސީނާއާ އެވެ. އޭރު ސީނާ، އޭނާގެ ދަރިފުޅު ޝިފާންގެ އަތުގައި ހިފައިގެން ނުކުންނަނީއެވެ.

[މިއަދު ވަރަށްގިނަ މީހުން ދަތުރު އަންނާނެއެއްނު....މިއުޅެނީ ދަރިފުޅު ގޮވައިގެން އަތިރިމައްޗަށް ގޮސްލަން ކަމަށް. ޢާޞިމް އަތުވެއްޖެއްޔާ، މަންމަ ބުނޭ، އަހަރެން ވަރަށް އަވަހަށް އަންނާނަމޭ.] ސީނާ ހިނގައިގަތެވެ. އޭރު ޢާޞިމް އެގެއަށް ވަންނަން ދިމާކުރަނީއެވެ. ޢާޞިމް ފެނުމުން ސީނާ ހުއްޓުނެވެ.

[މާހެނދުނަކާ ކޮންތާކަށް؟] ޢާޞިމް އެއްސެވެ.

[ފިނިކޮށްލަން....އާދޭ ޢާޞިމްވެސް....] ސީނާ ދަރިފުޅު އުރާލަމުން ހިނގައިގެންފިއެވެ. ފަހަތުން ޢާޞިމްވެސް ހިނގައިގަތެވެ. އެހިނދު މަޑު ރީނދޫ ކުލައެއްގެ ޕާކިސްތާނު ހެދުމެއްގައި ހުރި ސީނާގެ ޖާދުވީ ރީތި ސިފަތަކާ ދޭތެރޭ އޭނާއަށް ވިސްނެން ފެށުނެވެ. އޭނާގެ ހިތަށްއަރާ ފައިބަމުން ދިޔައެވެ. ސީނާފަދަ ފަތްމިންޏަކަށް ލޯބި ކާމިޔާބުވުމުގައި ނާކާމިޔާބާ ކުރިމަތިވީ ކީއްވެގެން ހެއްޔެވެ؟ ޔަޤީނެވެ. އޭނާގެ ހުރިހާ ޙަރަކާތެއްވެސް އެހާ ފުރިހަމަވާނެއެވެ. އެބުނާ މީހަކު ދެކެ ސީނާ އެވީ ލޯބި އަހަރެންދެކެވީނަމަ، ކިހާ ރަނގަޅު ހެއްޔެވެ؟ ގައިމެވެ. ބަދަލުގައި އަހަރެން އެއަށްވުރެން ބޮޑަށް ސީނާދެކެ ލޯބިވާނަމެވެ. ލޯބި ދޭނަންވެސްމެއެވެ. ވަފާތެރިކަމާއި ތެދުވެރިކަމާ އެކުގައެވެ. އަހަންނާމެދު ފަޚްރުވެރިވާވަރަށެވެ.

[ޢާޞިމް ހާދަ ފުން ޚިޔާލެއްގަ ހުރިހެން ހީވެޔޭ. އަނެއްކާ މެދުއިރުމަތީގެ މައްސަލައާ ދޭތެރޭ ވިސްނަނީތަ؟] ޢާޞިމް ޚިޔާލީ ނިދިން ހޭލައްވާލީ ސީނާއެވެ. ސީނާގެ އަޑަށް ޢާޞިމް ސިހުނުވެސްމެއެވެ.

[ހިތަށްއަރަނީ އަހަރެން ސީނާއާ ދޭތެރޭ ވިސްނާވަރަށް ސީނާ އަހަންނާ ދޭތެރޭ ވިސްނާނެބާއޭ. ގައިމުވެސް އަހަރެން ބޭނުން، ސީނާއާއެކު ވަރަށް އުފާވެރި ދިރިއުޅުމެއް ހޭދަކުރަން.] ސީނާއާ އެއްވަރަށް ހިނގަމުން ޢާޞިމް ވާހަކަ ދެއްކިއެވެ.

[އަހަރެން ޢާޞިމަށް ތެދުވެރިވެވޭތޯ ވަރަށް މަސައްކަތް ކުރާނަން...އެކަމަކު ފަހަރެއްގައިވެސް ބުނާކަށް ނުކެރޭނެ، އަހަރެންގެ ހިތުގެ ކޮންޓްރޯލް އަހަންނަށް ލިބޭނެއެކޭ....] ކޮންމެވެސް ވަރަކަށް މާޒީގެ ހަނދާންތަކެއް ސީނާގެ ސިކުނޑީގައި ކުރެހުނެވެ.

[ތިހެން ނުބުނޭ ސީނާ....ހިތް ކޮންޓްރޯލް ކުރުމަށް ޢަޒުމް ކަނޑައަޅާބަލަ. ފުރަތަމަ ލޯބީގައި އަހަރެން ކުރަން ޖެހުނުފަދަ ހިތި ތަޖްރިބާއެއް ކުރަން ޖެހިއްޖެއްޔާ، އަހަރެންގެ ދިރިއުޅުމުގައި ލޯބީގެ ކުލަޖެހުން ނަޞީބުގައި ނެތީކަމަށް އަހަރެން ނިންމާނަން....] ޢާޞިމް ކުޑަކޮށް މަޑުޖެހިލިއެވެ. ސީނާވެސް ހުއްޓުނެވެ.

[މީހުން ބުނޭ، އެކުގައި އުޅޭތާ ދުވަސްވުމުން ލޯބި އުފެދޭނެއޭ...އަހަރެން އުންމީދު ކުރަނީވެސް އެގޮތް...އަހަރެން ކިތަންމެހާވެސް ބޭނުން، އަހަންނަށް ފެނުނު ހުވަފެން މަތިން ހަނދާން ނައްތާލަން....] ސީނާ އަނެއްކާވެސް ކުރިއަށް ހިނގައިގެންފިއެވެ.

[އިރާދަކުރެއްވިއްޔާ، މާތްރަސްކަލާނގެ އަހަންނަށް ކާމިޔާބު ދެއްވާށި....] ޢާޞިމްވެސް ކުރިއަށް ހިނގައިގަތެވެ. ވިލިނގިލީ އަވަށަށް ދަތުރު އަންނަ މީހުން އެންމެ ގިނައިން އެއްތަންވާ ހިސާބާ ދިމާއަށެވެ. ނެތްވަކަށް ވެގެން ކުރީގައި ހުރީ ސީނާއެވެ. ޢާޞިމް ދިޔައީ ސީނާގެ މިޞްރާބަށް ސީނާގެ ފަހަތުންނެވެ. ވަކިހިސާބަކަށް ދެވުމާއެކު، ޢާޞިމް ސީނާގެ އުރުގައި އިން ދަރިފުޅު އުރާލިއެވެ. ސީނާ ނުހަނު ލޯބިން ކުޑަކުޑަ ޝިފާންގެ ކޮލުގައި ހިފާލަމުން ހިނގައިގަތެވެ. އޭރު އެމީހުންނަށް ތިބީ އެންމެ ގިނައިން މީހުން ހޭލަމޭލަވާ ހިސާބަށް އާދެވިފައެވެ.

[ވަރަށް ހިތްފަސޭހަ މާޙައުލެއްދޯ ސީނާ؟] ޢާޞިމް ސީނާއަށް ދޯ އެއްލުމަށްފަހު ގޮނޑުދޮށުގައި އިށީނދެއްޖެއެވެ. އޭނާއާ ދާދި ގާތުގައި ސީނާވެސް އިށީނެވެ.

އެއީ ޝިޔާޒާއި އޭނާގެ ބައިވެރިންވެސް އެހިސާބަށް އައި ވަގުތެވެ. ފުރަތަމަ ސީނާ ފެނުނީ ފަރުސާނަށެވެ. އޭނާ އަވަސް އަވަހަށް ޝިޔާޒްގެ ގައިގައި ކޮއްޓާލިއެވެ.

[އެއިނީ ސީނާއެއް ނޫންތަ؟] ފަރުސާނު އިނގިލިން ސީނާއަށް އިޝާރާތް ކުރިއެވެ. ޝިޔާޒްު އެދިމާއަށް ބަލައިލިއެވެ. ނަމަވެސް އޭރު އެމީހުންނަށް ތިބެވުނީ މާދުރުގައި ކަމުން، އެއީ ސީނާ ކަމަށް ޝިޔާޒަކަށް ޔަޤީނެއް ނުކުރެވުނެވެ.

[އެއީ ސީނާއެއް ނޫން...އޭނަ އެހާ ހިއްކެއްވެސް ނުވާނެ. ހިނގާބަލަ، ތަންކޮޅެއް ގާތަށް....] ޝިޔާޒާއި ފަރުސާން އެދިމާއަށް ހިނގައިގަތެވެ.

[ޝިޔާއާ ހެދި ހިތާމަކޮށްކޮށް ހިކުނީ ކަމަށްވެސް ވެދާނެއެއްނު.] ޙަޤީޤަތުގައިވެސް ފަރުސާނަށް ބުނެވުނީ ޙަޤީޤަތަށެވެ. ސީނާގެ ރީތި ހަށިގަނޑަށް އައިސްފައިވާ ބަދަލުގެ ޙަޤީޤަތަކީ ސީނާ ޝިޔާޒެވެ. ނޫނީ އޭނާއަށް ނުލިބުނު ޝިޔާޒްގެ ލޯތްބެވެ.

ވަކިހިސާބަކަށް ގޮސް ޝިޔާޒް ހުއްޓުނެވެ. ވެދާނެއެވެ. ގޮނޑުދޮށުގައި ކުޑަކުއްޖަކު އުނގަށްލައިގެން އިން އަންހެން ކުއްޖަކީ ސީނާކަން އޭނާއަށް ޔަޤީން ކުރެވުނީއެވެ.

[އެއީ ސީނާ....އޭނާއަށް ނުފެންނަނީސް ހިނގާ ދާން....] ޝިޔާޒް އެނބުރި ދަތުރުގެ އިތުރު ބައިވެރިން ތިބި ހިސާބަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.

[ޝިޔާ...ބުނަން ތިވަރަށް ފިނޑިވެގެން އެއްކަމެއްވެސް ނުވާނެ....ސީނާ އެތާނގައި އިނަސް އަހަރެމެންނަށް އެހެން ހުރަސް ކުރެވިދާނެއެއްނު.] ފަރުސާނު ޝިޔާޒް ހިފެހެއްޓިއެވެ.

[އޭނަގެ ގާތުގައި އެއިނީ އޭނަގެ ފިރިމީހާ. ދެން މިހާރު އަހަރެން އެދެމަފިރިންގެ ދެމެދަށް ހުރަސް އެޅުމުގެ ޙައްޤެއް ނޯންނާނެ. އަހަންނަށް އެނގޭ، އޭނަ އަދިވެސް އަހަރެންދެކެ ލޯބިވާނެކަންވެސް. އެކަމަކުވެސް ވަރިހަމަ ހިނގާ ދާން.] ޝިޔާޒް އުޅުނީ ހިނގައިގަންނާށެވެ. އެއީ ސީނާ އެމީހުންނާވީ ފަރާތަށް އެނބުރު ވަގުތެވެ. އޭރު ޝިޔާޒަށް ހުރެވުނީ ސީދާ ސީނާއާ ދިމާއަށް ބަލަހައްޓައިގެނެވެ. އެހިނދު ސީނާއާއި ޝިޔާޒްގެ ހަތަރުކަޅި ހަމަވިއެވެ.

އެއަށްފަހު ހިނދުކޮޅަކަށް ސީނާ ހީވީ ގަނޑުވިހެންނެވެ. އޭނާގެ ޙަރަކާތްވެސް ހުއްޓުނުކަހަލައެވެ.

[ޝިޔާ....ޝިޔާ.....]ބޭއިޚްތިޔާރުގައި ސީނާގެ އަޑު ނުކުތެވެ. ދެން އޭނާއަށް ބަލައިލެވުނީ ޢާޞިމްގެ އުރުގައި އިން އޭނާގެ ލޯބީގެ ނިޝާން ކަމަށް އޭނާ ޤަބޫލުކުރާ ދަރިފުޅާ ދިމާއަށެވެ. ހަމައެއާއެކު، އޭނާގެ ހަނދާނުގެ ސްކްރީނަށް މާޒީގެ ދުވަސްތަކެއް ސިފަވާން ފަށައިފިއެވެ. އެމަންޒަރުތަކުގެ ސަބަބުން އޭނާގެ ހަލާކުވެފައިވާ ހިތަށާއި ސިކުނޑިއަށް ތަފާތު ގޮތްގޮތްވާން ފެށިއެވެ. އިރުކޮޅެއް ވަންދެން ޝިޔާޒާ ދިމާއަށް ބަލަން ހުރުމަށްފަހު، ދެން ފެނުނީ ތަފާތު މަންޒަރެކެވެ.

ސީނާ ބާރަށް ރޮއިގަންނަމުން ގެއާ ދިމާއަށް ދުއްވައިގަތެވެ. ހީވީ ބިރެއްފެނި، އެ ބިރުވެރިކަމަކުން ސަލާމަތްވުމަށް ދުއްވައިގަތްހެންނެވެ. މަންޒަރު ބަލަން ޙައިރާންވެފައި ހުރި ޢާޞިމް ދަރިފުޅު އުރައިގެން ސީނާގެ ފަހަތުން ހިނގައިގަތެވެ. ހިނގައިގަތުމުގެ ކުރިން ފަހަތުން އައުމަށް އޭނާ ޝިޔާޒްމެނަށް އިޝާރާތް ކުރިއެވެ. ޝިޔާޒް ކުޑަކޮށް ފަސްޖެހުނެވެ. އެކަން ޢާޞިމަށް ފާހަގަކުރެވުމުން، އޭނާ ހުއްޓި އޭނާއާއެކު އައިސްދިނުމަށް އެދި ތަކުރާރުކުރިއެވެ.

[ތިއީދޯ ޝިޔާޒަކީ.] ދެވަނަފަހަރަށް އެދުމުންވެސް ޝިޔާޒް ގުޑާނުލުމުން، ޢާޞިމް ޝިޔާޒާ ކުރިމަތިލިއެވެ. ޝިޔާޒް ބޮލުގެ އިޝާރާތުން އާއެކޭ ބުނެފިއެވެ.

[ތިޔައީ ސީނާގެ ހަޒްބަންޑްތޯ؟] މިސުވާލު ޢާޞިމާ ކުރީ ފަރުސާނެވެ. ޢާޞިމް ޝިޔާޒަށް ބަލައިލިއެވެ.

[ނޫން...އެކަމަކު މިއީ ސީނާގެ ދަރިފުޅު.] ޢާޞިމް ބުންޏެވެ. އިތުރު މަޢްލޫމާތަކާ އެކުގައެވެ.

[ތި ދަރިފުޅުގެ ބައްޕަ ކޮބައިތަ؟] ދަރިފުޅާ ދިމާއަށް ބަލައިލަމުން ޝިޔާޒް އަހާލިއެވެ. އެހާހިސާބުން ސީނާގެ ދިރިއުޅުމާ ބެހޭގޮތުން އޭނާއަށް ލިބިފައިވާނަމަ، ލިބިފައި ހުރި ހުރިހާ މަޢްލޫމާތަކާއި، ސީނާގެ ދިރިއުޅުމުގައި އޭނާގެ މަގާމަކީ ކޮބައިކަން ޝިޔާޒަށް އޮޅުންފިލުވައިދިނެވެ. ލިބުނު މަޢްލޫމާތުން ޢާޞިމްގެ އުރުގައި އިން ދަރިފުޅަކީ، އޭނާގެ ލެއިން އުފެދިފައިވާ ދަރިއެއްކަންވެސް އެނގުނެވެ.

[އާދޭސް ކުރަން ޝިޔާޒް ސީނާއަށް އެހީވެދީ. ސީނާ އަދިވެސް ޝިޔާޒްދެކެ ވަރަށް ލޯބިވޭ. ސީނާއަށް ސީނާގެ ލޯބި ލިބެން އޮއްވަކާ، އަހަރެން ސީނާއަކާ ނީންނާނަން.] ޢާޞިމް ބުންޏެވެ.

އެއަށްފަހު ޝިޔާޒް އޭނާގެ ދިރިއުޅުން ކުއްލިއަކަށް ކަހަލަ ގޮތަކަށް ބަދަލުވިގޮތް ވަރަށް އަސަރާއެކު ކިޔައިދިނެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

[މިހާރު...އަހަންނަށް ސީނާއަށް އެހީވެވިދާނެ. އެކަމަކު އޭރުން ޢާޞިމޯ، ޢާޞިމްވެސް ސީނާދެކެ ލޯބިވަމެއްނު...އަނެއްކާ ތިދެމެދަށް ވަދެ، ޢާޞިމްގެ ލޯބި ކަފުންކުރާހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް.....] ޝިޔާޒް ދެލޯ ފޮހެ، ލޮލުގައި ހުރި ކަރުނައިގެ އަސަރު ފިލުވައިލިއެވެ.

[އާނ، އަހަރެންވެސް ލޯބިވަން...އެކަމަކު އަހަރެންގެ ލޯބި ލިބިގަތުމުގެ ބޭނުމުގައި، ސީނާގެ ލޯބިން ސީނާ މަޙްރޫމް ކުރުވާކަށް އަހަރެން ބޭނުމެއް ނޫން...ޝިޔާޒް އާދޭ އަހަންނާއެކު. ސީނާ ގެއަށް ގޮސް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.] ޢާޞިމް ބާރަށް ހިނގައިގަތެވެ. ޝިޔާޒާއި ފަރުސާނުވެސް ޢާޞިމްގެ ފަހަތުން ހިނގައިގެންފިއެވެ. އެވަގުތު ޝިޔާޒްގެ ހިތަށް އެރިއެވެ.

************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން