ދިރިއުޅުމުގައި ކުރިމަތިވާ އުނދަގޫ ތަކާއި މުސީބާތް ތަކުން އެއްކިބާވެ، ދުނިޔޭގައި ހަމަޖެހި ލައިގެން އުޅެވޭނީ އެހެން މީހުންވެސް މިދުނިޔޭގައި އުޅޭކަމަށް ގަބޫލު ކޮށްގެންކަން ކަށަވަރެވެ. ނަމަވެސް މިހާރަކަށް އައިސް ތިމާމީހާ މިއީ ހުރިހާ ކަމެއް ދަންނަ އަދި އެންމެ މޮޅު މީހާކަމަށް ބަލައިގެން ހަމަ އެކަނި މިނިވަން ކަމަކީ ތިމާގެ އަމިއްލަ ހައްގެއް ކަމަށް ބަލައި އެހެން މީހުންގެ ހައްގުތަކަށް އެރޭ އިރުވެސް ހަމަ ރޭކާވެސް ނުލާމީހުން ގިނަ އެވެ.

ހަމަޖެހި ލައިގެން ހަމަޖެހޭ ދިރިއުޅުމެއް ބޭނުންނަމަ ވިސްނާ ފިކުރުކޮށްލަން މުހިއްމު ކަންތައްތައް ވަރަށް ގިނައެވެ. އެކަންކަމަށް ވިސްނައިގެން އުޅެވޭނަމަ މިނިވަންކަންވެސް އޮވެމެ، އުފާވެރި ދިރިއުޅުމެއް ހާސިލު ކުރެވިދާނެ އެވެ.

ކޮންމެ މީހަކުވެސް މިގަބޫލު ކުރަނީ އަނެކާގެ ވިސްނުން ގޯސް ކަމަށެވެ. އެއްވެސް މީހަކީ ކަމެއް ދިމާވެދާނެ ހާލަތު އެއްކޮށް ބަދަލު ކޮށްލެވޭނެ ކުޅަދާނަ މީހެއް ނޫނެވެ. ހާލަތު ބަދަލުވެ، ކަންކަން ތަރުތީބު ވެގެން ދާނީ ހުރިހާ އެންމެން ހިތް އެދޭގޮތަކަށް ނޫނެވެ. އެއީތަދުބީރެވެ. ތަދުބީރުގެ ޕްލޭން އެކަކަށްވެސް ނޭގެނެ އެވެ.

ވަރަށް ކުދިކުދި ކަންތައް ތަކުގައިވެސް އަހަރުމެން ހިތުތެރޭ ނުބައި ޚިޔާލު އުތުރި އަރައެވެ. ރައްޓެއްސަކަށް ގުޅާލުމުން ފޯނު ނުނެގުނަސް އަދި ފޮނުވާ މެސަޖަކަށް ޖަވާބު ނުލިބުނަސް އަހަރުމެން އެމީހަކާއި މެދު ދެކޭގޮތް ވަރަށް ގޯސް ކޮށްލަމެވެ. އަދި ހަމަ އެހެންމެ ހަޔާތުގެ ބައިވެރިޔާ ރައްޓެއްސަކާ އެކު ކޮފީއަކަށް ޖައްސާލިޔަސް އަހަރުމެން މިބަލަނީ ޝައްކުގެ ނަޒަރަކުން ނެވެ.

މީހަކު ކުރާ ކަމެއްގެ ސަބަބުން އެއްވެސް ނުބައި ނަތީޖާއެއް ނުނިކުންނަ ކަންކަމުގައި ވެސް އަހަރުމެން ހިތް ނުތަނަވަސްވެ އަދި ބަދަލު ހިފުމުގެ ރޫހެއް ސިކުނޑީގައި އަށަގަނުވަ އެވެ. މިއީ ވަރަށް ދެރަ ކަމަކެވެ. މީގެ ސަބަބުން ތިމާމީހާގެ ވިސްނުން ގޯސްވެ ހާސްކަމާއި ފިކުރު ބޮޑުވުމުގެ ތެރެއަށް ގެނބި ހިތް ނުތަނަވަސް ކޮށްލަ އެވެ.

ފިލްމެއްގައި ހުރިހާ ކަމެއް ތަރުތީބު ވެގެން ދާނީ އާޚިރުގައި އެފިލްމުގެ ބަތަލަށް ހުރިހާ މޮޅަކާއި ކާމިޔާބު ލިބޭ ގޮތަށެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތު އެގޮތަކަށް ތަރުތީބު ވެގެން ނުދާނެ އެވެ. ސަބަބަކީ އެކުގައި އުޅޭ އެންމެންނަކީ ތިމާ މީހާ ބޭނުންވާ ބީދައިން ކަންކަން ކުރާނެ ބައެއް ކަމުގައި ނުވާނެތީއެވެ. އެކަން ގަބޫލު ކުރަން ޖެހޭނެ އެވެ. އެކަމާއި ރުޅިގަދަވެ ކަންކަން ގަދަކަމުން ބަދަލު ކުރުމަށް މަސައްކަތް ނުކުރާށެވެ.

ދުނިޔޭގެ ހަމައާއި އުސޫލަކީ އުފާވެރިކަން އިހްސާސް ވުމާއި އަދި ހިތާމަ ތަކާއިވެސް ކުރިމަތި ވުމެވެ. ދިރިއުޅުމުގެ ރީތި ކަމަކީވެސް މިއެވެ. އުފާވެރިކަމެއް އިޙްސާސް ވާނީ ހިތާމައަކުން އަރައި ގަންނަ ހިސާބުން ނެވެ. ހާސްކަމަކުން އަރައި ގަތުމަކީ ހިތްހަމަ ޖެހުން ލިބުމެވެ. އެހެން ކަމަށްވާނަ އުފާވެރިކަން ހާސިލު ކުރުމަށް ގުރުބާނީ ތަކެއްވެސް ވާން އެބަޖެހެ އެވެ. ވިސްނާލުން މުހިއްމު ކަމަކީ އުފާވެރި ދިރިއުޅުމަކަށް ހިޔަނި އެޅޭގޮތަށް އަނދިރިކަމުގެ ތެރެއަށް ޣަރަގު ނުވުމެވެ.

އާއްމު ގޮތެއްގައި ކަމެއް ދިމާވުން އެކަމުގައި އަވަސް އަރައިގެންފި ނަމަ އެކަމަކަށް ފުންމައި ގަނެވެނީ އޭގެ އެންމެ ނުރަނގަޅު ދިމާލަށެވެ. ކަމެއްގެ ނިމުން ފަސޭހަ ކަމުގައި ވީނަމަވެސް ސިކުނޑީގައި އެތުރިއަރާ ޚިޔާލު ތަކަކީ ސުނާމީއެއް ގެނުވާފަދަ ކަންކަމެވެ. ހަމަޖެހިލައިގެން ހަމަ ނޭވާ ލުމަށްފަހު މަޑުމައި ތިރި ކަމާއި ފިނި ސިކުނޑިއަކުން އެކަމަކަށް ކުރިމަތި ލާށެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތީ އަހަރުމެން މިހާރު މިތިބި ހާލަތަކީ ކާބަފައިން ގެނެސް ދީފައިވާ ހާލަތެވެ. އެމީހުން ތަފާތު އުނދަގޫ ތަކުން އަރައި ގަންނަން ކުރި ބުރަ މައްސަކަތާއި އަދި ތަހައްމަލު ކުރި ވޭން އެނގި ލައްވާނީ ހެއްދެވި ފަރާތަށެވެ.

ކަމެއް ދިމާވުން ބިމުގެ ތެރެއަށް ގެނބި ގަންނާކަށް އަދި ނުޖެހެ އެވެ. އިންސާނުންގެ ސިކުނޑިއަކީ ދިމާ ވެދާނެ ހުރިހާ ކަމެއްގެ ހައްލު ހޯދޭ ވަރުގެ ކުޅާދާނަ ސިކުނޑި އެކެވެ. އިންސާނުންނަށް ތަހައްމަލު ނުކުރެވޭނެ ކަންތައްތައް މާތް ﷲ އިންސާނުންނަށް މެދުވެރި ނުކުރައްވާނެ ކަން ގަބޫލު ކުރާށެވެ.

ހަމަ ޖެހިލައިގެން، ސިކުނޑި އަމިއްލަ ނަފްސުގެ ބާރުގެ މައްޗަށް ގެނެސް، ކަމެއްގެ ހައްލު ހޯދަން އުޅޭނަމަ އެކަމެއް އެހާ އުނދަގޫ ނުވާނެ އެވެ. އެގޮތަށް މީހާ ބަދަލު ވުމުން ކޮންމެ ކަމެއްގެ ޙައްލު ހޯދަން އެމީހަކީ ހަމަ ވަރަށް މޮޅު މީހަކަށް ވާނެކަން ޔަގީނެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމަކީ އެންމެ މުހިއްމު ކަމެވެ.

މޮޅުގޮތަކަށް ކަންތައް ރާވާލަން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަ ވާނެއެވެ. އެހެނަސް އެކަން ކުރާކަށް އެހާ ފަސޭހައެއް ނުވާނެ އެވެ. ސަބަބަކީ ހުރިހާ ކަމެއް ގުޅިފައިވާނީ އެހެން ފަރާތްތައްވެސް ހިމަނައި ގެންނެވެ. އެމީހުންގެ ފަރާތުން ތިމާ ބޭނުންހާ ގޮތަކަށް ކަންތައް ވާނެ ކަމުގެ ޔަގީންކަން އޮތުމަކީ މައްސަލަ އެކެވެ. އެވިސްނުން ދޫކޮށްލުމުން ލިބޭ ހިތްހަމަ ޖެހުން މާބޮޑުވާނެ އެވެ.

އަހަރުމެނަށް މާސިންގާ އުއްމީދު ތަކެއް އިހްސާސް މިކުރެވެނީ އަހަރުމެންނަކީ ސިކުނޑީގެ ވިސްނުން ކޮންޓްރޯލް ކުރެވޭ ބަޔަކަށް ނުވާތީ އެވެ. ހިއްސު ތަކާއި އިހްސާސްތައް އެނބުރޭނީ ކަމެއްގެ އަސްލަށް ވާސިލު ނުވާ މިންވަރަށް ވުރެ ބާރުގައެވެ.

އުފާވެރިކަމާއި ހިތްހަމަ ޖެހިގެން ހުންނަ ވަގުތު ހިތައް އަރާނީ މުޅި ދުނިޔޭގެ ވެރިކަން ކުރެވިދާނެ ކަމަށެވެ. ހުރިހާ ކަމެއްގެ ހައްލު ހޯދޭނެ ގޮތް ކިޔާދެމުން ދާނީ ފެންނަހާ ކޮންމެ މީހެއްގެ ކައިރީގަ އެވެ. އެކަމަކު އެއީ ހަމަ ސިކުނޑީގެ ތެރޭ އެނބުރޭ ޚިޔާލުތަކެވެ. އެކަމެއް ހަގީގަތަކަށް ނުވާނެ އެވެ. އެހެންނަމަ މިދުނިޔޭގައި އޮންނާނީ މުޅީންވެސް އުފާވެރިކަމާއި ހަމަޖެހުމެވެ.

މިހަކާއި މެދު އިތުބާރު އުފެދި އެމީހެއްގެ ފަރާތުން ކުރެވޭ ފޮނި އުއްމީދެއް އޮންނަ އިރު، އެމީހެއްގެވެސް އޮންނާނީ އެމީހެއްގެ އަމިއްލަ ސިކުނޑިއެއްކަން ދަންނާށެވެ. އެސިކުނޑި ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް އެހެން މީހަކަށް ނޯންނާނެ އެވެ. އެމީހަކު އުޅޭނީ އެމީހެއްގެ ޚިޔާލީ ދުނިޔޭގަ އެވެ. އެހެން ކަމަށްވާނަ އުއްމީދު ކުރާ ހުރިހާ ކަމެއް އެގޮތަކަށް ކުރިޔަކަށް ނުދާނެ އެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އުއްމީދު ކުރެވޭ ފޮނި ހުވަފެން ތަކުގެ ނަތީޖާ މުޅިން ހާސިލު ނުވާނެ ކަމެވެ. ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލު ކުރުމަކީ މައްސަލައެއް ނޫނެވެ. ހަމަ މިއާއިއެކު އެފަދަ ނަތީޖާއެއް ނުނެރެވިދާނެ ކަމަށްވެސް ގަބޫލު ކުރަން ޖެހެއެވެ.

ހުރިހާ ކަމެއް މެދުވެރިވަނީ ތަދުބީރުގެ މަތިންކަމަށް ބަލައި، އެކަމެއް ވުން އިރާދައަށް ދޫކޮށްލައިގެން ތިބޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ތިމާއަށް ލިބޭ، ފައިދާ ހުރިކަމެއް ނުވަތަ އުފާވެރިކަމެއް ހާސިލު ކުރުމަށް އެއްވެސް ކަމެއް ނުކޮށް ދެއަތް އުރާލައިގެން ހުއްޓަސް އެކަމެއް އިރާދަ ނުކުރައްވާނެ އެވެ.

ގަބޫލު ކުރަން ދަތި ނަމަވެސް ތަބީޢީ ގޮތުން ކޮންމެ މީހަކަވީސް ދެމީހެކެވެ. އެއީ ނުބައި މިހާއާއި ރަނގަޅު މީހާއެވެ. މިދެސިފަ ކޮންމެ މީހެއްގެ ތަބީޢަތުގައި ހުންނާނެ އެވެ. އަޑުއަހަންވީ ނުބައި މީހާ ބުނާ އެއްޗެއްތޯ ނުވަތަ ރަނގަޅު މީހާ ބުނާއެއްޗެއް ތޯ ކަނޑައަޅާނީ އެމީހަކު އަމިއްލަ އަށެވެ.

ތަބީޢަތުގައި ހުންނަ ނުބައި މީހާ ބުނާގޮތަށް އަމަލު ބެހެއްޓޭނަމަ ކުރިމަތި ވާނީ ބިރުވެރި ކަމާއި ހާސްކަމެވެ. މީގެ އިތުރުން އަމިއްލަ ނަފްސް ކުއްވެރި ކުރެވޭނެ އެވެ. ތަބީޢަތުގަ ހުންނަ ރަނގަޅު މީހާ ބުނާގޮތަށް އަމަލު ބެހެއްޓުމުން ފައިދާއާއި އުފާވެރިކަން ލިބޭނެއެވެ. ހަމަ މިއާއިއެކު މީހުންގެ ހެޔޮ ދުޢާއާއި ނަސީބު މެދުވެރިވެ އަދި ޝުކުރުވެރި ވެވޭނެ އެވެ.

ކޮންމެ މީހަކުވެސް އުޅޭން ބޭނުން ވަނީ ވަރަށް ފަސޭހަ މާހައުލެއްގަ އެވެ. ނަމަވެސް މިގޮތަށް އެއްވެސް ފިކުރެއް ނެތި ފަސޭހަ މާހައުލެއްގައި އުޅޭނަމަ ދުނިޔޭގެ އެނބުރޭ އޮޔާއި ވައި ނޭގި ކަންކަން ހާސިލު ކުރުމަށް ދަތުރު ފަށައިގަތުމަށް ފަސޭހައެއް ނުވާނެ އެވެ.

ކުޑަ އިރުއްސުރެ މިދަސްވަނީ ރައްކާ ތެރިކޮށް އުޅުމަށެވެ. ފެންވާރާ ސާފު ތާހިރުކޮށް ތިބުމަށެވެ. ފުރާފުރިހަމަވެ، އަމިއްލަ ފައިމައްޗަށް ތެދުވުމާއި ހަމައަށް ހުރިހާ ކަމެއް މިހުންނަނީ ބަރާބަރަށް ތަރުތީބު ވެފައެވެ. އެއްވެސް އުނދަގުލެއް ތަހައްމަލު ކުރާނެ ފުރުސަތެއް ނުލިބެއެވެ. ބަލިއެނދުގައި އޮންނައިރުވެސް އެއްވެސް ފިކުރެއް ކޮށްލާނެ ފުރުސަތެއް މައިންބަފައިން ނުދެއެވެ. މީގެ ސަބަބުން ހަޔާތުގެ ހަގީގީ ހުންގާނުގައި ހިފައިގެން އޮޑި ދުއްވަން ފެށީމަ މިއަރަނީ ފަރަށެވެ. ދުނިޔެއަށް ލޯ ނުހުޅުވެ އެވެ. ކަންފަތަށް އިވޭ އަޑުތައް ނީވޭ ކަހަލަ އެވެ. އަނގަ ހުޅުވާލަންވީ ވަގުތެއް ނޭގެއެވެ.

އިންސާނުންނަކީ އަބަދުވެސް އެނެކާ ކޮޕީ ކުރާ ބައެކެވެ. ނަމަވެސް އެހެން މީހުންނާއި ތިމާ އަޅާ ކިއުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެން މީހުންނަށް ލިބިފައިވާ ތަނަވަސް ކަމާއި އަރާމު ދިރިއުޅުމަށް ހަސަދަ ވެރި ނުވާށެވެ. ހަސަދަ ވެރި މިވަނީ އެމީހުންނާއި އަމިއްލަ ނަފްސް އަޅާ ކިޔޭތީއެވެ.

މިގޮތަށް އަޅާ ކިއުމުން ނޭގި ނަމަވެސް މިވަދެވެނީ ހާސްކަމާއި ފިކުރު ބޮޑުވާ މާހައުލަކަށެވެ. މީގެ ސަބަބުން މުސްތަގުބަލް ފާގަތި ކުރުމަށް ކޮށާލަން ޖެހޭ މަގު ނުކޮށި ދާންވީ މިސްރާބު އޮޅި އޮޔާ ދެވެނީ އެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކަންކަން ހާސިލްވާނީ އެކި މީހުންނަށް އެކި މިންވަރަށެވެ. އެކަމާ ހަސަދަވެރި ނުވެ ހިތްހަމަ ޖެހިލައިގެނ އުޅުމަކީ މުސްތަގުބަލް އުޖާލާ ކުރުމަށް އެންމެ ފުރަތަމަ ކަނޑައަޅަންޖެހޭ އަޒުމެވެ.

ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހޭދަ ނުކުރެވޭ މީހުން މަދެއް ނޫނެވެ. މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި އެއްވެސް ފައިދާއެއް ނެތްގޮތަށް ގިނަވަގުތު ހޭދަ ކޮށްލާ މީހުން މަދެއް ނޫނެވެ. އުފާވެރި ދިރިއުޅުމަށް ބާއްޖަވެރި ކުރެވޭނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. ވަގުތު ބޭކާރު ނުކުރާށެވެ.

އިންސާނުންގެ ތަބީޢަތުގައި ހުންނަ އަނެއް ސިފައަކީ ގޮތް ދޫނުކުމެވެ. ދިވެހިންގެ ތެރޭގައި އެންމެ ގިނައީ އެމީހަކު ގަބޫލު ކުރާ ގޮތަކީ ހެޔޮގޮތް ކަމަށް ބަލާ އެކަމުގައި ދެމިތިބޭ މީހުންނެވެ. ނަމަވެސް ގޮތް ދޫކުރަން ޖެހޭ ހާލަތް ތަކުގައި ގޮތް ދޫކުރުމަކީ ބުއްދިވެރިންގެ ސިފައެކެވެ. ތިމާއަށް މަންފާ ނެތް ކަމެއްގައި އެހެން ބަޔަކަށް އޭގެން އުނދަގޫ ފޯރާނަމަ އެކަމެއް ދޫކޮށް ހަމަ ޖެހޭ މާހައުލެއް ގާއިމު ކުރުމަކީ ފަރުދީ ޒިއްމާއެކެވެ. މިޒިއްމާ އަދާ ކުރެވިގެން ނޫނީ އަމިއްލަ ހަޔާތްވެސް ބާއްޖަވެރި ނުކުރެވޭނެ އެވެ.

އެހެން މީހުންނަށް އަޅާލާ އެހީތެރި ވުމަކީ ބައެއް މީހުންގެ ހުންނަ ސިފައެއް ނޫނެވެ. ނަމަވެސް ލިބޭ މިންވަރަކުން ނިކަމެތިންނަށް އެހީތެރި ވުމަކީ އަމިއްލަ ނަފްސަށްވެސް ލިބޭނެ ހިތް ހަމަ ޖެހުމަކެވެ. ނަމަވެސް އެހިތްހަމަ ޖެހުންވެސް ބައެއް މީހުން ހޯދައި ނުގަނެއެވެ. އެހީތެރި ކަމަކީ ކޮންމެހެން ބައިވަރު ފައިސާތަކެއް އެބަޔަކަށް ދިނުމެއް ނޫނެވެ. އެހީތެރި ވުމުގެ ގޮތުން އުފާވެރި ބަސްތަކެއް ބުނެ ހީލުމަކީވެސް މުހިއްމު ކަމެކެވެ.

ތިމާއަށް ލިބިފައިވާ ގާބިލު ކަމާއި ކުޅަދާނަ ކަމަކީ އެހެން މީހުންނަށްވެސް އޭގެ މަންފާ ލިބެން ޖެހޭ ކަމެއް ކަމުގައި ގަބޫލު ކުރާށެވެ. ތިމާގެ ހުންނަ ނުކުޅުދުން ތެރިކަންވެސް އެހެން މީހުންނާ ހިއްސާ ކުރުމަކީ އަމިއްލަ ނަފްސް ދަށު ދަރަޖައަކަށް ވައްޓާ ލުމެއް ނޫނެވެ.

މީހުންނާއި އަޅާ ލާށެވެ. މަޢާފް ކުރުމުގެ ރީތި ސިފަ އަށަގަންނަވާށެވެ. ކޮންމެ މީހަކީވެސް އަނެކާގެ އެހީއަށް ބޭނުންވާ މީހެއް ކަމުގައި ދަންނާށެވެ. ދިރިއުޅުމަކީ މުސީބާތަކަށް ނަހަދާ އުފާވެރި ދިރި އުޅުމެއް ހޯދަން މަސައްކަތް ކުރާށެވެ. އުފާވެރި މުޖުތަމަޢެއް ބިނާ ކުރެވޭނީ އޯގާތެރި ކަމާއި އެހީތެރިކަން ހިއްސާ ކޮށްގެން އެކަކު އަނެކަކަށް އަޅާލައިގެން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން