އަހުމަދު މަސްނޫމް   17 އޮކްޓޯބަރު 2022 - 14:38
އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގެ ދައުރު ނިމުމާ ގުޅިގެން އދ.އަށް އެކި ގައުމުތަކުން ކަނޑައަޅުއްވާފައިވާ މަންދޫބުން ވަނީ މިނިސްޓަރ ޝާހިދަށާއި އެމަނިކުފާނުގެ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. މިގޮތުން ބަލާއިރު އެންމެ ގިނައިން އދގެ އެކިއެކި ގައުމުތަކުގެ މަންދޫބުން ފާހަގަ ކުރައްވާފައި ވަނީ މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށާއި، ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަން ފާޅުކުރުމަށާއި، ކުދި ދައުލަތްތަކާއި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތުކުރައްވާ މިފަދަ ގައުމުތަކަށް އިގްތިސާދީ ގޮތުން އިތުރު ސިނާއަތްތައް ފެށޭނެ ގޮތްތައް ހޯދުމަށް އެމަނިކުފާނު މަސައްކަތްކުރެއްވިކަމެވެ.

އާޖެންޓީނާއިން އދ.އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބް މަރިއާ ޑެލް ކާރމެން ސްކުއެފް ވިދާޅުވީ މިނިސްޓަރ ޢަބްދުﷲ ޝާހިދަކީ އެކުގައި މަސައްކަތް ކުރުމަށް ފަސޭހަ ބޭފުޅެއްކަމަށެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވާ ހުރިހާ ގައުމަކާއިވެސް އެކުވެރިކަން ބެހެއްޓުމުގެ އިތުރުން މިންތީގެ ހަމަހަމަކަން ގާޢިމްކުރެއްވުމަށް ޙާއްސަ އިސްކަމެއް ދެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޓްސްވާނާގެ ފަރާތުން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ކޮލެން ވިކްސެން ކިލަޕައިލް ވަނީ މިނިސްޓަރ ޢަބްދުﷲ ޝާހިދައް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ތައުރީފު ކުރައްވަމުން ވިދާޅުވީ ބޮޓްސްވާނާ ދާއިމީ މަންދޫބެއްގެ ހައިސިއްޔަތުން އަދި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން، އދ.ގެ އާންމު މަޖިލީހުގެ ރައީސާއި އެކު ކުރަންޖެހުނުހާ މަސައްކަތްތައް އެހާމެ ފުރިހަމަކަމާއިއެކު ކުރެވުނުކަމަށެވެ.

"މިނިސްޓަރ ޝާހިދު ފިޔަވައި އެހެން ބައިވެރިޔަކާއިއެކު މިހާ ކާމިޔާބުކޮށް ފުރިހަމަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެންނަށް މިފަދަ ޤާބިލް ލީޑަރެއް ދެއްވީތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން." އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މޮރޮކޯ ގެ ފަރާތުން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު އޮމާރް ހިލާލް ވެސް ވަނީ މިނިސްޓަރ ޝާހިދު އެކިއެކި މަސައްކަތްޕުޅުތަކަށް ތައުރީފް ކުރައްވާފައެވެ. އޮމާރް ހިލާލް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި މިނިސްޓަރ ޝާހިދު ކުރެއްވި މަސައްކަތްތަކަކީ ހާސިލްކުރަން ފަސޭހަ ކަންކަމެއް ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނު ގިނަ ކަންތަތްތައް ހާސިލުކުރުމަށް އެކިއެކި ގައުމުތަކުގެ އެއްބާރުލުން ހޯދަން މަސައްކަތްކުރައްވާ، ކެއްތެރިކަމާއިއެކު އެކުގައި މަސައްކަތްކުރަން އިސްކަމެއް ދެއްވިކަމަށެވެ. އަދި ހަމަ މިޔާއެކު އޮމާރް ފާހަގަކުރެއްވީ މިނިސްޓަރ ޝާހިދުގެ ކުޅަދާނަ ހުނަރާއި، ޑިޕްލޮމެސީ އާއި ޙާރިޖީ ދާއިރާގައި ކުރައްވާފައިވާ މަސައްކަތާއި މުރާލިކަމުގެ ސަބަބުން ފަސޭހަކަމާއެކު ހުރިހާ ގައުމުތައް ގުޅުވާލައިގެން ގިނަ އަދަދެއްގެ ގަރާރު ތައް އެކުލަވާލައި ފާސްކުރެވި އދ.އަށް އިތުރު މަގުބޫލުކަމާއި ވިޒިބިލިޓީ ހޯދައިދެއްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.އޮސްޓްރޭލިޔާއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު މިޗް ފިއިފީލްޑް މިނިސްޓަރ ޢަބްދުﷲ ޝާހިދައް ތައުރީފު ކުރަމުން ވިދާޅުވީ މިނިސްޓަރ ޢަބްދުﷲ ޝާހިދު އދގެ ރައީސް ކަމުގައި ހުންނެވި އިރު، އދ. ގެ އާންމު މަޖިލިހަކީ ދުނިޔޭގެ ރައްޔިތުންނަށް ފައިދާހުރި ތަނަކަށް ހެދުމަށް އެމަނިކުފާނު ބުރަކޮށް މަސައްކަތް ކުރެއްވކަމަށެވެ.

"އޮސްޓްރޭލިޔާ އަށާ ޕެސިފިކް ގެ އެހެން ގައުމުތަކާއެކު ބެހެއްޓެވި ގާތްކަން އަޅުގަނޑު ފާހަގަ ކުރަން. އަދި ދަންނަވަން، މިނިސްޓަރ ޝާހިދަކީ ކުދި ޖަޒީރާ ގައުމެއްގެ މިނިސްޓަރެއް. ވީމާ އދ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ބައްލަވާ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ އޮތް ނުރައްކާތަކުގެ ވާހަކަތައް ދުނިޔޭގެ ފެންވަރުގައި މަޝްވަރާ ކުރާތާކަށް ހެއްދެވި." އޭނާ ވިދާޅުވިއެވެ.

ޓެންޒޭނިއާއިން އދ.އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ކެނެޑީ ގޮޑްފްރޭ ގެސްޓޯން ވަނީ އެކުގައި މަސައްކަތް ކުރި އިރު ތަޖުރިބާ ކުރެވުނު ކަންކަން ފާހަގަކުރައްވާފައެވެ.

"މިނިސްޓަރ ޝާހިދުގެ އދގެ ރިޔާސަތުގައި އަޅުގަނޑު މަސައްކަތްކުރީ އދ. އާންމު މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން. އެމަނިކުފާނަކީ އާދަޔާ ހިލާފު ތަސައްވަރު ހުރި ލީޑަރެއް. މަސައްކަތް ކުރުމުގައި އަބަދުވެސް ފަރުވާތެރިކަން ބަހައްޓަވާ. ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން އެމަނިކުފާނު މެދުކެނޑުމެއްނެތި ހުރިހާ ވަގުތެއް ހޭދަކުރެއްވީ ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން ހައްލު ކުރުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުންނެވެ. އެއީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޢުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

މިއީ 1946 އަހަރުން ފެށިގެން އދ.ގެ ރިޔާސަތު ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ގަވައިދުން ބާއްވާ އިންތިހާބެކެވެ. 2021 ސެޕްޓެންބަރު 14 ގައި ފެށުނު ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން