ޞާދިރު ޢަލީދީދީ   13 އޮކްޓޯބަރު 2022 - 10:28
ހިސާބުބެއްލެވުން
ހިސާބުބެއްލެވުން
ޤިޔާމަތްދުވަހުގެ ތިންވަނަ މަރްޙަލާއަކީ ޙިސާބުބެއްލެވުމެވެ. އެއާބެހޭގޮތުން ކީރިތި ޤުރްޢާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. "ޤިޔާމަތް ދުވަހުން ޢަދްލުވެރި މީޒާން ބަހައްޓަވާނަމެވެ. ފަހެ، އެއްވެސް އެއްޗަކުން އެއްވެސް ނަފްސަކަށް އަނިޔާ ނުކުރެވޭނެއެވެ. ރެވިފުކެއްގެ ބަރުދަން ވާނަމަވެސް އަހަރެން އެ ގެންނަވާނަމެވެ. އަދި ހިސާބުބެއްލެވުމަށް އަހަރެން ފުދެއެވެ." މިފަދައިން ވަޙީކުރައްވާފައިވަނީ ކީރިތި ޤުރްޢާނުގެ އަންބިޔާ ސޫރަތުގައެވެ.

އެންމެހާ އިންސީންނާއި ޖިންނީންނާއި ޝައިތާނުންނާއި އަދި މަލާއިކަތުން މަޙްޝަރް މައިދާނުގައި ޖަމާކުރެވޭނެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާގެ ހެއްދެވި އެންމެހައި މަޙްލޫޤުން މަޙްޝަރުގެ މައިދާނުގައިހާޟިރުވެފައިވަނިކޮށް އެއިލާހުގެ މާތްމަތިވެރިކަމާއި ކިބްރިޔާވަންތަވެރިކަމާއި ޖަލާލުވަންތަވެރިކަމާއި އަދި ގައްހާރުވަންތަވެރިކަން އެހިލާހް ދައްކަވާނެއެވެ. އެންމެން ވާހުށީ ގަދަފަދަ މުޞީބާތުގައެވެ. ނަމަވެސް ހަމަ އެކަކަށްވެސް ހިރިލާންވެސް ނުކެރޭނެއެވެ.

އެހިނދު މާތް ނަބިއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޝަފާޢަތްތެރިވުމުގެ ހުއްދައާއި ޤަބޫލުކުރެއްވުމުގެ ވަޢުދު ހޯއްދެވުމަށް އެކަލާނގެ ހަޟްރަތަށް ދަންނަވާނެއެވެ. އެހިނދު މަޤާމުލް މަހުމޫދުގައި ޝަފާޢަތުގެ ދޮރު ހުޅުވިދާނެއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

ގެ މި ޝަފާޢަތަށް "އައްޝަފާޢަތުލް ކިބްރިޔާ" އޭ ކިޔެއެވެ. ރަސޫލާގެ މި ޝަފާޢަތަށް ފަހު، އެހެނިހެން ނަބީންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި ވަލީވެރީންނާއި، ޢިލްމުވެރިންނާއި، ޞާލިހުންނާއި އަދި ޅަފަތުގައި މަރުވެގޮސްފައިވާ ކުޑަކުދީންނާއި ހެޔޮޢަމަލުތައް ﷲ ގެ ހަޟްރަތުން ހުއްދަ ލިބުމުން ޝަފާޢަތްތެރިވާނެއެވެ. އަދި الله تعالى އެއެންމެންގެ ޝަފާޢަތްވެސް ޤަބޫލުފުޅު ކުރައްވާނެއެވެ.

ޝަފާޢަތަށްފަހު، ދެން ހިސާބުބެލުން ފެށިދާނެއެވެ. އެންމެހާ ނަބީންގެ ފަރާތުން ހެކިވާނީ ހަމައެކަނި މާތް ނަބިއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އުއްމަތުގެ މީހުންނަށެވެ.

އަދި އަމިއްލަފުޅު މި އުއްމަތުގެ ހެއްކަކަށްވެވަޑައިގަންނަވާނީ މާތް ނަބިއްޔާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَއެވެ.

ނަބީންނާއި ސުވާލުވެވޭނީ ހަމައެކަނި ހުކުމްތައް އިއްވުމާބެހޭގޮތުންނެވެ. ޙުކުމްތައް އިއްވެވުމަށްފަހު އަޅުތަކުންގެ ޙައްޤުތައް ހުށަހެޅޭނެއެވެ. އޭގައި އެންމެ ފުރަތަމަ ސުވާލު ވެވޭނީ ޝަހީދުންނާއެވެ. ޝަހީދުންނާކުރެވޭނީ ލޭގެ އަނިޔާވެރިކަމާ ގުޅޭގޮތޮންނެވެ. އޭގެފަހުން އާއްމު ޙައްޤުތަކާބެހޭ ގޮތުންނެވެ. ޢިލްމުވެރިންކުރެން ސުވާލުވެވޭނީ ޢަމަލުކުރުމާއި އަދި ތަބްލީޢައާ ބެހޭގޮތުންނެވެ. މުދާވެރިންނާ މުދަލާބެހޭ ގޮތުން ސުވާލުވެވޭއިރު ޙާކިމުންނާއި ޤާޟީންކުރެ ރައްޔިތުންގެ ޙައްޤުތަކާއި އިންޞާފުކުރުމާބެހޭގޮތުން ސުވާލު ވެވޭނެއެވެ. އަޅުވެރިންނާއި ޒާހިދުންކުރެން އަޅުކަމާއި ޒުހުދުގައި އިޚްލާޞްތެރިވުމާ ބެހޭގޮތުން ސުވާލުވެވޭއިރު، ދެމަފިރިންނާއި އެނޫން މީހުން ކުރެން އެކަކު އަނެކެއްގެ ޙައްޤުތައް އަދާކުރުމާ ބެހޭގޮތުން ސުވާލުވެވޭނެއެވެ. އެއަށްފަހު ދެން ސުވާލުވެވޭނީ އެންމެންގެ ޢަމަލުތަކާ ބެހޭގޮތުންނެވެ. ސުވާލުތައްވެވޭނީ ތަރުތީބުކަމާއެކުގައެވެ. އެގޮތުން އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއި ގުޅޭގޮތުންނެވެ. ދެން ރޯދައާއި ޒަކާތާއި އަދި ޙައްޖާގުޅޭގޮތުންނެވެ.



އެއަށްފަހު، ކޮންމެ މީހެއްގެ އަތަށް އޭނާގެ ޢަމަލުގެ ފަތްދެވޭނެއެވެ. އެޢަމަލުގެ ފަތުގައި އިންސާނާ ދުނިޔޭގައި ކުރިހާ ހެޔޮކަމަކާއި ނުބައިކަމެއް ލިޔެވިގެންވާނެއެވެ. ޢަމަލުތަކުގެ ފަތާއިބެހޭގޮތުން ކީރިތި ޤުރްޢާނުގައި ވަރަށް ގިނައިން އައިސްފައިވެއެވެ.

ކަހަފް ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ "އަދި ޢަމަލުގެ ފަތް ބޭއްވެވުމުން ކުއްވެރީން އެފަތުގައިވާ އެއްޗެެއްސާހުރެ ބިރުގަނެ އުޅޭތީ ކަލޭދެކޭނެއެވެ. އަދި އެމީހުން ބުނާނެއެވެ. އޭ އަހުރެމެންގެ ހަލާކެވެ! މިކަރުދާސްގަނޑަށް މިވީ ކީއްހެއްޔެވެ؟ ކުޑަބޮޑު ހަމަ އެކައްޗެއްވެސް ހިމަނާނުލައި ދޫކޮށެއް ނުލައެވެ. އަދި ދުނިޔޭގައި އެމީހުން ކުރިހާކަމެއް ކުރިމަތީން ޙާޟިރުވެފައިވާތީ ދެކޭނެއެވެ. އަދި ކަލޭ ހައްދަވައިގެންގުޅުއްވާ އިލާހް އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވެވޮޑިނުގަންނަވައެވެ." މިފަދައިންނެވެ.

ބަނީ އިސްރާޢީލް ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "އަދި އަހަރެން ކޮންމެ އިންސާނެއްގެ ޢަމަކުގެ ފަތް އޭނާގެ ކަރުގައި ތަތްކުރައްވައިފީމެވެ. އަދި އަހަރެން އޭނާއަށްޓަކައި ޤިޔާމަތް ދުވަހުން ޢަމަލުގެފަތް ނެރުއްވާހުށީމެވެ. އެހުޅުވިފައިވަނިކޮށް އޭނާ ދެކޭނެއެވެ. ތިމާގެ ޢަމަލުގެ ފަތް ކިޔާލާށެވެ. އަދި މިއަދު ކަލޭގެ މައްޗަށް ޙިސާބުކުރަން ކަލޭގެ ނަފްސު ފުދެއެވެ.

ކޮންމެއަކަސް، އިންސާނާގެ ދިރިއުޅުމުގެ ފުރިހަމަ ތަސްވީރެއްކަމުގައި އޭނާގެ ޢަމަލުގެފަތް ވާނެއެވެ. ހިއްސާބުބެއްލެވޭ ހިނދު އިންސާނާގެ ޙާލާމެދު ކީރިތި ޤުރްޢާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. "ފަހެ ޒައްރެއްގެ ބަރުދަނުގެ ހެޔޮކަން ކޮށްފައިވާ މިހާ އެކަން ދެކޭނެއެވެ. އަދި ހަމައެހެންމެ، ޒަރެއްގެ ބަރުދަން ނުބައިކަން ކޮށްފައިވާ މީހާ އެކަން ދެކޭނެއެވެ."

އިންސާނާގެ ޢަމަލުތަކުގެ މައްޗަށް އެންމެ ބޮޑު ހެއްކަކަށްވާނީ އިންސާނާގެ ގުނަންތަކެވެ. ޢަމަލުގެ ފަތް ބިނާވެފައިވަނީ އެގުނަންތަކުގެ ހެކީކެމައްޗަށެވެ. އެގޮތުން އިންސާނާގެ އަތާއިފައި އަދި ލޮލާއި ކަންފަތާއި ހަންގަނޑު އެއިންސާނާ ކުރިހާ ނުބައި ޢަމަލުތަކެއްގެ މައްޗަށް ހެކިދޭނެއެވެ.

ފާފަވެރީންނާބެހޭގޮތުން ޤުރްޢާނުގައި ޔާސީން ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ "މިއަދު އަހަރެން އެމީހުންގެ އަނގައިގައި ސިއްކަ ޖައްސަވާނަމެވެ. އަދި އެމީހުންގެ އަތް ވާހަކަ ދައްކާނެއެވެ. އަދި އެމީހުންގެ ފައި އެމީހުން ކުރި ކަންތަކުގެ މައްޗަށް ހެކިވާނެއެވެ." މިފަދައިންނެވެ.

ހާމީމް ސަޖިދާ ސޫރަތުގައި ކަންފަތާއޮ ލޮލާއި، އަދި ހަންގަނޑު ހެކިދޭނެ ވާހަކަ ބަޔާންވެގެން އައިސްފައިވެއެވެ.



******

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން