ޞާދިރު ޢަލީދީދީ   8 އޮކްޓޯބަރު 2022 - 14:4
ހަށިތަކާއެކު މަޙްޝަރުވުން
ހަށިތަކާއެކު މަޙްޝަރުވުން
* ހަށިތަކާއެކު މަޙްޝަރުވުން

އިސްލާމްދީނުގެ ޖުމްޙޫރުޢިލްމުވެރީންގެ ޢަޤީދާއަކީ ޤިޔާމަތް ދުވަހު "އަލުންދިރިގެން" އަންނަނީ ހަށިގަނޑާއި ފުރާނައާއި ދޭތިއެކުގައި ކަމުގައިއެވެ. ކީރިތި ޤުރްޢާނުގެ ވަރަށް ގިނަ ތަންތާނގައި ޤިޔާމަތް ދުވަހުން ފަނާވެގޮސްފައިވާ ހަށިތަކާއި، ފީވެގޮސްފައިވާ ކަށިތަކަށް ދެވަނަ ފަހަރަށް ފުރާނަ އެޅުއްވޭނެ ވާހަކަ ބަޔާންވެގެން އައިސްފައިވެއެވެ. އަދި އިންސާނާ ހަށިގަނޑާއި، ފުރާނައާއެކު މާތް ﷲ ގެ ހަޟްރަތަށް ޙާޟިރުވާނެއެވެ. ކޮންމެއަކަސް ޤިޔާމަތްވުމާމެދު އީމާންވާފަދައިން ހަށިގަނޑާއެކު މަޙްޝަރަށް ފޮނުވޭނެކަމުގެ މައްޗަށް އީމާންވާން ކޮންމެހެން ޖެހެއެވެ.

ދެންއޮތީ ޤިޔާމަތް ދުވަހުން ހަށިގަނޑުގެ މާހިއްޔަތާއި ހުންނާނެގޮތަކާއިމެދު އުފެދޭ ސުވާލެވެ. ޤުރްޢާނާއި ޙަދީޘްގެ އަލީގައި އޭގެ ޖަވާބުވެސް ލިބެން އެބައޮތެވެ. ވިސްނަވާށެވެ. އާޚިރަތް ދުވަހުން ފުރާނަތަކަށް ހަށިތައް ލިބޭނެއެވެ. އޭގައި ދުނިޔޭގައި ހަށިތަކުގައި ވާހާ ޙުޞޫޞިއްޔަތެއް ވުން ލާޒިމެއް ނޫނެވެ. ޙަޤީޤަތުގައި އާޚިރަތުގެ ހަށިތައްވާނީ ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކާއި އެއްގޮތަށެވެ. އާދެ! ކޮންމެ މީހެއްގެވެސް ހަށިގަނޑު ވާނީ މިދުނިޔެމަތީ އެމީހެއްގެ ޢަމަލުހުރި ގޮތަކުންނެވެ. މިސާލަކަށް ދުނިޔޭގައި މުޢުމިން ކަޅުމީހުން ޤިޔާމަތް ދުވަހުން އޭނަގެ ކުލަވާނީ އަލިވެގެންނެވެ. ނޫރުން ފުރިގެންނެވެ. ހަމައެގޮތަށް ދުނިޔޭގައި ދޮންކުލަހުރި ކާފިރަކު ޤިޔާމަތް ދުވަހުން އޭނާގެ ހަށިގަނޑުގެ ކުލަވާނީ ކަޅުއަނދިރި ވެގެންނެވެ. އޭނާގެ މޫނުމަތިން އަބާއްޖަވެރިކަމާއި ނުބައި ކަމުގެ އަސަރު ފާޅުވާނެއެވެ.

މާތް ނަބިއްޔާގެ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ޙަދީޘްގައި ވާގޮތުން ސުވަރުގެއަށް ވަންނަ އެންމެންވާނީ ޒުވާން ކަމުގައެވެ. ދުނިޔޭގައި މުޢުމިނަކު އުމުރުން ދުވަސްވެގެން މަރުވިނަމަވެސް ސުވަރުގެ ވަނުމުގެ ކުރިން އެމުޢުމިނު އަޅާ ޒުވާން ވެދާނެއެވެ. އަދި އޭނާގެ ހަށިގަނޑަށް ދުވަހަކުވެސް މުސްކުޅިކަމެއް ނާންނާނެއެވެ. ހަމަމިގޮތަށް ނަރަކަވެރިންނާ ބެހޭގޮތުން އެނގި ބަޔާންވެގެންވާގޮތުގައި ކުޅަދުންވަންތަ މާތް އިލާހު އެބައިމީހުންގެ ސޫރަތަށް ބަދަލުކުރައްވާނެއެވެ. ބައެއްމީހުން ބަދަލުވާނީ އޫރުގެ ސޫރައަށެވެ. ބައެއްމީހުން ވާނީ މަކުނުގެ ސޫރައަށެވެ. އަދި ބައެއްމީހުން ވާނީ ކުއްތާގެ ސޫރައަށެވެ. އެބައިމީހުން ދިރިގެން ތެދުވާނީ ހިތާއި ލޯކަނުވެގެންވާ ޙާލުގައެވެ.

ދުނިޔޭގައި ބޮޑާވެގެން އުޅުނު މީހުން ޤިޔާމަތް ދުވަހުން ދިރިގެން ތެދުވާނީ ހިނީގެ ސޫރައިގައިއެވެ. އަދި ކޮންމެ މީހެއްގެ ފައިތިލައިގެ ދަށުގައިވިއަސް ފިއްތާލާނެއެވެ. ބައެއްމީހުންގެ އެއްއަރިކަށި ވާގިނެތިފައިވާނެއެވެ. ބައެއްމީހުންގެ ނޭފަތް ފަރުބަދަވަރު ވާނެއެވެ. އަދި ބައެއްމީހުންގެ ތުންފަތް އެލިފައިވާނެއެވެ. އަނެއްބައެއްގެ މޫނުމަތީގައިވެސް ނުހުންނާނެއެވެ. އަދި ބައެއް މީހުންގެ އަނގައިން އަލިފާނުގެ ހުޅުތައް ނިކުންނާނެއެވެ. މިގޮތަށްގޮސް ކޮންމެ ސުވަރުގެ ވެރިޔަކާއި ނަރަކަވެރިއެއްގެ ސޫރަވާނީ އެމީހަކު މިދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކާއި އެއްގޮތަށެވެ.

*********

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން