ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި، އަދި ހިތްގައިމު ސިޓީއަކަށް ހެދުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން އަބަދުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަކީވެސް އެ ކުންފުނީގެ މައިގަނޑު އެއް އަމާޒެވެ.

ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކް ގާއިމުކޮށް އޭގެ ޚިދުމަތައް އެޗް.ޑީ.ސީ އިން މިވަގުތު ދަނީ ފުޅާ ކުރަމުންނެވެ. ސްމާޓްކޮމް ބްރޭންޑްގެ ނަމުގައި މި ފައިބަރ ވިއުގައިގެ ޚިދުމަތްތައް ފެށިތާ އަހަރެއްވީއިރު ވަނީ ކާމިޔާބު ކަމާއެކު ގިނަ ލަނޑުދަނޑިތަކެއް ހާސިލްވެފައެވެ. ފަސޭހަ އަދި ހަލުވިކަމާއެކު އިންޓަނެޓު އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ގާއިމުކޮށްފައިވާ މި ފައިބަރ ވިއުގައަކީ ރާއްޖޭގެ މިފަދަ އެންމެ ބޮޑު އޯޕަން އެކްސެސް ނެޓްވޯކެވެ.

މިގޮތުން އެޗް.ޑީ.ސީގެ ސްމާޓްކޮމްއިން ހާސިލު ކުރެވުނު ކަންތައްތަކަށް ބަލާލާއިރު، މިވަނީ އިންޓަނެޓު ނުވަތަ ޓީވީގެ ޚިދުމަތްތައްދޭ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ދިރާގު، އުރީދޫ، މީޑިއާނެޓު އަދި އާރު.އޯ.އެލް އާއެކު އޯޕަން އެކްސެސް ނެޓްވޯކު ޕާޓްނަރޝިޕް އެއްބަސްވުންތައް ހެދިފައެވެ. އަދި އެ ކުންފުނިތަކުގެ ޚިދުމަތްތަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް މި ވިއުގަ މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ޚިދުމަތްތައް ފެށިތާ މިވީ އަހަރެއްހާ ދުވަސްތެރޭގައި މިހާތަނަށް 11،000 އަށްވުރެންގިނަ އިންޓަރނެޓު ނުވަތަ ޓީވީގެ ޚިދުމަތް މި ވިއުގަ މެދުވެރިކޮށް ފޯރުކޮށްދެވިފަވާކަމެވެ. މީގެ އިތުރުން މިފަދަ މުއާސަލާތީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭގައި ތަރައްގީ ކުރެވެމުންދާ ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫއުތަކާ އެކުއެކީގައި މި ވިއުގަވެސް ދަނީ ފުޅާ ކުރެވެމުންނެވެ. މި ވިއުގަ މެދުވެރިކޮށް ފައިބަރ ޓު ދަ ހޯމް، ނުވަތަ އެފް.ޓީ.ޓީ.އެޗް ކަނެކްޝަން ވަނީ ހިޔާ ފްލެޓު، ސްޓެލްކޯ އަދި އެމް.އޭ.ސީ.އެލްގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ފޯރުކޮށްދެވިފައެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޒޯން 3 އަދި 5 ކަށް މި ވިއުގަ ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އެޗް.ޑީ.ސީގެ މި ކާމިޔާބު މަސައްކަތުގެ ފަހަތުގައިވާ އެއް ބަޔަކީ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގައި ތިބި ހީވާގި، ހުނަރުވެރި، އަދި ޤާބިލު ޓެކްނިކަލް ޓީމެވެ. މަދު މުވައްޒަފުން އަދި އެހެނިހެން ވަސީލަތްތަކާއެކު މިޓީމުގެ މަސައްކަތް ފެށިގެން އައި ދުވަސްވަރު އެންމެ ތިން ހަފްތާ ތެރޭގައި ހިޔާ ފްލެޓުގެ ހުރިހާ އެޕާޓުމަންޓަކަށް އެފް.ޓީ.ޓީ.އެޗް ގުޅާ ނިއްމާލުމަކީ ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ. އަދި އެއް އަހަރު ތެރޭގައި މި ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރު މިވަނީ އިތުރަށް ތަރައްގީވެ، މި ބިޔަ ވިއުގައިގެ ޚިދުމަތްތައް ފުރިހަމަ ކަމާއެކު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް މެދުނުކެނޑި ސައްވީސް ގަޑިއިރު ދަނީ ކުރަމުންނެވެ.

ސްމާޓް ކޮމްގެ މައިގަނޑު އަމާޒަކީ ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވާލަދިނުން ކަމަށްވާތީ އެޗް.ޑީ.ސީން މިކަން ކުރިއަށް ގެންދަނީ ކޮމިއުނިޓީއާ ވަރަށް ބޮޑަށް ގުޅިގެންނެވެ. އަދި އޯޕަން އެކްސެސް ނެޓްވޯކުގެ ޚިދުމަތްތަކަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވަނީ ކުޑަކުދިންނަށް ހުޅުވާލައިގެން "އިމޭޖިނިންގ އަ ސްމާޓް ސިޓީ"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ފަށާފައެވެ. މީގެ އިތުރުން ފުރާވަރުގެ ކުދިންގެ މެދުގައި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިމަކަށް ޝައުގުވެރި ކުރުވުމުގެ މަގުސަދުގައި ފީލްޑް ޓްރިޕް ތަކެއް ސާނަވީ ގްރޭޑުތަކުގައި ކޮމްޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންނަށް ބޭވުމަށް ވަނީ ހަމަޖެހިފައވެ. އަދި، ޒަމާނީ ޓެކްނޮލޮޖީތަކަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން "ޑިޖިޓަލް އިންކުލުސިވިޓީ އިވެޓް"ގެ ނަމުގައި އަންނަމަހު ހުޅުމާލޭގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި މި އިވެންޓުގައި ތަފާތު ޚިދުމަތްތައް ހޯދުމަށް ރައްޔިތުން އާއްމުކޮށް ބޭނުން ކުރަންޖެހޭ އެޕްލިކޭޝަންތައް ބޭނުން ކުރާނެ ގޮތާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން