ޞާދިރު ޢަލީދީދީ   2 އޮކްޓޯބަރު 2022 - 18:24
ޤިޔާމަތުގެ އަލާމާތްތައް
ޤިޔާމަތުގެ އަލާމާތްތައް
(ކުރީގެ އަދަދާގުޅޭ)

* ޤިޔާމަތުގެ ތާޅަފިލި އިއްވެވުން:

ޤިޔާމަތުލް ކުބްރާ ފެށޭނީ ތާޅަފިލި ފުމެލެވުމުންނެވެ. ތާޅަފިލީގެ އަޑު އެންމެ ފުރަތަމަ އިވޭނީ ވަރަށް މަޑުންނެވެ. އަދި ހިމައަޑަކުންނެވެ. ދެން އެއަޑު މަޑުމަޑުން ދާނީ ބާރުވަމުންނެވެ. އެއަޑު ބާރުވަމުންގޮސް އޭގެ އިންތިހާއަށް ދިއުމުން، އެވަގުތު ކާއިނާތުގެ ނިޒާމް އޮންނާނެ ގޮތުގެ ކުރުޚުލާސާއެއް ކީރިތި ޤުރްޢާނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.

"ބިން ވަރަށް ބާރަށް ހެލޭނެއެވެ. އަދި އެއަށްފަހު ބިން ފަޅައިގެންދާނެއެވެ. އުޑު، ވިރުވާލެވިފައިވާ ރަތުލޯގަނޑެއްހެން ވެދާނެއެވެ. އަދި އެއަށްފަހު އުޑުފަޅައިގެން ހިގައިދާނެއެވެ. ތަރިތަކުގެ އަލި ހިގައިދާނެއެވެ. އަދި އެތަރިތައް ވެއްޓިދާނެއެވެ. އިރާއިހަނދު އެކުވެދާނެއެވެ. އަދި އެއަށްފަހު އޭގެ އަލި ކަން ހިގައިދާނެއެވެ. ފަރުބަދަތައް ކުދިކުދިވެ ބިނދެފައިހުރި ކަފަތަކެއްހެން ވެދާނެއެވެ. ހުރިހާ އާތުތަކާއި ކަނޑުތައް އެކުވެގެން ދެމެންފަށާފާނެއެވެ. ބަލިވެއިން ކޮންމެ މަޔަކު އޭގެ ދަރިވައްޓާލެއެވެ. ކިރުދޭމައިން ކިރުބޯދަރިވެސް ދޫކޮށްފާނެއެވެ." ކީރިތި ޤުރުޢާނުގައި އައިސްފައި ވެއެވެ.

ކޮންމެއަކަސް ކާއިނާތުގެ ހުރިހާއެއްޗެއް އެގޮތް މިގޮތްވެދާނެއެވެ. އަދި ފަނާވެ ނެތިގެން ހިނގައިދާނެއެވެ. މިގޮތުން މަލަކުލްމައުތުއާއެކު އެންމެހާ މަލާއިކަތުންވެސް މަރުވެދާނެއެވެ. އެހިނދު މާތް ﷲ ވަޙީކުރައްވާ ވަޑައި ގަންނަވާނެއެވެ. "މިއަދު ރަސްކަންވަނީ ކޮންފަރާތަކަށް ހެއްޔެވެ؟" ޖަވާބުދޭނެ އެއްވެސް ފަރާތެއް ނެތުމުން އަމިއްލައަށް ވަޙީކުރައްވާވަޑައިގަންނަވާނެއެވެ.

" އެވަނީ، އެއްކައުވަންތަ، ގަދަވެ ވޮޑިގަންނަވާ ﷲ އަށް ޓަކައެވެ."

ހަދީޘްގައި އައިސްފައިވެއެވެ. އެންމެ ފުރަތަމަ ތާޅަފިލިފުމެލެއްވުމަށް ކިޔެނީ "ނަފްޚަތުލްފަޛުޢު" އެވެ. އެއިން އުޑާއި ބިމުގެ އަހްލުވެރިން ބިރުގަނެދާނެއެވެ. ހޭވެރިކަން ނެތިގެން އެތަންމިތަނަށް ދުވެހަދާނެއެވެ. އަދި ބައެއް މީހުން ގޮތްހުސްވެ ހައިރާންވެގެން ތިބެދާނެއެވެ. ކުޑަކުދީންނާއި ޒުވާނުން މުސްކުޅި ވެދާނެއެވެ. ހީވާނީ މީސްތަކުން މަސްތުވެގެން އުޅޭހެންނެވެ. އެހެނެއްކަމަކު އެމީހުންވާނީ މަސްތުވެގެނެއް ނޫނެވެ. ކަނޑުގައި އުޅަނދުތައް ހިލޭހެން ބިންހެލެން ފަށާފާނެއެވެ. ބިންހެލެން ފެށުމުން މީސްތަކުން ބޭޗާރުވެދާނެއެވެ. ފަރުބަދަތައް އުދުހިދާނެއެވެ. އަދި އެއަށްފަހު ފަރުބަދަތައް ދޮންވެލިހެން ހިމުންވެގެން ފައިބާނެއެވެ. ދެން ބިންފަޅައިގެން ހިނގައިދާނެއެވެ. އަދި އުޑުހެން ރަތްވެދާނެއެވެ. އިރާއިހަނދުގެ ނޫރު ނެތިދާނެއެވެ. ދެވަނަފަހަރަށް ތާޅަފިލިފުމެލެއްވުމުން ހުރިހާ އެއްޗެއް ފަނާވެދާނެއެވެ. ޙަދީޘް ޝަރަޙަކުރެއްވި ބޭކަލުންގެ ތެރެއިން ވައެއް ބޭކަލުން ވިދާޅުވެއެވެ. ނަފްޚަތުލްފަޛުޢުއާއި ދެވަނަ ނަފްޚާއާއިދެމެދު ހުއްޓުމެއް ވާނެއެވެ. އަދި ބައެއްބޭކަލުން ވިދާޅުވަނީ މިހުރިހާ ކަމަކީ ފުރަތަމަ ނަފްޚާގެ ދެމަރުޙަލާ ކަމުގައެވެ. ފުރަތަމަ މަރުޙަލާއިން ފަނާވާން ފަށާނީއެވެ. ދެން މަޑުމަޑުން އޭގެ އިންތިހާއަށް ގޮސް މުޅި ކާއިނާތުގައިވާ ހުރިހާއެއްޗެއްްމެ ނެތިގެންދާނެއެވެ. ޤިޔާމަތް ފެށެނީ މުޅިކާއިނާތުގެ ހުރިހާ ނިޒާމެއް ފަނާވެނެތިގެންދާ ހިސާބުންނެވެ. އެއީ ޤިޔާމަތުލް ކުބްރާގެ ފުރަތަމަ މަރުޙަލާއެވެ.

* ޤިޔާމަތުގެ ތާޅަފިލީގެ ޙަޤީޤަތް:

އާއްމުގޮތެއްގައި އިސްލާދީނުގެ ޢިލްމުވެރިން ވިދާޅުވަނީ ޤިޔާމަތް ދުވަހުން ތާޅަފިލި ފުމެލެވޭނެ ކަމުގައެވެ. ތާޅަފިލި ފުމެއްލައްވާނީ އިސްރާފީލް ޢަލައިހިއްސަލާމް އެވެ. މިއީ ﷲ ގެ ޙުކުމަށް އެއިލާހުގެ ޖަލާލުވަންތަވެރިކަމާއި، ހިސާބުބެއްލެވުމުގެ ބިރުވެރިކަން އިޢްލާންވާ ގޮތުން ފުމެލާ ތާޅަފިއްޔެކެވެ. މިފުމެލެއްވުމުން ހިނގާ ކަންތައްތައްވެސް ހިނގާނީ ﷲ ގެ ޙުކުމްފުޅަށެވެ.

********

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން