ޞާދިރު ޢަލީދީދީ   30 ސެޕްޓެމްބަރު 2022 - 15:13
ޤިޔާމަތުގެ އަލާމާތްތައް
ޤިޔާމަތުގެ އަލާމާތްތައް
(ކުރީގެ އަދަދާގުޅޭ)

* އިމާމް މަޙްދީ ފާޅުކުރެއްވުން:

ބަޔާންވެދިޔަ ޤިޔާމަތުލް ކުބްރާގެ ޢަލާމާތް ފިޔަވައި އަދި އެހެން ޢަލާމާތެއްގެ ވާހަކަވެސް ބައެއް ޙަދީޘްތަކުގައި އައިސްފައިވެއެވެ. އެ ޢާލާމަތަކީ، އިމާމް މަޙްދީގެނަމާއި ނަސަބު އަދި ސިފަތަކާއި ޢަމަލާބެހޭ ގޮތުން ޢިލްމުވެރީންގެ މެދުގައި ވަރަށް ބޮޑު އިޚްތިލާފެއްވެއެވެ. އަޙްލުލް ސުންނަތުގެ ޖުމްޙޫރު ޢިލްމުވެރީންގެ އަރިހުގައި އިމާމް މަޙްދީގެ ނަންފުޅަކީ "މުޙައްމަދު ބުނު ޢަބްދު ﷲ" އެއީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ނަންފުޅެވެ. އިމާމް މަޙްދީގެ ނަސަބާބެހޭގޮތުން ތިން ރިވާޔަތެއްވެއެވެ. އެއްރިވާޔަތެއްގައިވަނީ އިމާމް މަޙްދީވަނީ ﷲ ރުއްސުންލެއްވި އިމާމް ހަސަންގެ ދަރިކޮޅުން ކަމުގައެވެ. ދެވަނަ ރިވާޔަތުގައިވަނީ އެއީ ﷲ ރުއްސުންލެއްވި އިމާމް ހުސެއިންގެ ދަރިކޮޅުން ކަމުގައެވެ. ތިންވަނަ ރިވަޔާތުގައިވަނީ ﷲ ރުއްސުންލެއްވި ޢައްބާސްބުނު އައްބުދުލް މުއްޠަލިބުގެ ދަރިކޮޅުން ކަމުގައެވެ. ބައެއް ރިވާޔަތުގައި އައިސްފައިވާ ގޮތުގައި ވައްތަރާއިސިފަ އަދި އެތެރޭގެ ސީރަތު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَއާ ވަރަށް އެއްގޮތް ވެގެންވެއެވެ.

އިމާމް މަޙްދީއާބެހޭގޮތުން މިތާނގައި މަޝްހޫރު ތިން ޙަދީޘެއް ބަޔާންކުރަމެވެ.1. އަބޫ ދާއޫދާއި ތިރުމިޛީގައި ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބުނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިމަންރަސޫލާގެ އަޙުލުބައިތުންގެ ތެރެއިން އެކަކު ޢަރަބިންގެ މިލްކުވެރިއަކަށް ނުވަނީސް ޤިޔާމަތް ޤާއިމުނުވާނެއެވެ. އެމީހެއްގެ ނަންވާނީ ކީރިތި ރަސޫލާގެ ނަންފުޅުމަތީގައެވެ. އެމީހަކު ޢަދްލާއި އިންސާފުން، ބިންމަތި ފުރާލާނެއެވެ. އޭނާ އަންނައިރު އޮންނާނީ އަތްގަދަބަދަވިކަމާއި، އަނިޔާއިން ބިންފުރާލެވިފައެވެ."

2. ހާކިމް އަބޫ ޢަބްދު ﷲ އެކަލޭގެފާނުންގެ "މުސްތަދްރަކު"ގައި ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލްޚުދްރީގެ ކިބައިން ރިވާކުރައްވާފައެވެ. "އިމާމް މަޙްދީ ޢަދުލާއި އިންޞާފުން ބިން ފުރާލައްވާނެއެވެ. ބިމުގެ އަހްލުވެރިންނާއި އުޑުތަކުގެ އަހްލުވެރިން އިމާމް މަޙްދީ ދެކެ އުފާވާނެއެވެ. އުޑުން ވާރޭވެހުމާއި ބިމުން ރޯގަސްތައްފެޅުން މަދުނުވާނެއެވެ. އަދި މަރުވެގޮސްފައިވާ މީހުން ދިރިއަންނާނެ ނަމަ، އެމީހުންވެސް އުފަލުގައިވާނެއޭ މީހުންގެ ހިތަށް އަރާނެއެވެ. "

3- ﷲ ރުއްސުންލެއްވި ސިއްތުނާ އުއްމު ސަލަމާގެ ކިބައިން އަބޫދާއޫދު ރިވާކުރަައްވާފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އިސްލާމީ ރަސްގެފާނު އަވަހާރަވެދިއުމުން މަދީނާގެ އަހްލުވެރިންގެ ތެރެއިން އެކަކު ނިކުންނާނެއެވެ. އަދި މައްކާއަށް ހިނގައިދާނެއެވެ. އަދި މީސްތަކުން އޭނާއަށް ޚަލީފާކަމުގެ ބައިޔަތު ހިފަންއުޅޭނެއެވެ. ނަމަވެސް އޭނާ ޢުޛުރުވެރި ވާނެއެވެ. ދެން މީސްތަކުން ރުކުނާއި މަޤާމް އިބްރާހީމްއާދެމެދުން އޭނާއަށް ބައިޢަތު ހިފާނެއެވެ. އޭގެފަހުން ޝާމްކަރައިގެ ލަޝްކަރެއް އޭނައާއި ހަމަލަ ދިނުމަށްޓަކައި އަންނާނެއެވެ. އެލަޝްކަރު މައްކާއާއި މަދީނާއާދެމެދުގައި ބިމުގެ އަޑިއަށް ގެނބިގެން ހިނގައިދާނެއެވެ. ދެން ޝާމްކަރައާއި ޢިރާޤު ކަރައިގެ ދީންވެރިންގެ ޖަމާޢަތެއް އައިސް އޭނާގެ އަތްމައްޗަށް ބައިޢަތު ހިފާނެއެވެ. ދެން ޤުރައިޝުންގެ ތެރެއިން މީހަކު ފާޅުވާނެއެވެ. އޭނާގެ މައިފުށުގެ ބޮޑުބޭބެވާނީ ބަނީކަލްބުގެ ޤަބީލާތަކުގެ ތެރެއިންނެވެ. އިމާމް މަޙްދީ އޭނާއަށް ހަމަލާ ދެއްވާނެއެވެ. އަދި ގަދަވެވަޑައިގަންނަވާނެއެވެ. އިމާމް މަޙްދީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ސުންނަތައް ޢަމަލު ކުރައްވާނެއެވެ. އެޒަމާނުގައި އިސްލާމީޝާނާއި ޝައުކަތު އޭގެ އެންމެ ފުރިހަމަކަމުގައި މަތިވެރިވެގެން ވާނެއެވެ. އިމާމް މަޙްދީ ހަތް އަހަރު ވެރިކަން ކުރައްވާނެއެވެ. އެއަށްފަހު އަވަހާރަ ވެދާނެއެވެ. އަދި މުސްލިމުން އޭނާގެ ކަށުނަމާދު ކުރާނެއެވެ."

ޝިއަޢީންގެ މީހުންވެސް އިމާމް މަޙްދީ ފާޅުވާނެ ކަމަށް ޤަބޫލުކުރެއެވެ. އެހެނަސް މިއާއިބެހޭ ގޮތުން އެމީހުންގެ ވަނީ ދެގޮތެކެވެ.

ޝިއަޢީންގެ އިޘްނާ ޢަޝަރިއްޔާ" ބުނެއެވެ. " ބާރަވަނަ އިމާމް، އިމާމް މުޙައްމަދު ބުން ހަސަން އަސްކަރީ އުމުރުން 9 އަހަރުފުޅުގައި، ހިޖްރީން 365 އަހަރު ގެއްލިވަޑައިގެންފިއެވެ. ސާމުއްރާގެ އަޑީ ބިންގަރާހެއްގައި ވަޑައިގެން އެބަހުންނެވިއެވެ. ކަނޑައެޅިފައިވާ ވަގުތަށް އިމާމް މަޙްދީގެ ޙައިސިއްޔަތުން ފާޅުވާނެއެވެ. ޝިއަޢީންގެ ކީސާނިއްޔާ ބުނަނީ އެއީ މުޙައްމަދު ބުން ހަނަފިއްޔާ ކަމުގައެވެ. އިމާމް މަޙްދީ ވަޑައިގެންވަނީ ރިޞްވާ ފަރުބަދައިގައެވެ.

އަންހެން ކުދީންތައް ބަލަހައްޓަވަނީއެވެ. އޭނާގެ އަތްޕުޅުގައި ފެންގަނޑަކާއި މާމުއި އާރެއް ވެއެވެ. ކަނޑައެޅިފައިވާ ވަގުތަށް އިމާމް މަޙްދީގެ ޙައިސިއްޔަތުން ވަޑައިގަންނަވާނެއެވެ."

ޝިއަޢީންގެ މި ދެރިވާޔަތަކީ އެއްވެސް ހަރުދަނާކަމެއް ނެތް އަމިއްލަ ނަޒަރިއްޔާތަކެވެ. ނަބަވީ އިރުޝާދުތަކަށް ބަލާއިރު ޤިޔާމަތް ކައިރިވެގެން އައުމުން އޭގެ ކުރީގައި ﷲ މުސްލިމުންގެ ފެތުރި ވިއްސިވިހާލެވިފައިވާ ބާރު ޖަމާކޮށް އެއްސަފަކަށް ގެންނަވަރުގެ ދީނީ ޤާއިދަކު އުފެއްދެވުމީ ދުރުކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން މުސްލިމުން ޤުރްޢާނާއި ސުންނަތައް ޢަމަލުކޮށް މުޅިދުނިޔޭގެ މައްޗަށް ގަދަވެގެންފާނެއެވެ.

* ޤިޔާމަތުލް ކުބްރާ ފާޅުވުން:

ޤިޔާމަތުލް ކުބްރާގެ ޢަލާމާތްތައް ވަރަށް ކުރީއްސުރެ ފާޅުވާން ފަށާނެކަން އިސްވެބަޔާންވެ ހިނގައްޖެއެވެ. ދެން ކުއްލިއަކަށް ޤިޔާމަތުލް ކުބްރާ ޤާއިމުވެދާނެއެވެ. މި ބޮޑުވެގެންވާ ދުވަހަށް ޤުރްޢާން ހަކީމްގައި ވަރަށް ގިނަ ނަންތަކުން ގޮވާލެވިފައިވެއެވެ. އަދި އޭގެ ވަރަށް ގިނަ ސިފަތައް ޤުރްޢާނާއި ޙަދީޘުން އެނގި ބަޔާންވާގޮތުގައި ޤިޔާމަތުލް ކުބްރާ ޤާއިމުވާނީ ހަތަރު މަރުހަލާއަކުންނެވެ.

1. ފުރަތަމަ މަރުހަލާގައި ތާޅަފިލި ފުމެލެވޭނެއެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން ކާއިނާތުގެ މުޅި ނިޒާމް މުޅިން އެކީގައި ފަނާވެ ނެތިދާނެއެވެ.2. ދެވަނަ މަރުހަލާގައި އަނެއްކާވެސް ތާޅަފިލި ފުމެލެވޭނެއެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން ކާއިނާތުގައިވާ ހުރިހާ އެއްޗެއް އަލުން ދިރިދާނެއެވެ.

3. ތިންވަނަ މަރުހަލާގައިވަނީ ހިސާބު ބެއްލެވުމެވެ. މީގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ޢަމަލާ އެކަށޭނަ ސަވާބާއި ޢަޒާބުގެ ޙުކުމް ކަނޑައެޅޭނެއެވެ.

4. ހަތަރުވަނަ މަރުހަލާގައިވާނީ އަބަދީ ޖަޒާއާއި ޝަޒާގެ ނިޔާއިއްވުމެވެ. އެނިޔާ ނިމިގެންދާނީ ސުވަރުގެ ވެރިންނަށް އަބަދަށްޓަކައި ސުވަރުގެ އަދި ނަރަކަވެރިންނަށް އަބަދަށްޓަކައި ނަރަކަ ކަނޑައެޅިގެންނެވެ.

******

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން