ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނީ
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނީ
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފިއެވެ.

ޝިޔާމަށް އަނިޔާވި މައްސަލާގައި ސުލޫކު ކޮމިޓީން ތަހުގީގެއް ކޮށްދިނުމަށް އެދި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ. އަދި ރައީސް ނަޝީދު ވަނީ އެ ސިޓީ ދިރާސާ ކުރުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުވާފައެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ނައިފަރުދާއިރާގެ މެންބަރު ޝިޔާމަށް އަނިޔާވި މައްސަލަ ދިރާސާ ކުރުމަށް ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:30 އަށް ވަނީ ތަވާލުކޮށްފައެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ބޭއްވި ޖަލްސާއަށް ފަހު، އިދިކޮޅު މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. އެހެންކަމުން އެ މެންބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ މެންދަމު ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.

އިއްޔެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ތަޙުޤީޤުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން