ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެމްއެމްޕީއާރުސީ އިން ފަޅުރަށްތަކާއި ފަޅުތައް ވިއްކައިގެން ދަޢުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ދަޢުލަތުގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެމްއެމްޕީއާރުސީ އިން ކަމާއެއްވެސް ގުޅުމެއްނެތް އަމިއްލަ ކުންފުންޔަކަށާއި، އޭރުގެ ނާއިބުރައީސްގެ ބަހުންނަމަ ރައީސް ޔާމީން އެންގެވި ގޮތަށެވެ. އެވޮތުން އެ މަނިކުފާނުގެ އެކައުންޓަށް ވެސް މިލިޔަނުން ޔޫއެސް ޑޮލަރު އޭރު ޖަމާކުރަމުން ގެންދިޔައީ އެއްވެސް ބިރެއް ޖެހިލުމެއް ނެތިއެވެ. އަދި އެއީވެސް އެމަނިކުފާނު ސޮއިކުރައްވާ އިނގިލީގެ ނިޝާންވެސް ޖަހައިގެން ހުޅުވި އޫއެސްޑޮލަރުގެ ބޭންކް އެކައުންޓް ހުޅުވިތާ މާގިނަ ދުވަހެއް ވެސް ނުވަނީހެވެ، ވަރިހަމަތާއެވެ އެމަނިކުފާނަށް އެކަމުގައި އެއްވެސް ހިލަމެއްވެސް ނުވިކަމަށް ވަނީ ވިދާޅުވެފައެވެ.

އެމީހަކަށް ނޭނގި ކުޑަނަމަވެސް ފައިސާފޮއްޗެއް އެކައުންޓަށް ވަދެއްޖެނަމަ އެއީ ތިމާގެ އަމިއްލަ މިލްކިއްޔާތެއްނޫންކަން ކަނޑައެޅިގެން އެނގޭހާލުގައިވެސް އަދި ބޭންކުންވެސް އެކަމާ ބެހޭގޮތުން އެކައުންޓްގެ ވެރިފަރާތާ ސުވާލުކޮށްލަން ބޭނުންވިޔަސް އެދުވަސްވަރުގެ ވެރިކަމުގައި ހުރީކީ އިންޞާނަކު ސުވާލުކޮށްފިނަމަ އެމީހެއްގެ މުޅިހަޔާތް ބަރުބާދުވެދާނެ ފަދަ އަނިޔާވެރި ވެރިއެއްކަމަށް ވުމުން އެފަދަ ހުރިހާކަމެއް ބެލުމުގެ ފުރުސަތުތަކުގެ މަތީގައި އަތްއަޅާގެން އިންނެވީ ބާރަށް އިށީދެގެންނޫންތޯއެވެ؟

އޭރުގެ އޮޑިޓަރ ޖެނެރަލް އާއި އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އެވާހަކަތައް ދެއްކުމުގެ ނަތީޖާއަކީ ކޯފާ އިސްކުރައްވާފައި ފުރަތަމަ އޮޑިޓަރ ޖެނެރަލް ގެ ޤާނޫނަށް ރައީސް ޔާމީންގެ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހުން ބަދަލުގެނައުމެވެ. ރައީސް ޔާމީން އެއިސްލާހު ތަސްދީގު ކުރާ ހިސާބުން އޭރުގެ އޮޑިޓަރ ޖެނެރަލްގެ މަގާމް ގެއްލޭގޮތަށް ފާސްކުރި ޤާނޫނު ތަސްދީގު ކުރި ހިސާބުން އޭރުގެ އޮޑިޓަރ ޖެނެރަލްގެ މާގާމްގެއްލުވާލީނޫންތޯއެވެ؟ އެހެނަސް ވިދާޅުވީ، "ތިމަންނާ ކީއްހޭ ކުރާނީ, ޤާނޫނަށް ބަދަލުގެންނަނީ ރައްޔިތުންގެ މަޖިލީހުންނޭ،" އެވެ. އެހެން ނަމަވެސް "ތިމަންނާ ބޭނުންވެގެން ރައްޔިތުންގެ މަޖިލީހުގައި ތިމަންނައަށް (ރައީސް ޔާމީނަށް) އޮތް މެޖޯރިޓީ ބޭނުންކޮށްގެން ހަދަންބޭނުން އެއްޗެއް ހަދާނަމޭ، ތިމަންނަ ކުރާކަންތައްތަކާ ބެހޭނަމަ ވާނެ ހަތަރެތިތިވީއޭ" އެއްވެސް ފަހަރަކު ބުނާކަށް ބޭނުމެއްނުވިއެވެ. މީ އޭރުގެ މިނިވަން މަގާމްތަކާއި މިނިވަން ކޮމިޝަންތަކުގެ މިނިވަންކަން އޮތްމިންވަރެވެ.

އޭސީސީގެ ރައީސަށް ނަސީބު ދިމާކުރިގޮތުން ސަލާމަތްވެވުނީ އޭރުގެ ރައީސްގެ ރުހުން ކޮންމެވެސް މިންވަރަކަށް ލިބުމާ އަދި އަރިސްބޭ ފުޅެއްގެ ގޮތުން ކަމެއްވާހެން ވެސް ހީނުވެ ހުންނަހުރުމަށް ލިބުނު ރިވޯޑެއްގެ ގޮތުންނެވެ. ރައީސް އެދިވަޑައިގަންނަވާގޮތަށް އޭނާ ކަންކަން ކުރަމުންދާކަމުގެ އެއް މިސާލަކީ އެއްމިލިޔަން ޔޫއެސް ޑޮލަރު އެކައުންޓް ހުޅުވިތާ މާގިނަ ދުވަހެއް ނުވަނީސް ކުއްލިޔަކަށް އެކައުންޓަށް ވަނުމާއެކު އެކަން ހައްލުކުރާނެ ގޮތްވެސް ކިޔާދެއްވުމެވެ. ރައީސްގެ އެދުމުގެމަތީން ރައީސަށް އެއްވެސް އެނގުމެއް ނުވާ އެއް މިލިޔަން ޑޮލަރު އެސްކުރޯ އެކައުންޓެއް ހުޅުވައި އެ އެކައުންޓްގައި ބަހައްޓައިގެން ހުންނާންޖެހެނީ ކޮން އުސޫލަކުންހެއްޔެވެ.

އާންމު އުސޫލަކީ އެމީހަކަށް ނޭނގި އެމީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ޖަމާވިގޮތް ސާފުކޮށް ބޭންކަށް އެނގޭނެކަމެވެ. އަދި އެއީ ކޮންތާކުން ކާކުގެ އެކައުންޓަކުން ކޮން ނަންބަރެއްގެ ޗެކަކުން ކޮންކަމަކަށް ޖަމާކުރި ފައިސާއެއްކަން ޖަމާކުރި ސްލިޕުންނާއި އަދި ބޭންކްގެ ރެކޯޑްތަކުން އެގެން އޮތްއިރު އޭސީސީން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންވިގޮތަކަށް ކަންކަން ކޮށްދެމުން ގެންދިޔައީ އަނިޔާވެރި ވެރިކަމުގައި އެނޫން އެހެންހާލަތެއް އޭސީސީގެ ރައީސަށް އެމަގާމުގައި ނުހުރެވޭނެތީނޫންހެއްޔެވެ.

އެމްއެމްޕީއާރުސީގެ މެންޑޭޓް ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރާ އެކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި އޭރުގެ ރައީސް އެކަން އެގޮތަށް ކުރާންބޭނުންވުމުން އޭރުގެ ނާއިބުރައީސް ލައްވާ އެކަން ކުރުވީކަމަށް ދާދިފަހުންވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޝަރީއަތުގައި ވެސް ތަފްސީލްކޮށް ކިޔާދީފައެވެ. އަދި ދޫކުރި ކޮންމެ ފަޅުރަށަކީ މިނިސްޓްރީ އޮފް ފިޝަރީޒްގެ މެންޑޭޓްގެ ދަށުން ފިޝަރީޒްގެ ބެލުމުގެ ދަށުގައި ހުރި ރަށްތަކެކެވެ. އެހެން ކަމަށްވާތީވެ، ރައީސް އޮފީހުން ރައީސްގެ އެންގެވުމަކަށް މެނުވީ މިނިސްޓްރީއަކަށް ކަމެއް ނުފޮނުވޭނެކަމާއި ކޮންމެ ސިޓީއެއްވެސް ދަތުރުކުރާނީ ރައީސްގެ މޭޒުން ރައީސްގެ ހުއްދަލިބުމާއެކު ކަމަށްވެފައި، ފިޝަރީޒްގެ ބެލުމުގެ ދަށުގައިއޮތް ފަޅުރަށެއް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށަށް ގެންދިއުމަށް ސިޔާސަތެއް ކަނޑައަޅާ އެކަން ތަންފީޒްކުރުމަށް މިނިސްޓްރީއަށް އަންގާފައި އަދި އެރަށްރަށް އެމްއެމްޕީއާރުސީއަށް ހަވާލުކުރުމަށް ނިންމި ސިޔާސަތުތަކަކީ ރައީސުލްޖުމްހޫރިއްޔާ ނިންމިނިންމުމަކަށް އެނގި ކަށަވަރު ވެއެވެ. އޭގެފަހުން މި ޚިޔާނާތުގެ ވައްކަންތައް މަންފާ ލިބޭނެގޮތަށް ހަމަޖެހިފައިވާ އާންމު އުޞޫލުން ބޭރުން އެންގެވި ގޮތަކަށް ކަންކުރާން އެންމެން އެއްބައިވެގެން އެއްޓީމެއްގެ ގޮތުގައި ތިބެ ބޮޑުބޮސް އަންގާ ކޮންމެ ގޮތަކަށް ރައްތައް ދޫކުރުމުގެ މުޢާމަލާތްތައް ގެންދިޔައީ ކުރަމުންނެވެ.

ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައުމުގެ ކުރީންވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބާކީއޮތް މުއްދަތުގައި ޑޮކްޓަރ ވަހީދު ވެރިކަންކުރި ނަމަވެސް އޭރުގެ ޓޫރިޒަމް މިނިސްޓަރަކީ ޕީޕީއެމް ޕީއެންސީގެ ފަރާތުން އޭރުގެ އެޕާޓީތަކުގެ އެންމެ އިސްލީޑަރުގެ ހައިސިއްޔަތުން ލިބުނު ސުލޮޓަކަށް ލީޑަރުގެ ހުށަހެޅުމެއްގެ ގޮތުގައި އެމަގާމަށް އަހިސްހުރި މީހެއްކަމަށް ދާދިފަހުންވެސް ކްރިމިނަލް ކޯޓްގައި ހެކިބަސްދެމުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ވަނީ ބަޔާންކޮށްދީފައެވެ. އޭރު ވެސް އެފަދަ މުޢާމަލާތްތައް ހިންގުމުގެ ކަންކަން ހިންގާކަމަށާއި އަދި އެކަންކަން އެނގޭނޭ ފޯންކޯލް ތަކުގެ ރެކޯޑިން އަޑުއިއްވަން ޕްލޭކުރަން ދަޢުލަތުން އެދުނު ނަމަވެސް އެއީ އެމައްސަލައާއި ސީދާ ގުޅުންހުރި ކަމަކަށް ނުވާތީވެ އެކަން ކުރުމަށް ފުރުސަތުވަނީ ނުލިބިފައިކަން އަޑުއަހަމުން ބަލަމުން ދިޔަ އެންމެނަށް ވެސް ވަރަށް ސާފުވިއެވެ.

މި އާޓިކަލް ދިގުވާތީ އެކަމާ ކިޔުންތެރިންނަށް ކުޑަބުރައަކަށް ވެދާނެއެވެ. އެހެނަސް ކެއްތެރިކަމާއެކު ވިދާޅުވެލައްވާށެވެ.

"މިރައީސް" ވަރަށް ގަޓު ހުންނާނެކަމުގެ ވާހަކައަކީ އޭރުގެ ރައީސް އޭރުވެސް އަދި މިހާރުވެސް ވަރަށް ގިނައިން ވިދާޅުވާ ވާހަކައެކެވެ. މީހުން ޖަލައްލާނެކަމާއި ފާޅުގައި ކުރިކަންތައްވެސް ނުކުރާކަމަށް ބުނާ ބުނުމަކީ އާނމުކަމެކެވެ. އެކަން އެރައީސް ދެއްވާ ގިނައިންޓަވިއު ތަކުން ހާމަވެފައިވާކަމީ ފެންނަންއޮތް ހަގީގަތެއް ންނޫންތޯ؟ މާޒީގައި ހިންގާފައިވާ ބައެއްކަންކަމަށް ކުޑަގޮތަކަށް މާބޮޑު ތަފްސީލަކަށް ނުގޮސް ބަލާލަމާ ހިނގާށެވެ.

ވެރިކަމަށް ވަޑައިގެންފައި ފުރަތަމަވެސް ބޮޑާހާކާފައި ވިދާޅުވީ ތިމަން މަނިކުފާނު ހުންނަވާނި އަމިއްލަފުޅު ގެކޮޅުގައި ކަމަށެވެ. ގޮތްދޫނުކުރަށްވައި ކުރުނުކުރެއްވިމާ އެންމެ ފަހުން ޖެހުނީ ރައީސުލްޖުމްހޫރިއްޔާ އަށް ދޭންޖެހޭ ސެކިއުރިޓީ ދެވޭވަރުގެ ތަނަކަށް ހެދުމަށް ދަޢުލަތުގެ ޚަރަދުގައި އެގެއަށް ގިނަ ބަދަލުތަކެއް ގެންނާށެވެ. އެކަން ދަޢުލަތުގެ ޚަރަދުގައި ކޮށްފިއެވެ. ކުރީކިހާވަރެއްކަން ވެސް ބަލަން ބޭނުންނަމަ މިއަދުވެސް އެހެރީ ފެންނާށެވެ.

ގެވެސް މަރާމާތުކޮށް ސެކިއުޓީ ދެވޭވަރުގެ ތަނަކަށް ހެދުމަށް އެތައްކަމެއްކޮށް ގެއަށް ބަދަލުގެނެސް ގޭގެއަގު މަތިކޮށްލާފައި ނިމުނު ހިސާބުން އެގޭގައި ދިރިއުޅެން ބޭނުން ނުވެގެން ދެން އެބަދަލުވީ ރައީސްގެ ރަސްމީގަނޑުވަރުގެ ގޮތުގައި ހިލާލީގެ ކަނޑައަޅާ އެގަނޑުވަރަށެވެ، ހިލާލީގެއަށް ބަދަލުވުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް ބަދަލުވާއިރު އަމިއްލަ ގެއަށް ދަޢުލަތުން ކުރި ޚަރަދު އަނބުރާ ދެއްވަންވާނެ ނޫންތޯއެވެ؟ އެކަން އަދިވެސް އޮތީ ހަމައެގޮތުގައެވެ. ނަމެއްގައި ލާޖައްސާފަ ދެގެ ބަދަލުކުރުމަކީ މިކަމުން ރެކެވޭނެކަމެއް ނޫނެވެ. މީހަމަ ރައްޔިތުންގެ ފައިސާ ނޫންތޯއެވެ؟ ދެންވަރިހަމަތާއެވެ. އެލާރިކޮޅުވެސް ހިބަކޮށްލީޢެވެ.

އަދި މިވަރުން ނިމުނީއަކީ ނޫނެވެ. ހިލާލީގެއަށް ދިރިއުޅުން ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރީގެ ވެރިކަންތަކުގެ ވެރިން ބޭނުންކުރަމުން ގެންދިޔަ ގަނޑުވަރު "މުލީއާގެ" ބޭނުންކުރަމުން ދިޔައީ އަނބިކަބަލުން ޕާޓީގެ ހަރުގެއެއްގެ ގޮތުގައި ސޮދަގާތު ފައުންޑޭޝަން ހިންގުމުގައިކަން ނުދަންނަ ދިވެއްސަކު ނުހުންނާނެކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ހިލާލީގެއަކީ ދަޢުލަތުން ރައީސުލްޖުމްހުރިއްޔާގެ ނާއިބު ދިރިއުޅުމަށް ބޭނުންކުރަމުން ގެންދިޔަ ތަނެއްކަމަކު ރައީސް ޔާމީން ގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސް މުހައްމަދު ޖަމީލް ބޭނުންކުރަމަށް ފަހު އޭގެ ފަހުން ރައީސްގެ ނާއިބު ގެ މަގާމަށް ރައީސް ޔާމީން އައްޔަނުކުރި ދެ ނާއިބުން ކަމުގައި ވާ އަހްމަދު އަދީބާއި، ޢަބްދުﷲ ޖިހާދު ދިރިއުޅެމުން ގެންދަންޖެހުނީ ދަޢުލަތުން ކަނޑައަޅާފައިވާ ހިލާލީގޭގެ ބަދަލުގައި އަމިއްލަ ގޭގައި ނުވަތަ ކޮންމެވެސް އެހެންތަނެއްގައެވެ. އަދި ޖިހާދު އުޅެން ހަމަޖެއްސީ މާލޭގައި ހުރި ރެހެންދި ފުލެޓުގެ އެޕާރޓްމެންޓެކެވެ.

މަގާމުގެ ނުފޫޒް ނަހަމަ ގޮތުގައި އާރާބާރުގެ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުންނަން ހަމަޖައްސާފައިހުރި ގެކޮޅު ހިލާލީގެ އެއީ ރައީސް ދިރިއުޅުއްވާ ގެކޮޅުކަމުގައި އަމިއްލަޔަށް ހަމަޖައްސަވާ އަދި މުލިއާގެ އަނބިކަނބަލުން ޕާޓީގެ ހަރުގެ ގޮތުގައި އަދި ސޮދަގާތް ޖަމިއްޔާ ހިންގަމުން ގެންދިޔައިރު ރައީސްގެ ނާއިބު ދިރިއުޅެން ޖެހުނީ އަމިއްލަ ގޭގަ ނުވަތަ ފުލެޓެއްގައެވެ.

ނިކަން ވިސްނާ ފިކުރުކޮށްލައްވާށެވެ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުންނަވާނެ ގެކޮޅެއްގެ ގޮތުގައި ދަޢުލަތުގެ ޢިމާރާތެއް ނުދެއްވައި ކުއްޔަށް ފުލެޓް ހިފައިގެން ދިރިއުޅެން ޖެހުނުއިރު ދަޢުލަތުގެ ޢިމާރާތެއްގެ ގޮތުގައި ހުރި މ. މުރައިދޫގެ (މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު) އާންމުކޮން ކުއްޔަށް ދިނުމަށް އިއުލާން ކުރުމެއްނެތި ކުޑަކުއްޔަކަށް ރައީސް ޔާމީންގެ ދަރިއަކު ދިރިއުޅުމަށް ދީފައިހުރުމަކީ މަގާމުގެ ނާޖާއިޒު ނުފޫޒާއި މަންފާ ނަހަމަގޮތުގައި ބޭނުންކުރުން ނޫން ދެންކޮންއެއްޗެއްތޯއެވެ؟

ހަގީގަތުގައި މިކުރިކަމަކީ އޭރުގަ ގ.ދޫވެހި، މިހާރު ގ. ނޫފަރު ލާޖެއްސުމުގެ ނަމުގައި ގ.ދޫވެހި ރައީސް ދިރިއުޅެން ނަމެއްގައި ދަޢުލަތުގެ ޚަރަދުގައި މަރާމާތުކޮށް އަގުމަތިވާނެ ހުރިހާކަމެއް ދަޢުލަތުގެ ޚަރަދުގައި ކުރުމަށްފަހު މާލޭގެ އެންމެ މުހިންމު ހިސާބަކުން މައިމަގަށްވާގޮތަށް ބީޗްފުރަންޓުން ބޮޑުބިމެއް ހޯދުމުގެ ބޭނުމުގައި ހީލަތްތެރި ރޭވުމަކުން ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތެކެވެ.

ދެން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާނީ ރައީސްގެ މުސާރައިގެ ފަންސާސް ޕަސެންޓްއަށްވާ ފައިސާ އެކަނި ނަގައިގެންކަމަށް އާންމުކޮށް ހާމަކުރިއެވެ. އެންމެންވެސް އެކަމާ ވަރަށް ހިނިއަހިސް ހާދަހާވާ ރަގަޅު ރައީސެއްކަމަށް އެވެރިންގެ ބައިވެރިން ވަރަށްބާރަށް އަޑަށް ލެވުނުހާބާރެއް ލާފަައި ބުނަމުން ގެންދިޔައެވެ. ބަލަ ދެންވީ ގޮތަކީ ދަރިން ދިރިއުޅޭނެ ތަނެއްނެތިގެން (ގ ދޫވެހި ލާޖެއްސުމުން) ލިބުނުތަން ހ. ނޫފަރު ގައި ބޮޑު އުސްޢިމާރާތެއް ހަދަންބޭނުންވާތީވެ. ނަމެއްގައި އަތުގައި ލާރިފޮއްޗެއްވެސް ނެތުމުން ކަމަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ނުނަގާންބުނި މުސާރައިގެ ފަންސާސް ޕަސެންޓްވެސް އަލުން އަނބުރާ ނަގައި ފުލް މުސާރަ ނަންގަވަން ފެއްޓެވީއެވެ. ލާރިއެއްނެތެވެ. ޢިމާރާތްކުރަން ލޯނެއްނުނަގައެވެ. އެކަމަކު އެންމެ އެކައުންޓެއްގައި 100 މިލިޔަނަށްވުރެ ގިނަރުފިޔާއެވެ. އަދި އެސްކުރޯ އެކައުންޓަކު 1 މިލިޔަން ޔޫއެސް ޑޮލަރެވެ. ނުވިތާކަށް ކުރީގެ ނާއިބު އަހްމަދު އަދީބުގެ އަތުގައި ތިމަންނަޔަށް ލިބެންޖެހޭ ފަސްމިލިޔަން ޔޫއެސްޑަލަރު ހުރިގޮތަށް ހުރީއެވެ. މީހަކު އަޅެފަހެ އަޖާއިބުވެ އަންތަރީސްވެދާނެ ނޫންތޯއެވެ. ރައީސް ޔާމީންގެ ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ނުލިބޭ ފައިސާ ރައީސް ޔާމީނަށް މިލިބުނީ ކިހިނެއްބާއެވެ؟

- ނުނިމޭ -


ކިޔުންތެރިންގެ ހިޔާލު


4

އިދުރީސް އަހްމަދު

14-Sep-2022

މިހާސާފުކޮށް ކޮށްފަހުރި ވައްކަންތައް ފޮރުވަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ, ލިޔުންތެރިޔާ ވަރަށް ދިރާސާކޮށް މަޢުލޫމާތު ހޯދާފަ އެބަހުރި އަދި ނުނިމޭކަމަށް އެބައިން ބުނެފަ އެހެންވީމާ އިންތިޒާރުކުރަން ޖެހިފަ މިވަނީ ދެން އަންނަ ބައިގަ އިތުރު ފެކްޓް ގެނެސްދޭނެކަމަށް ޔަގީންކުރަން. ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެފަ ބޯދަމާގަނެވިގެން ނުވާނެ.


2

ޢަހްމަދު ޢާރިފް

14-Sep-2022

ކަމުގެ ވަރަށް ގިނަ ހަގީގަތްތަކެއްގެ މައްޗަށް ލިޔުންތެރިޔާ ބަަލާފަ ވާަކަން ފާހަގަކުރެވޭ ، ރައްޔިތުންގެ ފައިސާ އިން ވެރިކަން ކުރާމީހާއަށް ވެރިކަން ނިމޭއިރު މިވަރު އަރުވާލެވެންޔާ ދެން ނިކަމެތި ރައްޔިތުންނަށް އޮތީ ކޮންގޮތެއްބާ. މިހާރުވެސް ދޮގުހެކި އުފައްދާގެން އެހަރަދަނީ ދުވާލެއް ރޭގަނޑެއްކަން ބުނެދޭންވެސް ނޭނގޭ ހާލަތުގައި ހެކިބަސްދެމުން މާތް ﷲ ގަންދީން ކުވާކޮށް ބިރުވެސް ނުގަންނަވަރު އަޅޭ ހެޔޮނުވާނެ.


2

ޢަހުމަދު

14-Sep-2022

ވަރަށް ފުރިހަމަ ސާފު މައުލޫމާތު ހުރި ލިޔުމެއް .ނުކުރާވިޔަފާރި އަކުން ޔާމީން އެހާމުއްސަނދި ވީގޮތެއް އަދި ވެރިކަމުގެ މުސާރައާއި ނުބައްދަލު މުއްސަނދި ކަމެއް ޔާމީނަށް ލިބުނުގޮތެއް ބަޔާން ކޮށްދޭން އެބަޖެހޭ.ކޮންމެ ޕާޓީ އަކީ އެޕާޓީއެއްގެ ލީޑަރުންގެ ޚިޔާނާތް ވަންހަނާ ކުރަން މަސައްކަތް ކުރާ ޕާޓީ އަކަށް ވާނަމަ ރައްޔިތުންނަކީ ފަހެ ކޮންބައެއްބާ.



ޓްރެންޑިން