ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް، ހައްދުންމަތީ ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ މިއަދު އައްޔަންކުރައްވައިފިއެވެ.

އަމީނާ މި މަޤާމަށް އައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި، އާމިނަތު އަމީނާ މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނެވެ. މީގެ އިތުރުން އަމީނާ ވަނީ ޤައުމީ ޔުނިވަރސިޓީން ޖާރނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.



އާމިނަތު އަމީނާ އެންމެ ފަހުން އަދާކުރެއްވީ ވީމީޑިޔާގެ ސީނިއަރ އެޑިޓަރެއްގެ މަޤާމެވެ. މީޑިއާ ދާއިރާގެ ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރެއްވުމުގެ އިތުރުން އަމީނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑް ދެފަހަރެއްގެ މަތިން ޙާޞިލުކުރައްވާފައެވެ.



އަނާގެ އިތުރުން ދެން ބްރޯޑްކޮމްގައި ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މަރްޔަމް ވަހީދާ އާއި ނައިބް ރައީސް އަހްމަދު ގައިސް އާއި ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ހެޑް އަލީ ޔޫސުފު އާއި އަހްމަދު އަމްޖަދާއި ޒީނާ ޒާހިރު އަދި އައިމިނަތު ސަހާރަތު އިއްޒަތެވެ. މީގެ ތެރެއިން މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން