ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޝަންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ބައިވެރިވެ ވަޑައިގަންނަވަނީ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޝަންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ބައިވެރިވެ ވަޑައިގަންނަވަނީ.
ހެޑްލައިން ވިދާޅުވުމަށްފަހު ވެސް އިއްޒަތްތެރީން އަންނާނީ އަމަށަކު ރުޅިއެއް ނޫންކަމަށް ވެދާނެއެވެ. އެހެނަސް ރުޅިއައުމުގެ މާބޮޑު ބޭނުމެއް ނުފެނެއެވެ. އެހެނީ ކަންއޮތްގޮތާ ކަންހިނގާގޮތާއި، ކަންވާގޮތް އެބޭފުޅުންގެ ފަތްފުއްތައް ހާވާލާ ބަލާލުމުން ފެންނަންހުރި ކިތާބީ ހެކިތަކުން އެކަންކަން ސާފުވެ ހާނމަވާތީއެވެ.

އިހަށް ރުޅިއިސްނުކޮށް ހަމަޖެހިލައިގެން ކޮންމެ އިއްޒަތްތެރިއަކުވެސް ކުޑަހިނދުކޮޅަކަށް ސިޔާސީ ފިކުރާ ކުލަވަރުން ދުރައްޖެހިލައި ބުއްދީގެ ވިސްނުމުން ވިސްނާލައްވާށެވެ.

ޕުރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމްގެ ބުލޮގްގައި, 26 އޯގަސްޓް 2022 ވަނަ ދުވަހު, "'އިންޞާފު' އެއް ނުލިބުނު؟" މި ސުރުހީގެ ދަށުން އެމަނިކުފާނުވަނީ އެމަނިކުފާނުގެ ޢިލްމީ ދިރާސާއާއި ޢަމަލީ ތަޖުރިބާއިން އަދި އިސްލާމްދީނާއި ޤުރުއާނާއި ސުންނަތުން ގިނަގުނަ މިސާލުތަކެއް ދައްކަވާ ރާއްޖޭގެ ރައްޔިތުންނަށް ޢަދުލު އިންޞާފު ލިބުން އެމަނިކުފާނު މާނަކުރައްވާގޮތް ސާފުކޮށް ވިދާޅުވެދެއްވާފައެވެ.

އަޅުގަނޑަކީ އެމަނިކުފާނުގެ ޢިލްމީ ލިޔުންތައް ބަލާމީހަކަށްވާތީ އެމަނިކުފާނު އެސުރުހީގެ ދަށުން ލިޔުއްވި ލިޔުއްވުމުން ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކުރެވުނެވެ. އެލިޔުމުގައި، އަޅުގަނޑުމެން އިންޞާނުންގެ ނިސްބަތުން ޢަދުލުއިންޞާފު ޤާއިމުވުމުގެ މާނަޔާމެދު ދޫކުރަށްވާފައިވަނީ ވަރަށް މުހިންމު ސުވާލެކެވެ.ދެން ލިޔުއްވާފައިވަނީ "ދިވެހިރާއްޖޭގައި އިންޞާފު ޤާއިމްކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެނެގަންނަންޖެހޭ އަސާސީ ކަމަކީ، އަޅުގަނޑު ގާއިމްކޮށްދޭންޖެހޭ 'އިންސާފަ' ކީ ކޮބާތޯއެވެ؟ ޤާނޫނީ ނިޒާމްތައް ހަމަޖެހިފައިވާގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން ޤާއިމްކުރަންޖެހޭ އިންޞާފް ލިޔެފައިއޮތީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޤާނޫނީ އުޞޫލްތަކުގައެވެ. އަޅުގަނޑުގެ އަމިއްލަ ހިތަކުނޫނެވެ. ނުވަތަ އަޅުގަނޑު ޤަބޫލުކުރާ ގޮތްތަކުގެ ތެރެއަކު ނޫނެވެ." އަދިވެސް އެމަނިކުފާނު ލިޔުއްވިއެވެ.

"ޤާނޫނީ ނިޒާމުގައި އިންޞާފަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގައި، ވަކި މިވެނި ކަމަކީ އިންޞާފްކަމަށް ލިޔެފައި އޮތް ކަންކަމެވެ."

އިސްވެ ފާހަގަކުރި ލިޔުއްވުންތަކަކީ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް އެމަނިކުފާނުގެ ބުލޮގް ގައި ލިޔުއްވާފައިވާ ލިޔުއްވުންތަކެކެވެ. މި ލިޔުންތައް ފެނި ކިޔާލީމާ އަޅުގަނޑުގެ ހިތައްވެރިވެގަތީކީ އަމަށަކު ނުތަނަވަސްކަމެއް ނޫނެވެ. ހިތަށްވެރިވީ ދިވެހިރާއްޖޭގައި އިންޞާފު ލިބުމަށް ހުރިދަތިތަކާ ޤާނޫނުތައް އުފަންކުރުމުގައި ހުރި ފޫނުބެދޭ ޣައިރުޒިންމާދާރު އުނިކަންތައްތައް ހިތައްއަރާ އެކަމާމެދު ނުހަނު ކަންބޮޑުވިއެވެ.

ޕީޖީ އެ ވިދާޅުވީ ވަރަށް ވެސް މުހިންމު ކަންކަމުގެ ވާހަކައެވެ. އެއްކަމަކަށް ބަލާލަމާތޯއެވެ. އިންސާފަކީ ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނުން ލިބޭނޭ އެއްޗަކަށްވާއިރު، ޝަރުޢީ ނިޒާމް ހަރުދަނާކޮށް ޝަރީއަތް ކުރުމަށް ސީދާ ޢަމަލުކުރަން ޖެހޭ ޤާނޫނުތައް މަޖިލީހުން އުފަންކުރާއިރު އެކަންކަން ޒިންމާދާރު ކަމާއެކު ސީރިއަސް މަސައްކަތެއްގެ ގޮތުގައި އެމަސައްކަތްތަކަށް ސީދާ އަމާޒުހިފައިގެން އިންސާފު ލިބުމަށްހުރި ހުރިހާ ދަތިތަކެއް ކުޑަކުރުމަށް އެފަދަ ބިލެއް ޤާނޫނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ މުޅި ފޯކަސް އެކަމަށް އަމާޒުހިފައިގެން ނުކުރާނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުން އިންސާފު ލިބޭނީ އެޤާނޫނު ހެދުމުގައި ތިބިބަޔަކު ދެކޭގޮތަށް އެކަމަށް ނިންމި ނިންމުމާއެކު ފާސްކުރި ޤާނޫނުގައި ބަޔާންކޮށްފައިއޮތް ވަރުގެ އިންސާފުނޫންތޯއެވެ؟

ބިލެއް މަޖިލީހަށް ހުށަހެޅުމުން ޢަމަލުކުރަންވީގޮތްތައް ވަރަށް ފުރިހަމަ ތަރުތީބަކުން ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޤަވާއިދުގައެވެ. ޤަވާއިދުގައި އެކަން އޮތީވެސް ވަރަށް ރަނގަޅަށް ބަޔާންކޮށްފައެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ އެކަން މަނާކުރަން ޖެހެނީ މަޖިލީހުގެ ރިޔާސަތުންނެވެ. ރިޔާސަތުން އެކަން ނުކުރާނަމަ ދެން ކުރިމަތިވަނީ މުޅީން ތަފާތުކަންތައް ތަކެކެވެ.

ކުޑަގޮތަކަށް ކަމުގެ ހަގީގަތް އޮތްގޮތަށް ބަލާލަމާތޯއެވެ؟ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ބަހުސް ކުރަމުންދިޔައީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ އިބުތިދާޢީ ބަހުސެވެ. އިބުތިދާޢީ ބަހުސްގެ މައިގަނޑު ބޭނުމަކީ މަޖިލީހުގެ ޤާވާއިދު ބަޔާންކުރާ ގޮތުގައި އެބިލްގެ މައިގަނޑު އަސާސްތަކުގެ މައްޗަށާއި، އެބިލުގައި ހުރި މައްސަލަތައް ފާހަކުރުމާއި ތަޢާރަޒުވުންތަކާއި އެބިލުން ނިކުންނާނެ ނަތީޖާތަކުގެ މައްޗަށް މެންބަރުންގެ ވާހަކައިގައި، އެބިލަށް ސީދާ އަމާޒުހިފައިގެން ވާހަކަ ދެއްކުމަށް މަޖިލީހުގެ ޤަވާއިދުން މެންބަރުންގެ މައްޗަށް ލާޒިމްކުރެއެވެ. އެކަން ބަޔާންކުރަނީ މަޖިލީހުގެ ޤަވާއިދުގެ 89 ވަނަ މާއްދާގައެވެ.

އެހެން ނަމަވެސް އެދުވަހުގެ ޖަލްސާގައި އިންސާފް ގާއިމްކުރުމަށްއޮތް މި މުހިންމު ބިލުގެ ބަހުސްގެ މަރުހަލާގައި އިއްޒަތްތެރި ބައެއް މެންބަރުންގެ ފޯކަސްހުރިގޮތް ނިކަން ބައްލަވާށެވެ. އެއްމެންބަރެއްގެ ވާހަކަފުޅު އަމާޒުކުރެއްވީ ކޯވިޑް 19 ގެ ކަންތައްތަކުގެ މައްޗަށާއި ކޯވިޑްޖެހިގެން މީހަކު ނިޔާވެ ދިޔަވާހަކައިގެ މައްޗަށެވެ. އަނެއް މެންބަރުގެ ވާހަކަ ބިނާކުރީ މަގުމައްޗަށް ކުޅުޖެހުން ޖިނާޢީ ބޮޑުކުށަކަށް ހެދުމާއި ބެހޭގޮތުންނެވެ. ދިފާޢީ މަގާމް އިސްކޮށް އަދާކުރެއްވި އިއްޒަތްތެރި މެންބަރަކު ބިލުގެ އިބުތިދާޢީ ބަހުސްގައި ބިލުގެ މައިގަނޑު އަސާސްތަކުގެ މައްޗަށް ދެއްކެވި ވާހަކައިގައި ކުރީގެ ރައީސަކަށް ހުކުމްކުރީ އިންސާފުން ނޫންކަމަށް ވިދާޅުވެ އެކަމުގެ ވާހަކަތައް ވަރަށް ގިނައިން ދެއްކެވިއެވެ. ދެން ވާހަކަ ދެއްކެވި އިއްޒަތްތެރި މެންބަރަކު ވާހަކަ ފެއްޓެވީ ޖިނާޢީ އިޖުރާޢަތުގެ ބިލުގެ ނަންކިޔާފައެވެ. އެހެންނަމަވެސް ދެން ދެއްކެވީ ފުލުހުންގެ ބިލުގެ 28 ވަނަ މާއްދާގެ ވާހަކައާއި ފުލުހުންގެ ވެރިން ކަންކުރާގޮތުގެ ވާހަކައެވެ. ނިމުނީ ޕާޓީގެ ސިޔާސީ ލީޑަރަށް ހުކުމްކުރިގޮތުގެ ވާހަކައިންނެވެ. އިބްތިދާޢީ ބަހުސްގެ ކުރިން މިބިލް ބަލާލެވުނީ ކިތައް މެންބަރުންނަށްކަމެއް ވެސް ދަންނަވާކަށް ނޭނގެއެވެ.

މަޖިލީހުގެ ޤަވާއިދުގައި ކޮމެޓީގެ މަރުހަލާގައި ބިލެއް ދިރާސާކުރުމުގައި އިބުތިދާޢީ ބަހުސްގައި މެންބަރުން ފާހަގަކުރި ނުކުތާތަކަށް ރިޢާޔަތްކޮށް އަދި ކަމުގެ މާހިރުންނާއި، ދަޢުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން މީހުން ހާޒިރުކޮށްގެން އެބިލަކާމެދު ހުރި ޚިޔާލުތަކެއް ހޯދުމާއި، އަދި އެބިލުން އަސަރުކުރާނެކަމަށް ފެންނަ ޢާންމުރައްޔިތުންގެ ތެރެއިން ބަޔަކު ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރެވިދާނެކަމަށް ކޮމެޓީގެ މަސައްކަތްތައް ބަޔާންކުރާ މަޖިލީހުގެ ޤަވާއިދުގައި އޮވެއެވެ. ބޭނުމަކީ އިންސާފު ޤާއިމުކުރުމުގައި އެންމެފުރިހަމައަށް ކަންކުރުމަށް، ހެދޭ ޤާނޫނުތައް ފުރިހަމަކުރުމެވެ.

ނަމަވެސް ހިތާމަޔަކީ އެކަންކަން އެތަރުތީބުން ހިނގަމުން ނުދާކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބިލުގެ އިބުތިދާޢީ ބަހުސްގައި މެންބަރުން އެމެންބަރުންނަށް ފެންނަ، އެބިލާ ނުވެސް ބެހޭ ވާހަކަތައް ދެއްކުމުން އަސްލު ބިލްގައި ހުރި މައްސަލަތައް ފާހަގައެއް ނުކުރެވުނެވެ. އެންމެފަހުން ކޮމެޓީ މަރުހަލާގައި ބިލް ދިރާސާ ކުރިއިރު މެންބަރުން ދައްކާފައިވާ ވާހަކަތަކަކީ ބިލާ އެއްވެސް ގުޅުމެއްނެތް ވާހަކަތަކެއް ކަމުން އެބިލުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމުމުގެ ފުރުސަތު ލިބެނީއެވެ. އަދި ކަމުގެ ތަޖުރިބާކާރުންނާއި ދަޢުލަތުގެ ކަމާބެހޭ ފަރާތްތައް ހާޒިރުވެސް ނުކޮށް އެބިލްގެ މަސައްކަތް ނިންމުމަކީ ކޮމެޓީއަށް ލިބިގެންވާ ބާރަކަށް ވާތީވެ، އެކަންވެސް އޮންނާނީ ކޮމެޓީގެ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ.

ދެން ވިސްނަވާށެވެ. މިފަދަ ހާލަތެއްގައި އުފަންކުރާ ބިލަކުން ޕްރޮސިކުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް އެވިދާޅުވިފަދަ އެމީހަކު އުންމީދުކުރާފަދަ އިންސާފެއް ލިބޭނެ ކަމަށް އުއްމީދު ކުރުމުގެ ބަދަލުގައި އިސްވެ ދެންނެވި ހާލަތުގައި މަޖިލީހުން އުފަންކުރި ޤާނޫނުން ލިބުނު އިންސާފެއް ޤަބޫލުކޮށްލައިގެން ތިބުންނޫން ގޮތެއް ދިވެހީނަށް ހަމައޮންނާނެތޯއެވެ؟ ކަމެއް ރަނަގަޅަށް ކުރެވިފައި އޮންނާނީ އެމީހެއްގެ ޒިންމާގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް އިހްމާލްނުވެ ހެޔޮނިޔަތުގައި އިޚްލާސްތެރި ތެދުވެރި މަސައްކަތެއް ކުރެއްވުމުންނެވެ. އެހެންނޫނީ މިފަދަ ޤާނޫނަކުން ތިމާއަށް ވެސް އުންމީދުކުރި އިންޞާފު ނުލިބުމުގެ ހިތާމަކުރަން ޖެހޭނެ ދުވަހެއްވެސް ހަމަ އަތުވެދާނެކަމުގައި ދެކުމަކީ ބުއްދިވެރިކަމެއް ނޫންތޯއެވެ؟

ރައްޔިތުންގެ މަޖިލީހަކީ ޚުދު އަޅުގަނޑުވެސް މަސައްކަތްކުރި ތަނަކަށްވެފައި މިއަދު މިވާހަކަ ދެއްކިފަދައިން އެދުވަހު އެތަނުގައި އިނދެވެސް ހަމަ މިފަދަ ވާހަކަތައް ހުންނާނީ ދައްކާފައެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ ޤަވާއިދަށް އިސްލާހު ހުށަހަޅަން އާންމުކޮށް ހުޅުވާލި ފުރުސަތުގައި އަޅުގަނޑުގެ ހުރި މަދު އިލްމަކާ ތަޖުރިބާއިން އަޅުގަނޑަށް ފާހަގަކުރެވުނު ގިނަ ކަންތައްތަކެއް މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް ސިޓީއަކުން ފޮނުވީމެވެ، ނަމަވެސް އަދި މިހާތަނަށް އެކަމާ ހިލަމެއްވެސް ނުވެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެބޭފުޅުން މާބޮޑަށްވެސް މޮޅުވެފައި މާބޮޑަށްވެސް ކުޅަދާނަވާނެކަން ހެޔޮހިތުން ޤަބޫލުކުރަމެވެ.

ނަމަވެސް އިއްޔެގައި ވީކަހަލަ ކަންތައްތައް މިއަދު ތަކުރާރުވިޔަ ނުދެއްވާށެވެ. ބިލް ތައްޔާރުކުރި ފަރާތްތަކަށް ވެސް ފާހަގަނުކުރެވި ބިލް މަޖިލީހަށް ހުށަހެޅި ފަރާތަށްވެސް ފާހަގަނުކުރެވި ބިލް ދިރާސާކުރި ކޮމެޓީއަށް ވެސް ފާހަގަނުކުރެވި ބިލްފާސްކޮށް އެބިލަށް ޢަމަލުކުރަން ފެށުމުން ގްރީން ޓެކްސްއަށް ވީފަދައިން ހުރިހާކަމެއް ވިޔަނުދެއްވާށެވެ. އަދި އަމްދުން އިންޞާފު ޤާއިމްކުރުމުގެ ނިޒާމަށް ބޭނުންވާ ބިލްތައް ނިންމުމުގައި ލިބެންހުރި ހުރިހާ ވަސީލަތްތަކާއި ތަޖުރިބާކާރުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާއި އިންޞާފް ޤާއިމްކުރާ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި ވީހާވެސް ބޮޑަށް ބިލްފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ހައްގުތައް ވެސް ހިމާޔަތްކުރުމަށްޓަކައި ކޮންމެހެންވެސް ކުރަން ލާޒިމު މަސައްކަތެއް ކަމުގައި ރައްޔިތުން ޤަބޫލުކުރާނެކަމީ އެކަކުވެސް ޝައްކުކުރާނެ ކަމެއްނޫންކަން ޔަގީނެވެ.

މިވާހަކަ އަޅުގަނޑުކަހަލަ އާދައިގެ މީހަކު ލިޔުމުން އެކަމާ އެންމެހާ އިއްޒަތްތެރީން އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭ މާހައުލެއްގައި ކިތަންމެ ވަރަކަށް އެއްޗެހިކިޔަސް އަޅުގަނޑު ވޯޓުލައިގެން ހޮވި އަޅުގަނޑުގެ އިއްޒަތްތެރިޔާވެސް ޗުއްޕުވެސް ނުބުނާނެކަމީ މާޒީން ފެންނަންއޮތް ހަގީގަތެކެވެ. މާތްކަލާނގެއާއި ވަކީލެވެ.

މިއަދުގެ ޢިއްޒަތްތެރީން މިކަން މިގޮތަށް ހިނގާކަން ޤަބޫލު ނުކުރިޔަސް އޭގެ ފެކްޓް ބަދަލެއް ނުކުރެވޭނެކަން ޔަގީނެވެ. އެހެރީ ހަމަ ދިމާއަށް ޔައުމިއްޔާތައް ވެސް ޤަވާއިދުވެސް ފެންނާށެވެ. މީ އަޅުގަނޑުވެސް ޤައުމެވެ.މީ އަޅުގަނޑަށް ފެންނަ އަޅުގަނޑުގެ އަމިއްލަޚިޔާލެވެ. މިޚިޔާލާ ކޮންމެހެން ތިބޭފުޅުންގެ ޚިޔާލާ އެއްގޮތްވާކަށް ނުޖެހެއެވެ. އެހެނަސް އަޅުގަނޑުގެ ޚިޔާލަށް އިހްތިރާމްކުރައްވާށެވެ.


ކިޔުންތެރިންގެ ހިޔާލު


16

މޫސަ

25-Feb-2023

ވަރަށް ފުރިހަމަ ދިރާސާކޮށް ލިޔެފައިވާ ލިޔުމެއް ،ސަމީރު އަކީ އަބަދުވެސް ވަރަށް އޮށްޓަރުހުރި ލިޔުންތައް ލިޔުއްވާ ބޭފުޅެއް އިތުރު ލިޔުންތައް ފެންނާނެ ކަމަށް އުންމީދު ކުރަން.ޓްރެންޑިން