ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަކީ ދައުލަތް ހިންގުމުގެ ތިންބާރުގެ ތެރެއިން ޤާނޫނު ހަދާ ބާރުގެ ބޭފުޅުންނެވެ. އެބޭފުޅުން އަމަލުކުރާންވާނީ، ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެނެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެމީހަކާއި ޚާއްސަ ގުޅުމެއް އޮތް އެހެންމީހެއްގެވެސް ޒާތީ މަސްލަޙަތެއް ކުރިއެރުވުމަށް މަޤާމު ބޭނުން ކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވި ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި އެއޮތީ ވަރަށް ސާފު ސީދާ ބަހުންނެވެ.

ޢިއްޒަތްތެރިން މެމްބަރުންނެވެ. ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް މިހާރު ޢަމަލު ކުރެއްވެނީ ޤާނޫނުއަސާސީގައި ލިޔެފައި އެވާ ގޮތަށް ތޯއެވެ؟ މިގޮތަށް ސުވާލު ކޮށްލަން ޖެހެނީ، ރާއްޖޭގެ ގިނަ ރައްޔިތުން މިހާރު ޤަބޫލު ކުރައްވާ ގޮތުގައި ތިޔަ ޢިއްޒަތްތެރި މެމްބަރުން ޢަމަލު ކުރައްވަނީ ޤާނޫނު އަސާސީގައި ލިޔެފައިވާ ގޮތަށް ރިޢާޔަތްކޮށް ނޫން ކަމަށެވެ. ފެންނަ ފެނުމަށް ތިޔަ ޢިއްޒަތްތެރި މެމްބަރުން މިހާރަކަށް އައިސް ޢަމަލު ކުރައްވަނީ ވަކި ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަޙަތު ކުރިއެރުވުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެން ނަހައްދަވާށެވެ.

ގިނަ ރައްޔިތުން ޤަބޫލު ކުރާގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ސަރުކާރުގެ ތެރެއިން ހޯދައި ދިނުމަށް އެންމެ އިސްރޯލެއް އަދާކުރައްވަން ޖެހޭނީ ތިޔަ ޢިއްޒަތްތެރި މެމްބަރުންނެވެ. ތިޔަ ޢިއްޒަތްތެރި މެމްބަރުން އިޙްތިރާމް ކުރައްވަން ޖެހޭނީ ތިޔަ ޢިއްޒަތްތެރި މެމްބަރުން ތިޔަ މަޤާމަށް ހޮއްވެވި ރައްޔިތުންނަށެވެ. އަދި ފަސްޖެހެންވާނީ ވެސް އެރައްޔިތުންނަށެވެ. ވަކާލާތު ކުރައްވަންވީވެސް އެރައްޔިތުންގެ ޙައްޤުގައެވެ. ސިޔާސީ ވާންވެސްވީ އެރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައެވެ. ވަކި ފިކުރެއް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނަމަ ތިޔަވެވެނީ އިޙްމާލެއް ނޫންތޯއެވެ. ހަޤީގީ ޑިމޮކްރަސީއަކީވެސް ރައްޔިތުންގެ ޙައްޤުގައި ނިކަން ފިސާރިއަށް ސިޔާސީވާން ކެރުމެވެ.

ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ ފަސްއަހަރުގެ ޓާމް ހަމަވުމުން އަނެއްކާވެސް އަންނަން މިޖެހެނީ އެއްކަލަ ރައްޔިތުންގެ ގާތަށެވެ. ތިޔަ ޢިއްޒަތްތެރި މެމްބަރުން ރައްޔިތުންނަށް ފެންނަނީވެސް އެހިސާބުންނެވެ. މަޤާމަށް ހޮވިވަޑައިގަތުމާއެކު ތިޔަ ޢިއްޒަތްތެރި މެމްބަރުން ރައްޔިތުން ހަނދާނައްތާ ލައެވެ. މިއީ ގިނަ ރައްޔިތުން ތިޔަ ޢިއްޒަތްތެރި މެމްބަރުންނާ މެދު ދެކޭ ގޮތެވެ. ނަމަވެސް ތިޔައިގެ ތެރެއިން ބައެއް މެމްބަރުން ރައްޔިތުން "ޖާދޫ" ގައި ޖައްސައިގެން މަޖިލީހަށް ވަނުމަށް އެއްފަހަރަށް ވުރެން ގިނަފަހަރު ދޮރުހުޅުވަ އެވެ. އޭގެ ސަބަބުން ގިނަ ރައްޔިތުންނަށް ނިކަމެތިކަން އިޙްސާސްވާކަން ހަދުމަ ކުރައްވާށެވެ. އާޚިރުގައި އޭގެ ނަތީޖާ ހިތިވެސް ވެދާނެ ކަމަށް ސިޔާސީ ކަންކަން ދިރާސާ ކުރައްވާ މާހިރުން ވިދާޅުވެއެވެ.

ރާއްޖޭގެ ހިންގުމުގެ ދާއިރާ ބެހިފައި އޮތްގޮތުން ރާއްޖޭގައި ގިނައީ ކައުންސިލްތަކެވެ. ސިޓީގެ ދަރަޖަ ލިބިފައިވަނީ 4 ސަރަޙައްދަކަށެވެ. އެއީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީއެވެ. މީގެ ތެރެއިން މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫ ސިޓީއެވެ. ކުރިން އަތޮޅެއްގެ ގޮތުގައި ހިންގަމުން އައި އަތޮޅު މިހާރު މިވަނީ ސިޓީއަކަށް ބަދަލުވެފައެވެ. ރަށްތައް ވަކިން މިގޮތަށް އޮތް ހަމަ އެކަނި ސިޓީއަކީ އައްޑޫ ސިޓީއެވެ. ރަށްތައް މިހާރު ބަލަނީ އަވަށް ތަކެއްގެ ގޮތުގައެވެ. އެހެން ކަމުން އައްޑޫ ސިޓީގެ ޢިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އައްޑޫ ސިޓީގެ ޢިއްޒަތްތެރި މެމްބަރުންނަށް ޚާއްސަކޮށް އެއްޗެއް ދަންނަވާލަން އުޅުނު ކަމުގައިވިޔަސްވެސް މިވާހަކަ ތަކަކީ ހުރިހާ ޢިއްޒަތްތެރި މަޖިލީސް މެމްބަރުންނަށް މުޙިއްމު ވާހަކައެވެ.

އައްޑޫގެ ޢިއްޒަތްތެރި މެމްބަރުންނެވެ. މިލިޔުން އަޅުގަނޑު ލިޔުނު ކަމުގައިވީނަމަވެސް މިއީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް އަޑުއިއްވާލަން ބޭނުންވާހަކަ އެކެވެ. ތިޔަޢިއްޒަތްތެރި މެމްބަރުންނަކީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ މެމްބަރުންނެވެ. އަދި ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ މަޤާމުވެސް ދިގުދެމިގެންދާނީ ހަމަ ރައްޔިތުން އެކަމަށް ބޭނުން ވުމުން ކަމުގައި ދެކި ލައްވާށެވެ.

ރައްޔިތުން ވަރަށް ގިނައިން ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ ޙައްޤުގައި ނިކަން ސިޔާސީ ވެއްޖެއެވެ. ދެން އޮތީ ތިޔަ މެމްބަރުން ރައްޔިތުންގެ ޙައްޤުގައި ސިޔާސީވާންވީ ވަގުތެވެ. ނިކަން ކެރި ވަޑައިގަންނަވާށެވެ. ރައްޔިތުން ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ ފަހަތުގައި ތިބިހާ ދުވަހަކު ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް ވައި އަޅުވާލެވޭނެ އެއްވެސް މީހަކު ނުހުންނާނެ އެވެ. އެއީ ރައްޔިތުންގެ ބާރެވެ. އެއީ ޑިމޮކްރަސީއެވެ. އެހެން ކަމުން ރައްޔިތުންގެ ޙައްގުގައި ކެރިގެން ސިޔާސީވެ ވަޑައިގަންނަވާށެވެ.

ޢިއްޒަތްތެރި މެމްބަރުންނެވެ. ތިޔަ ޢިއްޒަތްތެރި މެމްބަރުން ނިސްބަތްވާ އައްޑޫ ސިޓީގެ ރައްޔިތުން ތިބީ ނިހާޔަތަށް އިގްތިސާދީ ތަރައްޤީ ބޭނުންވެފައެވެ. މިދިޔަ ސާޅީހަކަށް އަހަރު އައްޑޫ ސިޓީގެ ރައްޔިތުން ވަނީ ވަރަށް ބޮޑެތި ޤުރުބާނީ ތަކެއް ވެފައެވެ. އަނބިދަރިން ދޫކޮށް ވަޒީފާ ހޯދުމަށް މާލެ ސަރަޙައްދަށް ގޮސް ޙަޔާތުގެ އުފާވެރި ދުވަސްތައް ޤުރުބާން ކޮށްލާފައެވެ. އެބޭފުޅުން މިހާރުވަނީ ގައިގަ ބާރު ދެރަވެ މުސްކުޅި ވެފައެވެ. ނަމަވެސް އުފާވެރި ކަމެއްގެ އިޙްސާސެއްވެސް އަދިވެސް ނުލިބެއެވެ. ބުރަމަސައްކަތް ކުރުމަށް ފަހު ލިބުނު ފައިސާއިން ދަރިންނަށް ތަޢުލީމު ޙާސިލުކޮށް ދީފިއެވެ. އެކަންވެސް ކުރީ ލޯބިވާ އަނބީމީހާ އާއި ދަރިންނާއި ވަކިން އުޅެމުންނެވެ. މިހާރު ދަރިންގެ އެހީތެރިކަން ބޭނުންވީ ދުވަހު ދަރިންވަނީ އެމީހުންގެ ދަރިންނަށް ރަނގަޅު ތަޢުލީމު ހޯދާދިނުމަށް ވަޒަންދޫކޮށް މާލެއަށް ބަދަލު ވެފައެވެ. މުސްކުޅި ޙާލުގައި ދަރިންނަށްޓަކައި ޤުރުބާނީވި މައިން ބަފައިން ދިރިމިއުޅެނީ އެކަނިމާ އެކަންޏެވެ. ހިތްކުދި ކުދިވާ ޙާލުގައެވެ. ކުރާނެ ކަމެއް ނެތެވެ. ޙަމްދުކޮށްލައިގެން ހަމަ ތިބީއެވެ.

މިގޮތަށް ދިމާވާ ސަބަބަކީ އަމިއްލަ ވަޒަނުގައި ވަޒީފާގެ ފުރުސަތު ނެތުންކަން ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް އިޙްސާސް ނުވަނީތޯއެވެ. ނޫންނަމަ ވަކި މީހަކަށް ބިރުގަނެ އެކަން ކުރަން ނުކެރިގެން އުޅުއްވަނީތޯއެވެ. ނޫނެކެވެ. ތިޔަ ޢިއްޒަތްތެރި މެމްބަރުން ބިރުގަންނަން ޖެހޭ ފަރާތަކީ ހަމަ އެކަނި ހެއްދެވި ފަރާތެވެ. އެހެން ކަމުން އަމިއްލަ ވަޒަނުގައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ފައްޓަވާ ދެއްވާށެވެ. އެކަމަށް މަގުފަހި ކޮށްދެވޭނީ ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށެވެ. ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ މަސައްކަތް، ރައްޔިތުންނަށް ޓަކައި އިސްކަން ދެއްވާށެވެ. ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ ސިޔާސީ މަންފާއަށް މަސައްކަތް ކުރުން ހުއްޓަވާލައްވާ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކޮށްދެއްވުމަށް އާދޭހާއެކު ދަންނަވަމެވެ.

ތިޔަ ޢިއްޒަތްތެރި 7 މެމްބަރުން އެކު އެކީ މަސައަކަތް ކުރުމަށް އަތުކުރި އޮޅާލައްވާށެވެ. ރައްޔިތުންނަށްޓަކައި ތިރީގައި އެވާކަން ކަން މިހާރުން މިހާރަށް ފުރިހަމަ ކޮށްދެއްވާށެވެ. އެންމެ ފުރަތަމަ ތިޔަ 7 މެމްބަރުންގެ ކޮމެޓީއެއް ހައްދަވާ އެކުގައި މަސައްކަތް ކުރެއްވުމަށް މާލޭގައި އޮފީހަށް ޤާއިމު ކުރައްވާށެވެ. އޭގެ ފަހުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރެއްވުމަށް ތިޔަ 7 މެމްބަރުން ހަފްތާއަކު އެއްފަހަރު ބައްދަލު ކުރައްވާ ރައްޔިތުންނަށް މުހިއްމުވާ ކަންކަމާއި މެދު މަޝަވަރާ ކުރައްވާ އެކަމަށް ފުރުސަތު ހޯއްދެވުމަށް ކެރި ވަޑައިގަން ނިކުންނަވާށެވެ.

އަދި ކޮންމެ މަހަކު އެއްފަހަރު ތިޔަ 7 މެމްބަރުން އެކުއެކީ އައްޑޫ ސިޓީއަށް ވަޑައިގެން، ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވާށެވެ. އެރައްޔިތުންގެ އަޑުއައްސަވާ ރައްޔިތުންނަށް އެންމެ މުހިއްމީ ކޮންމެކަމެއްތޯ ބައްލަވާށެވެ. ޕާޓީއަކަށް ވަކި ކުލައަކަށް ނުބައްލަވާށެވެ. އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަކީ ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ ރައްޔިތުންނެވެ. ގިނައިން ފާޑުކިޔާ ރައްޔިތު މީހާއަކީ ތިޔަ ޢިއްޒަތްތެރި މެމްބަރުން އެންމެ ރަނގަޅަށް އަޑުއައްސަވަންވީ ރައްޔިތު މީހާއެވެ. ފާޑު އެކިޔަނީ ލިބެންވާ މުހިއްމު އަސާސީ ޚިދުމަތް ނުލިބިގެންނެވެ. އެކަމުގެ މާޔޫސް ކަމުގައި ބަސްބުނެވެނީއެވެ. އެއްވެސް ޙާލެއްގައި ރުޅިއައިސް ޒާތީވެގެން ނޫނެވެ. އެއީ ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ އެންމެ ބާރުވެރި ފަރާތްކަމުގައި ދެކޭށެވެ.

އެއަށްފަހު ރައްޔިތުންގެ ޚިޔާލާއި ފިކުރު ހިމަނާއިގެން އައްޑޫ ސިޓީގެ އިގްތިސާދީ ތަރައްގީގެ ޕްލޭން ކުރައްސަވާށެވެ. މިކަމުގައި އައްޑޫގެ ހުރިހާ އެންޖީއޯތައް ބައިވެރި ކުރުވާށެވެ. އޭގެ ފަހުން ކޮންމެ މަހަކު އެއްފަހަރު އައްޑުއަށް ވަޑައިގެން ކައުސިލާއި ބައްދަލުކޮށް އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތްދާ މިންވަރު ބައްލަވާށެވެ. ރައްޔިތުން ބޭނުންވާ މިންވަރަށް އެފަރާތްތަކަށް މަސައްކަތް ނުކުރެވޭނަމަ ޖަވާބުދާރީ ކުރުވާށެވެ.

މިއީ ރައްޔިތުން އާދޭހާއެކު އެދޭ އެދުމެކެވެ. އުފާވެރި ދިރިއުޅުމެއް އަމިއްލަ ވަޒަނުގައި ހޭދަކުރުމަށް މިކަމަށް މަސައްކަތް ކޮށްދެއްވާށެވެ. އެހެންނޫނީ ދެންވެސް މާޔޫސްވެގެންދާނީ އަނެއް ޖީލެވެ. ތިޔަ ޢިއްޒަތްތެރި މެމްބަރުން މިމަސައްކަތްކޮށް ނުދެއްވައިފި ނަމަ ޖީލަކަށް ފަހު ޖީލެއް ދާނީ ބިކަވެ ނިކަމެތި ވަމުން ނެވެ. މީގެ އާޚިރު ނަތީޖާ އެހާ ފޮންޏެއް ނުވާނެ އެވެ. އެހެން ކަމުން ތިޔަ ޢިއްޒަތްތެރި 7 މެމްބަރުން ރައްޔިތުންގެ ހެވާ ލާބަޔަށް މަސައްކަތް ކޮށްދެއްވުމަށް ގުޅިގެން އަދި ކެރިގެން ނުކުންނަވާ ށެވެ. ކޮންމެ ސަރުކާރެއް އޮތަސް އެހާހިސާބުން ރައްޔިތުންނަށްޓަކައި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމީ ޔަގީން ކަމަކެވެ. ކެރިވަޑައިގެން ރައްޔިތުންނަށްޓަކައި ސިޔާސީވެ ވަޑައި ގަންނަވާ ށެވެ. އައްޑޫ ސިޓީއަށް ފަހި މާދަމައެއް ހޯއްދަވާ ދެއްވާށެވެ. ރައްޔިތުން ތިބޭނީ ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ ފަހަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން