ޝައިޚް އަލީ ޒައިދު
ޝައިޚް އަލީ ޒައިދު
ޕާކްތަކާއި، މައިޒާންތައް ހުޅުވޭނަމަ، މާލޭގެ މިސްކިތްތައް ހުޅުވާލަން ޖެހޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަޙައްދުގެ ފުރަބަންދަށް މި މަހުގެ 15 ވަނަ ދުވަހުން ފެށީގެން ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އޭގެތެރޭގައި މިސްކިތްތައް ހުޅުވާލުމަށް ހިމަނާފައި ނުވާތީ، ގިނަ ރައްޔިތުންގެ ފާޑުކިއުން އެކަމަށް ވަނީ އަމާޒުވެފައެވެ. އަދި ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ، ހުއްދައަކާ ނުލައި މާލޭގެ މަގުތަކަށް ނުކުމެވޭ ހިސާބުން މިސްކިތްތައް ހުޅުވާލަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

"ޕާކްތަކާއި މައިޒާންތައް ހުޅުވޭ ނަމަ، މިސްކިތް ފަދަ މުޤައްދަސް ﷲގެ ގެކޮޅުތައް ހުޅުވާލުން މާ ވާޖިބުކަން ބޮޑު. އެންމެ އިސްވާން ޖެހޭނީ މިސްކިތްތައް." ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

މިހާރު އިޢުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމުގެ އުސޫލުގައިވާ ގޮތުން، މާލޭގެ މިސްކިތްތަކާއި، ސްކޫލް ތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި އޮފީސްތައް ހުޅުވާލުމަށް ސަރުކާރުން ނިންމާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ މާލޭގެ މިސްކިތްތަކާއި، ސްކޫލް ތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި އޮފީސްތައް ހުޅުވުވާލުމުގެ ތައްޔަރީތައް ކަމާގުޅޭ މިނިސްޓްރީތަކުން ވަމުން އަންނަ ކަމަށާއި، އެތަންތަން ހުޅުވާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

"ސްކޫލްތަކާއި ސަރުކާރު އޮފީސްތަކާއި ޓުއަރިޒަމް ދާއިރާގެ ކަންކަމާއި އަދި އިންޓަނޭޝަނަލް އެއާޕޯޓް އަދި ޖަމާއަތުގައި ނަމާދު ކުރުން ފަދަ ކަންކަން އެކަމާ ގުޅޭ މިނިސްޓްރިއެއްގެ އެންގުމަށް އެޗްޕީއޭގެ ލަފާގެ މަތިން ހުޅުވިގެން ދާނެ." ޝައިނާ ވިދާޅުވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މާލެއާ އެކު ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ހަތް ރަށަކީ ވެސް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވި ރަށްރަށެވެ. މާލެ ފިޔަވައި ހުރިހާ ރަށެއް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގައިފަ އެވެ.

މިސްކިތްތައް ހުޅުވައިލި ރަށްރަށުގައި ވެސް މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގައި ކޯވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި، ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުމުގެ އިތުރުން މާސްކް އެޅުން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


22

ޢީސާފުޅު

13-Jun-2020

ޝެއިޚްޒައިދުގެ ވިސްނުންފުޅާ އަންދާޒާ މުޅިންރަގަޅު ކަމަކަށް ނުދެކެމެވެ. ޢެހެނީ މައްސަލައަކީ ގައިގޯޅި ކަމެވެ. މަސްޖިދުލް ޙަރަމް އާއި ނަބަވީގައިވެސް ކަންކުރާގޮތަށް ރުހޭނަމަ ރާއްޖޭގެ މިސްކިތްތައް ހުޅުވާލަން ހަމަރަގަޅެވެ. ދިވެހި މުސްލިމުންނަށް އެގޮތް ކަމުދާކަމަކަށް ހިޔެއްނުވެއެވެ. ކޮނޑާކޮނޑު ފަޔާފައި ޖައްސާ ބާރުކޮށްގެން ނޫނީ އިމާމެއްގެ ފަހަތުގައި ނަމާދު ކުރަން ދިވެހިން ރުހޭކަމަކަށް ހިޔެއްނުވެއެވެ. ޕާކް ތަކުގައި ގައިގޯޅި ނުވެ މީހުންނަށް އުޅެވެއެވެ.



ޓްރެންޑިން