އައްޑޫ ސިޓީ މަރުދޫގައި ހުންނަ ދަނޑިވަރު މިސްކިތް
އައްޑޫ ސިޓީ މަރުދޫގައި ހުންނަ ދަނޑިވަރު މިސްކިތް
ހެޔޮ ބަހަކީ ޞަދަޤާތެއް ކަމަށާއި ކޮންމެ ހެޔޮ ބަހެއްގައި ހިމެނެނީ ހަމައެކަނި މަންފާ އާއި ލާބަ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ ހެޔޮ ބަހަކީ ޞަދަޤާތެއް ކަމަށާއި، އެއީ އޭގެ އަސަރު މުޖުތަމަޢުގައި ބޮޑުކަމުން ކަމަށެވެ. އަދި އޭގެ މޭވާ މީސްތަކުންގެ ނަފްސުތަކަށާއި، މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އޮންނަ ގުޅުމަށް ހެޔޮގޮތުގައި ފޯރާނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އަދި ކޮންމެ ހެޔޮ ބަހެއްގައި ހިމެނެނީ ހަމައެކަނި މަންފާ އާއި ލާބަކަމަށާއި، އެއީ ފުރައްސާރަ ކުރުމާއި، ނެތިމޮށުމާއި، ފޮށުމާއި އެއްޗެހި ކިޔުން އޭގައި ނުހިމެނޭ ބަސް ކަމަށް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ. ހެޔޮ ބަހަކީ ﷲ ތައާލާ ހަނދުމަ ކުރުމާއި، ތަހްލީލާއި، ތަހްމީދާއި، ތަސްބީހާ ހިމެނޭ ބަސް ކަމަށާއި، އެއީ ފައިދާކުރުވަނިވި އިލްމު ލިބޭ ހެޔޮކަންތަކަށް އަމުރުކުރާ މުންކަރާތްތައް ނަހީ ކުރާ ބަސްކަމަށް ބުނެފައިވެއެވެ.

"ހެޔޮ ބަހަކީ ހެޔޮކަން ބޮޑު ގަހެއް ފަދަ އެއްޗެކެވެ. އެ ގަހުގެ މަންޒަރު ރީއްޗެވެ. ވަސް މީރެވެ. މޭވާ ފޮންޏެވެ. ހިޔާ ބޮޑެވެ. ފައިދާ ތަނަވަހެވެ. އެ ގަހުގެ މޫތައް ވަރުގަދައެވެ. އެއީ އަބަދުވެސް މޭވާ އަޅާ ގަހެކެވެ. އެ ގަހުގެ މޭވާ ދުވަހަކު ވެސް ހުހެއް ނުވެއެވެ. މިފަދަ ގަހެއް ހެދުމަށް ރަނގަޅު ބިމަކަށް ބޭނުން ވެއެވެ. މި ރަނގަޅު ބިމަކީ ﷲ އަށް އަޅުކަން ކުރާ ސާލިހު މުއުމިނާގެ ނަފްސެވެ. އެ ގަހުގެ ވެރިޔަކީ ރިވެތި ގޮތުގައި ﷲގެ ހަލްގުތަކުންނާ މުއާމަލާތު ކުރާ މީހާއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ދަރިންގެ ހިތްތަކުގައި އެފަދަ ބިމެއް ތައްޔާރު ކުރެވޭނީ އާއިލާ އާއި މަދްރަސާ އާއި ވެށިން ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދީގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި މި ތިން ވެށި ނުރަނގަޅު ބިމެއް ފަދަ ތަނަކަށް ވެއްޖެ ނަމަ ދަރިންގެ ހިތްތަމުގައި ހެޔޮ ބަސް ބުމުގެ ގަހެއް ނުފަޅާނެ ކަމަށް ހުތުބާގައި ވެއެވެ.

އިންސާނާގެ ނަފްސުގެ މައްޗަށް ވެރިވެގަނެ، އޭނާ ހެއްލެނިކުރުމަށް ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެ ޝައިތާނާ އިންސާނާ އަށް ހަޑިހުތުރު އަމަލުތައް ޒީނަތްތެރި ކޮށްދީ ވަސްވާސް ދޭނެއެވެ. އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވުމަށް އިސްލާމީ ތަރުބިއްޔަތު މުހިންމު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދެމަފިރިން ވެސް އެކަކު އަނެކަކާ ރިވެތި އޯގާތެރި ބަހުން މުޢާމަލާތު ކުރުމަށް ޚުތުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ. އަދި އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަ ދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައިފިނަމަ މާތްﷲ ކައިވެނީގައި ލެއްވި މާތް މަގްސަދާ ހިލާފުވެ، ދެމަފިރިން ދުރުކޮށް، ވަރިފަށަށް ގެންގޮސްފާނެ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން