ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން
ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން
މޯލްޑިވްސް ގޭސްގެ އެމްޑީ ވަޒީފާއިން ދުރުކޮށް، ގޭގައި ބަހައްޓާފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ގޭގައި ބަހައްޓާފައި ހުރީ ކޮންސަބަބަކާ ހެދިކަމެއް ނޭގެއެވެ. މިކަމުގެ މައުލޫމާތު ހޯދުމަށް އެބޭފުޅާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ސަބަބު އޮޅުން ފިލުވޭނެ ގޮތެއް ނުވިއެވެ. އަދި މެސެޖްކޮށްގެންވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވެއެވެ.

ވަކި ސަބަބެއް ނެތި މޯލްޑިވްސް ގޭސް ގެ އެމްޑީ ގޭގައި ބަހައްޓާފައި ހުރުމަކީ ގޯހެއް ނޫންތޯއެވެ؟ މިކަމުގައި އުފެދޭ ސުވާލަކީ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ އެމްޑީގެ މައްސަލަ އޮވެމެ އަދި އެބޭފުޅާއާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމެޓީއިން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓުގައި ލަފާދީފައި އޮތްއިރުވެސް އެބޭފުޅާ އަދިވެސް ވަޒީފާގައި ހުންނަވާތީ އުފެދޭ ސުވާލެކެވެ.

މިދިޔައަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އޮތް އެކޮމެޓީގެ 56 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ އެކޮމެޓީއަށް ލިބިފައިވާ ކިތާބީ ހެއްކާއި، އަދި ބައްދަލު ކުރެވުނު އެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކުގެ އަލީގައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުގެ މެނޭޖްމަންޓަށް، އެމްވީ ސީހޯމް ސްފެއަރ ކިޔުނު ބޯޓު ނައްތާލުމުގެ ހުއްދަ ދީފައި ނުވާނެކަން ފާހަގަކޮށްފައި ވީހިނދު، ކުންފުނީގެ ހިންގުމުގެ އުސޫލުތަކާއި އަދި ގަވާއިދާއި ޚިލާފަށް މެނޭޖިން ޑިރެކްޓަރު ޢަމަލު ކުރައްވާފައިވާ ކަން ފެންނަން ހުރުމާއިއެކު، މިމައްސަލާގައި އިޙްމާލު ވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޕްރައިވެޓައިޒޭޝަން ބޯޑާއި، މިނިސްޓްރީއޮފް ފިނޭންސާއި، އަދި ރައީސުލް ޖުމުހޫރިއްޔާއަށް ލަފާ އެރުވުމަށެވެ.

މިދިޔައަހަރުގައި ކޮމެޓީން އެގޮތަށް ނިންމާފައިވީ ނަމަވެސް ކޮމެޓީގެ މުގައްރިރު އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެރިޕޯޓުގައި ސޮއި ކުރައްވާފައިވަނީ މިއަހަރުގެ މާރޗްމަހުގެ 2 ވަނަ ދުވަހުގަ އެވެ.

މިރިޕޯޓުގައި އެކުންފުނީގެ މެނޭޖްމަންޓުން އުސޫލުތަކާއި ގަވާއިދާއި ޚިލާފަށް ކޮށްފައިވާ އެހެން ކަންތައްތައް ވެސް ހިމަނާފައި ވެއެވެ. އެގޮތުން ކެމިކަލް ފަދަ ތަކެތި ރައްކާކުރުމަށް ތިލަފުށީގައި ގުދަން ހެދުމަށް މެނޭޖިން ޑިރެކްޓަރު ބަޔަކާއި ހަވާލު ކޮށްފައިވަނީ އެކުންފުނީގެ ބޯޑަށް އެންގުމަކާއި ނުލައި ކަމަށާއި އަދި އެކަމުގައި އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމަށް ކަންތައްތަކެއް ކޮށްފައިވާތީ އެމައްސަލަ އޭސީސީއިން ބަލަމުން އަންނަކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީ ވަޒީފާގައި ދެމި ހުރިއިރު މޯލްޑިވް ގޭސްގެ އެމްޑީގެ ވަނީ ވާނުވާ ނޭގި ގޭގަ ބަހައްޓާފައެވެ. މިއީ ފަހަރެއްގައި އޮޅުމެއް ކަމަށްވެސް ވެދާނެއެވެ. މިއީ އޮޅުމެއްނަމަ ޕްރައިވެޓައިޒޭޝަން ބޯޑުން މިކަމަށް ވީހާވެސް އަވަހަށް ގޮތެއް ނިންމުމަކީ މޯލްޑިވް ގޭސްގެ އެމްޑީއަށްވެސް އިންސާފު ލިބުން ނޫންތޯއެވެ؟ އަދި ހަމައެފަދައިން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ އެމްޑީއަށްވެސް އިންސާފު ލިބުންނޫންތޯއެވެ؟

މޯލްޑިވް ގޭސްގެ އެމްޑީގެ މައްސަލައެއް އޮތްނަމަ އެކަމުގެ ތަހުގީގު ހިންގާ، ވީހާވެސް އަވަހަށް ފިޔަވަޅުއަޅާ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ތަކުގެ ހިންގުން ޕްރައިވަޓައިޒޭޝަން ބޯޑުން އިސްނަގައިގެން ރަނގަޅުކުރުމަކީ ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމުގައި ގިނަބަޔަކު ގަބޫލު ކުރައެވެ. އަދި އުސޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް ކަންކަން ކުރާފަރާތްތައް މަސްއޫލިއްޔަތު ތަކުން ދުރުކުރުމަކީވެސް ހަމަ މުހިއްމު ކަމަކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން