ފިނިނޭވާ
ފިނިނޭވާ
08 ވަނަ އެޕިސޯޑް

==========

[ޝިޔާޒް....އަހަރެންގެ މިދަރިފުޅު ސަލާމަތްކޮށްދީ.....ޑޮކްޓަރެއްގެ ފަރުވާހޯދައިދީ....] ޝިޔާޒް ފެނުމުން، ނަސީމާއަށް ކުރިއަށްވުރެންވެސް ބާރަށް ރޮއިގަނެވުނެވެ. ރަޙްމަތްތެރިޔާ އޮތް ޙާލު ފެނުމުން، ޝިޔާޒްގެ ހިތަށްވެސް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ.

[ދައްތަދޭ ތައްޔާރުވާން...މިއަދު ކޮންމެހެންވެސްވާނެ ހޮސްޕިޓަލަށްދާން...] މިހާދުގެ ގާތުގައި އިށީންނަމުން ޝިޔާޒް ބުންޏެވެ. ރޮމުން ރޮމުން ނަސީމާ އެތަނުން ނުކުތެވެ. ޝިޔާޒްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ ނަސީމާ އެތަނުން ނުކުތްތަނާހެނެވެ.

[ޝިޔާ ..... އައި ލަވް ޔޫ ޝިޔާ....އަހަންނަށް ޝިޔާއާ ވަކިން އަހަރެންގެ ހިތުގައި އެއްވެސް ލޯތްބެއް އާލާއެއް ނުކުރެވޭނެ....އަޅެ ޝިޔާ އަހަރެން ހާދަ ލޯބިވެއޭ ޝިޔާދެކެ....] ފޯނު ކަންފަތުގައި ޖެހުމާއެކު އިވުނީ، އާ އަޑުތަކެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކުވެސް ހަތަރު ފަސްފަހަރަށް އޭނާގެ ކަންފަތުގައި ޖެހޭ އަޑެކެވެ. ސީނާގެ ރުއިމާއި ގިސްލުމުގެ އަޑު އޭނާއަށް ކޮންމެ ދުވަހަކުވެސް އިވޭމެއެވެ. ބައެއްފަހަރު އޭނާއަށް އެއަޑާ ދޭތެރޭ ވިސްނޭވެސްމެއެވެ. އޭނާ ވަގުތުން ފޯނު އޮފްކޮށްލިއެވެ.

އެދުވަހު މިހާދު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވި، ގިނަ ޓެސްޓްތަކެއްވެސް ހެދިއެވެ. ނަސީމާ ކެތްތެރިކަން ކުޑަވެފައި ހުރީ އެނަތީޖާ ލިބޭނެ ވަގުތަކަށެވެ. އޭނާ އުންމީދު ކުރެއެވެ. އޭނާގެ ދަރިފުޅުގެ ހަށިގަނޑުގައި ބޮޑު އެއްވެސް ބައްޔެއް ނުހުންނާނެއެވެ.

[ވަރަށް ސީރިއަސް މައްސަލަތަކެއް އެބަހުރި. އަދި އިތުރު ޓެސްޓްތަކެއް ހަދައިގެން ނޫނީ، ޙަޤީޤީ ނަތީޖާއާ ހަމައަކަށް ނާދެވޭނެ....] ޑޮކްޓަރ ނަރުގިސް ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ހުރެފައި ބުންޏެވެ. ޑޮކްޓަރގެ އެޖުމްލައާއެކު ޝިޔާޒާއި ނަސީމާގެ މޫނުމައްޗަށް އިތުރަށް މާޔޫސީ ކުލަ އެރިއެވެ. އޭރުވެސް ނަސީމާގެ ދެލޯ އައީ މަޑުމަޑުން ކަރުނައިން ތެމެމުންނެވެ.

ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ބޭއްވުމަށްފަހު، ދެވަނަ ޓެސްޓެއް ޑޮކްޓަރު ހެދީ، ޖެހިގެން އައި ދުވަހުއެވެ.

[މިހާރު އޭނާ އެވަނީ ވަރަށް ސީރިއަސް ޙާލަތެއްގައި. ހިތްދަތިވެގެންގޮސް ހިތުގެ މައްސަލަވެސް ވަރަށްބޮޑު. އެކުން އެއީއެއް ނޫން ބޮޑު މައްސަލައަކީ. މިހާދުގެ ޓީ.ބީވެސް އެބަހުރި.....] ނަރުގިސް ޝިޔާޒް އެއްފަރާތަކަށް (ނަސީމާއަށާއި މިހާދަށް ނީވޭ ހިސާބަށް) ގޮސް އޮޅުންފިލުވައިދިނެވެ.

[އޭނ....ޓީ.ބީ އޭ...ނުވާނެ ތިހެނެއް...އަޅެ....ރަނގަޅުވާނެތަ؟] ޝިޔާޒް ފެންކަޅިވިއެވެ. އޭނާއަށް އިޙްސާސް ކުރެވުނީ، އޭނާގެ ސިކުނޑީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެނެވެ. ޑޮކްޓަރުގެ އެވާހަކަ ގަބޫލުކުރަން ބޭނުން ނުވެފައި، އޭނާއަށް އިރުކޮޅެއް ވަންދެން ހުރެވުނުވެސްމެއެވެ. ޑޮކްޓަރ އެޚަބަރު ދިނުމުން، އޭނާ ފުރަތަމަ ދިޔައީ ގެއަށެވެ. ވެދާނެއެވެ. ރަޙްމަތްތެރިޔާއަށް ދިމާވެފައިވާ ޙާލު، އަންހެނުންނަށްވެސް ކިޔައިދީ، އެހިތާމަތަކުގައި އަނބިމީހާވެސް ޙިއްޞާ ކުރުމަށް އޭނާ ބޭނުންވީއެވެ.

[ތިބުނާ މިހާދަކު އަދި އަހަންނަކަށް ތަޢާރަފްކޮށެއްވެސް ނުދެމެއްނު. އެކަމަކު ޝިޔާގެ ބެސްޓް ފްރެންޑޯ....] ޝިފާ ޝިޔާޒަށް ކާން ހަދަން ހުރެފައި ބުންޏެވެ.

[ހިނގާ މިހާރު ދާން....މިހާދު ވަރަށް ބައްޔޭ. މާގިނައިރު ނުވެސް ހުރެވޭނެޔޭ.] ކާން އިށީންނަމުން ޝިޔާޒް ބުންޏެވެ.

[މިއަދު އަދި އެބަޖެހޭ އޮފީހަށްދާންވެސް. ކައިގެން ޝިޔާދޭ. އަހަރެން މާދަމާދާނީދޯ؟] ޝިފާ ގަޑިއަށް ބަލައިލަމުން ބުންޏެވެ.

ބަލިޙާލު ކިތަންމެ ބޮޑަސް، ޑޮކްޓަރުންގެވެސް ލަފާ ހޯދައިގެން މިހާދު، ހަމަ އެދުވަހު ގެއަށް ބަދަލުވިއެވެ. ނަމަވެސް، އޭގެކުރިން ވަރަށް ގިނަ ގޮތްގޮތަށް ޝިޔާޒް މިހާދަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، މިހާދު އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.

[މިހާދު އަހަރެން ވަރަށް ދެރަވެއްޖެ، މިހާދު އަހަންނަށްވެސް ކަންތައްތަކެއް ސިއްރުކުރާތީ. އެންމެ އަންހެނަކަށްޓަކައި ތިވަރުވާކަށް ނުވާނެ.] މިހާދުގެ ޙާލަތު ރަނގަޅަށް އެނގޭތީ، ޝިޔާޒަށް ވަނީ ނިކަން ބޮޑަށް އަސަރުކޮށްފައެވެ.

[އަހަރެން ގަބޫލުކުރަމޭ...އަހަންނަކީ ފިނޑިއެއް ކަމަށް. އެކަމަކު....ޝިޔާ ކީއްވެތަ އަހަންނަށް އޭނަދެކެ ލޯބިވެވެންވީ. އެއީ މީހެއްގެ އަންބެކޭ....އޭނާގެ ފިރިމީހާ.....] ރޮވުމުގެ ސަބަބުން މިހާދު ކޮށިއެރިއެވެ.

[ބުނެބަލަ، ތިބުނާ މީހެއްގެ ފިރިއަކީ ކާކުތަ؟ އަހަރެން އެ ފިރިހެނެއްގެ ގާތު އާދޭސްކޮށްގެންވެސް މިހާދަށް، މިހާދުގެ ލޯބި ހޯދައިދޭނަން...] ޝިޔާޒް ބޭނުންވަނީ އޮޅުންފިލުވާށެވެ.

[އެހެން މީހެއްގެ އުފަލަށްޓަކައި ކާކުތަ؟ ލޯބި ޤުރްބާން ކުރާނީ. އެންމެ ރަނގަޅު، އެހެން މީހެއްގެ އުފަލަކަށްޓަކައި ޝިޔާ، ޝިޔާގެ އަނބިމީހާ ވަރިކޮށްފާނަންތަ؟] މިހާދު ބޭނުންވީ، ޝިޔާޒް ޝިފާދެކެވަނީ ތެދުވެރި ލޯތްބެއްތޯ ޔަޤީންކޮށްލާށެވެ. މިހާދުގެ އެސުވާލަށް ޖަވާބު ދިނުމުގައި، ޝިޔާޒް ފަސްޖެހުނެވެ.

[އާނ....އަހަންނަށް ޝިފާއާ ނުލައި ދިރިއުޅެވިދާނެ ކަމުގެ އިތުބާރު އޮވެފައި، އެހެން މީހަކަށް ޝިފާގެ ލޯތްބާ ނުލައި ދިރިނުހުރެވޭނެ ކަމަށް އަހަންނަށް ޤަބޫލު ނުކުރެވިއްޖެ ޙާލަތެއްގައި، ޝިފާ ވަރިކޮށް، އަހަރެންގެ ލޯބި ޤުރްބާން ކޮށްލާކަށް އަހަރެން ފަހެއް ނުޖެހޭނަން.] ޝިޔާޒް ބުންޏެވެ. މިހާދު ހިތްވަރުކޮށްފައި ތެދުވެވޭތޯ އުޅުނެެވެ. އެހެން ނަމަވެސް، ލިބިފައިވާ ލޮޑުކަމާއި ވަރުބަލިކަމުގެ ސަބަބުން އޭނާއަކަށް ނުތެދުވެވުނެވެ. އޭނާ އަނެއްކާވެސް އެއޮތްގޮތަށް އޮށޯވެއްޖެއެވެ.

[މިހާދު....އަހަރެން އަންނާނަށް ގެއަށް ގޮސްލާފައި. ޝިފާވެސް ހުރީ މިހާދު ދެކިލަން ބޭނުންވެފައި.....މިއަދު ކޮންމެވެސްއިރެއްގައި ޝިފާވެސް ގޮވައިގެން މިގެއަށް އަންނާނަން.] ޝިޔާޒް އެގެއިން ނުކުތެވެ. މިހާދު ހާސްވިއެވެ. މިހާދުގެ ހިތަށް އެރިއެވެ. ޝިފާ އައިސްފިއްޔާ ވާނީ ކިހިނެއްބާއެވެ؟ ހުރިހާ ޙަޤީޤަތެއް ހާމަވާން އުޅެނީބާއެވެ؟ މިކަހަލަ ޚިޔާލުތަކެއްގައި އޮއްވައި، އޭނާއަށް ނިދިޖެހުނެވެ.

ކުރިއާ ޚިލާފަށް އޭނާގެ ހަށިގަނޑުގައި އިތުރު ވޭންތަކެއް އަޅާހެންވެސް އޭނާއަށް ހީވާން ފަށައިފިއެވެ. ދޭތެރެ ދޭތެރެއިން އޭނާގެ ލޯމަތިން ސިފަވަމުންދަނީ ޝިފާގެ ޙަރަކާތްތަކެވެ. އެހަނދާންތައް އައުވުމާއެކު، އޭނާ ތެދުވެ އަލަމާރި ހުޅުވައިލިއެވެ. އެއަށްފަހު، އޭނާ ނެގީ ދުވަސްތަކެއް ކުރިން ޝިފާމެންގެ ބޮޑުކޮޓަރިން އޭނާ ނަގާފައިވާ ފޮޓޯ ފްރޭމެވެ.

އޭނާ އެ ފޮޓޯ ފްރޭމް ހިފައިގެން އައިސް، އެނދުގައި އިށީނދެއްޖެއެވެ.

[ޝިފާ ތީ އަހަރެންގެ މީހެއް...އެކަމަކު......] ބޭއިޚްތިޔާރުގައި މިހާދަށް ބުނެލެވުނެވެ. އެވަގުތު އޭނާގެ ލޮލުން ފޭދުނު ކަރުނަތިކިތައް ފޭބީ ސީދާ ފޮޓޯފްރޭމަށެވެ. ކޮޓަރި ދޮރު ހުޅުވާފައި ޝިޔާޒާއި ޝިފާ އައިސްވަނީ އެވަގުތެވެ. އޭރު މިހާދު އިނީ އެމީހުނަށް ފުރަގަސްވާ ގޮތަށެވެ. ކޮޓަރި ދޮރު ހުޅުވާފައި ބަޔަކު ވަން އަޑު އިވުމާއެކު، މިހާދު ތެޅިގެންފައި ފޮޓޯ ފްރޭމް ބާލީސްދަށަށްލިއެވެ. ނަމަވެސް، އޭނާގެ އެޙަރަކާތް ޝިޔާޒަށް ރަނގަޅަށް ފެނުނެވެ.

[މިހާދު ކޯއްޗެއް ތި ފޮރުވަނީ؟] އެނދާ އަރާ ހަމަކުރަމުން ޝިޔާޒް ވާހަކަ ދެއްކިއެވެ. ޝިޔާޒްގެ އަޑާއެކު، މިހާދު އެނބުރުނެވެ. ހަމައެއާއެކު ކުރިމަތީގައި ހުރި ޝިފާ ފެނުމާއެކު، މިހާދުގެ ދެލޯ ބޮޑުވިއެވެ. ޙައިރާންކަމާއެކު ޝިފާގެ ދެލޯވެސް ތައްމިނަށް ހުޅުވުނެވެ.

[ޝިފާ....ޝިފާ.....] މިހާދުގެ އަޑު ތުރުތުރުއަޅަން ފެށިއެވެ. ޝިފާ ހީވަނީ ބަހައްޓާފައި ހުރި ހިލައިގެ ބުދެއްހެންނެވެ.

[ކިހިނެއްވީ؟ މިހާދު ޝިފާ ދަންނަންތަ؟] ޝިޔާޒް ބަލައިލީ ޝިފާގެ މޫނަށެވެ. ޝިފާއަށް އިސްޖަހާލެވުނެވެ. އެވަގުތު ބާލީސްދަށުން ކޮންމެވެސް ވަރަކަށް ފެންނަން އޮތް ފޮޓޯފްރޭމް، ޝިޔާޒަށް ފެނުނެވެ. ޝިޔާޒް އިރުކޮޅެއް ވަންދެން އެބާލީހާ ދިމާއަށް ބަލަން ހުރެފައި ބާލީސް ހިއްލާލިއެވެ. ހަމައެއާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިހާރު އޭނާއަށް ފެންނަން އޮތީ، އޭނާއާއި ޝިފާ، އަލަތު ކައިވެނީގެ ރޭ ނަގާފައިވާ ފޮޓޯއެވެ.

[މިހާދު....!؟ މިހާދު ތިމަސައްކަތް ކުރަނީ އަހަރެންގެ އުފާތަކަށް އަރައިގަންނަންތަ؟] ޝިޔާޒަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

[ނޫން...ޝިޔާ ތިހެން ނުބުނޭ....ޝިފާދެކެ ލޯބިވެވުން އެއީ ކުށެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އެހެން ނޫނަސް، ލޯބިވެވުނުއިރަކު، އެއީ ޝިޔާގެ މީހެއް ކަމެއް ނުދެނަހުރިން. އެކަމަކު އަހަންނަށް ޝިފާގެ ލޯބި ބޭނުން....] މިހެން ބުނެވުމާއެކު، އޭނާއަށް ހޭލެވުނެވެ. ހޭލެވުނުއިރު، އޭނާ އޮތީ ދާހިއްލާފޯވެފައެވެ. އޭރު ފަތިސްވެއްޖެއެވެ. އިސާހިތު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ދާދި ދެންމެއަކު ފެނުނު ހުވަފެނުގައި އެވީގޮތަށް ޝިޔާޒް އޭނާދެކެ ނަފްރަތު ކޮށްފާނެއޭ ހިތަށް އަރަން ފެށިއެވެ.

[ނޫން ޝިޔާ....އަހަރެން ޝިޔާގެ އުފާތަކަށް އަރައެއްނުގަންނާނަން.....] މިހާދަށް ހިތާހިތާ ކިޔާލެވުނެވެ. އިރުއެރީ އޭނާ އެޚިޔާލާއި ފިކުރުތަކުގައި އޮއްވައެވެ. އަލިވިލުނުތާ މާގިނައިރުތަކެއްނުވެ މަންމަ ނަސީމާ ނާސްތާ ހިފައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

[ދަރިފުޅާ...ސައިބޯންވީނު.] ނަސީމާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

[ނޫން...އަހަރެން ސައެއް ނުބޯނަން...އެހާ ހިތްވަރެއް އަހަރެންގެ ހަށިގަނޑަކު ނެތް...] ސީނާ ވާހަކަ ދެއްކީ އޭނާގެ މަންމަ އަމީނާއާއެވެ. އޭރު އަމީނާ ސީނާ ގާތު ނާސްތާ ކުރަން ކިޔާތާ ކިތަންމެ އިރެކެވެ.

[ތިހެން ނުކައި ނުބޮއި އުޅެއުޅެ ކުއްޖާ މުޅިން އަނަރޫފަވެއްޖެއެއްނު....ދަރިފުޅުގެ ތިއާދައާ ދަރިފުޅަކާ އެއްވެސް ވަރަކަށް ނުގުޅޭ....ކެތްތެރިންނަށް ކާމިޔާބު ލިބޭނެ...ހިނގާ ނާސްތާ ކުރަން.] އަމީނާ ސީނާގެ އަތުގައި ހިފައިގެން ސީނާ ނެގިއެވެ.

[މަންމަ ގޮސް ތައްޔާރުކުރޭ....އިރުކޮޅަކުން އަހަރެން...ދާނަން...] ސީނާ އަނެއްކާވެސް އިށީނެވެ. އަމީނާ ކޮޓަރިން ނުކުތެވެ. ބޮޑު ކޮޓަރީގައި ހުރި ފޯން ރަނގަބީލުވާން ފެށީ އެވަގުތުއެވެ. އެއަޑަށް ސީނާވެސް ކޮޓަރިން ނުކުމެ ފޯނު ނެގިއެވެ.

[ސީނުތަ؟ އަހަންނޭ. ކޮބާ ކިހިނެއް ކިހިނެއް؟] އެކޮޅުން ވާހަކަ ދެއްކީ މާއިޝާއެވެ. ފިރިމީހާގެ ރަށަށްދިޔަފަހުން އަދި ކިރިޔާ އޭނާ އެގުޅީއެވެ. އެހެންކަމުން ފުރަތަމަވެސް ސީނާ ކުރަން ފެށީ ޝަކުވާއެވެ.

[އަދި ކިރިޔާ ތިގުޅުނީ. އަހަންނަށް ނަންބަރު ދިންނަމަ، އަހަރެން ގުޅީމުހެއްނު. ކޮބާ، ނާޞިޙް ރަނގަޅުތަ؟] ޝަކުވާއަށްފަހުގައި ސީނާ އެއްސެވެ.

[އާނ...ވަރަށް ރަނގަޅު. ވަރަށް ހެޔޮ. އެކަހަލަ ފިރިއަކު އެއްވެސް މީހަކަށް ނުލިބޭނެ...] މިހެން ބުނެވުމާއެކު މާއިޝާގެ އަޑާއި ރާގު ބަދަލުވިއެވެ. އެކަން ސީނާ ވަރަށް ފަސޭހައިން ދެނެގަތްވެސްމެއެވެ.

[ދޮގުދޯ ތިހަދަނީ...އަނެއްކާ ނާޞިޙާ މައްސަލަ ޖެހުނީތަ؟ އަހަރެންވެސް މާއިއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަމެއްނު. ދޮގު ނަހަދާ ތެދަށް ބުނޭ...] ސީނާ ކުރިއަށްވުރެން [ސީރިއަސް] ވިއެވެ.

[ސީނު....] މާއިޝާ ކޮށިއެރިއެވެ. މާއިޝާ ކިތަންމެ ސިއްރު ކުރަން ބޭނުންވިޔަސް، އޭނާއަށް ސިއްރެއް ނުކުރެވުނެވެ. ދެލޮލުން ކަރުނަ ހިލިގަތުމާއެކު، އޭނާ ތުރުތުރުއަޅަން ފެށިއެވެ.

[މާއީ.....ބުނެބަލަ ކިހިނެއްވީތަ؟ އަހަންނަށް މިހާރު ޔަޤީންވެއްޖެ. މާއިއާއި ނާޞިހުގެ ގުޅުން އެހާ ރަނގަޅު ނޫންކަން...]

[ތިބުނީ ރަނގަޅަށް...ސީނު....މިރަށުގައި އަހަރެން މިއުޅެނީ ނިކަން ނިކަމެތި ހާލެއްގައި....] މާއިޝާއަށް ރޮވިއްޖެއެވެ. އެދުވަހު މާއިޝާ ފިރިމީހާގެ ރަށުގައި އުޅޭ ނިކަމެތި ޙާލު ރަނގަޅަށް ސީނާއަށް އޮޅުންފިލުވައިދިނެވެ. ނާޞިޙުގެ ޢާއިލާ ކިތަންމެ ރަނގަޅަކަސް، ނާޞިޙުގެ ފަރާތުން އޭނާއަށް ލިބެމުން އައީ ވޭނާއި ހިތްދަތިކަމެވެ. ރަށުގެ ފަސްގަނޑުގައި ޖެހުމާއެކު އޭނާގެ ކުރީގެ އުޅުމަށް ބަދަލުވިކަމަށްވެއެވެ.

އެވާހަކަ މާއިޝާގެ ދުލުން ކިޔައިދިނުމުން، ސީނާ އެކަމާވެސް ދެރަވެ ރުޔެވެ. އޭނާ ފަދައިން ރަޙްމަތްތެރިޔާއަކީވެސް ދިރިއުޅުމުގައި އުފާތަކުން މަޙްރޫމްވެފައިވާ މީހަކަށްވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

[މާއީ ތި ހިތްދަތި އުޅުން ދޫކޮށްފައި މާލެ އަންނަންވީނު.] ސީނާ ލަފާދިނެވެ.

[އަހަންނަށް ލާހިކެއް ނޫން. އޭނަ އަހަރެން ނުވެސް ފޮނުވާނެ....އޭނަގެ މަންމަމެންވެސް އޭނާއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރޭ. އެކަމަކު....އޭނަ އެވިޔާނުދާ އުޅުން ދޫކޮށެއްނުލި....އޭނަ މަންމަމެން އެއްޗެކޭ ބުންޏަސް، ހުރިހާ ރުޅިއެއް ބާލަނީ އަހަންނަށް....] މައިޝާ ގިސްލަ ގިސްލާފައި ކިޔާދިނެވެ. ދެން އިވުނީ ނާޞިޙުގެ އަޑެވެ.

[ކާކަށް ގުޅައިގެންތަ؟.....] ނާޞިހުގެ ހަރުކަށި އަޑާއެކު އިވުނީ މާއިޝާ ފޯނު ބޭއްވި އަޑެވެ.

ސީނާއަށް ރޮވުނެވެ. ރަޙްމަތްތެރިޔާގެ ހާލާ ދޭތެރޭ ވިސްނެން ފެށުނެވެ. އެކަމަކު އޭނާ ޔަޤީން ކުރެއެވެ. ނާޞިޙް މާއިޝާދެކެ ލޯބިވެއެވެ. އޭނާގެ އުފާވެރި ޚިޔާލުތަކާއި ދިރިއުޅުމުގެ ތެރެއަށް ވަދެގެން އެއުޅެނީ، މަސްތުވާތަކެތީގެ ނުފޫޒެވެ. ތެދުވެރި އަނބިމީހާއާ ދޭތެރޭ ވިސްނައި ފިކުރުކޮށްލާނެ ވަގުތެއް އޭނާއަށް ނުވެވިގެން އުޅެނީ އެހެންވެގެނެވެ. ގައިމެވެ. މަސްތުވާތަކެއްޗެއް ދެވިހިފިފައިވާ މީހަކަށް އެނޫން ކަމަކާ ދޭތެރޭ (ދިރިއުޅުމާ) ވިސްނާނެ ވަގުތެއް، މަދުފަހަރެއްގައި ނޫނީ ނުވާނެއެވެ. ނާޞިހަށްވެސް ވަނީ އެވަރެވެ. އޭނާއަށް މާއިޝާއާ ދޭތެރޭ ކުޑަކޮށް ނަމަވެސް ވިސްނައިލެވެނީ ހަމައިގައި ހުންނަ ވަގުތުތަކުގައެވެ.

ކާރު، މިހާދުމެންގެއާ އަރާހަމަވުމާއެކު، ޝިޔާޒްގެ އިޝާރާތަކާއެކު ޑްރައިވަރު ކާޑު މަޑުކުރިއެވެ. ފުރަތަމަ ކާރުން ފޭބީ ޝިޔާޒެވެ. ޝިފާ ފޭބީ އެއަށްފަހުގައެވެ.

[އާދޭ އެތެރެއަށް.] ދޮރާށި ހުޅުވާފައި އެތެރެއަށް ވަންނަމުން ޝިޔާޒް ބުންޏެވެ. ފަހަތުން ޝިފާވެސް އެތެރެއަށް ވަދެގެން ހިނގައިގަތެވެ.

[އައްސަލާމް ޢަލައިކުމް.] ބޮޑު ކޮޓަރިއާ އަރާހަމަކޮށް، އެތެރެއަށް ވަނުމުގެ ކުރިން ޝިޔާޒް އިސްލާމީ އާދަ އިސްކުރިއެވެ.

[ވަޢަލައިކުމުއްސަލާމް...އަނހަ ޝިޔާޒްތަ؟ އަވަހަށް ވަދޭ އެތެރެއަށް.] ސަލާމް ބަލައިގަތުމަށްފަހު ނަސީމާ ބުންޏެވެ.

[މިއައީ މިހާދަށް އަންހެނުން ތަޢާރަފްކޮށްދޭން...ދައްތަ މިއީ އަހަރެންގެ އަންހެނުން ޝިފާ.....] ޝިޔާޒް، ނަސީމާއަށްވެސް ޝިފާ ތަޢާރަފްކޮށްދިނެވެ. މިހާދުގެ ކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތީ، އެއަށްފަހުގައެވެ. ޝިޔާޒާއި ޝިފާގެ ފަހަތުން ނަސީމާވެސް ދިޔައެވެ.

***********************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން