ގައުމެއްގެ އިގްތިސާދީ ކުރިއެރުމުގެ އެންމެ މުހިއްމު ރޯލެއް އަދާކުރާ ހިއްސާދާރުންނަކީ އަބަދުވެސް އެގައުމެއްގައި އިގްތިސާދީ ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމީ ފެންނަން އޮތް ހަގީގަތަކެވެ. އެހެނަސް ރާއްޖޭގައި މިފަދަ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުމުގެ ސަބަބުން މިހާރު މިވަނީ ނޭވާ ހޮޅިއަށް އެޅިފައޭ ބުނުކަމީ ދޮގަކަށް ނުވާނެ އެވެ. މިއަދުގެ ސަރުކާރު، ވެރިކަމަށް އަންނަންވެގެން ވެފައިވާ ވައުދުތަކުގެ ތެރޭ، އެންމެ މުހިއްމު ވައުދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރުތަކަށް ފަހި ފުރުސަތުތަކެއް ހޯދާދޭނެ ކަމުގެ ފެހިސިގްނަލެވެ.

ދުނިޔޭގެ އިގްތިސާދަށް މީގެ ގުރިން ލޮޅުން އައިސްފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުގެ ތެރޭހިމެނޭ އެމެރިކާ އަދި އިނގިރޭސި ވިލާތައްވެސް އެހާމެ އަސަރު ކުރިއެވެ. އެގައުމުތަކުން ފެންނަން އޮތް ހަގީގަތަކީ އެނާޒުކު އިގްތިސާދީ ނިކަމެތި ކަމުން އަރައި ގަތުމަށް އެދެގައުމުގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރީ އެގައުމު ތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަމެވެ. އެމީހުންނަށް ހުޅުވާލެވިފައިވާ ހެޔޮ މާހައުލުން ގައުމުގެ އިގްތިސާދު ކޮޅަށް ޖަހާލުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.

މީ މޮޑެލްއިން ފިލާވަޅު ނަގައިގެން ކުދިޖަޒީރާ ގައުމަކަށް އެންމެ ފުރަތަމަ އެކަން ފެށީ މޮރިޝަސް ގައެވެ. އެއީ ރާއްޖެފަދަ އިގްތިސާދެއް އޮތް ޖަޒީރާ ގައުމަކެވެ. މޮރިޝަސްގެ އިގްތިސާދު މިހާރު ބައްޓަން ކޮށްފައި އެވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައި ގަތުމަށް ފަހި ފުރުސަތުތަކެއް އެގައުމުގެ ސަރުކާރުން ފަހިކޮށްފަ އެވެ. އެހެން ކަމުން މޮރިޝަސްގެ އިގްތިސާދީ ދުވެލި ރަނގަޅު ވެފައިވާ ކަމަށް ކަމުގެ މާހިރުން ގަބޫލު ކުރައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގެ ސައިޒަކީ ކިހާވަރެއްކަން ރާއްޖޭގައި އަންދާޒާކުރަން އެހާ ފަސޭހައެއް ނޫނެވެ. ނަމަވެސް މީރާ އާއި އިކޮނިމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށް އެމްއެމްއޭގެ ހޯދުންތަކުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފިނި ތަކުގެ ތެރެއިން 80 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އެހޯދުން ތަކުގެ އަލީގައި އެނގޭ އަނެއްކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތައް ހުރިކަމަށެވެ. އެއީ ވިޔަފާރި ފުޅާކުރުމަށް އިތުރަށް ފައިސާ ލިބޭނެ ދޮރުތައް ފަސޭހަ ނޫންކަމެވެ.

އެހެން ކަމުން ވެރިކަން ބަދަލުވުމާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އުއްމީދުކުރީ އިސާހިތަކު އެމީހުންގެ ވިޔަފާރިތައް ފުޅާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެފަދަ ހަރުދަނާ ދެމެހެއްޓެނިވި މާޙައުލެއް ގާއިމުވެ ހުރިހާ އެންމެނަށް އޭގެ ނަފާ ލިބިގެންދާނެ ކަމަށެވެ. އެއީ ހުރިހާ އެންމެނަށްވެސް ގަބޫލު ކުރެވިފައި އޮތީ މިއަދުގެ ސަރުކާރަށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ މުހިއްމު ކަން ވަރަށް ރަނގަޅަށް އެނގި އަދި އެކަމުގެ މުހިއްމުކަމާއި އެކަން ކުރާނެ ވައްޓަފާޅި ހުރިކަމަށެވެ. އަދި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ކަމާއި ބެހޭ ވެރިންނާއި މުއައްސަސާތަކުން އެމީހުންނަށް ލިބޭ ކޮންމެ ފުރުސަތެއްގައި އެމީހުން ވެފައިވާ ވައުދު ހަނދާންކޮށްދީ އަދި ފުރުސަތު ފަހިވެގެންދާނެ ކަމުގެ އެޔަގީންކަން އައީ ދެމުންނެވެ. މަސްތަކަކަށްފަހު ހީވެގެން ދިޔައީ ހަމަ ދެންމެ ދެންމެއަކު ހުރިހާ ކަމެއް ހައްލަކަށް އެޅިގެންދާނެ ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރުތަކަށް އެހީވުމަށް އަދި ފުރުސަތު ތަނަވަސްކޮށް ދިނުމަށް ސަރުކާރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނެއް އިފްތިތާހުކޮށް ފަށައިގަތެވެ.

އެހެނަސް އޭގެ ފުރުސަތު ތަކެއް ނުލިބި ސަރުކާރަށް އަހަރު ފުރި އޭގެ ފަހުން މިހާރު ލައިގެންފައި މިއޮތީ ކޮވިޑް-19 ގެ ޢާލަމީ ވަބާއީ ބައްޔާއެވެ. މީގެ ސަބުން މުޅި އިގްތިސާދު އަނދަވަޅަކަށް ވެއްޓި އަރައި ނުގަނެވޭ ހިސާބުގަ އޮތްއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ގިނަ ވިޔާރި މިވަނީ މުޅިންހެން އިނދަޖެހިފައެވެ. ސަރުކާރުން މުޅި އާމްދަނީ މިހާރު ޚަރަދު ކުރަން ޖެހިފައިމިވަނީ އާބާދީގެ އެކެއް އިންސަތައަށް ވުރެން ކުޑަ އާބާދީ އަކަށެވެ.

ނަމަވެސް ސަރުކާރުގެ ވެރިން މީޑިއާތަކަށް އަރާވަޑައިގެން މިވިދާޅުވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވާ ކަމުގެ ވާހަކައެވެ. ރިލީފް ޕެކޭޖްގެ ވާހަކައެވެ. އެހެން ކަމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަށޭނެ މާޙައުލެއް ހޯދައިދިނުމުގެ ކަންކަން އަދިވެސް އޮތީ ކަރުދާހު ގައެވެ. ސިޔާސީ ގޮތުން އާއްމު ފަރުދުންގެ ހިތްރުއްސާލުމަށް ގިނަ ވާހަކަ ތަކެއް ވިދާޅުވާއިރު އެއްކަލަ މިބުނާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އެތިބީ އުއްމީދު ގެއްލިފައެވެ. ދެންވާނީ ކިހިނެއްކަންވެސް ނޭގޭ ޙާލުގައެވެ. އެފަރާތްތަކަށް ވެސް މިދައްކަނީ އަޅެ ނާނާ ހުވަފެނެއްތޯއެވެ؟

ކޮވިޑާއި ގުޅިގެން އާއްމު ކޮށްފައިވާ ރިލީފް ޕެކޭޖްތައް ލިޔެފައި އެއޮތީ ވަރަށް ފުރިހަމަ އަށެވެ. އެހެނަސް ވިޔަފާރި ރަނގަޅު ކުރުމަށް އެރިލީފް ޕެކޭޖްގެ ހަގީގީ މަންފާ އެއްކަލަ މިބުނާ މެދުފަންތީގެ ވިޔަފާރިވެރިންނަށް ލިބޭގޮތް އޮތީ ތާށިވެފައެވެ. އެއީ އެމީހުންގެ އަހަރީ އާމްދަނީ 10 މިލިއަނަށް ނާރާތީއެވެ. އެހެންކަމުން އެމީހުން ޣަރަގު ވެގެން ދާއިރު ނޭވާލާން ފެންމަތީގައި ބަކަތަޅަން ލައިފް ޖެކެޓެއް އެޅޭނެ ގޮތެއްވެސް އެފަރާތްތަކަށް ހަމަ ޖެހިގެން ނުދިޔައެވެ.

އެހެނަސް ބޮޑެތި ވިޔަފާރިތަކަށް ފަހިވާ ގޮތަށް އެމީހުންގެ ބާރާއި ނުފޫޒާއެކު އެމީހުންގެ ވިޔަފާރި އަލުން ފަށައިގަންނަން ޕްލޭން ހެދި ސަރުކާރުން އެދަނީ އެކަމަށް ތައްޔާރު ވަމުންނެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ ވިޔަފާރި ސަލާމަތް ކުރުމަށް އެކަށީގެންވާ ފުރުސަތެއް ނެތެވެ.

ސަރުކާރުން މިދަނީ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށާއި އަދި އެމީހުންނަށް ހަމަ މުސާރަ ދިނުމަށް އަންގަމުންނެވެ. އަދި ފިޔަވަޅު އަޅާނެ ވާހަކަވެސް އަންގާ އިންޒާރު ދެމުންނެވެ. ރިސޯޓު ތަކުން ވުމައްޒަފުން އެބަ ފޮނުވާލައެވެ. އެހެނަސް އެތަންތަނުގެ ވިޔަފާރި ސަލާމަތް ކުރުމަށް އެމީހުން ބޭނުންވާ ގޮތަށް ކަންތައް ބައްޓަންވަމުން އެބަދެއެވެ. އެއީ ކުރަން ޖެހޭ ކަމަކެވެ. ހަމަ އެބީދައިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ފުރުސަތު ހޯދޭނެ އިންތިޒާމު ހަމަޖައްސާ އެފަދަ މާޙައުލެއް ގާއިމު ކުރުން މުހިއްމެވެ.

ވައިރަސް ފެތުރަނަ ނުދިނުމަށް އެޅިފައިވާ ފިޔަވަޅުގެ ދަށުން ކުދި އަދި މެދު ފަންތީގެ ހިމެނޭ ކެފޭތަކާއި، ކުދި މާޓްތަކާއި އަންނައުނު ވިއްކާ ފިހާރަ ތަކުގެ ވިޔަފާރި މިއޮތީ ޑެލިވަރީ ޚިދުމަތައް ބަދަލު ވެފައެވެ. އަދި މީގެ އިތުރުން ކުދި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ބޯކޮށާ ތަންތަނާއި އަދި އާއްމު ޚިދުމަތް ދިނުން ނޫން ހުރިހާ ތަނެއް މިވަގުތައްވަނީ ބޮޑުތަޅު އަޅުވާފައެވެ. މިފަދަ ޙާލަތުގައި އެކަށީގެންވާ ފައިސާގެ އެހީ ނުލިބި ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިޔާއަށް މިދެވެނީ އިންސާފުތޯއޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ސަބަބަކީ އެފަރާތްތަކަށް އެކަށީގެންވާ އާމްދަނީއެއް މިހާރަކު ނުލިބެއެވެ.

މިހާދަށް އާމްދަނީއެއް ލިބޭއިރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރަން ޖެހޭ ޚަރަދު ބަރާބަރަށް ކުރަންޖެހެއެވެ. ސަޕްލައި ކޮށްދޭ ފަރާތްތަކަށް ފައިސާ ދައްކަން ޖެހެއެވެ. ކުއްޔާއި ކަރަންޓް އަދި ފެންބިލް ދައްކަން ޖެހެއެވެ. އާންމު ޙާލަތުގައި ދުވާލެއްގެ މައްޗަށް ނެގޭ ސޭލްސް އިން ސަޕްލަޔަރުންގެ ބިލްތަކަށް ފައިސާ ދެއްކުމާއި އަދި އެހެނިހެން ރިކަރެންޓް ޚަރަދު ކުރެވެއެވެ. މިހާރު ބިލްތަކަށްވެސް ފައިސާ ދައްކަން މިޖެހެނީ ނެތްއެއްޗަކުންނެވެ. ބިލްތައް އެދަނީ ފުނިޖެހެމުން އޭގެ އަދަދު އިންތިހާއަށް ބޮޑުވަމުންނެވެ.

ބުރަމަސައްކަތް ކޮށް އާމްދަނީ ހޯދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް މިއީ ވަރަށް އުނދަގޫ ދަނޑިވަޅަކެވެ. އެފަރާތް ތަކަށް ލިބިގެންދާ ނިކަމެތި ކަމެކެވެ. މިއީ ސަރުކާރުގެ ހިންގުމުގެ ހަރުދަނާ ކަމުގެ ހެއްކެއް ތޯއެވެ؟ ނުވަތަ ނުއަތު ބުރެއް އަޅަނީ ތޯއެވެ؟

މިހާރުވެސް މިއޮތް މާޙައުލަކީ މީގެ ކުރީ ސަރުކާރު ތަކުންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިން ހަނާވާން ދޫކޮށްލި ފަދަ ޙާލަތަކެވެ. އެތަކެއް ބައިވަރު ދަރަނި ބިލް ތަކަކާއި އެކު އެފަރާތްތައް އެވަނީ ފިހާރައިގެ ކަނަކަށް ގަންނަވާލާފަ ނޫންތޯއެވެ؟ އަޅެ އެއީ ކީއްވެ ތޯއެވެ؟


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން