(11ވަނަ ބައި)

ނަޖުދާގެ އެއްވެސް ކުށަކާއި ނުލައި ވީނުވީއެއް ވެސް ބަލައި ލުމެއް ނެތި، ވަދީފާ ނަޖުދާއަށް ދެންމެ ހަދައިލި ރަހުމު ކުޑަގޮތްތައް ފެނިފައި މުފީދު ވަރަށް ދެރަވިއެވެ. އަދިއެކަމުގެ ސަބަބުން އޭނާގެ ހިތުގައި ނަޖުދާއަށް އޮތް ކުލުނާއި ހަމްދަރުދީ އެތައް ގުނައަކަށް އިތުރުވެގެން ދިޔަ ކަހަލައެވެ.

ފާރުބުޑަށްގޮސް ޖެހުނުލެއް ބާރުކަމުން، ވީތަދުން ނަޖުދާއަށް އޮތީ ރޮއިގަންނަން ވެސް ނޭގިފައެވެ. ފަހަރެއްގައި ވަދީފާދެކެ ގަނެފައިހުރި ބިރަކުން ތަދުވިޔަސް ރޯން ނުކެރުނީ ކަމަށްވެސް ވެދާނެއެވެ.

ވަދީފާ ކޮޓަރިއަށް ވަދެ ދޮރު ޖެހުމުން މުފީދު މަޑުމަޑުން ގޮސް ނަޖުދާގެ އަތުގައި ހިފާ ތެދުކޮށް މަޑުމަޑުން ގެނަސް ކުނާ މަތީގައި ބޭއްވިއެވެ. އަދި ނަޖުދާގެ ފެންކަޅި ވެފައިވާ ދެލޮލަށް ބަލައިލުމަށްފަހު ދެންދަނީއޭ ބުނާކަހަލަ ގޮތަކަށް ބޯ ޖަހާލިއެވެ.

ޗުއްޓީގެ މުއްދަތު ހަމަވެ މުފީދު ފުރުމުގެ ތައްޔާރީތައް ވަމުން ދަނީއެވެ. މުފީދު މިރޭ ފުރާކަން އެގިގެން ކުޑަކުޑަ ނިހާންއާއި ޒަހާ އިރުއެރީއްސުރެ އޭނާގެ ފޭބުޑުން ދުރަކަށް ނުދެއެވެ. އެދެކުދިން މުފީދުގެ ފަސްފަހަތުން ހިގަނީއަކީ އެކަންޏެއް ނޫނެވެ. މުފީދު މާއަވަހަށް ފުރައިގެން ދާތީ ޝަކުވާ ވެސް ކުރަނީއެވެ. މުފީދަށް އަބަދު ޖެހެނީ އެދެކުދިންގެ ސުވާލު ތަކަށް ޖަވާބުދޭށެވެ.

"ޒަހާއްކޮ... ބައްޕަ ގޮވައިގެން ކާން ހިނގާ..."

ވަދީފާ މެންދުރު ކާން ތައްޔާރު ކޮށްފައި އައިސް ކޮޓަރިއަށް ވަދެފައި ބުނެލިއެވެ. އޭރު ޒަހާ އިނީ މުފީދު ދަބަހައް އެއްޗެހި އަޅާތަން ބަލަށް އެނދުގައި އިށީދެލައިގެން ނެވެ. މުފީދު ދަބަހާއި ދިމާއަށް ގުދުވެ އޮތްއިރު ކުޑަކުޑަ ނިހާން އޭނާގެ ބުރަކަށި މައްޗައް އަރައި އޮތެވެ.

މުފީދު ދެދަރިން ގޮވައިގެން ގޮސް ކާގެ ތެރެއަށް ވަތް އިރު ނަޖުދާ ޖޯލީގައި އިށީދެލައިގެން އިނެވެ. އޭނާ އިނީ ވަރަށް އެކަނިވެރި ވެފައެވެ. މުޅިން މާޔޫސް ވެފައެވެ. މުފީދާއި މުފީދުގެ ދެދަރިން ނަޖުދާއާއި ދިމާއަށް ބެލި ނަމަވެސް އެކަމެއް ނަޖުދާއަކަށް ނޭގެއެވެ. ނަޖުދާ އިނީ އިސްދަށަށް ޖަހައިގެން ބިންމައްޗަށް ބަލަހައްޓައިގެން ނެވެ. އޭރު ވަދީފާ ކާގޭގެ ދޮރުމަތީގައި ފާޑަކަށް އެމަންޒަރު ބަލަންހުއްޓެވެ. ހީވަނީ ކަމަކަށް ފާރަލާން އުޅޭ ފާރަވެރިއެއް ހެންނެވެ.

"ރޭ މަސްނުބާނާތީ ލައިގެން ކާއެއްޗެއް ވެސް ނެތީ ދޯ؟"

މުފީދު ކާމޭޒުމަތީގައި ހުރި ތަށިތަކަށް ވަކިވަކިން ބަލައިލުމަށްފަހު ވަދީފާއާއި ސުވާލު ކޮށްލިއެވެ.

"އާނ.. މިހާރު މިރަށަށް މަސް ނުބާނާތާ ހަފުތާއެއް މިވަނީ.. އެހެންވީމަ ރަގަޅު އެއްޗެއް ވެސް ނުހެދެނީ... ތިޔައީ ރޭގަ ކެއްކިތަނުން ބާކީ ހުރި ކުޑަ ދިޔަ ފޮދެއް..،"

މުފީދުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ވަދީފާ ވާހަކަދެއްކިއެވެ.

"އެހެންވިއްޔާ އަދި ވަދީފާމެން ސައި ވެސް ނުބޮންތަ؟..."

މުފީދު މިހެން ބުނީ ހަމަ ގަސްތުގައި ވަދީފާގެ އަގައިން ބަހެއް ހޯދުމުގެ ނިޔަތުގައެވެ. ހަގީގަތުގައި އޭނާ ބޭނުންވަނީ ނަޖުދާ މިއަދު އެއްޗެއް ކެއިތޯ ބަލާށެވެ.

މުފީދުގެ މިސުވާލުގެ ސަބަބުން ވަދީފާ ހުއްޓުން އެރިއެވެ. ހިވީ އޭނާގެ އެ ހަލުއި ދުލުގައި ގޮށެއް ޖެހުނު ހެންނެވެ.

"އާނ!... ކޯޗެއް ކާނީ.. ކެވޭނީ ހަވީރު މަހުން ލަފައިގެން އައީމާ މަސްކޮޅެއް ލިބިގެން... "

ހީވަނީ ވަދީފާއަށް މުފީދުގެ ހިތުގައިވާ އެއްޗެއް އެގިގެން ޖަވާބުދިން ހެންނެވެ. އޭނާގެ ރާގު ގަނޑާއި މޫނުމަތީގެ ވައްތަރު ގަނޑުހުރީ އެފަދަ ގޮތަކަށެވެ.

"އެހެންވިއްޔާ... "

މުފީދުގެ ބުނަން އުޅުނުއެއްޗެއް ފުރިހަމަ ނުކުރެވި އުޅެނިކޮށް ވަދީފާ ވާހަކަ ފަށައި މުފީދުގެ ވާހަކަ މެދުކަނޑުވާލި އެވެ.

"އާނ..... ތިޔަ އުޅެނީ މުފީދުގެ ރަން ދަރިއަށް ކާން ދިންތޯ އަހަން ވެގެންތަ؟ އޭނާއަކަށް ވެސް ކާކަށް ނުދެން އަހަރެން އޭނާއަށް ވަކި ދޭނީ ކޯޗެއް؟... އޭނާވެސް އަހަރެންވެސް ހެދުނު ތެދުވި ގޮތަށް ހުސް ގޮހޮރާ މިތިބީ..."

ވަދީފާގެ އަޑު ދިޔައީ ފަހަރެއް ފަހަރަކަށް ވުރެ ބާރުވަމުން ނެވެ. ރުޅިގަދަވަމުން ނެވެ.

ނަމަވެސް މިހާއިރުވާއިރު ވަދީފާ ނުކައި ނުއިންނާނެ ކަން މުފީދަށް ހަމަރަގަޅަށްއެގެއެވެ. ނަމަވެސް އޭނާ މިހާރު އެފަދަ އެއްވެސް ކަމެއްގައި ވަދީފާއާއި ޖަދަލު ކުރާކަށް ބޭނުމެއް ނޫނެވެ. އެހެންވެ މުފީދު އިތުރަށް އެވާހަކަ މިހާރަކު ބޭނުމެއް ނޫނެވެ.

"މަންމަ އެއްކަލަ އިރު ކޮއްކޮމެންނާއެކު ބުއްތަށިވެސް ބުއީމެންނު.. ބައްޕާ!... މަންމަ ކޮއްކޮގެ ބިސްކޯދު ޑަބިޔަލުން ބިސްކޯދުވެސް ކެއީމެއްނު.. "

މުފީދުގެ ދޮށީ ދަރިފުޅު ދެފަހަރު ދެމީހުންގެ މޫނަށް ބަލައިލަމުން ވަރަށް ތުއްތު ގޮތަކަށް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ކުޑަކުޑަ ޒަހާއަށް ވެސް އޭނާގެ މަންމަ އެހަދަނީ ކަނޑައެޅިގެން ދޮގުކަން އެގި އެކަން ސާބިތު ކޮށްދިނީއެވެ.

ޒަހާ ދެއްކި ވާހަކަ އަޑުއިވުމުން ވަދީފާގެ މޫނުމައްޗަށް ވެގެން ދިޔަ ގޮތުން ހީވީ މީހަކު އޭނާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިހެންނެވެ.

ޒަހާގެ ވާހަކަ ނިމުމުން އަގަމައްޗަށް ނުބައި ވައްތަރެއް ޖައްސައިގެން އެތައްއިރެއް ވަންދެން އަގައިން ނުބުނެ ވަދީފާއިނެވެ. ވަދީފާ ކުރިން އެހެދީ ކަނޑައެޅިގެން ދޮގުކަން އެގޭތީ އެކަމުން މުފީދަކަށް މާބޮޑު އަސަރު ތަކެއް ނުކުރެއެވެ.

"ޒަހާ... މިހާރު އެތައް ފަހަރަކު ބުނެފީމެއްނު ބޮޑެތިމީހުން ދައްކާ ވާހަކައަށް އަނގަ ނުބާނާށޭ... މިއީ ވަރަށް އަޑު ނީވޭ ކުއްޖެއް...

ކުޑަކުޑަ ޒަހާއާއިދިމާއަށް ލޯވައްކޮށްލާފައި ވަދީފާ އެކުއްޖާއަށް ހަރުކަށި އިންޒާރެއް ދިނެވެ.

"ހުއްޓާލާ!... ކުޑަކުދިންގެ ކުރިމަތީގައި ބޮޑެތި މީހުން ދޮގު ހަދަންޏާ އެކުދިންނަށް ވާނެ ގޮތް ވަދީފާއަށް ހަމަ ނޭގެނީތަ؟... މިހާރު އެކުދިންނަށް އެތިބީ ވާނުވާ އެގޭވަރު ވެފަ..... މިހާރު އެކުދިންކުރިމައްޗަކު ތިޔަގޮތަށް ދޮގުހަދާ

އޮޅުވައެއް ނުލެވޭނެ... .ވަދީފާއަށް އެގޭތަ.. ތިޔަ ކަހަލަ ކަންތައް ކުރީމަ ދެން ހަލާކުވާނީ އެކުދިން... ކުޑަކުދިން އަބަދުވެސް މިސާލަކަށް ބަލާނީ ކޮޕީކުރާނީ ބޮޑެތި މީހުން.."

މުފީދު މިފަހަރު ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ހަރުކަށި އިބާރާތުންނެވެ. މީގެކުރިން އޭނާ ދުވަހަކުވެސް ދަރިންގެ ކުރިމަތީގައި އެއްވެސް މީހަކަށް އަޑުލަވައެއް

ނުހަދައެވެ. ނަމަވެސް މިފަހަރު ވަދީފާގެ އަނގަ ގަނޑު މައިތިރި ކޮށްލުމަށް އޭނާއަށް މަޖުބޫރު ވީއެވެ.

މިއަދު ހެދުނު ތެދުވީއްސުރެ މެންދުރުން އަނބުރާދަންދެން ނަޖުދާ އުޅުނީބުރަ މަސައްކަތުގަ އެވެ. ކޮންމެ ދުވަހެއްގެމެ އާދައިގެ މަތިން ފުރަތަމަ ފަތިހު ތެދުވެ އިލޮށި ފަތި ހިފައިގެން ގުދައްއޮވެ މުޅި ގޯތިތެރެ ކުނިކަހާ ސާފުކުރީ

އެވެ. އެއަށް ފަހު ރޭކެއްކި ތެލިތަކާއި ކެއި ގޮތަށް ނުދޮވެ ބަހައްޓާފައި ހުރި ތަށިތަކާއި އެހެނިހެން ބަދިގެ ސާމާނު ދޮވެ ސާފުކުރީއެވެ. އެކަންތައްތައް ކުރަމުން ގެންދާ އިރުވެސް އިރުއިރުކޮޅާ ވަދީފާ ގޮވާ ގެނަސް ކޮންމެވެސް

އެހެން މަސައްކަތެއް ޖައްސައެވެ. ތެދުވިގޮތަށް ރޯ ފެންތިއްކެއް އަރުތެރެއަށް ނުލައި ބުރަ މަސައްކަތް ކުރަމުން ދާއިރުވެސް ދޭތެރެއަކުން ވަދީފާގެ ހޫނު ހަމަލާތައް ރައްދު ވަމުން ދެއެވެ.

ގިނަ ދުވަސް ދުވަހު އެފަކީރަށް ހެދުނުގެ ސައިފޮދު ލިބޭ ވަރުވަނީ ދުވާލުގެ އެއްދަންފަޅި ދާފަހުންނެވެ. ނަމަވެސް މިއަދު މެންދުރު އަނބުރާ ދިޔައިރުވެސް އަދި އެފަދަ ކަމެއްގެ ނިޝާނެއް ވެސް ނަޖުދާ އަކަށް ނުފެނެއެވެ. އެފަކީރަށް ސައިފޮދެއް ދިނުމާއިމެދު ވަދީފާއަދި މިއަދު ޚިޔާލުވެސް ނުކުރަނީއެވެ.

މިއީ މިއަދު އެކަނި ވީކަމެއް ނޫނެވެ. އެގެއަށް ނަޖުދާ އައިފަހުން މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައި އެތައް ފަހަރަކު ތަކުރާރު ވެފައިވާ ކަމެކެވެ.

ހަލީމާއަށް މިހާރު ނަޖުދާ ނުފެންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނާއަށް މިހާރު ހީވަނީ ނަޖުދާ ނުފެންނަތާ އެތައް އަހަރެއް ވެއްޖެހެންނެވެ. ރެއިން ފެށިގެން އޭނާ އުޅެނީ ނަޖުދާގެ މަތިން މާބޮޑަކަށް ހަދާންވާ ވަރުންނެވެ. ނިދިފައި އޮތަސް ނަޖުދާ ގޮވައިލާހެން ހީވެގެން އިރުއިރުކޮޅާ ހޭލެވެނީއެވެ.

ބައެއްފަހަރު ނިދީގައި ނަޖުދާއަށް ގޮވައި ވެސް ހަދައެވެ. ރޭ ހަލީމާ އުޅުނު ގޮތުން ގޭމީހުންވެސް ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. މިކަމުގެ ސަބަބުން ހަލީމާގެ މުސްކުޅި ބަލިގަނޑު އިތުރަށް ބޮޑުވެދާނެތީއެވެ. ބައެއް ފަހަރު ކޮޅަށް ތެދުވެ ނަޖުދާ ގާތަށް ދާންވެސް ހިގައި ގަނެއެވެ. ނަމަވެސް ކޮންމެ ވެސް މީހަކު އެކަން އޭނާއަށް މަނާ ކުރަނީއެވެ.

ނަމަވެސް މިއަދު ހެދުނު ތެދުވީއްސުރެ ހަލީމާ ތައްޔާރު ވަމުން އެދަނީ އޭނާގެ އެންމެ ލޯބިވާ މާމަ ދަރިފުޅު ދެކިލާން ދިއުމަށެވެ. ހަލީމާ މިއަދު ފެންނަނީ ވެސް އެހެން ދުވަސް ދުވަހާ ޚިލާފަށް މާ ގަދަކޮށެވެ. އޭނާގެ ބަލީގެ ނިޝާން ތަކެއް މިއަދަކުނުފެނެއެވެ. ގޭއެންމެން ވެސް މިކަމާއިމެދު ވަރަށްބޮޑަށް ޚައިރާންވިއެވެ.

މެންދުރުން އަނބުރާ ފިނި ޖެހުމުން ހަލީމާ ކެއްމަދު ވެފައިވާ ހިތަކާއިގެން އޭނާގެ ދަރިފުޅު ނަޖުދާ ދެކިލުމަށް ގެއިން ނިކުމެގެން ހިގައިގަތެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލު


4

ޟަރީ

21-Apr-2022

ޙާދަލަހޭ



ޓްރެންޑިން